ޕާކިސްތާން މުހިންމު ގިނަ ކުޅުންތެރިން ނެތް، ރާއްޖެ ބަދަލުހިފުމަކަށް

Nov 8, 2026, 10:56 AM
ޖޫން މަހު މާލޭގައި ބޭއްވި ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތުގައި ރާއްޖެ އާއި ޕާކިސްތާން ކުޅުނު މެޗުގެ ތެރެެއިން..--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ޖޫން މަހު މާލޭގައި ބޭއްވި ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތުގައި ރާއްޖެ އާއި ޕާކިސްތާން ކުޅުނު މެޗުގެ ތެރެެއިން..--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގައި މިއަދުގެ މެޗުގައި ރާއްޖެއާ ދެކޮޅަށް ނުކުންނައިރު، ޕާކިސްތާނުން އެ ޓީމުގެ މުހިންމު ގިނަ ކުޅުންތެރިންތަކެއްގެ ރިލީސް އަވަހަށް ހޯދަން ކުރި މަސައްކަތް އަދިވެސް ކޮޅެއްގައި ނުޖެހެ އެވެ. 

މިދިޔަ ބުރާސްފަތި ދުވަހު ބަންގްލަދޭޝްގެ ވެރި ރަށް ޑާކާގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ 15 ވަނަ މުބާރާތުގައި ޕާކިސްތާނުން ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ އިންޑިއާއާ އެވެ. އެންމެ ފަހުގެ ޗެމްޕިއަން، އިންޑިއާ އަތުން ޕާކިސްތާން ބަލިވީ 3-2 އިންނެވެ. 

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފުރަތަަމަ މެޗުތައް އޮތީ ފީފާ ބްރޭކްގައި ނޫން ކަމަށްވާތީވެ، ގިނަ ކްލަބްތަކަކުން އަދި ކުޅުންތެރިން ގައުމީ ޓީމަށް ރިލީސްކޮށްފައެއް ނުވެ އެވެ. ފީފާ ބްރޭކް އޮތީ ނޮވެމްބަރު 9-17 އަށް ކަމަށްވާއިރު، ޔޫރަޕްގެ ގިނަ ކްލަބްތަކަށް ކުޅޭ ކުޅުންތެރިންގެ ރިލީސްގެ ކަންކަން ފެށެނީ މާދަމާ އެވެ. 

މިދިޔަ ޖޫން މަހު މާލޭގައި ބޭއްވި ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތުގައި ޕާކިސްތާނަށް ޗެމްޕިއަންކަން ހޯދައިދިން ޓީމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިން އަދި ޓީމާ ނުގުޅެ އެވެ. ޓީމުގެ ކެޕްޓަން، އަބްދުﷲ އިގުބާލް އާއި މުހިންމު ޑިފެންޑަރު، އީސާ ސުލައިމާންގެ އިތުރުން އާދިލް ނަބީ، އޯޓީސް ހާން، އަބްދުލް ސަމަދު އަދި މުހައްމަދު ފަޒަލް ފަދަ ކުޅުންތެރިންނެވެ. އެ ކުޅުންތެރިންގެ ކަންކަން ވީ އެންމެ އަވަހަށް ހަމަޖެއްސޭތޯ ޕާކިސްތާނުން ދުވަހުން ދުވަހަށް މަސައްކަތް ކުރަމުން އައި ނަމަވެސް އަދިވެސް އޭގެ ނަތީޖާ އަކާ ހަމައަށް ނުދެވޭ ކަމަށް ޕާކިސްތާންގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. 

ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތުގައި ޕާކިސްތާނުން ވަނީ 3-0 އިން ރާއްޖެ ބަލިކޮށްފަ އެވެ. މިއީ، 1991 ވަނަ އަހަރުގެ ސާފް ގޭމްސް ފައިނަލަށް ފަހު، ޕާކިސްތާނަށް ރާއްޖެ ބަލިކުރެވުނު ފުރަތަމަ ފަހަރެވެ. އަދި، ރާއްޖޭގައި ކުޅެގެން މުޅިން އަލަށް ޕާކިސްތާނަށް ރާއްޖެ ބަލިކުރެވުނުއިރު، މިއީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރުގެ ފަހުން ޕާކިސްތާން މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ.

ރާއްޖޭން މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗަށް ނުކުންނައިރު، މި ފަހަރުގެ މުބާރާތުގައި ޓީމުގެ  މުހިންމު ކުޅުންތެރިންތަކަކަށް އަނިޔާގެ ސަބަބުން ނުކުޅެވެ އެވެ. ގޯލްކީޕަރު، މުހައްމަދު ފައިސަލް، ހަމްޒާ މުހައްމަދު (ހަމްޕު)، ހައިޝަމް ހަސަން (ބިޑި) އަދި މުހައްމަދު އިލާން އިމްރާން ފަދަ ކުޅުންތެރިންނަށް މި ފަހަރުގެ މުބާރާތް ގެއްލުނީ އަނިޔާއާ ހެދި އެވެ. 

މުޅިން އަލަށް ސާފް ޗެމްޕިއަންޝިޕެއްގައި ކުޅޭނެ 11 ކުޅުންތެރިންްނާ އެކު އޮތް ރާއްޖޭގެ ސްކޮޑުގައި މި ފަހުން ގައުމީ ޓީމާ އެކު ގިނަ މެޗުތަކެއް ކުޅެފައިވާ ކުޅުންތެރިން ހިމެނެ އެވެ. އަދި، މި އަހަރަކީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ގިނަ މެޗުތަކެއް ކުޅުނު އަހަރެއް ކަމަށްވާއިރު، ސާފް ޗެމްޕިއަންޝިޕާ ކުރިމަތިލާނީ ކުޅުންތެރިން ރަނގަޅު ރޫހެއްގައި ތިބެ އެވެ. 

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހުރި ހަންގޭރީގެ އިސްތަވާން އުރްބާނީ މީގެ ކުރިން ތިން ސާފް ޗެމްޕިއަންޝިޕެއްގައި ރާއްޖެ އަށް އިރުޝާދުދީ، އެއް ފަހަރު ފައިނަލުގައި ކުޅެ، ދެ ފަހަރު ސެމީ އަށް ވަނީ ދަތުރުކޮށްފަ އެވެ. އެކަމަކު، އެންމެ ފަހުން، 2023 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި، އިޓަލީގެ ކޯޗު، ފްރެންޗެސްކޯ މޮރިއޭރޯގެ އިރުޝާދުގެ ދަށުން ކުޅެ ރާއްޖެ ގްރޫޕް ސްޓޭޖުން ކަޓާފައި އޮތުމަކީ މި ފަހަރުގެ މުބާރާތުގައި ރާއްޖޭން ނަތީޖާ ނެރެ، ސަރަހައްދުގެ ފުޓްބޯޅައިގައި ކުރިއަށް ދިއުމަށް މުހިންމު ކަމެކެވެ. 

ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026ގެ ދެ ވަނަ މެޗު ދުވަހު، ޑާކާ ނެޝަނަލް ސްޓޭޑިއަމްގައި ޕާކިސްތާނާއި ރާއްޖެ ކުޅޭ މެޗު ފަށާނީ މިއަދު 14:30 ގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox