ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގައި ގްރޫޕްގެ ދެ ވަނަ މެޗުގައި އިންޑިއާއާ ދެކޮޅަށް ރާއްޖޭން ކުޅެންޖެހޭ މެޗާ ކުރިމަތިލާއިރު ރާއްޖެ އަށް އިންޑިއާގެ ކަންކަން ހުރި ގޮތް އެނގޭނެ ކަމަށް އިންޑިއާގެ ކޯޗު، ނައުޝާދު މޫސާ ބުނެފި އެވެ.
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ބީގައި ހިމެނެނީ، އިންޑިއާ، ޕާކިސްތާން އަދި ރާއްޖެ އެވެ.
މި ގްރޫޕްގެ ފުރަތަމަ މެޗުގައި އިއްޔެ އިންޑިއާ އިން ވަނީ 3-2 އިން ޕާކިސްތާން ބަަލިކޮށް، ސެމީގެ ފުރުސަތު ބޮޑުކޮށްފަ އެވެ. މި ގްރޫޕްގެ ދެ ވަނަ މެޗުގައި އާދިއްތަ ދުވަހު ރާއްޖޭން ޕާކިސްތާނާ ކުޅޭނެ އެވެ. އަދި، ގްރޫޕް ފަހު މެޗުގައި ރާއްޖޭން ބައްދަލުކުރާނީ ބުދަ ދުވަހު އިންޑިއާއާ އެވެ.
ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް
ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.
އިއްޔެ ޕާކިސްތާން އަތުން މޮޅުވި މެޗަށް ފަހު، އިންޑިއާ ޓީމާ ހަވާލުވެ ހުރި ކޯޗު ނައުޝާދު ވަނީ، ރާއްޖެއާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ.
"ރާއްޖޭން މިހާރު އަހަރެމެންގެ މެޗެއް ބަލައިފި، ދެން، އެ މީހުންގެ އަމިއްލަ ޕްލޭނެއް މިހާރު އޮންނާނެ. އެ މީހުން މަސައްކަތް ކުރާނެ އަހަރެމެންގެ ބަލިފައިތައް ދެނެގަންނަން،" ނައުޝާދު ބުންޏެވެ.
"އެކަމަކު، ރާއްޖެ މެޗުގެ ކުރިން އަހަރެންގެ ސްކޮޑު އެއްކޮށް ފުރިހަމަވާނެ. އިތުރު ކުޅުންތެރިންތައް ޓީމާ ގުޅޭނެ. އެ މެޗަށް އަހަރެން އަތުގައި ފުރަތަމަ މެޗަށް ވުރެން ރަނގަޅު ޓީމެއް އޮންނާނެ،"
ފީފާ ބްރޭކުގެ ކުރިން ސާފް ޗެމްޕިއަންޝިޕް ފަށާތީ، އިންޑިއާ ޓީމަށް ނެގި ގިނަ ކުޅުންތެރިން ގައުމީ ޓީމަށް ރިލީސްކުރަން ކްލަބްތަކުން ދެކޮޅު ހެދުމުން، އިންޑިއާ އިން ސާފް އަށް ޕްރެކްޓިސް ފެށީ 15 ކުޅުންތެރިންނާ އެކު އެވެ. ފުރަތަމަ މެޗަށް އިންޑިއާ ސްކޮޑުގައި އިއްޔެ ތިބީ 18 ކުޅުންތެރިންނެވެ. އިންޑިއާގެ ފުލް ސްކޮޑު ހަމަވަނީ، ރާއްޖެ މެޗަށެވެ. ނައުޝާދު ފާހަގަކުރީ އެކަމެވެ.
އިންޑިއާ އިން ސާފް ޗެމްޕިއަަންޝިޕަށް ދެ ވަނަ ފަންތީގެ ޓީމެއް ފޮނުވަން ނިންމީ، މި މަހު 9-18 އަށް އޮތް ފީފާ ބްރޭކުގެ ތެރޭގައި، އިންޑިއާ އިން ނިއު ޒީލެންޑާ ދެކޮޅަށް ދެ މެޗު ކުޅެން އޮތުމުންނެވެ.
ނައުޝާދު ބުނީ، ޕާކިސްތާން ކޮޅަށް އިންޑިއާ އިން ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދައްކައި، ތިން ގޯލުގެ ލީޑެއް ނެގުމަކީ ރަނގަޅު ފެށުމެއް ކަމަށެވެ. އެކަމަކު، އެ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޕާކިސްތާނުން ދެ ގޯލު ޖެހުމަކީ ހަގީގަތުގައި އިންޑިއާ އިން މުބާރާތުގައި ކުރިއަށްދާއިރު ވިސްނަން ޖެހޭ ކަމެއް ގޮތުގައި ނައުޝާދު ފާހަގަކުރި އެވެ.
"90 މިނިޓް ސަމާލުވާން ޖެހޭނެ އިންޓަނޭޝަނަލް ފުޓްބޯޅައިގައި. އިތުރަށް 10 މިނިޓް ކުޅުނު ނަމަވެސް ޕާކިސްތާނުން ކުރާނެ ކަމެއް އަހަންނަށް ނޭނގެ. އަހަރެމެން އެބަޖެހޭ ރަނގަޅަށް މުޅި މެޗަށް ފޯކަސް ބަހައްޓަން،" އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށް ވެސް މަސައްކަތް ކުރި ނައުޝާދު ބުންޏެވެ.
ގްރޫޕް ބީގައި ރާއްޖެއާ ކުޅޭ މެޗުން ޕާކިސްތާން މޮޅުވެއްޖެނަމަ ވެސް އެ ޓީމަށް ސެމީ ފައިނަލުން ފުރުސަތު ލިބޭނެތޯ ޔަގީންވާނީ، ބުދަ ދުވަހު ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗުގެ ނަތީޖާ އިންނެވެ. ރާއްޖެ އަތުން ޕާކިސްތާން ބަލިވެއްޖެނަމަ މުބާރާތުން ކަޓާނެ އެވެ. އަދި، ރާއްޖެއާ ކުޅޭ މެޗު އެއްވަރުވެއްޖެނަމަ މުބާރާތުގައި ކުރިއަށްދިއުމުގެ އަމިއްލަ ބާރު ގެއްލޭނެ އެވެ.







