ބުރާސްފަތި ދުވަހު ބަންގްލަދޭޝްގައި ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ޕާކިސްތާނުން ގްރޫޕް ސްޓޭޖުގައި ކުޅެން ޖެހޭ ދެ މެޗުގައި ރާއްޖެ އާއި އިންޑިއާއާ ވާދަކުރަން ޖެހޭއިރު، މި ދެ މެޗަކީ ވެސް "ދެ ފައިނަލް" ކަމަށް ޕާކިސްތާންގެ ކޯޗު، ޕެރޫގެ ނޮލްބާޓޯ ސޮލާނޯ ބުނެފި އެވެ.
މިދިޔަަ މަހު 23 ގައި ސާފް ޗެމްޕިއަންޝިޕަށް ޕްރެކްޓިސް ފެށި ޕާކިސްތާނުން މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހު ކުޅޭނީ ވާދަވެރި އިންޑިއާއާ އެވެ. މުބާރާތުގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމެއްގައި ސޮލާނޯ ބުނީ، ރާއްޖެ އާއި އިންޑިއާއާ ދެކޮޅަށް ޕާކިސްތާނުން މި ނުކުންނަ ޗެލެންޖަށް އެ ޓީމު ތައްޔާރަށް އޮތް ކަމަށެވެ. އަދި، އަޅާކިޔާނަމަ، ޕާކިސްތާން އޮތީ އެ ދެ ޓީމާ ދާދި ހަމަހަމަކޮށް ކަމަށް ވެސް ސޮލާނޯ ވަނީ ބުނެފަ އެވެ.
ރާއްޖޭގައި ކާމިޔާބީ، އާސިއާންގައި ތަޖުރިބާ، ޕާކިސްތާން ސާފަށް ތައްޔާރު
ރާއްޖޭގައި ބޭއްވި ޑައިމަންޑް ޖޫބިލީ މުބާރާތުގެ ކާމިޔާބީއާއި އާސިއާން ކަޕްގެ ތަޖުރިބާއާއެކު، ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ޕާކިސްތާން އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި. ކޯޗު ސޮލާނޯ ބުނިގޮތުގައި، ފަހަކަށް އައިސް ޓީމުން ހޯދާފައިވާ ކުރިއެރުންތަކަށް ބަލާއިރު މި މުބާރާތާ މެދު ބޮޑު އުންމީދެއް އެބައޮތް
"އަހަރެމެން ރާއްޖޭގައި މޮޅުވީ (ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާެރާތުން)، އެ މުބާރާތުގެ ލެވަލް އަހަރެމެންނަށް އެނގޭ. އަހަރެމެން އިންޑޮނޭޝިއާގައި ވެސް ކުޅުނިން (ފީފާ އާސިއާން ކަޕްގައި). އެހެންވީމަ، އަހަރެމެންނަށް އެބަ އެނގޭ މިހާރު ކުރަން މި ޖެހެނީ ކޮން ކަމެއްކަން،" ސޮލާނޯ ބުންޏެވެ.
އޭނާ ބުނީ، ފުރަތަމަ އަމާޒަކީ ސެމީ ފައިނަލަށް ދަތުރުކުރުން ކަމަށެވެ.
"ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށް މި ވިސްނަނީ. ބޮޑު މެޗެއް ބުރާސްފަތި ދުވަހު މި އޮތީ އިންޑިއާއާ ދެކޮޅަށް. ދެން، މި އޮތީ ރާއްޖެއާ ކުޅެން އޮތް މެޗު. ފޯކަސް ހުރީ މި ދެ މެޗުން ނަތީޖާ ނެރެ ސެމީ ފައިނަލަށް ދާން. ކޮންމެ މެޗެއް ވެސް ދެކެނީ ފައިނަލެއްގެ ގޮތުގައި. ފުރަތަމަ ފައިނަލް މި އޮތީ އިންޑިއާއާ ދެކޮޅަށް. ދެން، ދެ ވަނަ ފައިނަލް މި އޮތީ ރާއްޖެއާ ދެކޮޅަށް،" ސޮލާނޯ ބުންޏެވެ.
