ވެންޓިލޭޓަރު މައްސަލާގައި ސަރުކާރުގެ ރައްދު ނަޝީދަށް

ރައީސް ސޯލިހު ޕްރެސް ކޮންފަރެންސްއެއްގައި: ވެންޓިލޭޓަރުތަކުގެ މައްސަލާގައި ބަޔާނެއް ވަނީ ނެރުއްވާފައި - ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު ޕްރެސް ކޮންފަރެންސްއެއްގައި: ވެންޓިލޭޓަރުތަކުގެ މައްސަލާގައި ބަޔާނެއް ވަނީ ނެރުއްވާފައި - ފޮޓޯ: ރައީސް އޮފީސް

ވެންޓިލޭޓަރުތަކުގެ މައްސަލާގައި ދައުވާ ނުކުރަން ނިންމުމާ ގުޅިގެން ހޫނުވެފައިވަނިކޮށް ސަރުކާރުން ސްޓޭންޑް ހާމަކޮށް ބަޔާނެއް ނެރެފި އެވެ.

ކޮވިޑްގެ ގޯސް ހާލަތަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރުން ހޯދުމަށް މަސައްކަތް ކުރި ވެންޓިލޭޓަރުތަކުގެ މައްސަލަ އަނެއްކާވެސް ހޫނުވީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ދެވަނަ ފަހަރަށް މައްސަލަ ތަހުގީގު ކުރުމަށްފަހު ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވުމުން އެ މައްސަލަ ބޭރުކޮށްލާފައިވާތީ އެވެ.

މައްސަލާގައި އޭސީސީއިން އެދުނީ، އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ 11 މުވައްޒަފެއްގެ މައްޗަށް ދައުވާ އުފުލުމަށެވެ. އެމީހުންގެ ދައުވާ ކުރެވޭ މިންވަރަށް ހެކި ނެތް ކަމަށް ބުނެ އެންމެ ފުރަތަމަ ވެސް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މައްސަލަ އަނބުރާ ފޮނުވާލި އެވެ. މައްސަލަ ރިވިއުކޮށް ދިނުމަށް އޭސީސީއިން އެދުނު ނަމަވެސް ދައުވާއެއް ސާބިތު ކުރެވޭ މިންވަރަށް އުންސުރުތައް ނެތް ކަމަށް ބުނެ މައްސަލަ އަނެއްކާވެސް ވަނީ އޭސީސީއަށް އަނބުރާ ފޮނުވާފަ އެވެ.

Advertisement

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެސް ސީދާ ނުރުހުން ސަރުކާރަށް އަމާޒުވެފައިވަނިކޮށް ރައީސް އޮފީހުން މިރޭ އާންމުކުރި ނޫސް ބަޔާނެއްގައި ބުނީ ވެންޓިލޭޓަރުތަކުގެ މައްސަލާގައި އޮޑިޓުން ފާހަގަވި ކަންކަމުގެ އަވަސް ތަހުގީގެއް ހިންގުމަށް، އިސްވެ އަންގާފައިވަނީ ރައީސް އޮފީހުން ކަމަށެވެ.

އެގޮތުގެ މަތިން އޭސީސީއިން ކުރި ތަހުގީގަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދީފައިވާނެ ކަމަށާއި ތަހުގީގު ހިންގިިއިރު ވީހާވެސް އިންސާފުވެރިކަމާއި އެކު ތަހުގީގު ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ތުހުމަތުވާ ސަރުކާރުގެ އެންމެހައި މުވައްޒަފުން، މަސައްކަތުން އެކަހެރި ކުރެވުނުކަން ބަޔާނުގައި ފާހަގަކުރި އެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނުގައި އިތުރަށް ބުނީ ދައުލަތުން އުފުލާ ދައުވާތަކުގެ ކަންކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލް އާއި ބަންޑާރަ ނައިބަށް މުސްތަގިއްލުކަން ގާނޫނު އަސާސީއިން ދީފައިވަނީ އެއްވެސް

ފަރާތެއްގެ ސިޔާސީ ނުފޫޒެއް އަދި ޒާތީ ތައައްސަބެއް ނެތި މިނިވަންކަމާއި އަދުލުވެރިކަމާއެކު ދައުވާތައް ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށާއި ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން، ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އެފަދަ އުސޫލުތައް ނަގަހައްޓައި އެންމެންގެ ހައްގުތައް ރައްކައުތެރި ކުރުމަކީ ރައީސްއަށް ލާޒިމް ކުރާ ކަމެއް ކަމަށެވެ.

