ލަންޑަން (ނޮވެމްބަރު 7) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ނޮޓިންހަމް ފޮރެސްޓުން 3-1 އިން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ ކުރި އާސެނަލަށް ލީގުގެ އެއް ވަނައިގައި ލީޑުފުޅާކުރަން ފުރުސަތު ފަހިވެއްޖެ އެވެ.
އާސެނަލުން ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 1-0 އިން ހަލް ސިޓީ ބަލިކޮށްފަ އެވެ.
މި ނަތީޖާތަކާ އެކު، އާސެނަލަށް އެއް ވަނައިގައި ވަނީ ހަ ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. އާސެނަލުން އެއް ވަނައިގައި އޮތީ 10 މެޗުން 27 ޕޮއިންޓާ އެކު އެވެ. ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެ، ދެން ކުޅުނު ތިން މެޗުން ވެސް ބަލިވި ސިޓީ އަށް ދެ ވަނަ ލިބެނީ 10 މެޗުން 21 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި މި ވަގުތު އޮތް ބްރައިޓަން ހޯލްވް އެންޑް އަލްބިއަން އިން މާދަމާރޭ އަމިއްލަ ދަނޑުގައި ބްރެންޓްފޯޑް އަތުން މޮޅުވެގެން ދެ ވަނަ އަށް ޖެހިލައި، އާސެނަލްގެ ލީޑު ފަސް ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތު އެބައޮތެވެ.
ހަލް އިން އާސެނަލް ދަނޑުގައި ރަނގަޅު ކުޅުމެއް ދެއްކި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 72 ވަނަ މިނިޓްގައި މި ލަނޑު ޖެހީ އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް އެވެ. މިއީ، އާސެނަލްގެ ނޯނީ މަޑުއޭކޭ ޖެހި ޝޮޓެއް ހަލްގެ ކީޕަރު ކޮންސްޓަންޓީނޯސް ޒޮލާކިސް އަތުގައި ޖެހިފައި ރީބައުންސަށް ނުކުތް ވަގުތު ރަނގަޅު ތަނަށް އަރައި އޮޑެގާޑް ޖެހި ގޯލެކެވެ.
އާސެނަލަށް ދެ ވަނަ ލަނޑެއް ޖަހައިދޭން މަޑުއޭކޭ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ހިފޭގޮތެއްނުވި އެވެ. އެކަމަކު، އާސެނަލުން ވަނީ ރަނގަޅަށް ޑިފެންސްކޮށް މެޗުން މޮޅުވެ، އަމިއްލަ ދަނޑުގައި ސައްތަ އިން ސައްތަ މޮޅުވުމުގެ ރެކޯޑް މި ސީޒަނުގަައި ދަމަހައްޓައިފަ އެވެ.

ފޮރެސްޓުން ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ހާފުގައި ސިޓީ ކައިރީގައި ދެ ލަނޑުގެ ލީޑެއް ނަގައިފަ އެވެ. މެޗުގެ ހަ ވަނަ މިނިޓްގައި ސިޓީގެ ޖޮސްކޯ ގްވާޑިއޯލް ހެދި ގޯހެއްގެ ފައިދާނަގައި، ފޮރެސްޓުގެ ފުރަތަަމަ ލަނޑު ޖެހީ ޖައިރް ކޫންޏާ އެވެ. އޭނާ ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ.
މެޗުގެ 18 ވަނަ މިނިޓްގައި އަމިއްލަ ހާފުގެ ތެރެއިން ހިފައި އައި ބޯޅަ ސިޓީގެ އޭރިއާ ތެރެއަށް ވަދެ، ފޮރެސްޓްގެ ފޯވާޑް، ލިއަމް ޑެލަޕް ވަނީ ގޯލަށް ވައްދާލައިފަ އެވެ. ސިޓީ އަށް ފުރަތަމަ ހާފުގައި ލަނޑެއް ޖަހައިދޭން އާލިން ބްރައުޓް ހާލަންޑް ފޮނުވާލި ޝޮޓެއް ފޮރެސްޓުގެ ޑިފެންޑަރުން ވަނީ ގޯލުގެ ރޮނގުމަތިން ސަލާމަތްކޮށްފަ އެވެ.
ސިޓީން ވަނީ ދެ ވަނަ ހާފުގެ ހަ ވަނަ މިނިޓްގައި ލަނޑެއް ޖަހައިފަ އެވެ. މިއީ، އޭރިއާ ރޮނގުމަތިން ލިބުނު ބޯޅައެއް ގޯލުގެ މަތީ ކަަނަށް ވައްދާލައިގެން ރަޔާން ޗާކީ ޖެހި މޮޅު ގޯލެކެވެ. އެކަމަކު، ކައުންޓަ އެޓޭކުގައި ޑެލަޕް ވަނީ ފޮރެސްޓުގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ، ފޮރެސްޓްގެ މޯގަން ގިބްސް-ވައިޓް ދިން ބޯޅައަކުން ޑެލަޕް ޖެހި މޮޅު ގޯލެކެވެ.
ލީގުގައި މިރޭ ކުޅުނު މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ލީޑްސް ޔުނައިޓެޑުން ވަނީ 1-0 އިން ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށްފަ އެވެ. އަދި، ފުލަމް އާއި ނިއުކާސަލް ޔުނައިޓެޑް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.







