ލަންޑަން (އޮކްޓޫބަރު 24) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީ ދަނޑުގައި އެ ޓީމު 2-0 އިން ބަލިކޮށް ހޯދި ތާރީހީ މޮޅާ އެކު، ޓޮޓެންހަމް ހޮޓްސްޕާސް އިން ހިންދެމިލައިފި އެވެ.
މިއީ، މިދިޔަ 37 އަހަރު ތެރޭ ޗެލްސީ ދަނޑުގައި ޓޮޓެންހަމް އިން މޮޅުވި ދެ ވަނަ ފަހަރެވެ. އެ ގޮތުން، 1990 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުން، އެކި މުބާރާތްތަކުގައި ޗެލްސީ ދަނޑުގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު 42 މެޗުގެ ތެރެއިން، ޗެލްސީ 27 މެޗުން މޮޅުވި އެވެ. ޓޮޓެންހަމް އިން ދެ މެޗުން މޮޅުވިއިރު، 13 މެޗު ނިމުނީ އެއްވަރުވެގެންނެވެ.
މިރޭގެ މެޗުގެ ކުރިން، ޗެލްސީ ދަނޑުގައި ޓޮޓެންހަމް މޮޅުވީ، 2018 ވަނަ އަހަރު 1-0 އިންނެވެ.
ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މެޗުގައި މިރޭ ޗެލްސީ އަށް ޓޮޓެންހަމް ޑިފެންސްލައިން ފޫއަޅުވާލައި ފުރުސަތުތަކެއް ހޯދުން ވީ އުނދަގޫ ކަމަކަށެެވެ. އަނެއްކޮޅުން، ޓޮޓެންހަމް އިން މެޗުގެ ކޮންޓްރޯލް ނަގައިގެން ރަނގަޅަށް ބޯޅަ ހިފަހައްޓައިގެން ކުޅުނެވެ. އެކަމަކު، ފުރަތަމަ ހާފުގައި ގޯލެއް ޖަހަން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބެއްނުވި އެވެ.
މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލަކީ، ޗެލްސީގެ ކީޕަރު، މައިކް ޕެންޑާސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ޗެލްސީގެ އެއް ވަނަ ކީޕަރު، އެމިލިއާނޯ މާޓީނޭޒަށް އަނިޔާވެގެން ކުޅުމާ ދުރުގައި ހުރުމުން، ފުރަތަމަ ފަހަރަށް ޗެލްސީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ޕެންޑާސް އަތުން ބައިކޮޅަށް ގޯލެއް ވަނީ، މެޗުގެ 77 ވަނަ މިނިޓްގައި ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭގަ އެވެ.
ގޯލެއް ފަހަތަށް ގޮސްފައި އޮއްވައި، ޗެލްސީގެ ރިހޭ ފައިމައްޗަށް ފޮއިވެއްޓުނީ އެ ޓީމުގެ ތަރި، ކޯލް ޕާމާ އަށް މެޗުގެ 80 ވަނަ މިނިޓްގައި ދެ ވަނަ ރީނދޫ ކާޑާ އެކު ރަތެއް ދެއްކުމުންނެވެ. ޕާމާގެ ޕްރޮފެޝަނަލް ކެރިއަރުގައި އޭނާ އަށް ދެއްކި ފުރަތަމަ ރަތް ކާޑު ދެއްކިއިރު، ދެ ވަނަ ފައުލަކީ، ޓޮޓެންހަމްގެ ކޮނާ ގެލަގާގެ ފައި މައްޗަށް ފައިން އެރިގެން ވި ފައުލެކެވެ.
ޗެލްސީގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި، ޓޮޓެންހަމް އިން ވަނީ 87 ވަނަ މިނިޓްގައި ދެ ވަނަ ލަނޑު ޖަހައިފަ އެވެ. މި ލަނޑު ޖެހީ މަތީސް ޓެލް އެވެ. އަމިއްލަ ހާފުގެ ތެރެއިން ބޯޅަ ހިފައިގެން އައިސް ޗެލްސީގެ އޭރިއާބޭރުން، ޓެލް ތިރިތިރިން ފޮނުވާލި ޝޮޓް އަމާޒުވީ ގޯލުގެ ތިރީ ކަަނަށެވެ.
ލީގުގެ ފުރަތަމަ ހަ މެޗުން މޮޅެއް ނުލިބި ނިންމާލި ޓޮޓެންހަމް އިން މި ވަނީ ޖެހިޖެހިގެން ދެ މެޗުން މޮޅުވެފަ އެވެ. އެއާ އެކު، އެ ޓީމަށް އަށް މެޗުން ލިބުނު ނުވަ ޕޮއިންޓާ އެކު އޮތީ ލީގުގެ 12 ވަނައިގަ އެވެ.
އަނެއްކޮޅުން، އާ ކޯޗު ޒަބީ އަލޮންސޯގެ އިރުޝާދުގެ ދަށުން އަމިއްލަ ދަނޑުގައި ޗެލްސީ ފުރަތަމަ ފަހަރަށް ބަލިވިއިރު، އެ ޓީމު އޮތީ އަށް މެޗުން ލިބުނު 13 ޕޮއިންޓާ އެކު، ހަތަރު ވަނައިގަ އެވެ.