"...އެހެންކަމުން ދިވެހި ދައުލަތާ ރައްޔިތުންގެ ހައްގުތައް ނަގަހައްޓައި އެ ހައްގުތައް ކަށަވަރު ކުރުމުގައި، ކަމާބެހޭ މުއައްސަސާތަކުން ކުރާ އެންމެހާ މަސައްކަތްތައް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއި މުސްތަގިއްލުކަމާއި އެކު ކުރިއަށް ގެންދިއުމަށް މަގު ފަހިކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާ،" ބަޔާން ނިންމާލި އެވެ.

ވެންޓިލޭޓަރުތަކާ ގުޅިގެން ރައީސް ނަޝީދުގެ އިންޒާރުތައް!

ކޮވިޑާ ގުޅިގެން ރާއްޖެ ގެންނަން ހަވާލުކުރި ވެންޓިލޭޓަރުތަކުގެ މައްސަލާގައި ހިމެނޭ ކޮރަޕްޝަން ފޮރުވަން ސަރުކާރުން މަސައްކަތް ކުރާނަމަ، އެމްޑީޕީ އެފަދަ ސަރުކާރާއެކު ނޯންނާނެ ކަމުގެ އިންޒާރު އެ ޕާޓީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު މިއަދު ދެއްވާފައިވެ އެވެ.

ނަޝީދު މިގޮތަށް އިންޒާރު ދެއްވަމުން މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ވެންޓިލޭޓަރުގެ މައްސަލާގައި މަތި ޖެހުނަ ދީފިނަމަ ރާއްޖޭގެ ރައްޔިތުންނަށް އިތުރަށް ލިބޭނެ ގެއްލުން ބޮޑު ކަމަށެވެ.

"ސަރުކާރު މިކަމުގައި ބައިވެރިވާތަން ފެންނަނީ، ވައްކަން ކުރާ ސަރުކާރާ އެކީ އެމްޑީޕީ އޮންނާކަށް ނޭދޭނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ރޭގެ ވަގުތެއްގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕްގައި ވެސް ވެންޓިލޭޓަރު މައްސަލާގައި ހިތްހަމަނުޖެހުން ފާޅު ކުރެއްވި އެވެ. އެމަނިކުފާނު ވަނީ އެ މައްސަލާގައި ޕްރޮސިކުއުޓާ ޖެނަރަލް ހުސެއިން ޝަމީމް ފެއިލްވެފައިވާ ކަމަށް ވިދާޅުވެ، އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭސީސީގެ މެންބަރުންނާއި ޝަމީމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމަށް ފެންނަ ކަމަށް ވެސް ވިދާޅުވެފަ އެވެ. ބައެއް މެންބަރުން އެކަމަށް ތާއިދު ވެސް ކުރެއްވި އެވެ.

"މިކަން ބަދަލު ކުރަންޖެހޭ، ރައްޔިތުންނާ އެކުގަ އަޅުގަނޑު މިކަމުގައި ދޫދޭކަށް ނެތިން،" ނަޝީދު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވަނީ ދައުވާ ކުރިޔަސް ސާބިތެއް ނުވާނެއޭ!

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ޝަމީމް ވިދާޅުވީ އޭސީސީއިން ދެފަހަރަށް ތަހުގީގު ހިންގާފައި ދައުވާ ކުރަން ފޮނުވިއިރު ވެސް ވެންޓިލޭޓަރުތަކުގެ މައްސަލާގައި ކޮރަޕްޝަންގެ ފައިސާ ލިބުނު ބައެއް، އެ ފައިސާތައް ޖަމާވި އެކައުންޓްތަކުގެ މައުލޫމާތެއް ނުހޯދޭ ކަމަށެވެ.

