މެޑްރިޑް (ނޮވެމްބަރު 7) - ޗައިނާގެ ސިޔާސީ ތާރީހުގައި ބޮޑު އިހުތިރާމެއް ލިބިފައިވާ، ކުރީގެ ލީޑަރު، މާއޯ ޒެޑެންގަކީ ހުދުމުހުތާރު ލީޑަރެއް (ޑިކްޓޭޓަރެކޭ) ބުނެ ދެއްކި ވާހަކައެއްގެ ސަބަބުން، ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭއާ ހެދި ސްޕެނިޝް ލީގުގެ ގިނަ މެޗުތައް ޗައިނާގައި ދެއްކުން ހުއްޓާލާފައިވާއިރު، އެކަމާ ގުޅިގެން އެމްބާޕޭ ސްޕެނިޝް ލަލީގާ އިން މާފަށް އެދުނަސް ކަންކަން ބަދަލުކުރަން ވަގުތު ނަގާނެ ކަމަށް ޗައިނާ ސަރުކާރުން ބުނެފި އެވެ.
ފްރާންސްގައި ކުރިއަށްދިޔަ ޝޯއެއްގައި ވާހަކަ ދައްކަމުން އެމްބާޕޭ ބުނެފައިވަނީ، އޭނާ އަކީ ޑިކްޓޭޓަރެއްގެ ގޮތުގައި ސިފަކޮށް ގިނަ ފޮޓޯޓަކެއް ސޯޝަލް މީޑިއާ އާއި އިންޓަނެޓްގެ އެކި ޕްލެޓްފޯމްތަކުގައި ދައުރުވާ ކަމަށެވެ. އޭގެ ތެރެއިން އޭނާ އަށް ފެނުނު އެންމެ މަޖާ ޕޯސްޓަކީ ހުދުމުހުތާރު ލީޑަރަކާއި އޭނާގެ މޫނު ގުޅުވައިގެން ހަދާފައިވާ ފޮޓޯ ކަމަށާއި އެ ފޮޓޯގައި ހިމެނެނީ ޗައިނާގެ ކުރީގެ ލީޑަރު މާއޯ އެވެ.
ޗައިނާގެ ސިޔާސީ ލީޑަރަކަށް އެމްބާޕޭ ޖެހި ޖޯކެއްގެ މައްސަލައިގައި ރެއާލް ވެސް ހޫނުފެނަށް!
ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަކީ "ޑިކްޓޭޓަރެއް" ކަމަށް އެމްބާޕޭ ބުނުމާ ގުޅިގެން، ޗައިނާގެ ބައެއް ކުންފުނިތަކުން އޭނާގެ ސްޕޮންސާޝިޕް އުވާލައި ދައުލަތުގެ ޓީވީން ރެއާލް މެޑްރިޑްގެ މެޗުތައް ދެއްކުން ހުއްޓާލައިފިއެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ރެއާލުން މައާފަށް އެދިފައިވީ ނަމަވެސް، ޗައިނާގެ މީޑިއާ ގްރޫޕުން ބުނެފައިވަނީ އެމްބާޕޭގެ އަމަލަކީ ޗައިނާގެ ރައްޔިތުންނަށް ބޭއިހުތިރާމް ކުރުން ކަމަށެވެ.
އެމްބާޕޭގެ މި ވާހަކަތަކާ ގުޅިގެން، ޗައިނާ ދެ ބްރޭންޑަކުން ވަނީ އެމްބާޕޭގެ ސްޕޮންސާޝިޕް އެއްބަސްވުންތައް އުވާލައިފަ އެވެ. އަދި ޗައިނާގެ ދައުލަތުގެ ޓީވީ، ސީސީޓީން ވަނީ އެމްބާޕޭ ފެންނަ އެއްވެސް ފުޓޭޖެއް ނުދައްކާއިރު، ސްޕެނިޝް ލީގާއި ރެއާލް މެޑްރިޑް ކުޅޭ އެއްވެސް މެޗެއް ނުދައްކަން ނިންމައިފަ އެވެ. އަދި، އެ ގޮތަށް އަމަލުކުރަން ނިންމައި، މި ހަފްތާގައި ޗައިނާގައި ސްޕެނިޝް ލަލީގާގެ ގިނަ މެޗުތަކެއް ނުދައްކަ އެވެ.
އެ މައްސަލައިގައި، އެމްބާޕޭ އާއި ރެއާލް މެޑްރިޑް އަދި ސްޕެނިޝް ލީގުން ބަޔާނެއް ނެރެ މައާފަށް އެދުނު ނަމަވެސް އަދިވެސް ހައްލުވެފައިނުވެ އެވެ. ލަލީގާގެ ރައީސް ހަވިއޭ ޓެބާސް ވަނީ ދާދި ފަހުން ސްޕެއިނުގައި ހުންނަ ޗައިނާގެ އެމްބަސީގައި ބައްދަލުވުންތަކެއް ވެސް ބާއްވައިފަ އެވެ.
މި ދިމާވި ކަންތައްތަކާ މާޔޫސްވެ، އެމްބާޕޭ އަމިއްލަ އަށް އިސްނަގައި ވާހަކަ ދައްކަައި، މި ކަންކަމާ މެދު މައާފަށް އެދިފައިވުމުން، އެ އަށް ވިސްނަމުން އަންނަ ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ. އެކަމަކު، ސީސީޓީވީ ހިންގާ ޗައިނީސް މީޑިއާ ގްރޫޕް (ސީއެމްޖީ) އިން އޮތީ އަދިވެސް އެމްބާޕޭގެ ބޮއިކޮޓް ކުރިއަށްގެންދިއުމަށް އަމާޒުކަނޑައަޅައިގެންނެވެ.
ސްޕެއިނަށް ކަނޑައަޅާފައިވާ ޗައިނާގެ އެމްބަސަޑަރު، ޔާއޯ ޖިންގް ވިދާޅުވީ، އެމްބާޕޭ އާއި ސްޕެނިޝް ލީގުން މައާފަށް އެދުމުން އެކަން ބަލައިގަނެފައިވާ ކަމަށެވެ. އެކަމަކު، ކުރިން ހުރި ގޮތަށް ކަންކަން އެނބުރިދާނެތޯ އެ އަށް ޖަވާބެއް ދޭން ވަގުތު ނަގާނެ ކަމަށް ޔާއޯ ވިދާޅުވި އެވެ.
"މަޝްވަރާތެއް ނޫން ކުރެވެނީ، ވާހަކަތަކެއް ދެކެވެނީ. އެއީ، ދެ ފަހަރާތަށް އެއްބަސްވެވޭ ގޮތަކަށް، އަދި މިކަމުގެ އަސްލާ ހަމައަށް ގޮސް ކަމެއް ބަދަލުވާން ވަގުތު ނަގާނެ،" ޔާއޯ ވިދާޅުވި އެވެ.
މަޝްހޫރު ބާސްކެޓްބޯޅަ ފްރެންޗައިސް، އެންބީއޭ، 2019 އިން ފެށިގެން ޗައިނާގެ ގިނަ މީޑިއާތަކުން ވަނީ ބޮއިކޮޓްކޮށްފަ އެވެ. އެއީ، އޭރުގެ ހޫސްޓަން ރޮކެޓްސްގެ މެނޭޖަރު، ޑަރީލް މޯރޭ، ޗައިނާއާ ދެކޮޅަށް ހޮންގް ކޮންގުން ކުރިއަށްގެންދިޔަ މުޒާހަރާތަކަށް ތާއީދުކޮށް ވާހަކަ ދެއްކުމުންނެވެ.







