ބަންގްލަދޭޝްގައި މިއަދު ފަށާ ޓެކްނޯ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ނުކުންނައިރު، އިންޑިއާ އިން މުބާރާތުގެ ތަށި ދިފާއުކުރަން ޕްރެޝަރެއް އޮތް ކަމަށް ބަލައިގެން މެޗުތަކަށް ނުކުތުމުގެ ވިސްނުމެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި އެވެ.
މި މަހުގެ ފީފާ ބްރޭކުގައި، އިންޑިއާ އިން ނިއު ޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ނިންމައިފަ އެވެ. މިއީ، އިންޑިއާ އާއި ނިއު ޒީލެންޑްގެ ދެމެދުގައި ކުޅިވަރުގެ ރޮނގުން ގުޅުން ބަދަހިކުރިތާ 100 އަހަރު ފުރުން ފާހަގަކުރަން ބާއްވާ އެއް ހަރަކާތެކެވެ. ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅޭ ފުރަތަމަ މެޗު އޮތީ، ފީފާ ބްރޭކުގެ ތެރޭގައި ނޫން ކަމަށްވާއިރު، ކްލަބްތަކުން ގައުމީ ޓީމަށް ކުޅުންތެރިން ރިލީސްކުރަން ދެކޮޅެވެ. ފީފާ ބްރޭކް، މި މަހު 9-17 އަށް އޮތްއިރު، އިންޑިއާ އިން ޕާކިސްތާނާ ކުޅޭ މެޗު އޮތީ މިއަދު އެވެ އަދި، ރާއްޖެއާ ކުޅޭ މެޗު އޮތީ އަންނަ ހަފްތާގެ ބުދަ ދުވަހު އެވެ.
އިންޑިއާ އިން ސާފް އަށް ޕްރެކްޓިސް ފެށީ 15 ކުޅުންތެރިންނާ އެކު އެވެ. ފުރަތަމަ މެޗަށް އިންޑިއާ ސްކޮޑުގައި ހިމެނެނީ 18 ކުޅުންތެރިންނެވެ. އިންޑިއާގެ ފުލް ސްކޮޑު ހަމަވަނީ، ރާއްޖެ މެޗަށެވެ.
ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އިންޑިއާގެ ކޯޗު ނައުޝާދު ބުނީ، އެންމެ ފަހުން އޮތް ސާފް ޗެމްޕިއަންޝިޕްގައި ވެސް އިންޑިއާ އިން ފެށި ގޮތަށް މި ފަހަރުގެ ސާފްގައި ވެސް ފުރަތަމަ މެޗުގައި ޕާކިސްތާނާ ކުޅެން ތައްޔާރު ކަމަށެވެ. ނައުޝާދު ބުނީ، މޮޅަކުން މުބާރާތް ފެށުމަކީ އަމާޒު ކަމަށާއި އެކަން ހާސިލްކުރަން އަދި އެ ނޫން ކަމަކަށް ވެސް އިންޑިއާ އަށް ޕްރެޝަރެއް ނެތް ކަމަށެވެ.
"މޯޓިވޭޝަނެއް އޮތީ އެންމެ ރަނގަޅު ކުޅުމެއް ދައްކައިގެން މުބާރާތުގައި ކުރިއަށް ދިއުމުގެ. އަހަރެމެން ތަށި ދިފާއުކުރަން ޖެހިފައި މި އޮތީ، އަހަރެމެން މި ކުޅެނީ އަމިއްލަ ގައުމަކު އެއް ނޫން، ބަންގްލަދޭޝްގައި. އަހަރެން މި ކޮޅަށް ޒުވާން ޓީމެއް ގޮވައިގެން މި އައީ ސީނިއާ ކުޅުންތެރިން ނިއު ޒީލެންޑަށް މެޗުތަކެއް ކުޅެން ދާތީވެ،" އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށް ވެސް މަސައްކަތް ކުރި ނައުޝާދު ބުންޏެވެ.
"ހަމަޖެހިލައިގެން ތިބެ ކުޅެލުމަކީ އެންމެ ބޮޑު ކަމަކަށް މި މުބާރާތުގަައި ކުރެވޭނެ ކަމަކީ. އެއްވެސް ވަރަކަށް ތަށި ދިފާއުކުރުމާ މެދު ވިސްނައެއް ނުހަދަން. އަހަރެން ވިސްނަން މި ބޭނުންވަނީ ރަނގަޅު ފުޓްބޯޅައެއް ކުޅެގެން ރަަނގަޅު ނަތީޖާތަކެއް ނެރެން،"
ސާފް ޗެމްޕިއަންޝިޕް ބޭއްވި 14 ފަހަރުގެ ތެރެއިން ނުވަ ފަހަރު ތަށި ހޯދީ އިންޑިއާ އިންނެވެ. އެކަމަކު، އިންޑިއާ އަށް މިހާތަނަށް ޖެހިޖެހިގެން ތިން ފަހަރު މުބާރާތް ނުހޯދެ އެވެ. މި ފަހަރުގެ މުބާރާތާ ކުރިމަތިލާއިރު، އެންމެ ފަހުން ދެ މުބާރާތް ކާމިޔާބުކުރީ އިންޑިއާ އިންނެވެ.
ބަންގްލަދޭޝްގައި ސާފް ޗެމްޕިއަންޝިޕް ބާއްވާ ޖެހިޖެހިގެން ތިން ފަހަރު އިންޑިއާ އިން މި ވާދަކުރަނީ ދެ ވަނަ ފަންތީގެ ޓީމެކެވެ. މީގެ ކުރިން، 2009 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ތަށި ހޯދީ އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމެކެވެ. އަދި، 2018 ވަނަ އަހަރުގެ ފައިނަލުގައި ބަލިވި އިންޑިއާ ޓީމަކީ ވެސް 23 އަހަރުން ދަށުގެ ކުޅުންތެރިން ގިނަ ޓީމެކެވެ.
އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް އޮތީ 2023 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގަ އެވެ. އެ ފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުން އިންޑިއާ ވަނީ 4-0 އިން ޕާކިސްތާން ބަލިކޮށްފަ އެވެ. މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި މި ދެ ޓީމު ކުޅޭ ފުރަތަމަ މެޗު ފަށާނީ މިއަދު 14:30 ގަ އެވެ.







