ބަންގްލަދޭޝްގައި މިއަދު ފަށާ ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 އަކީ، ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ 15 ވަނަ މުބާރާތެވެ. މި މުބާރާތުގައި ސާކް ސަރަހައްދުގެ ހަތް ގައުމުގެ އިތުރުން، އެކި ފަހަރު މަތިން ދައުވަތު ދީގެން އެކި ގައުމުތަކުން ވާދަކޮށްފައިވެ އެވެ. އަފްގާނިސްތާން ގިނަ ފަހަރުތަކެއް މަތިން ވާދަކުރިއިރު، 2015 ގެ ފަހުން އެ ޓީމު ނުފެނެ އެވެ. އެންމެ ފަހުން، ބޭއްވި ސާފް ޗެމްޕިއަންޝިޕް (2023 ވަނަ އަހަރުގެ މުބާރާތުގައި) ގައި ކުވެއިތާއި ލެބަނަން ވެސް ކުޅުނެވެ.
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ސަރަހައްދުގެ އެއް ގައުމު ނުފެންނާނެ އެވެ. އެއީ، މިދިޔަ ޖޫން މަހުން ފެށިގެން ފީފާގެ ސަސްޕެންޝަނެއްގައި އޮތް ނޭޕާލް އެވެ. ނޭޕާލަށް ސާފުން ދިން އެންމެ ފަހުގެ މުހުލަތުގައި ވެސް މުބާރާތުގައި ކުޅެވޭ ވަރަށް ފީފާގެ ސަސްޕެންޝަނުން ލުޔެއް ނުހޯދި އެވެ. ސާފްގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ނޭޕާލަށް މި މުބާރާތުން ފުރުސަތު ގެއްލުނީ އެވެ.
ނޭޕާލް ނެތުމުން، މި ފަހަރުގެ ސާފް ކުރިއަށްދަނީ، ހަ ގައުމުގެ މެދުގަ އެވެ. އަނެއްކާ ވެސް ހުސް ކަމަކާ އެކު ސަރަހައްދުގެ ފުޓްބޯޅަ މުބާރާތާ ކުރިމަތިލާން ޖެހުނީ އެވެ. އެކަމަކު، މި ފަަހަރުގެ އެންމެ ބޮޑު ތަފާތަކީ، މިއީ، ސަރަހައްދުގެ ގައުމެއް މަދުކޮށް ސާފް ޗެމްޕިއަންޝިޕެއް ބާއްވާ ޖެހިޖެހިގެން ތިން ވަނަ ފަހަރެވެ.
އެންމެ ފަހުން، ސާފް ޗެމްޕިއަންޝިޕްގެ މުބާރާތެއްގައި ސަރަަހައްދުގެ ހަތް ގައުމުން ކުޅެފައިވަނީ، 2018 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގަ އެވެ.
އެ ގޮތުން، 2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި، ޕާކިސްތާން އާއި ބޫޓާން ވާދައެއް ނުކުރެ އެވެ. އެއީ، ފީފާގެ ސަސްޕެންޝަނެއްގައި އޮތް ޕާކިސްތާނާއި ކޮވިޑް-19 އަށް ފަހު ފުޓްބޯޅައިގެ މަޑުޖެހުމެއްގައި އޮތް ބޫޓާން އަށް އެ ފަހަރުގެ މުބާރާތުގައި ކުޅެވޭނެ ގޮތެއް ނެތުމުންނެވެ.
އެންމެ ފަހުން، 2023 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ނެތީ ސްރީ ލަންކާ އެވެ. އެ ފަހަރު ސްރީ ލަންކާ އޮތީ ފީފާގެ ސަސްޕެންޝަނެއްގަ އެވެ. ފީފާގެ ސަސްޕެންޝަނުން ސްރީ ލަންކާ އަށް ސަލާމަތްވެވުނީ ސާފްް ނިމުނުތާ އެތައް މަހެއް ފަހުންނެވެ.
ބަންގްލަދޭޝް އިން މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރާއިރު، މިއީ، މި މުބާރާތް އެ ގައުމުގައި ބާއްވާ ހަތަރު ވަނަ ފަހަރެވެ. އެންމެ ފުރަތަމަ 2003 ވަނަ އަހަރު ހޯސްޓްކުރިއިރު، ދެ ވަނަ ފަހަރަށް ހޯސްޓްކުރީ 2009 ވަަނަ އަހަރު އެވެ. އެންމެ ފަހުން، އެ މުބާރާތް ބަންގްލަދޭޝްގައި ބޭއްވީ 2018 ވަނަ އަހަރު އެވެ. މި ފަހަރުގެ މުބާރާތް ބަންގްލަދޭޝަށް އެނބުރި އައިއިރު އެންމެ ބޮޑު ތަފާތަކީ، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ސާފްގައި ފުރަތަމަ ފަހަރަށް ބޭނުންކުރުމެވެ. ވީއޭއާރް ބޭނުންކުރާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކާއި ސެމީ ފައިނަލް މެޗުތަކާއި ފައިނަލް މެޗުގަ އެވެ.
ސާފް ޗެމްޕިއަންޝިޕް ފަށާނީ މިއަދު ގްރޫޕް ބީގައި ޕާކިސްތާން އާއި އިންޑިއާ ކުޅޭ މެޗުންނެވެ. ގްރޫޕް އޭގައި ބަންގްލަދޭޝް އިން މިރޭ ބޫޓާންއާ ކުޅޭނެ އެވެ.







