ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ކްލަބް އީގަލްސް 7-1 އިން ބަލިކޮށް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.
މިއަދުގެ ނަތީޖާއާ އެކު، އީގަލްސް ވަނީ މި ސީޒަނުގައި ފުރަތަމަ ފަހަރަށް ބަލިވެފަ އެވެ. މި މެޗުގެ ކުރިން، އީގަލްސް އިން ކުޅުނު ފަސް މެޗުން ވެސް ބަލިވެފައިނުވެ އެެވެ.
ނިއު އިން ދެ ވަނައިގައި އޮތީ ތިން ވަނައިގައި އޮތް އީގަލްސްއާ އެއްވަރަށް ޕޮއިންޓު ހޯދައިގެންނެވެ. ނިއު އަށް ފަސް މެޗުން 11 ޕޮއިންޓް ލިބިފައިވާއިރު، އީގަލްސް އަށް 11 ޕޮއިންޓް ލިބުނީ ހަ މެޗުންނެވެ. ނިއުގެ އެއް މެޗު މަދުވެފައިވަނީ، ވިއްސާރައިގެ ސަބަބުން ނިިއު އާއި ބުރު ސްޕޯޓްސް ކްލަބްގެ މެޗު ފަސްކުރަން ޖެހުމުންނެވެ.
މިހާރު ލީގުގައި ކުޅޭ 10 ޓީމުގެ ތެރެއިން ބަލިނުވެ އޮތީ ނިއުގެ އިތުރުން ތާވަލުގެ އެއް ވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބް އެވެ. ވިކްޓަރީ، އެއް ވަނައިގައި އޮތީ ފަސް މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ.
ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗުގައި ނިއު އިން ވަނީ ނުވަ ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މި ލަނޑު ޖެހީ ބްރެޒިލްގެ ފޯވާޑް، ޑޮރިއެލްޓަން ގޯމޭސް ނަސިމެންޓޯ (ޑޯރީ) އެވެ. ނިއުގެ އަލީ ފާސިރު (ސެންޓޭ) ދިން ބޯޅައެއް އޭރިއާތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު، ޑޯރީ ފޮނުވާލުމުން، ގޯލަށް ވަނީ އީގަލްސްގެ ޕާކިސްތާން ކީޕަރު، ހަނީފް ސާގިބް ފައިގައި ޖެހިފަ އެވެ.
ނިއު އިން 22 ވަނަ މިނިޓްގައި ލީޑުފުޅާކުރި އެވެ. މިއީ، ޕެނަލްޓީ އަކުން ސެންޓޭ ޖެހި ލަނޑެކެވެ. މި ޕެނަލްޓީ ދޭން ރެފްރީ ނިންމީ ނިއުގެ އަލީ އަޝްފާގު (ދަގަނޑޭ) އަށް އީގަލްސްގެ ވިޝާހު އަބްދުލް މަޖީދު (ވިއްޓު) ކުރި ފައުލަކަށެވެ. އީގަލްސް ކުޅުންތެރިން ވަނީ އެ ފައުލު ހިނގީ އޭރިއާބޭރުން ކަމަށް ބުނެ އެޕީލްކޮށްފަ އެވެ. އެކަމަކު، ރެފްރީ އިސްމާއިލް މުހައްމަދު ވަނީ ޕެނަލްޓީއެއް ކަމަށް ނިންމައިފަ އެވެ.
އީގަލްސް އިން ކުރިއަށް ޖެހިގެން ކުޅެ، ލަނޑެއް ޖެހޭތޯ މަަސައްކަތް ކުރަމުން ދިޔަ އެވެ. އެކަމަކު، ދެން ވެސް މެޗުގައި ލަނޑު ޖެހީ ނިއު އިންނެވެ. މިއީ، މެޗުގެ 40 ވަނަ މިނިޓްގައި އޭރިއާތެރެއިން ދަގަނޑޭ ނެގި ހުރަހަކުން މުޅިން ހުސްކޮށް ހުރެފައި ޑޯރީ ބޮލުން ޖެހި ގޯލެކެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އީގަލްސް އިން ލަނޑެއް ޖެހުމާ ގާތަށް ޖެހިލި އެވެ. އޭރިއާެތެރެއަށް އީގަލްސް އިން ނެގި ބޯޅެއް ނިއުގެ މުހައްމަދު ރަޒާން ފައިގައި ޖެހިފައި އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ނިއު އިން ވަނީ ދެ ވަނަ ހާފު ފެށިގެން ފަސް މިނިޓް ތެރޭ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ، މެޗުގެ 50 ވަނަ މިނިޓްގައި އީގަލްސްގެ ކީޕަރު، ސާގިބު ކުރިއަށްއެރި ވަގުތެއްގައި ސެންޓޭ ދިން ބޯޅައަކުން އިބްރާހިމް މައިޝާން (މައި) ޖެހި ގޯލެކެވެ. ނިއު އިން ވަނީ 68 ވަނަ މިނިޓްގައި ފަސް ވަނަ ލަނޑެއް ވެސް ޖަހައިފަ އެވެ. މިއީ، ބޯޅަ ހިފައިގެން އޭރިއާތެރެއިން ސެންޓޭ ޖެހި ގޯލެކެވެ.
މެޗުގެ 77 ވަނަ މިނިޓްގައި، ނިއު އިން ވަނީ ހަ ވަނަ ލަނޑެއް ވެސް ޖަހައިފަ އެވެ. މިއީ، ނިއުގެ ލައިބީރިއާ މިޑްފީލްޑަރު، ބިލިޓީ ޖެހި ލަނޑެކެވެ. އޭރިއާބޭރުން ބިލިޓީ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.
އީގަލްސް އިން ވަނީ 80 ވަނަ މިނިޓްގައި ލަނޑެއް ޖަހައިފަ އެވެ. މިއީ، އެ ޓީމަށް ކުޅޭ މިސްރުގެ އެލް ސަޑެކް މުހައްމަދު ޖެހި ލަނޑެކެވެ. އަރިމަތިން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، އޭނާ ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ އިރުކޮޅެއް ފަހުން، އީގަލްސްގެ މުހައްމަދު ފަރުހާން (ފަރުއްކޮ) އަށް ލަނޑު ޖަހަން ލިބުނު ބޯޅައެއް ފޮނުވާލުމުން، ނިއުގެ ކީޕަރު، އަހުމަދު ސަމީރު ވަނީ މަތަކޮށްފަ އެވެ.
މެޗުގެ 88 ވަނަ މިނިޓްގައި ނިއުގެ ހަތް ވަނަ ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. އީގަލްސް އޭރިއާތެރެއިން ހަންނަ ވަނީ ލިބުުނު ފުރުސަތުގައި ގޯލުގެ ކައިރީ ކަނަށް ބޯޅަ ވައްދާލައިފަ އެވެ.