މިދިޔަ ޖޫން މަހު ރާއްޖޭގައި ބޭއްވި ޑައިމަންޑް ޖުބިލީ މުބާރާތުގެ ފުރަތަމަ މެޗުގައި ޕާކިސްތާނުން 0-0 އިން ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމާ އެއްވަރުވި އެވެ. އޭގެ ފަހުން، ދެ ވަނަ މެޗުގައި ރާއްޖެ އަތުން 3-0 އިން މޮޅުވިއިރު، މިއީ، 1991 ވަނަ އަހަރުގެ ސާފް ގޭމްސް ފައިނަލަށް ފަހު، ޕާކިސްތާނަށް ރާއްޖެ ބަލިކުރެވުނު ފުރަތަމަ ފަހަރެވެ. އަދި، ރާއްޖޭގައި ކުޅެގެން މުޅިން އަލަށް ޕާކިސްތާނަށް ރާއްޖެ ބަލިކުރެވުނުއިރު، މިއީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރުގެ ފަހުން ޕާކިސްތާން މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ. ރާއްޖެ މެޗަށް ފަހު، ޕާކިސްތާނުން ދެން ކުޅުނު ދެ މެޗުގައި ވެސް އަފްގާނިސްތާންގެ މައްޗަށް 2-0 އިން ކުރިހޯދި އެވެ. އެއީ ލީގު ބުރުގެ ފަހު މެޗާއި ފައިނަލުގަ އެވެ.
އޭގެ ފަހުން، ސެޕްޓެމްބަރު/އޮކްޓޫބަރު ފީފާ ބްރޭކްގައި ޕާކިސްތާނުން ވަނީ ފީފާ އާސިއާން ކަޕްގައި ކުޅެފަ އެވެ. އެ މުބާރާތުގައި ފުރަތަމަ މެޗުން ތައިލެންޑް އަތުން 4-0 އިން ބަލިވި ނަމަވެސް ދެން ކުޅުނު ދެ މެޗުގައި ރަނގަޅު ފައިޓެއް ދިނެެވެ. އެ ގޮތުން، ފިލިޕީންސްއާ 2-2 އިން އެއްވަރުކުރިއިރު، ވިއެޓްނާމް ކައިރީގައި ރަަނގަޅު ކުޅުމެއް ދައްކައި، 4-2 އިން ވީ ބައްޔެވެ.
ބުރާސްފަތި ދުވަހު، އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗުގައި، ޔޫރަޕްގެ ލީގުތަކުގައި ކުޅޭ ޕާކިސްތާން ކުޅުންތެރިންނަށް ނުކުޅެވެ އެވެ. އެއީ، އެ މެޗު އޮތީ ފީފާ ބްރޭކުގެ ތާރީހުން ބޭރުގައި ކަމަށްވާތީ އެވެ. އެކަަމަކު، ދެ ވަނަ މެޗުގައި އަންނަ އާދިއްތަ ދުވަހު ރާއްޖެއާ ކުޅޭއިރު، އޭގެ ތެރެއިން ބައެއް ކުޅުންތެރިންނަށް ކުޅެވުމުގެ ފުރުސަތު އެބައޮތެވެ.
ސޮލާނޯ ބުނީ، ފުރަތަމަ މެޗަަކީ ހަގީގަތުގައި ޕާކިސްތާންގައި ތިބި އެ ގައުމުގައި ކުޅޭ ކުޅުންތެރިންނަށް ފެންވަރު ދައްކާލައި ގައުމީ ޓީމުގެ މުސްތަގުބަލުގައި ހިމެނެން ލިބިފައި އޮތް ފުރުސަތެއް ކަމަށެވެ.
ޕާކިސްތާނުން އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލް ކުޅުނީ 2018 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި މުބާރާތުގަ އެވެ. އެއީ، 13 އަހަރަށް ފަހު، ސާފްގެ ސެމީ ފައިނަލުގައި ޕާކިސްތާނުން ކުޅުނު ފުރަތަމަ ފަހަރެވެ. ސެމީގައި އިންޑިއާއާ ކުޅެގެން ޕާކިސްތާން 3-1 އިން ބަލިވީ އެވެ.







