ބުރު ސްޕޯޓްސް ކްލަބްގެ ކެޕްޓަން، އަލީ ހަމްދާން (އައްޔަ)، ފުރަތަމަ ފަހަރަށް ރާއްޖޭގެ ސީނިއާ ގައުމީ ފުޓްބޯޅަ ޓީމުން ޖާގަ ހޯދައިފި އެވެ.
އެ ގޮތުން، އައްޔަ އަށް ފުރުސަތު ލިބިފައިވަނީ، އަންނަ މަހު 4-17 އަށް ބަންގްލަދޭޝްގެ ޑާކާގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ނެގި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުންނެވެ. ސާފްގައި ވާދަކުރަން ތައްޔާރުވުމުގެ ގޮތުން، ރާއްޖޭގެ ޓީމު މިއަދު ވަނީ އިންޑޮނޭޝިއާ އަށް ޓްރެއިނިން ކޭމްޕަކަށް ފުރައިފަ އެވެ. އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް އެ ޓްރެއިނިން ކޭމްޕް ކުރިއަށްގެންދާނެ އެވެ.
އިންޑޮނޭޝިއާ އަށް މިއަދު ފުރި ޕްރިލިމިނަރީ ސްކޮޑުގައި ހިމެނެނީ 23 ކުޅުންތެރިންނެވެ. ސްކޮޑުގައި ހިމެނުނަސް މިއަދު ޓީމާ އެކު ނުދަނީ، އޮޑި ސްޕޯޓްސް ކްލަބްގެ އަހުމަދު އައިހަމް (އައިހު) އެވެ. އެއީ، އާއިލީ ކަމެއްގެ ސަބަބުން މިއަދު ދަތުރުކުރެވެން ނެތުމުންނެވެ. އައިހު، ޓީމާ ގުޅޭނީ މި މަހު 28 ވަނަ ދުވަހު އެވެ.
ފުރަތަމަ ޑިވިޝަނުގައި ގިނަ އަހަރުތަކެއް ކުޅެފައިވާ އައްޔަ މީގެ ކުރިން ވަނީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ. ކ. ހުރާ އަށް އުފަން އައްޔަ އަކީ ޒުވާން ގައުމީ ޓީމުތަކަށް ކުޅުނު ނަމަވެސް ސީނިއާ ގައުމީ ޓީމަކުން މީގެ ކުރިން ފުރުސަތު ލިބިފައި ނެތް ކުޅުންތެރިއެކެވެ. ބުރު ސްޕޯޓްސް ކްލަބް ލީޑުކުރުމުގައި އައްޔަ އަންނަނީ ފަހަކަށް އައިސް ފާހަަގަކުރެވޭ ކުޅުމެއް ދައްކަމުންނެވެ.
މި ފަަހަރުގެ ސާފް ޗެމްޕިއަންޝިޕާ ކުރިމަތިލާއިރު އަނިޔާގެ ސަބަބުން ރާއްޖޭގެ ޓީމުން މުހިންމު ނަންތަކެއް ނުފެންނާނެ އެވެ. އެ ގޮތުން، 2015 އިން ފެށިގެން ހުރިހާ ސާފް ޗެމްޕިއަންޝިޕެއްގައި ކުޅެފައިވާ ހަމްޒާ މުހައްމަދު (ހަމްޕު) މި ވަގުތު އަނިޔާއެއްގައި ހުރިއިރު، މާޒިޔާ އަށް ކުޅެމުން އަންނަ ހައިޝަމް ހަސަން (ބިޑި) އާއި މުހައްމަަދު އިލާން އިމްރާނަށް މި ފަހުން ކުރިމަތިވި އަނިޔާގެ މައްސަލައަކާ ހުރެ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ޕްރިލިމިނަރީ ސްކޮޑުގައި ނެތެވެ.
މި ވަގުތު ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ވިކްޓަރީ ސްޕޯޓްސް ކްލަބްގެ އަހުމަދު ރިޒްވާން (ރިޒޭ) ވެސް މި ފަހަރުގެ ސްކޮޑުގައި ނެތްއިރު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ މުހައްމަދު އިރުފާން (އިރޭ) ވެސް ޓީމުގައި ހިމެނިފައިނުވެ އެވެ.
ސާފް ޗެމްޕިއަންޝިޕަށް ނެގި ރާއްޖޭގެ ޕްރިލިމިނަރީ ސްކޮޑު
ސަމޫހު އަލީ - ސަމުއްޓެ (މާޒިޔާ)، ހުސެއިން ޝަރީފް - ހުސެން (މާޒިޔާ)، އިބްރާހިމް އައިސަމް (މާޒިޔާ)، އަހުމަދު މާއިޝް ރަޝީދު - މާއި (ވިކްޓަރީ)، އަބްދުﷲ ލޫތު އިބްރާހިމް - ސާނޭ (މާޒިޔާ)، އަލީ ހަމްދާން - އައްޔަ (ބުރު)، އަލީ ފާސިރު - ސެންޓޭ (ނިއު ރޭޑިއަންޓް)، އަހުމަދު އައިހަމް - ފަތޯ (މާޒިޔާ)، ހުސެއިން ޝިފާއު ޔޫސުފް - ކުރޯ (ވިކްޓަރީ)، ހަސަން އީނާޒް (ޓީސީ)، ނިޝާމް މުހައްމަދު ރަޝީދު - ޕޮގްބާ (މާޒިޔާ)، މުހައްމަދު އަޝްވާން (އޮޑި)، އަމްދާން އަލީ - އެންޑީ (ނިއު ރޭޑިއަންޓް)، އިބްރާހިމް މަހުދީ ހުސެއިން - ފޭދޫ އިއްބެ (މާޒިޔާ)، އަހުމަދު އައިހަމް - އައިހު (އޮޑި)، މުޒްދާން ހަސަން (އޮޑި)، ނައްސާހު އިބްރާހިމް ނާސިރު (މާޒިޔާ)، އަހުޒަމް ރަޝީދު - އަހު (އޮޑި)، މުހައްމަދު ނާއިމް (ނިއު ރޭޑިއަންޓް)، ތޯއިފް ގާސިމް - ތޯއްޕެ (ބުރު)، އީތަން އިބްރާހިމް ޒަކީ (ނިއު ރޭޑިއަންޓް)، ނާއިޒު ހަސަން - ދާދު (ވިކްޓަރީ)، މުހައްމަދު ޝަފީއު - ޗެކް (ވިކްޓަރީ)
ބަންގްލަދޭޝްގައި މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރާއިރު، މި މުބާާރާތް އެ ގައުމުގައި މި ހޯސްޓްކުރަނީ، އަށް އަހަރަށް ފަހު އެވެ. އެންމެ ފަހުން، ބަންގްލަދޭޝްގައި ސާފް ޗެމްޕިއަންޝިޕް ބޭއްވީ 2018 ވަަނަ އަހަރު އެވެ. ބަންގްލަދޭޝް އިން ވަނީ 2003 ވަނަ އަހަރާއި 2009 ވަނަ އަހަރުގައި ވެސް ސާފް ޗެމްޕިއަންޝިޕް ހޯސްޓްކޮށްފަ އެވެ.
ރާއްޖޭން ވަނީ ބަންގްލަދޭޝްގައި ބޭއްވި ހުރިހާ ސާފް ޗެމްޕިއަންޝިޕެއްގެ ފައިނަލުގައި ކުޅެފަ އެވެ. އެންމެ ފަހުން، 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި އެވެ. އެކަމަކު، 2023 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކެޓީ ގްރޫޕް ސްޓޭޖުންނެވެ.
ނޭޕާލަށް މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފުރުސަތު ނެތީ ފީފާގެ ސަސްޕެންޝަނެއްގައި އޮތުމުންނެވެ. ހަ ގައުމު ވާދަކުރާ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިއަށްދަނީ ދެ ގްރޫޕަކަށެވެ. އެއީ، ގްރޫޕް އޭގައި ބަންގްލަދޭޝް، ބޫޓާން އަދި ސްރީ ލަންކާ އެވެ. އަދި، ގްރޫޕް ބީގައި އިންޑިއާ، ޕާކިސްތާން އަދި ރާއްޖެ އެވެ.
ސާފް ޗެމްޕިއަންޝިޕް 2026 ޝެޑިއުލް
ގްރޫޕް ބީ: އިންޑިއާ - ޕާކިސްތާން (5 ނޮވެމްބަރު)
ގްރޫޕް އޭ: ބޫޓާން - ބަންގްލަދޭޝް (5 ނޮވެމްބަރު)
ގްރޫޕް ބީ: ރާއްޖެ - ޕާކިސްތާން (8 ނޮވެމްބަރު)
ގްރޫޕް އޭ: ސްރީ ލަންކާ - ބޫޓާން (8 ނޮވެމްބަރު)
ގްރޫޕް ބީ: އިންޑިއާ - ރާއްޖެ (11 ނޮވެމްބަރު)
ގްރޫޕް އޭ: ބަންގްލަދޭޝް - ސްރީ ލަންކާ (11 ނޮވެމްބަރު)
ސެމީ ފައިނަލް ދެ މެޗު (14 ނޮވެމްބަރު)
ފައިނަލް މެޗު (17 ނޮވެމްބަރު)