"އަޅުގަނޑުމެން ބެލިއިރު ތަހުގީގަށް ލިބިފައިވާ މައުލޫމާތުތަކުން އެ ފައިސާ ވަތް ތަނެއް ހޯދިފައެއް ނެތް، ފައިސާ ވަތް ތަނެއް އަދިވެސް ހޯދައިފިނަމަ ދައުވާ ކުރާނަން، މި މައްސަލަ އެއްކޮށް ނިމުނީއެއް ނޫން،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ފައިސާ ލިބުނު ބައެއް ހޯދުމުގެ މަސައްކަތް މިހާރު ވެސް އޭސީސީއިން ކުރަމުންދާ ކަމަށާއި އެހެންކަމުން ސާބިތު ކުރެވޭނެ ކަމުގެ ޔަގީން އޮތްވައި ދައުވާ ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ. އޭސީސީއިން އިތުރަށް ކުރާ ތަހުގީގުން ފައިސާ ލިބުނު މީހުން ސާފުވި ނަމަވެސް މިވަގުތު ދައުވާކޮށްފިނަމަ ފަހުން ދައުވާ ނުކުރެވޭނެކަން ވެސް ޝަމީމް ފާހަގަ ކުރެއްވި އެވެ. ގާނޫނު އަސާސީގައިވާ ގޮތުން އެ ކުށަކަށް ދެ ފަހަރަކަށް ދައުވާއެއް ނުކުރެވޭނެ އެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލާގައި ދައުވާ ނުކުރުމުގެ އެއްވެސް މަސްލަހަތެއް ނެތް ކަމަށް ޝަމީމް ފާހަގަ ކުރައްވަމުން ވިދާޅުވީ މައްސަލާގައި ތުހުމަތުވާ އެއްވެސް މީހަކީ އޭނާއާ ގުޅުން ހުރި، އަދި ދަންނަ ވެސް ބައެއް ނޫން ކަމަށެވެ. އެހެންކަމުން ދައުވާނުކޮށް އަނބުރާ ފޮނުވާލުމަކީ ވަކި މީހަކަށްޓަކައި ކުރެއްވި ކަމެއް ނޫން ކަމަށް ޝަމީމް ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެގެންދާނެ ކަމުގެ ބިރު އޮތް ވަގުތެއްގައި ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާ ހަވާލުކުރީ 75 ވެންޓިލޭޓަރު ހޯދުމަށެވެ. އެކަމަށް އެދުނު މުއްދަތު ހަމަވިތާ އެތައް ދުވަހެއް ފަހުން އެ ކުންފުނިން ރާއްޖެއަށް ފޮނުވީ 15 ވެންޓިލޭޓަރެވެ. ބާކީ 60 ވެންޓިލޭޓަރު އަދިވެސް ނުލިބެ އެވެ.

އެ ކުންފުނިން ވެންޓިލޭޓަރުތައް ފޮނުވުމަށް 34 މިލިއަން ރުފިޔާގެ ބިޑެއް ހުށަހެޅުމުން މާލިއްޔަތު ގާވައިދާ ހިލާފަށް އެއްބަސްވުމުގައި ސޮއިނުކޮށް 30 މިލިއަން ރުފިޔާ، އެ ކުންފުންޏަށް ދޫކުރި އެވެ. އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ކަމަށް ހެލްތު މިނިސްޓްރީއިން ބުނެފައިވާއިރު އެފަދަ ލަފާއެއް ދީފައިނުވާނެ ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފަ އެވެ.

ވެންޓިލޭޓަރު މައްސަލަ ހޫނުވެ، އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ އިސްތިއުފާ ވެސް ދެއްވާފަ އެވެ. އޭނާ އިސްތިއުފާ ދެއްވީ މަސައްކަތުން އެކަހެރިވެ ހުންނެވުމަށްފަހު އެވެ. މި މައްސަލާގައި ސަރުކާރަށް އާންމު ރައްޔިތުންނާއި އިދިކޮޅުގެ ފާޑުކިޔުންތައް ވެސް ވަރަށް ބޮޑަށް ވަނީ އަމާޒުވެފަ އެވެ. އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި ވެންޓިލޭޓަރު ކޮރަޕްޝަންގައި މުޅި ސަރުކާރު ވަނީ ޝާމިލުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox