އުންމީދީ ތަރި މާޔާގެ އަމާޒު ހުރީ ރާއްޖޭގެ ވޮލީގެ އެންމެ އުހަށް

އުންމީދީ ތަރި މާޔާގެ އަމާޒު ހުރީ ރާއްޖޭގެ ވޮލީގެ އެންމެ އުހަށް

ދާދި ފަހުން، ރާއްޖޭގައި ނިމިގެންދިޔަ، ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)، 20 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ ޓީމު ކުޅުނު ހުރިހާ މެޗަކުން ސެޓެއް ނުލިބި ބަލިވިޔަސް، ވޮލީގެ މުސްތަގުބަލު އުޖާލާވުމުގެ އުންމީދީ ކުލަަވަރު ފެނުނެވެ. އެއީ، ހުނަރުހުރި ކުޅުންތެރިންތަކެއްގެ ހިތްވަރުންނެވެ. އޭގެ ތެރެއިން އެއް ނަމަކީ، މިދިޔަ އަހަރުތަކުގައި ރާއްޖޭގެ ވޮލީގައި ފިޔަޖަހަމުން އައި، އެއް ކުޅުންތެރިޔާ، މާޔާ ހުސެއިން ސޮލާހު އެވެ.

ތ. މަޑިފުށްޓަށް އުފަން މާޔާ އަކީ ކުރިއަރަމުން އަންނަ ޒުވާން ވޮލީ ކުޅުންތެރިޔެކެވެ. އުމުރުން ކިތަންމެ ހަގުވިޔަސް ކުޅުމަކުން އެކަން މާ ބޮޑަކަށް ނުދައްކަ އެވެ. މިއީ ރާއްޖޭގެ މުސްތަގުބަލާ ގުޅިފައިވާ ކުޅުންތެރިޔެކެވެ. ރާއްޖޭގެ އަންހެން ވޮލީގައި ކުރިމަގުގައި، ތަފާތު ދައްކާނެ އެއް ނަމެވެ.

ކާވާ 20 އަހަރުން ދަށުގެ މުބާރާތުގެ ތެރެއިން މާޔާ: އެ މުބާރާތުގައި ރާއްޖޭގެ ޓީމަށް ބަލާއިރު އެންމެ ރަނގަޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިއަކީ މާޔާ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު

އުމުރުން 17 އަހަރުގައި، ރާއްޖޭގެ އެންމެ މަތީ ފަންތީގައި މާޔާގެ ހުނަރު ފެނި، ވޮލީ ކުޅުން އެއީ އޭގެ ހެއްކެކެވެ. ގައުމީ ލެވަލްގެ މުބާރާތަކުން މާޔާ އެންމެ ފުރަތަމަ ފެނުނީ މިދިޔަ އަހަރު ކުރިއަށްދިޔަ އެސޯސިއޭޝަން ކަޕުގައި ކުލަބް ވެމްކޯ ޖާޒީގަ އެވެ.

ވެމްކޯ އަކީ އަންހެން ވޮލީގައި މިދިޔަ ތިން އަހަރު ރަސްކަން ކުރަމުން އަންނަ ކުލަބެވެ. ބޮޑު ކުލަބެއްގެ ޖާޒީގައި ނުކުމެ, އެ ޕްރެޝަރުތައް "ހެންޑަލް" ކުރަން މާޔާ އަށްވީ އުނދަގޫ ކަމަކަށެވެ. އެކަމަކު، އޭނާގެ ކުޅުމުން އެ ހުރިހާ ކަމަކަށް ޖަވާބު ދިނެވެ. ކޯޗުން ވެސް އެކަންކަން ފާހަގަކުރެ އެވެ.

ވޮލީގެ ފެށުމާ ގުޅުން އޮތީ މަންމަމެންނާ އެކު ވޮލީ ބަލަން ދިއުމާ

މާޔާ އުފަން ރަށް، މަޑިފުއްޓަކީ، ވޮލީ އަށް ޝައުގުވެރިކަން ބޮޑު ރަށެކެވެ. ވޮލީ އަށް ބަލާނަމަ، އަތޮޅުން ވެސް ގުނާލެވޭ ރަށެކެވެ. އަންހެން ކުދިން ވޮލީ އަށް ހިތްޖެހުމުގައި، އެ ރަށުގައި ވޮލީ އަށް އޮންނަ ލޯބި ހާއްސަ ރޯލެއް ކުޅެ އެވެ. އެ ގޮތުން، ވޮލީ ކުޅެން މާޔާގެ ހިތުގައި ޝައުގުވެރިކަން އުފެދުނީ ކުޑައިރު, މަންމަ މެންނާ އެކު, ވޮލީ ކުޅޭތަން ބަލަން ގޮސްގެންނެވެ.

"މާޔާ އެންމެ ކުޑައިރުން ފެށިގެން މަންމަމެން ކުޅޭތަން ބަލަން ދަން. ދެން އެގޮތައް ޝައުގުވެރިކަން އުފެދުނީ ކުޅެން." މާޔާ، އޭނާގެ ވޮލީ ހަޔާތް ފެށުނު ގޮތް ކިޔައިދެމުން، "އަދަދު"ގެ ސުވާލަކަށް ޖަވާބުދެމުން ބުންޏެވެ.

މާޔާ ބުނީ, އެންމެ ފުރަތަމަ ވޮލީ މުބާރާތެއް ކުޅެން ޝައުގުވެރިކަން އުފެދި، ފަރިތަކުރަން ފެށީ އުމުރުން އެންމެ 13 އަހަރުގައި ކަމަށެވެ. އަދި އުމުރުން 14 އަހަރުގައި ފުރަތަމަ ވޮލީ މުބާރާތުގައި ކުޅުނު ކަމަށް މާޔާ ވަނީ ބުނެފަ އެވެ.

"އެންމެ ފުރަތަމަ ވޮލީ މުބާރާތެއްގައި ކުޅެން މާޔާ ޕްރެކްޓިސް ކުރަން ފެށީ 13 އަހަރުގައި. ދެން 14 އަހަރުގައި އެ މުބާރާތުގައި ކުޅުނިން. އެއީ އަތޮޅު މުބާރާތެއް،". މާޔާ ބުންޏެވެ.

ކާވާ 20 އަހަރުން ދަށުގެ މުބާރާތުގެ މެޗެއްގެ ތެރެއިން މާޔާ އުފާފާޅުކުރަނީ.--- ފޮޓޯ: އަތޫފް އާތިފް/ އަދަދު

މާޔާ ދެކޭ ގޮތުގައި، ވޮލީ އަށް ފޯރި އޮންނަ އަތޮޅެއްގެ ގޮތުގައި މަޝްހޫރު ތ. އަތޮޅުގެ އެ މުބާރާތަކީ މާޔާގެ ކެރިޔަރުގައި ބޮޑު "ބޫސްޓެ" ކެވެ. އެ މުބާރާތުން ގިނަ ބަޔަކަށް މާޔާ ފެނި މާޔާގެ ހުނަރަށް ބޮޑު ތައުރީފެއް ލިބުނެވެ.

އޭގެފަހުން، އަތޮޅު ފެންވަރުގައި އަދި ރަށު ފެންވަރުގައި ގިނަ މުބާރާތްތަކެއްގައި މާޔާ ވަނީ ކުޅެފަ އެވެ. އަމިއްލަ ރަށުގައި އެންމެ ޑިމާންޑްބޮޑު އެއް ކުޅުންތެރިޔާ މާޔާގެ ނަން އަތޮޅުގެ އެކި ރަށްރަށުގެ ކޯޓުން ވެސް އިވެން ފެށީ ތައުރީފުގެ ބަސްތަކާ އެކީގަ އެވެ.

ކްލަބް ވެމްކޯއާ ގުޅުން ކެރިއަރުގެ ބޮޑު ނިންމުން

ބޮޑެތި އުންމީދުތަކެއް ހުރުމާ އެކު، ކުޅުމުގެ ކެރިއަރު ވެސް ހަރުފަތެއް މައްޗަށް ޖައްސާލުމުގެ ޝައުގާ އެކު، މާލެ ބަދަލުވުމަށް ފަހު ވެސް ވޮލީއާ މާޔާ އަށް ދުރެއްނުވެވުނެވެ. އެހެންވެ, އުމުރުން އެންމެ 16 އަހަރުގައި 2022 ވަނަ އަހަރު ވެމްކޯ އަށް ގުޅެން އެ ފުރުސަތު އެ ކުލަބުން މާޔާ އަށް ދިނެވެ. ބޮޑު ފުރުސަތެއް ލިބުމުން މާޔާ އަށް ނޫނެކޭ ބުނަން ބޭނުންނުވެ, ވެމްކޯ އިން ދިން ފުރުސަތުގައި އެ ކުލަބާ ގުޅުނީ އެވެ.

އޭގެ ފަހުން ވެމްކޯއާ އެކު ނުކުތް ފުރަތަމަ މުބާރާތުގައި 2023 ވަނަ އަހަރު މާޔާ ފަށަން ޖެހުނީ ބެންޗުންނެވެ. އެކަމަކު، މަދުމަދުން ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފައި މާޔާ އޭނާގެ ހުނަރު ސާބިތު ކޮށްދިނީ އެވެ.

މިއަދު، މާޔާ އަކީ ވެމްކޯގައި އޮތް ވަރުގަދަ ސްކޮޑުގައި ހިމެނޭ މުހިންމު ކުޅުންތެރިޔެކެވެ. މި އަހަރު ކުރިއަށްދިޔަ އެސޯސިއޭޝަން ކަޕުގައި މާޔާ އެކަން ސާބިތުކޮށްދިނީ ބެސްޓް އޮޕޮސިޓް ޕްލޭޔަރުގެ މަގާމާއެކުގަ އެވެ.

އެސޯސިއޭޝަން ކަޕްގެ ދެ ވަނަ އަށް އެންމެ މޮޅު އޮޕޮސިޓް ޕްލޭޔަރުގެ ޓްރޮފީ މާޔާއާ ހަވާލުކުރަނީ.-- ފޮޓޯ: އަތޫފް އާތިފް / އަދަދު

ގައުމީ ޓީމަށް ކުޅެން ލިބުން: ހުވަފެންތަކުގައި ކުލަ ޖެއްސުމަށް ކޮށުނު މަގެއް

މާޔާގެ ކެރިއަރުގައި އެންމެ ކާމިޔާބު އަހަރަކީ 2023 ވަނަ އަހަރެވެ. ކްލަބް ލެވަލްގައި ބޮޑު ތިން މުބާރާތް ކާމިޔާބު ކުރެވުނެވެ. އޭގެ އިތުރުން ރާއްޖޭގެ ސީނިއާ ގައުމީ ޓީމުން ފުރަތަމަ ފަހަރަށް ފުރުސަތު ވެސް ލިބުނެވެ.

"އަސްލު ހިޔެއް ނުކުރަން އެއްވެސް ވަރަކަށް ނެޝަނަލް ސްކޮޑަށް އަރާނެ ކަމަކަށް. އެކަމަކު، ގައުމީ ސްކޮޑުން ޖާގަ ލިބުންކަން އެނގުމުން އެ ދުވަހު ކުޑަކޮށް ރޮވުނު" މާޔާ ބުންޏެވެ.

މާޔާ އަށް ގައުމީ ސްކޮޑުން އެންމެ ފުރަތަމަ ޖާގަ ލިބުނީ މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ފޯ ނޭޝަންސް ކަޕަށް އެކުލަވާލި ސްކޮޑަށެވެ. އޭގެ ފަހުން ސީނިއާ ގައުމީ ޓީމުގައި ވެސް މާޔާ ބަރާބަރަށް ހިމެނެ އެވެ. މިހާރު އަންނަނީ، ގައުމީ ޓީމާ އެކު، މި އަހަރުގެ މުބާރާތްތަކުގައި ކުޅެން ޕްރެކްޓިސް ވެސް ކުރަމުންނެވެ.

