29 އަހަރަށް ފަހު ޑެންމާކް ސެމީ ފައިނަލަށް

Jul 3, 2021, 5:57 PM
ލަނޑު ޖެހުމަށް ފަހު ޑެންމާކް ކުޅުންތެރިން އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު ޑެންމާކް ކުޅުންތެރިން އުފާފާޅުކުރަނީ.

ބަކޫ، އަޒަރުބައިޖާން (ޖުލައި 3) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ޗެކް ރިޕަބްލިކްގެ މައްޗަށް 2-1 އިން ކުރިހޯދައި ޑެންމާކުން 29 އަހަރަށް ފަހު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ސެމީގައި ޑެންމާކް ކުޅެން ޖެހޭނީ ކުއާޓާ ފައިނަލްގެ ފަހު މެޗުގައި ޔޫކްރެއިނާއި އިންގްލެންޑް ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

ޑެންމާކް އެންމެ ފަހުން ޔޫރޯއެއްގެ ސެމީ ފައިނަލްގައި ކުޅުނީ 1992 ވަނަ އަހަރު އެވެ. އެ ފަހަރު އެ ޓީމުން ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އޭގެ ފަހުން ޑެންމާކް ވަނީ 1996 އާއި 2000 ވަނަ އަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ. އެކަމަކު 2004 ވަނަ އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުގައި ކުޅުނެވެ.

ސްވިޒަލެންޑާއި އޮސްޓްރިއާގައި 2008 ވަނަ އަހަރު ބޭއްވި ޔޫރޯ އަށް ޑެންމާކް ކޮލިފައިނުވެ އެވެ. އޭގެ ފަހުން 2012 ވަނަ އަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖުން ކެޓީ އެވެ. އަދި މީގެ ފަސް އަހަރު ކުރިން ފްރާންސްގައި ބޭއްވި ޔޫރޯ އަށް ވެސް ޑެންމާކް ކޮލިފައިނުވެ އެވެ.

ބަކޫ އޮލިމްޕިކް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން ފަސް ވަނަ މިނިޓްގައި ޑެންމާކުން ވަނީ ލީޑުނަގައިފަ އެވެ. ކޯނަރަކުން ސްޓްރޮއިގާ ލާސަން ނެގި ބޯޅަ އޭރިއާތެރޭގައި ހުސްކޮށް ހުރި ތޯމަސް ޑެލެއީނީ ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ ފަހުން ވެސް ސްޓްރޮއިގާ ލާސަން ނަގައިިދިން ބޯޅައަކުން ޑެލައިނީ މި ފަހަރު ފައިން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

މަޑުމަޑުން މެޗުގެ ތެރެއަށް އައިސް ޗެކް ރިޕަބްލިކުން ވެސް ވަނީ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. ޗެކް ރިޕަބްލިކްގެ ޕެޓްރިކް ޝިކް ޖެހި ބޯޅައެއް ޑެންމާކްގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ. އޭގެ ފަހުން ތޯމަސް ހޮލެޝް އޭރިއާތެރެއިން ފޮނުވާލި ބޯޅަ ޑެންމާކްގެ ކީޕަރު ކެޝްޕާ ޝްމައިކަލް ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފު ވަރުގަދަކޮށް ނިންމާލި ޑެންމާކުން ވަނީ މެޗުގެ 43 ވަަނަ މިނިޓްގައި ލީޑުފުޅާކޮށްފަ އެވެ. ޔަކީމް މޭލާ ނަގައިިދިން ތަފާތު މޮޅު ބޯޅައަކުން އޭރިއާތެރެއިން މި ގޯލު ޖެހީ ކެޝްޕާ ޑޯލްބާގް އެވެ. މިއީ މި ފަހަރުގެ މުބާރާތުގައި އޭނާ ޖެހި ތިން ވަނަ ގޯލެވެ. މި ގޯލު ޖެހުމުގެ ކުރިން ކައުންޓަ އެޓޭކުގައި ޑެންމާކުގެ މިކޭލް ޑަމްސްގާޑް ޖެހި ބޯޅައެއް ޗެކް ރިޕަބްލިކްގެ ކީޕަރު ތޯމަސް ވަސްލިޗް ވަނީ މަތަކޮށްފަ އެވެ. އެކަމަކު ޑޯލްބާގް ގޯލަށް ޖެހި ބޯޅަ ވަސްލިޗަށް ހުއްޓުވޭނެ އެއްވެސް ގޮތެއް ނެތެވެ.

ލަނޑު ޖެހުމަށް ފަހު ޗެކް ރިޕަބްލިކް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޗެކް ރިޕަބްލިކުން ދެ ވަނަ ހާފަށް ނުކުތީ ދެ ބަދަލަކާ އެކު އެވެ. އެ ގޮތުން މިކޭލް ކްރެމެންޗިޗް އާއި ޔަކޫބް ޔަންޓޯ ވަނީ ކުޅެން އަރުވައިފަ އެވެ.

ބަދަލުތަކާ އެކު ކުޅުން ރަނގަޅުކޮށް ޗެކް ރިޕަބްލިކުން ވަނީ ދެ ވަނަ ހާފް ކުޅުން ފެށިގެން ހަތަރު މިނިޓް ތެރޭ ގޯލެއް ޖަހައިފަ އެވެ. ވްލަޑިމީރް ސޯފާލް ނަަގައިދިން ހުރަހަކުން މި ގޯލު ޖެހީ ޝިކް އެވެ. މި ގޯލާ އެކު ޝިކް ވަނީ މި ފަަހަރުގެ ޔޫރޯގެ ލަނޑު ލިސްޓުގެ ކުރީގައި އޮތް ކްރިސްޓިއާނޯ ރޮނާލްޑޯއާ އެއްވަރުކޮށްފަ އެވެ. ދެ ކުޅުންތެރިން ވެސް ވަނީ ފަސް ގޯލު ޖަހައިފަ އެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑެންމާކްގެ ފޯވާޑް ޔޫސެފް ޕޯލްސަންއާ އެކު އެ ޓީމުގެ އެޓޭކަށް މި ހާފުގައި ދިރުން ލިބުނެވެ. އޭނާ އަށް ލިބޭ ބޯޅަތަކުގައި ޗެކް ރިޕަބްލިކްގެ ފަހަތަށް ބާރުބޮޑުވިއިރު، ޕޯލްސަން ޖެހި ދެ ބޯޅައެއް ޗެކް ރިޕަބްލިކް ކީޕަރު ވަސްލިޗް ވަނީ މަތަކޮށްފަ އެވެ. އަދި ފަހުން މޭލާ ޖެހި ބޯޅައެއް ވެސް ވަސްލިޗް ވަނީ ހުއްޓުވައިފަ އެވެ.

އިތުރު ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކުރަން ޗެކް ރިޕަބްލިކުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބުވާގޮތެއްނުވި އެވެ. މިއީ ޗެކް ރިޕަބްލިކް އަތުން ޑެންމާކަށް ޔޫރޯގައި ލިބުނު ފުރަތަމަ މޮޅެވެ. މީގެ ކުރިން ދެ ފަަހަރު ވެސް މޮޅުވީ ޗެކް ރިޕަބްލިކް އެވެ.

ޑެންމާކުން މި ފަހަރުގެ ޔޫރޯ ދެ ވަނަ ބުރުން ފުރުސަތު ހޯދީ ފުރަތަމަ ދެ މެޗުން ބަލިވި ނަމަވެސް ފަހު މެޗުން ރަޝިއާ ބަލިކުރުމަށް ފަހު އެވެ. ޑެންމާކަކީ ޔޫރޯ ތާރީހުގައި ފުރަތަމަ ދެ މެޗުން ބަލިވުމަށް ފަހު ނޮކައުޓް ބުރުން ފުރުސަތު ހޯދި ފުރަތަމަ ޓީމެވެ. ޑެންމާކަށް މި ފަހަރުގެ ޔޫރޯގައި ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ފުރަތަމަ މެޗުގައި ދަނޑު މައްޗަށް ހިތް ހުއްޓިގެން ވެއްޓުނު ކްރިސްޓިއަން އެރިކްސަން އަށް ދިމާވި ހާދިސާ އެވެ. އެކަމުން އަރަައިގަނެ ޑެންމާކް ކުޅެމުން އަންނަނީ ތަފާތު ރޫހެއްގަ އެވެ.

މި ފަހަރުގެ ޔޫރޯގައި މިހާތަނަށް ޑެންމާކުން ވަނީ 11 ގޯލު ޖަަހައިފަ އެވެ. މިއީ ބޮޑު މުބާރާތެއްގައި އެ ޓީމުގެ އެންމެ ރަނގަޅު ލަނޑު ޖެހުމުގެ ރެކޯޑެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox