ބޮމާ ގުޅުވައި ރައީސަށް ކުރާ ތުހުމަތުތަކުގެ މައްސަލަ ހުށަހަޅަނީ

ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު ނޫސްވެރިންގެ ބައްދަލުވުމެއްގައި. ރައީސަށް ކުރަނީ ދޮގު ތުހުމަތުތަކެއް ކަމަށް ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު ނޫސްވެރިންގެ ބައްދަލުވުމެއްގައި. ރައީސަށް ކުރަނީ ދޮގު ތުހުމަތުތަކެއް ކަމަށް ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންނެވި ކަމަށް ވިދާޅުވެ މަޖިލީހުގެ ޖަލްސާއެއްގައި ބައެއް މެމްބަރުން ކުރެއްވި ތުހުމަތުތައް ދޮގުކޮށް އެފަދަ ތުހުމަތެއް މަޖިލީހުގެ ތަޅުމުން ބޭރުގައި ކޮށްފިނަމަ ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަހަޅާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

މެއި 6, 2021 ގެ ރޭގަނޑުގެ ވަގުތެއްގައި ދިން ބޮމުގެ ހަމަލާއާ ސަރުކާރާ ގުޅުން އޮތް ކަމަށާއި ސަރުކާރުގެ އިހުމާލު އޮތް ކަމަށް މީގެކުރިން ވެސް ނަޝީދަށް ތާއިދުކުރައްވާ ބޭފުޅުން ވަނީ ތުހުމަތު ކުރައްވާފަ އެވެ. ނަމަވެސް, ސީދާ ރައީސްގެ އިސްތަށިފުޅުގައި އެ ތުހުމަތު އެޅުވީ އިއްޔެގެ މަޖިލިސް ޖަލްސާގައި ވާހަކަ ދެއްކެވި ބައެއް މެމްބަރުންނެވެ.

އެގޮތުން, ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލީ ސަރުކާރުން ކަމަށާއި އެކަމުގެ އަޑީގައި ހުންނެވީ ރައީސް ކަމަށް އަލަށް އުފައްދާ އިދިކޮޅު ޕާޓީ ދަ ޑިމޮކްރެޓްސްގެ އިސް މެމްބަރަކު ކަމަށްވާ މާފަންނު މެދު ދާއިރާ ތަމްސީލު ކުރައްވާ އިބްރާހިމް ރަޝީދު (ބޮންޑެ) ވަނީ ތުހުމަތު ކުރައްވާފަ އެވެ.

ސަރުކާރުގެ ބައިވެރިވުން އޮތް ކަމާއި އެއީ ސަރުކާރަށް އެނގިގެން ގޮއްވާލި ބޮމެއް ކަމަށް ދޭހަވާ މޭރުމަކުން ވެސް އިއްޔެގެ ޖަލްސާގައި ޑިމޮކްރެޓްސްގެ ބައެއް ބޭފުޅުން ވާހަކަ ދެއްކެވި އެވެ. ނަމަވެސް, މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ އެއީ "ކަނޑައެޅިގެން ދޮގު" ތުހުމަތުތަކެއް ކަމަށް ވިދާޅުވެފަ އެވެ.

"އެއީ އެ ހަމަލާގެ ސީރިއަސްކަން ގެއްލުވާލައި ބަޔަކަށް ގެއްލިފައިވާ ސިޔާސީ ތާއީދު އަނބުރާ ހޯދުމުގެ ގޮތުން, ތާއީދު ހޯދިދާނެ ކަމަށް ދެކެވަޑައިގެން ބައެއް ބޭފުޅުން ދައްކަވާ ވާހަކަ. އެކަމުގައި ހަގީގަތެއް އޮތް ކަމަށްވާނަމަ މި ދެ ތިން ދުވަހު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އެކަނި ކީއްވެގެންތޯ އެ ވާހަކަ ދައްކަވަންވީ," މިއުވާން ވިދާޅުވި އެވެ.

މީގެކުރިން ވެސް އެހެން ޕްލެޓްފޯމްތަކުގައި ވެސް އެފަދަ ވާހަކަތައް ދެއްކުމުގެ ފުރުސަތު ލިބުނު ކަމަށާއި މިހާރު އެފަދަ ސާބިތު ނުހިފޭ ތުހުމަތުތައް ކުރަމުންދަނީ މަޖިލީހުގެ މެމްބަރުންނަށް ލިބޭ އިމްތިޔާޒްތަކުގެ ނިވަލުގައި ކަމަށް މިއުވާން ވިދާޅުވި އެވެ.

"ދައްކާ ވާހަކަތައް ސާބިތު ކޮށްދޭން ޖެހޭ ޕްލެޓްފޯމެއްގައި އެ ބޭފުޅުން އެ ވާހަކަ ނުދައްކަވަނީ ކީއްވެގެންތޯ ސުވާލު އުފެދޭ. މަޖިލީހުގެ ބޭރުގައި, އިމްތިޔާޒް ލިބިވަޑައިގަންނަވާ ތަނަކުން ބޭރުގައި, އަދި ރައްޔިތުންގެ ހިތުގައި ރުޅިވެރިކަމާއި ބައިބައިވުން އުފެއްދުމަށް ދޮގު ވާހަކަތަކެއް އެ ބޭފުޅުން ދައްކަވައިފިނަމަ ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅައިގެން އެ މައްސަލަ ބަލާނަން," މަޖިލީހުން ބޭރުގައި އެފަދަ ތުހުމަތެއް ކޮށްފިނަމަ މައްސަލަ ހުށަހަޅާނެ ކަމުގެ އިންޒާރު ދެއްވަމުން މިއުވާން ވިދާޅުވި އެވެ.

ބޮމުގެ ހަމަލާއާ ގުޅުވައި ރައީސް ސޯލިހާއި ސަރުކާރަށް ތުހުމަތުތައް އަމާޒު ކުރައްވަމުން ގެންދަވަނީ ސިޔާސީ ބޭނުމެއްގައި ކަމަށް އިއްޔެ މަޖިލީހުގެ ޖަލްސާގައި ސަރުކާރަށް ތާއިދު ކުރައްވާ ބޭފުޅުން ވެސް ވިދާޅުވި އެވެ. އަދި, އެކަމާ ގުޅިގެން މަޖިލީހުގެ ތަޅުން ހޫނުވެ ޖަލްސާ ވެސް ހުއްޓާލި އެވެ.

ނަޝީދާއި ރައީސްގެ ކޯޅުމުގެ ތެރެއިން އަނެއްކާ ވެސް ބޮމުގެ ހަމަލާއާ ގުޅޭ ވާހަކަތައް ދެކެވެން ފެށީ "އަދަދު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުالله ވިދާޅުވި ބައެއް ވާހަކަތަކާ ގުޅިގެންނެވެ. އެއަށް ފަހު ދެ ރައީސުންގެ ފަޅިން ވެސް ހޫނު ބަހުގެ ހަމަލާތަކެއް ދަނީ އެކަމާ ގުޅިގެން ބަދަލުކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުން މުއިއްޒުއާ ބައްދަލުކޮށްފި

ރަސްމާލެއިން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، ޖަމިއްޔަތުއް ސަލަފުގެ އިސްވެރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. މި މަޝްރޫއު ދިރާސާކުރަމުންދާ ކަމަށް ކުރިން ބުނި ނަމަވެސް، ގައުމީ މިފަދަ ބޮޑު ކަމެއްގައި އެ ޖަމިއްޔާއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ

މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅު ހަރަކާތަށް އެމްސީސީން އެއްބާރުލުންދެނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ ރަސްމާލެއިން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމާ ދެކޮޅަށް ސިޔާސީ އެކި ފަރާތްތައް ގުޅިގެން ފަށާފައިވާ ގައުމީ ހަރަކާތެކެވެ.

މުސާރަ ބޮޑުކުރާ ނިންމުން އަނބުރާ ގެންދަން ގޮވާލައިފި

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެތީ، އަމިއްލަ މަންފާއަށްވުރެ ރައްޔިތުންނަށް މުހިންމު ކަންކަމަށް އިސްކަންދޭންޖެހެއެވެ.

ުހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ވެމްކޯ މެނޭޖަރު

ހުވަދޫގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ތިނަދޫ ސިޓީގެ ވެމްކޯ މެނޭޖަރު އަލީ ހުޒާމް ސައީދު ހިމެނޭއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހާފައެވެ.

ހުވަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން ބަންދަށް

ހުވަދޫ އަތޮޅުގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކޮށްފައިވާއިރު، ބާކީ ތިބި މީހުން 5 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަކުރު ޓައިޕް" އަށް މޯލްޑިވްސް އެކްސްޕޯގައި ދެ އެވޯޑެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި "އަކުރު ޓައިޕް" އިން އައިސީޓީ ދާއިރާއިން ދެ އެވޯޑެއް ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތެރޭގައި "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ އަދި މުޅި އައިސީޓީ ކެޓަގަރީން ތިންވަނަ ހިމެނެއެވެ. ދިވެހި ފޮންޓުތައް އެއްތަނަކުން ލިބޭ މި ޕްލެޓްފޯމުގެ އުފެއްދުންތައް ނޮވެމްބަރު 4 ގެ ނިޔަލަށް އެކްސްޕޯގެ ޑިޖިޓަލް ޕެވިލިއަންއިން ފެންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox