އަންނަ މަހު 5-17 އަށް ބަންގްލަދޭޝްގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބޭނުންކުރާނީ ވަކި މެޗުތަކެއްގައި ކަމަށް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް)ގެ ޖެނެރަލް ސެކްރެޓަރީ، ޕްރުޝޮތަމް ކަޓޭލް ވިދާޅުވެއްޖެ އެވެ.
ސާފްގެ ހަ ގައުމު ވާދަކުރާ ސަރަހައްދުގެ 15 ވަނަ މުބާރާތުގައި ބޭނުންކުރާނީ ވީއޭއާރް ލައިޓް އެވެ. އެއީ، ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކާއި ސެމީ ފައިނަލް އާއި ފައިނަލް މެޗުގަ އެވެ.
އެ ގޮތުން، ސާފް އިން ބޭނުންކުރަން ހަމަޖެހިފައިވަނީ، ފީފާ އާއި އައިފެބް އިން ބަލައިގަނެފައިވާ ވީއޭއާރް ލައިޓް އެވެ. ކަޓޭލް ވިދާޅުވީ، ވީއޭއާރްގެ މުޅި ސިސްޓަމް ބޭނުންކުރެވޭނެ ފަދަ ވަސީލަތްތަކެއް ބަންގްލަދޭޝްގެ ސްޓޭޑިއަމްގައި ނެތުމުން، ވީއޭއާރް ލައިޓް ބޭނުންކުރާއިރު، އޮޕަރޭޓް ކުރާނީ ވަކި ތަނެއްގައި ތިބޭ އޮފިޝަލުން ކަމަށެވެ.
"މިއީ ވެސް ކުރިއެރުމެއް މި ވަގުތަށް ބަލާއިރު،" ކަޓޭލް ވިދާޅުވި އެވެ.

ސާފް ޗެމްޕިއަންޝިޕް، ފީފާ ސާފް ކަޕް އަށް ހެދޭތޯ ޕްލޭނެއް
ސާފް ޗެމްޕިއަންޝިޕްގެ ފެންވަރު މަތިކުރުމަށްޓަކައި ފީފާގެ އެހީތެރިކަމާއެކު އެ މުބާރާތް "ފީފާ ސާފް ކަޕް" އަށް ބަދަލުކުރުމުގެ މަޝްވަރާތައް ކުރަމުންދާކަން ސާފްގެ ސެކްރެޓަރީ ޖެނެރަލް ހާމަކުރައްވައިފި. މީގެ އިތުރުން، މިއަހަރުގެ މުބާރާތުގައި އަލަށް ވީއޭއާރް ބޭނުންކުރުމަށާއި އާ ޓްރޮފީއެއް ތައާރަފްކުރުމަށް ވަނީ ނިންމާފައި.
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ޓިކެޓްގެ އަގު ބޮޑުވުމުގެ ޝަކުވާ ބޮޑުވެފައިވާއިރު، ކަޓޭލް ވަނީ އެކަން ދިފާއުކުރައްވައިފަ އެވެ. އަދި، މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބާއްވަން ހިނގާ ހަރަދުތަކާއި ހުރިހާ ކަމަކަށް ބަލާއިރު، އަގު ބޮޑެއް ނޫން ކަމަށް ކަޓޭލް ވަނީ ވިދާޅުވެފަ އެވެ.
އެ ގޮތުން، މެޗުޑޭ އެއްގެ ޓިކެޓް (އެ ދުވަހެއްގައި ކުޅޭ ދެ މެޗުގެ ޓިކެޓް އެއްކޮށް) ވިއްކަން ހަމަޖެހިފައިވަނީ، އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް، 1000 ބަންގްލަދޭޝް ޓަކާ (ގާތްގަނޑަކަށް 10 ޑޮލަރު) އަށެވެ.
"މުބާރާތަށް ހިނގާ ހުރިހާ ހަރަދަކަށް ބަލާއިރު، ހަގީގަތުގައި ޓިކެޓް އަގުބޮޑެއް ނޫން." ކަޓޭލް ވިދާޅުވި އެވެ.
ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ނުވަ ފަހަރު ހޯދާފައިވާ އިންޑިއާ އިން މި ފަހަރުގެ މުބާރާތަށް ދެ ވަނަ ފަންތީގެ ޓީމެއް ފޮނުވި ކަމުގައި ވިޔަސް ސާފް އިން ބަލާނީ އެއީ އިންޑިއާގެ ސީނިއާ ޓީމަށް ކަމަށާއި މިއީ، ފީފާގެ ލެވަލް 1 ފެންވަރު މުބާރާތެއް ކަމަށް ކަޓޭލް ވަނީ ވިދާޅުވެފަ އެެވެ.
ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ސާފް ޗެމްޕިއަންޝިޕަށް ދުނިޔޭގެ މައި ފުޓްބޯޅަ ފެޑެރޭޝަން، ފީފާގެ އެއްބާރުލުން ހޯދައި، އެ މުބާރާތް، ފީފާ ސާފް ކަޕް އަށް ހެދުމަށްޓަކައި ޕްލޭނެއް އެބައޮތް ކަމަށް މީގެ ކުރިން ކަޓޭލް ވަނީ ވިދާޅުވެފަ އެވެ.
ސާފް ޗެމްޕިއަންޝިޕް 2026 ޝެޑިއުލް
ގްރޫޕް ބީ: އިންޑިއާ - ޕާކިސްތާން (5 ނޮވެމްބަރު)
ގްރޫޕް އޭ: ބޫޓާން - ބަންގްލަދޭޝް (5 ނޮވެމްބަރު)
ގްރޫޕް ބީ: ރާއްޖެ - ޕާކިސްތާން (8 ނޮވެމްބަރު)
ގްރޫޕް އޭ: ސްރީ ލަންކާ - ބޫޓާން (8 ނޮވެމްބަރު)
ގްރޫޕް ބީ: އިންޑިއާ - ރާއްޖެ (11 ނޮވެމްބަރު) - ވީއޭއާރް ބޭނުންކުރާނެ
ގްރޫޕް އޭ: ބަންގްލަދޭޝް - ސްރީ ލަންކާ (11 ނޮވެމްބަރު) - ވީއޭއާެރް ބޭނުންކުރާނެ
ސެމީ ފައިނަލް ދެ މެޗު (14 ނޮވެމްބަރު) - ވީއޭއާރް ބޭނުންކުރާނެ
ފައިނަލް މެޗު (17 ނޮވެމްބަރު) - ވީއޭއާރް ބޭނުންކުރާނެ.