ގައުމީ ސްކޮޑުން ޖާގަ ލިބުން އެއީ މާޔާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ކޮށުނު މަގެއް ކަމުގައި އޭނާ ދެކެ އެވެ.

މާޔާގެ އަމާޒަކީ ރާއްޖޭގެ އެންމެ މޮޅު ވޮލީ ކުޅުންތެރިޔާ އަށް ވުމެވެ. އަދި މިހާރުން ފެށިގެން މާޔާ މަސައްކަތް ކުރަމުން އަންނަނީ އެ ހުވަފެން ހަގީގަތަކަށް ހެދުމަށެވެ.

"މާޔާގެ އަސްލު ޓާގެޓަކީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވުން. އިންޝާالله ކޮންމެސް ދުވަހަކުން އެ ހުވަފެން ހަގީގަތަކަށް ވާނެ." -- މާޔާ

މީގެ އިތުރުން ވެސް މާޔާ ގައުމީ ޓީމާއެކު ދެކެން ބޭނުންވާ ހުވަފެނެއް އެބައޮތެވެ. އެއީ ގައުމީ ޖާޒީގައި ރަން މެޑަލް އެއް ކަރުގަ އެޅުމެވެ. އެ ހުވަފެނާ ވަރަށް ގާތައް ރާއްޖޭގައި މިދިޔަ އަހަރު ބޭއްވި މުބާރާތުގައި މާޔާ ދަތުރުކުރި އެވެ. އެކަމަކު، ފައިނަލުން ބަލިވެ ހުވެފެނަށް އިތުރު އިންތިޒާރެއް ކުރަން ޖެހުނީ އެވެ. އެއީ މާޔާގެ ކެރިއަރުގައި މި ހާތަނަށް އެންމެ ހިތްދަތިވި ދުވަހެވެ.

ވޮލީގެ ކުރިމަގު ރަނގަޅު ވާނީ އާންމުންގެ ސަޕޯޓާ އެކު

ރާއްޖޭގެ ވޮލީ ކުރިއެރުމަށް ގިނަ ކަންކަން އިސްލާހުވާން ޖެހޭ ކަމަށް މާޔާ ވެސް ގަބޫލުކުރެ އެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑު ކަމެއްގެ ގޮތުގައި މާޔާ ދެކެނީ އާންމުންގެ ސަޕޯޓު މިހާރަށް ވުރެ އެތައް ގުނައެއް ރަނގަޅުވުމެވެ.

"މި ފަހަރު މި ނިމުނު މުބާރާތުގައި ވެސް އަސްލު ނެތެންނު ސަޕޯޓެއް. ވޮލީ ރަނގަޅު ވާނީ އާންމުން އަޅުގަނޑުމެން އަށް ދޭން ޖެހޭ ސަޕޯޓް (މިހާރަށް ވުރެ އެތައް ގުނައެއް ރަނގަޅަށް) ދީގެން" މާޔާ ފާހަގަ ކުރި އެވެ.

ކާވާ 20 އަހަރުން ދަށުގެ މުބާރާތުގައި މާޔާ ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު

މީގެ އިތުރުން، ވޮލީ އަށް ހާއްސަ އިންޑޯ ކޯޓެއް ނެތުން ވެސް އެއީ، ރާއްޖޭގެ ގިނަ ވޮލީ ކުޅުންތެރިންނެކޭ އެއްގޮތަށް މާޔާގެ ކަންބޮޑުވުމެކެވެ. ރާއްޖޭގައި ވޮލީ ކުޅުންތެރިންނަށް ހާއްސަ އިންޑޯ ކޯޓެއް އޮތުން އެއީ މާޔާ ދެކޭ ގޮތުގައި މި ވަގުތުން މި ވަގުތައް ވެސް ކުރަން ޖެހޭ އެންމެ މުހިންމު އެއް ކަމެވެ.

"މިހާރު އަޅުގަނޑުމެން ޓްރެއިން ކުރަން މި ޖެހެނީ އައުޓް ޑޯ ކޯޓުގައި ގިނަ ފަހަރުތަކުގައި. އަޅުގަނޑު ދެކޭ ގޮތުގައި ވޮލީ އަށް ހާއްސަ އިންޑޯ ކޯޓެއް އޮންނަން ޖެހޭ. އޭރުން އަޅުގަނޑުމެންގެ ކުޅުންތެރިން އިތުރަށް އިމްޕްރޫވް ވާނެ." މާޔާ ބުންޏެވެ.

ރާއްޖޭގައި ޒަމާނުންސުރެ އޮތް ވޮލީގެ ސަޕޯޓް ހީނަރުވަމުން އައިސް، އަރަމުން އަންނަ ކުޅުންތެރިންނަށް އޭގެ ކުޑަމިންވަރެއް ވެސް ނުފެނި، ކުރިއެރުން ހޯދުމަކީ، އެންމެ ފަސޭހަ ކަމެއް ނޫނެވެ.

ކެރިއަރުގައި އެންމެ ސަޕޯޓިވް ބަޔަކީ އާއިލާ؛ ހާއްސަކޮށް މަންމަ!

މާޔާގެ ވޮލީ ޗެޕްޓަރަކަށް ފަހު ޗެޕްޓަރެއް ކުރިއަށް އެ ދަނީ، ތަފާތު އެކި ތަޖުރިބާތަކާ އެކީގަ އެވެ. ޒުވާން ގައުމީ ޓީމާއި ސީނިއާ ގައުމީ ޓީމުގެ އިތުރުން، ކްލަބް ވެމްކޯއާ އެކު އެވެ. ކޮންމެ ސެޓެއް ނޫނީ ކޮންމެ މެޗަކީ ވެސް މާޔާގެ ވޮލީ ކެރިއަރަށް އާ ތަޖުރިބާއެއް ދޭނެ ވަގުތުތަކެކެވެ.

އެކަމަކު، އަދިވެސް މިއީ އޭނާގެ ކެރިއަރުގެ ފުރަތަމަ ދުވަސްތަކެވެ. ކެރިއަރުގެ ކުރީކޮޅުގައި ވެސް ތަފާތު ދުވަސްތައް ގުނަމުން އަންނައިރު, އޭނާ އެންމެ ކުޑައިރުން ފެށިގެން ވޮލީ ކުޅުނު ހަނދާންތަކާ ދުރެއް ނުވެވޭނެ އެވެ. އެއީ، ވޮލީ ކުޅެން އަބަދުވެސް އެންމެ ބޮޑު އެއްބާރުލުމެއް ދެމުން އަންނަ ފަރާތަކީ މާޔާގެ މަންމަ ކަމަށް ވުމެވެ.

މާޔާގެ ކެރިއަރުގައި މިހާތަނަށް ހޯދި ކޮންމެ ކާމިޔާބީ އަކާއި ކުރިއަށް އޮތްތަނުގައި ލިބުމުގެ ފުރުސަތު ބޮޑު ކާމިޔާބީތަކުގައި ވެސް އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ އޭނާގެ މަންމަ ކަމަށް މާޔާ ގަބޫލުކުރެ އެވެ.

މަންމަގެ އިތުރުން މާޔާގެ އާއިލާ އާއި ރަހުމަތްތެރިން ދެމުން އަންނަ ސަޕޯޓް އަދި އޭނާގެ ކުލަބުން ދެމުން ގެންދާ، ފުރިހަމަ އެހީތެރިކަމަށް މާޔާ ހިތުގެ ފުންމިނުން ޝުކުރުވެރިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox