ލިވަޕޫލް (ނޮވެމްބަރު 1) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން އާސެނަލުން ލިވަޕޫލް ދަނޑުގައި 1-0 އިން މޮޅުވެ، ލީގުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
މިއީ، މިދިޔަ 14 އަހަރު ތެރޭ އާސެނަލުން ލިވަޕޫލް ދަނޑުގައި މޮޅުވި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން، އާސެނަލުން ލިވަޕޫލް ދަނޑުގައި މޮޅުވީ 2012 ވަނަ އަހަރު އެވެ.
ލީގުގައި މި ހަފްތާގައި މެންޗެސްޓާ ސިޓީ ކުޅުނު މެޗުން ބްރައިޓަން އަތުން ބަލިވުމުގެ ފައިދާ އާސެނަލުން ވަނީ ރަނގަޅަށް ނަގައިފަ އެވެ. އާސެނަލަށް ނުވަ މެޗުން 24 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ އަށް ވަނީ ނުވަ މެޗުން 21 ޕޮއިންޓް ލިބިފަ އެވެ.
އެންފީލްޑް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި އާސެނަލުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ، 16 ވަނަ މިނިޓްގައި ކައި ހަވާޓްޒް އެވެ. މިއީ، ލިވަޕޫލުން ހެދި ގޯހެއްގެ ފައިދާނަގައި، ޑެކްލަން ރައިސް ދިން ބޯޅައަކުން ހަވާޓްޒް ޖެހި ގޯލެކެވެ. މިއީ، ޗެލްސީ އަށް ކުރިން ކުޅުނު ހަވާޓްޒް ޕްރިމިއާ ލީގުގައި ޖެހި 46 ވަނަ ގޯލެވެ. އޭނާ އަކީ ޕްރިމިއާ ލީގުގައި އެންމެ ގިނަ ގޯލު ޖެހި ޖަަރުމަނުގެ ކުޅުންތެރިޔާ އެވެ.
ނަތީޖާ ހަމަހަަމަކުރަން ލިވަޕޫލްގެ ފްލޯރިއަން ވާޓްޒް، ހިލޭޖެހުމަކުން ފޮނުވާލި ބޯޅައެއް ހުރަސްދަނޑިއަށް އަމާޒުވިއިރު، މުޅިން ހުސްކޮށް އޭރިއާތެރެއަށް އަރައި، އަލެކްސިސް މެކް އަލިސްޓާ ބޮލުން ޖެހި ބޯޅައެއް ދިޔައީ ހުރަސްދަނޑިމަތިންނެވެ. އަދި، އަލެކްސަންޑަ އިސާކަށް ލިބުނު ފުރުސަތުގައި ރަނގަޅަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ.
އާސެނަލްގެ ފަރާތުން ރަނގަޅު ޑިފެންސިވް ގޭމެއް ފެނިގެންދިޔަ މި މެޗުގެ ދެ ވަނަ ހާފުގައި ވެސް ލިވަޕޫލަށް އާސެނަލްގެ ކީޕަރު، ޑޭވިޑް ރާޔާ ޓެސްޓް ކޮށްލެވޭ ވަރުގެ ރަނގަޅު ހަމަލާތަކެއް ފޮނުވާލެވިފައިނުވެ އެވެ. އަނެއްކޮޅުން އާސެނަލަށް ދެ ވަނަ ލަނޑެއް ޖަހައިދޭން، ގްރީސްގެ ކްރިސްޓޯސް ޒޯލިސް ފޮނުވާލި ރަނގަޅު ޝޮޓެއް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފަ އެވެ.
ލީގުގައި ދެ ވަނަ ފަހަރަށް މެޗަކުން މި ސީޒަނުގައި ބަލިވި ލިވަޕޫލް އޮތީ ނުވަ މެޗުން ލިބުނު 15 ޕޮއިންޓާ އެކު، ލީގުގެ ފަސް ވަނައިގަ އެވެ. މި ސީޒަނުގައި ދެން، ލިވަޕޫލް ބަލިވީ އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީ އަތުންނެވެ.












