ބަންގްލަދޭޝްގައި އިއްޔެ ފެށި، ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގެ ތައްޔާރީތަކާއި ފޯރި ކުރިއަށް އޮތް މެޗުތަކުގައި އިތުރަށް ރަނގަޅުކުރެވޭނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަން (ބީއެފްއެފް)ގެ ރައީސް، ތާބިތު އައްވަލް ވިދާޅުވެއްޖެ އެވެ.
މީގެ ތިން ދުވަސް ކުރިން، ބަންގްލަދޭޝްގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ތާބިތު ވަނީ، ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އާއި މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ އޮގަނައިޒިން ކޮމިޓީން މި ފަހަރުގެ މުބާރާތް ޕްރޮމޯޓްކުރަން އެންމެ އެކަށީގެންވާ މިންވަރަށް ކަންކަން ކޮށްފައިނުވާކަމަށް ވިދާޅުވެފަ އެވެ.
އަދި، މި ކަން މި ގޮތަށް ދިމާވީ، ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަން އާއި ސާފްގެ ދެ މެޗުގައި ހިތްހަމަނުޖެހުންތަކެއް ހުރެގެނެއް ނޫން ކަމަށާއި ބައެއް މަސައްކަތްތައް ދާން ޖެހޭ މިސްރާބުން ވަގުތު އޮއްވައި ނުދިއުމުން ކަމަށް ތާބިތު ފާހަގަކުރެއްވި އެވެ. އެ ގޮތުން، މުބާރާތުގެ މުހިންމު ހުރިހާ ކަމެއްގެ ޒިންމާ ހަވާލުވެފައި ވަނީ ސާފް އިން ކަމަށްވާއިރު، ބައެއް ކަންކަން ބީއެފްއެފް އަށް ވެސް އެންމެ ރަނގަޅަށް ވާހަކަ ދައްކައިގެން ކުރެވިފައިނުވެ އެވެ.
"މި ހުރިހާ ކަމަކަށް ބަލާއިރު، ސާފް ޗެމްޕިއަންޝިޕެއްގެ ފޯރި އޮންނަން ޖެހޭ މިންވަރަށް ނެތް،" ތާބިތު، މީގެ ކުރިން ދިން އިންޓަވިއުއެއްގައި ވިދާޅުވި އެވެ.
މި ފަހަރުގެ މުބާރާތުގައި ބަންގްލަދޭޝް އިން ކުޅުނު ފުރަތަމަ މެޗުގައި ރޭ ބޫޓާން އަތުން 1-0 އިން މޮޅުވިއިރު، އެ މެޗަށް ފަހު ތާބިތު ދިން އިންޓަވިއުއެއްގައި ވިދާޅުވީ، 23 އަހަރަށް ފަހު ސާފް ޗެމްޕިއަންޝިޕްގެ ތަށްޓެއް ހޯދަން ބަންގްލަދޭޝް އިން ކުރާ މަސައްކަތުގައި އެކި ގޮތްގޮތުން އިތުރު ހިތްވަރެއް ލާން ޖެހޭ ކަމަށެވެ.
އެ ގޮތުން، ބީއެފްއެފް އިން އިސްނަގައިގެން އަމިއްލަ އަށް ވެސް މުބާރާތް ޕްރޮމޯޓް ކުރުމާއި ސަޕޯޓަރުން އިތުރު ކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފަ އެވެ.
ބަންގްލަދޭޝް އިން މިހާތަނަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ އެންމެ ފަހަރަކު އެވެ. އެއީ، 2003 ވަނަ އަހަރު، އެ ގައުމުގައި މުބާރާތް އެންމެ ފުރަތަމަ ފަހަރު ބޭއްވިއިރު އެވެ. އޭގެ ފަހުން، 2009 އާއި 2018 ވަނަ އަހަރު ބަންގްލަދޭޝްގައި މުބާރާތް ހޯސްޓްކުރިއިރު، އެ ޓީމަށް ފައިނަލަށް ވެސް ދެވޭ ގޮތެއްނުވި އެވެ.







