ރާއްޖެ އަކީ މި ވަގުތުގެ ކަންކަމަށް ބަލާއިރު މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު، ހަންގޭރީގެ އިސްތަވާން އުރްބާނީ ބުނެފި އެވެ.
ތިން ވަނަ ފަހަރަށް ރާއްޖޭގެ ގައުމީ ކޯޗުކަމާ މި އަހަރުގެ ކުރީކޮޅުގައި ހަވާލުވި އުރްބާނީ ވަނީ މީގެ ކުރިން ތިން ފަހަރު ރާއްޖެ ގޮވައިގެން ސާފް ޗެމްޕިއަންޝިޕްގައި ވާދަކޮށްފަ އެވެ.
އެ ގޮތުން، 2009 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ރާއްޖޭން ދަތުރުކުރީ އުރްބާނީގެ ކޯޗުކަމުގަ އެވެ. އަދި، 2011 އާއި 2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި އިންޑިއާ އަތުން ރާއްޖެ ކެޓިއިރު ވެސް ކޯޗަކީ އުރްބާނީ އެވެ.
ބަންގްލަދޭޝްގައި މިއަދު ކުރިއަށްގެންދިޔަ ޓްރެއިނިން ސެޝަނެއްގެ ތެރެއިން ރާއްޖޭގެ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި އުރްބާނީ ބުނެފައިވަނީ، މީގެ ކުރިން، ރާއްޖެ ގޮވައިގެން ސާފް ޗެމްޕިއަންޝިޕްގެ ތިން މުބާރާތެއްގައި ނުކުމެފައިވާތީވެ، އޭނާ އަކީ މި މުބާރާތުގެ ތަޖުރިބާ ހުރި ފަރާތެއް ކަމަށެެވެ. އެކަމަކު، މީގެ ކުރިން ތިން ފަހަރު ރާއްޖޭން ސާފަށް ނުކުތީ ވަރުގަދަ ޓީމެއްގެ ގޮތުގައި އޮވެ، މުބާރާތް ކާމިޔާބުކުރާނެ ފަދަ، ފޭވަރިޓެއްގެ ގޮތުގައި ކަމަށް ފާހަގަކޮށް އުރްބާނީ ބުނީ މިހާރު އޮތީ ތަފާތު ހާލަތެއް ކަމަށެވެ.
"މިއީ، އާ ކުޅުންތެރިންނާ އެކު ރާއްޖޭގެ ފުޓްބޯޅަ ތަފާތު ކަންތައްތަކެއްކޮށް، ބަދަލުވަމުންދާ ހާލަތެއް،" އުރްބާނީ ބުންޏެވެ.
ތިން ވަނަ ފަހަރަށް ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުކަމާ މި އަހަރުގެ ކުރީކޮޅު ހަވާލުވި އުރްބާނީގެ ކޯޗުކަމުގައި ސީނިއާ ގައުމީ ޓީމާއި 20 އަހަރުން ދަށުގެ ގައުމީ ޓީމުން ކުޅުނު 10 މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. ހަ މެޗުން ބަލިވިއިރު، ތިން މެޗުން ވަނީ އެއްވަރުވެފަ އެވެ.
ރާއްޖެ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ހިމެނެނީ، އިންޑިއާ އާއި ޕާކިސްތާނާ އެކު ގްރޫޕް ބީގަ އެވެ. މި ގްރޫޕްގެ ފުރަތަމަ މެޗުން އިންޑިއާ އިން ވަނީ 3-2 އިން ޕާކިސްތާން ބަލިކޮށްފަ އެވެ. ދެ ވަނަ މެޗުގައި އާދިއްތަ ދުވަހު ރާއްޖޭން ޕާކިސްތާނާ ކުޅޭނެ އެވެ. ރާއްޖެ ހިމެނޭ ގްރޫޕްގައި އޮތް ދެ ޓީމުގެ ކުޅުން މި ވަގުތު ފެނިފައި އޮތް ނަމަވެސް އެއީ އެޑްވާންޓޭޖެއްގެ ގޮތުގައި ނުދެކޭ ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ. އެއީ، ކޮންމެ މެޗަކީ ވެސް އާ ޗެލެންޖެއް ކަމަށާއި ރާއްޖެ އަށް މި ފަހަރުގެ މުބާރާތުގައި ގިނަ ކަންތައްތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ.
"އަހަަރެމެން ޖެހޭނީ ވީ އެންމެ ރަނގަޅަށް މަސައްކަތް ކުރަން. އެއީ ވަރަށް ޗެލެންޖިން ކަންކަން މި ހުރީ،" އުރްބާނީ ބުންޏެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑު މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް އެކުލަވާލިއިރު މުހިންމު ކުޅުންތެރިންތަކަކަށް އަނިޔާގެ މައްސަލަ ދިމާވިކަން ފާހަަގަކޮށް، އުރްބާނީ ވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މުހައްމަދު އިލާން އިމްރާން އާއި ހައިޝަމް ހަސަން (ބިޑި) ނެތުމުގެ ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.
އެފްއޭއެމް ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގައި ހުރެ ގައުމީ ޓީމުގެ ކޯޗުކަން ކުރުމުގައި ހުރި ގޮންޖެހުންތައް ހިއްސާކޮށް، އުރްބާނީ ވަނީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ފަހު، ގައުމީ ކޯޗުކަން ދޫކޮށްލަފާނެ ކަމުގެ އިޝާރާތެއް ވެސް ދީފަ އެވެ. އެ ގޮތުން، އުރްބާނީ ބުނީ، މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ރާއްޖޭން އާދިއްތަ ދުވަހު ޕާކިސްތާނާ ކުޅުމަށް ފަހު، ގްރޫޕްގެ ފަހު މެޗުގައި އިންޑިއާއާ ކުޅޭނީ ބުދަ ދުވަހު އެވެ.
ރާއްޖޭން ވަނީ މީގެ ކުރިން ބަންގްލަދޭޝްގައި ބޭއްވި ތިން ސާފް ޗެމްޕިއަންޝިޕްގައި ވެސް ފައިނަލަށް ދަތުރުކޮށްފަ އެވެ. އެ ގޮތުން، 2003 ވަނަ އަހަރުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ބަންގްލަދޭޝް އަތުން ބަލިވިއިރު، 2009 ވަނަ އަހަރުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އިންޑިއާ އަތުން ބަލިވި އެވެ. އަދި، 2018 ވަނަ އަހަރުގެ ފައިނަލުގައި އިންޑިއާ އަތުން ވަނީ މޮޅުވެފަ އެވެ.







