ފަލަސްތީންގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު އަންނަ އަންގާރަ ދުވަހު ރާއްޖެ އަށް ޓްރެއިނިން ކޭމްޕަކަށް އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.
މިއީ، ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ރާއްޖޭގައި ކޭމްޕް ކުރާ ދެ ވަނަ ފަހަރެވެ. އެ ގޮތުން، މިދިޔަ އަހަރު ވެސް އޭއެފްސީ ކޮލިފައިންގެ ކުރިން ފަލަސްތީންގެ 17 އަހަރުން ދަށުގެ ޓީމު މާލޭގައި ކޭމްޕްކޮށް، ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ވަނީ މެޗުތަކެއް ކުޅެފަ އެވެ.
މިދިޔަ އަހަރާ ހިލާފަށް މި ފަހަރުގެ ދަތުރުގައި ފަލަސްތީނުން މާލޭގެ ބަދަލުގައި ކޭމްޕްކުރާނީ ކ. ގުރައިދޫގަ އެވެ. އަދި، ގުރައިދޫގައި ދެ މެޗެެއް ކުޅޭނެ އެވެ. އެއީ، ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމާ ދެކޮޅަށެވެ. އެ މެޗުތައް އޮންނާނީ މި މަހު 30 ވަނަ ދުވަހާއި އަންނަ މަހުގެ ދެ ވަނަ ދުވަހު އެވެ.
އެފްއޭއެމް އިން ބުނީ، މި މެޗުތަކަކީ ކޮލިފައިންގައި ވާދަކުރުމުގެ ކުރިން ރާއްޖޭގެ ޒުވާން ޓީމަށް ލިބޭ މުހިންމު ތަޖުރިބާތަކެއް ކަމަށެވެ. އަދި، މި މެޗުތަކުގެ ސަބަބުން ފަލަސްތީނާއި ރާއްޖޭގެ ދެމެދުގައި ފުޓްބޯޅައިން ގާތްގުޅުމެއް ބަދަހިވެގެންދާނެ ކަމަށް ވެސް އެފްއޭއެމް އިން ވަނީ ބުނެފަ އެވެ.
ފަލަސްތީން ޓީމުގެ ކޭމްޕް ހަމަޖެއްސުމުގައި، ސަރުކާރާއި ގުރައިދޫ ކައުންސިލްގެ ފަރާތުން ދޭ އެހީތެރިކަމަށް އެފްއޭއެމް އިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ކަކާ، 17 އަހަރުން ދަށުގެ ގަައުމީ ޓީމު ގޮވައިގެން ޗެލެންޖް ބޮޑު މަސައްކަތަކަށް، އުންމީދު އެބައޮތް
17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗުކަމާ (ކަކާ) ހަވާލުވެ، އޭއެފްސީ ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުން ވަރުގަދަ ފަރިތަކުރުންތަކާއި އެކުވެރިކަމުގެ މެޗުތަކެއް ވަނީ ކުރިއަށް ގެންގޮސްފައި. މާޒިޔާގެ ޒުވާން ޓީމަށް ކާމިޔާބީތަކެއް ހޯދައިދީފައިވާ ކަކާގެ އަމާޒަކީ، އަންނަ މަހު ތައިލެންޑުގައި ރާއްޖެއަށް އުންމީދީ ނަތީޖާއެއް ހޯދައިދިނުން.
ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމު އޭއެފްސީ ކޮލިފައިން އަށް ތައްޔާރުވަނީ، އިބްރާހިމް ސައީދު (ކަކާ)ގެ ކޯޗުކަމުގަ އެެވެ. އަންނަ މަހު ފަސް ވަނަ ދުވަހު ތައިލެންޑަށް އޭއެފްސީ ކޮލިފައިންގައި ވާދަކުރަން ރާއްޖޭން ފުރާނެ އެވެ.
އޭއެފްސީ ކޮލިފައިންގައި ރާއްޖޭން ފުރަތަމަ ކުޅެން އޮތީ އަންނަ މަހު އަށް ވަނަ ދުވަހު ޗައިނީސް ޓައިޕޭއާ އެވެ. އޭގެ ތިން ދުވަސް ފަހުން، އަންނަ މަހު 11 ވަނަ ދުވަހު ހޮންގް ކޮންގްއާ ކުޅޭނެ އެވެ. ސާދަ ވަނަ ދުވަހު، ތައިލެންޑާ ކުޅުމަށް ފަހު، ކޮލިފައިން ފަހު މެޗުގައި ރާއްޖޭން އިރާގާ ބައްދަލުުކުރާނީ އަންނަ މަހުގެ 17 ވަނަ ދުވަހު އެވެ.
ކޮލިފައިންގައި ފަލަސްތީނުން ކުޅޭ މެޗުތައް އޮތީ މެލޭޝިއާގަ އެވެ. އެ ގްރޫޕްގައި ފަލަސްތީނާއި މެލޭޝިއާގެ އިތުރުން ދެން އޮތީ އިންޑިއާ، ސިންގަޕޫރު އަދި ގުއާމް އެވެ.








