ސަރުކާރުން ދަތިކޮށްފައި އޮއްވާ އެމްޑީޕީގެ ކޮންގްރެސް ބާއްވަން ސިޓީ ހޯލް ދިނުމުން އެލްޖީއޭއިން ނުރުހިއްޖެ

Oct 3, 2026, 9:26 PM
ސިޓީ ހޯލުގައި ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން -- ފޮޓޯ: އެމްޑީޕީ

ސިޓީ ހޯލުގައި ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން -- ފޮޓޯ: އެމްޑީޕީ

އިދިކޮޅު އެމްޑީޕީގެ ކޮންގްރެސްގެ ބާއްވަން މާލެ ސަރަހައްދުން ސަރުކާރު އަދި ސަރުކާރާ ގުޅުން ހުރި އެއްވެސް އިދާރާއެއް ދޫކުރަން ދެކޮޅު ހެދުމަށްފަހު، ކޮންގްރެސް ބާއްވަން ސިޓީ ހޯލް ދިނުމުން ލޯކަލް ގަވަމަންޓު އޮތޯރިޓީ އިން ނުރުހިއްޖެ އެވެ.

އެލްޖީއޭ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ކައުންސިލް ބިންތަކުގައި "ސިޔާސީ ޕާޓީއެއް ޕްރޮމޯޓް" ކުރުމަކީ ގާނޫނާ ހިލާފް އަމަލެއް ކަމަށެވެ.

"ކައުންސިލު އިދާރާ އާއި އިދާރާގެ ގޯއްޗާއި ކައުންސިލުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އާންމު ހިދުމަތްތަކަށް ކަނޑައަޅާފައިވާ ބިންތަކުގައި ސިޔާސީ ޕާޓީއެއްގެ ފިކުރު ދިރުވައި ޕްރޮމޯޓް ކުރަން ބޭނުން ކުރުމަކީ [ލާމަރުކަޒީ] ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފަށް ކުރެވޭ ކަމެއްގެ ގޮތުގައި މި އޮތޯރިޓީ އިން ދެކެން،" އެ ބަޔާނުގައި ބުނެފައިވެ އެވެ. 

Advertisement

އެ އޮތޯރިޓީ އިން ވަނީ ސިޔާސީ ޕާޓީއެއް ޕްރޮމޯޓްވާ ގޮތަށް މަސައްކަތް ނުކުރަން ހުރިހާ ކައުންސިލްތަކެއްގެ މައްޗަށް އަމުރުކޮށްފަ އެވެ. އަދި ބުނެފައި ވަނީ އެފަދަ ކަމެއްކޮށްފި އެކަން ވާނީ ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލަކަށް ކަމަށެވެ. 

އެމްޑީޕީގެ ކޮންގްރެސް ބާއްވަން އެކަށީގެންވާ ތަނެއް ސަރުކާރުން ނުދިން އިރު، ވެރިކަން ހިންގާ ޕީއެންސީގެ ކޮންގްރެސް ވަރަށް ކުލަގަދަކޮށް ބާއްވާފައި ވަނީ ސޯޝަލް ސެންޓަރުގަ އެވެ. އޭގެ އިތުރުން މާފަންނު މަދަރުސާ ވެސް އޮތީ ޕީއެންސީގެ ބޭނުމަށް ނަގައިފަ އެވެ. 

މާލޭ ސިޓީ ހޯލް (ތައިސޭ ކޮށި) ގައި ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގައި 986 މަންދޫބުން ބައިވެރިވެ އެވެ. އެއީ އެ ހުރިހާ މެންބަރުން ތިބެން އެކަށީގެންވާ ޖާގައެއް ނޫނެވެ. ކޮންގްރެސްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕާޓީގެ ނައިބު ރައީސް އިބްރާހިމް ވަހީދު ވަނީ އެމައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ. 

"އަދި ކޮންގްރެސްގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި، ހުރިހާ ސިޔާސީ ޕާޓީތަކަށް ހަމަހަމަ ފުރުސަތު ދެއްވާ ވާހަކަ އެ ބޭފުޅާ. އެވަގުތު އަޅުގަނޑު ހިތައް އެެެރި ހުރި ހަޔާތްކުޑަކަން ދެކިބަލާށޭ އަޅުގަނޑުމެންނަށް ކޮންގްރެސް ބާއްވަން ތަނެއް ނުދީ މާލޭގެ ތިން ސްކޫލު ހިސޯރުކޮށްގެން ކޮންގްރެސް ބާއްވައި، ސޯޝަލް ސެންޓަރުގައި ކޮންގްރެސް ބޭއްވީ ތިން ސްކޫލު ހިސޯރުކޮށްގެން،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox