އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް ތައްޔާރުވާން ކުރިއަށްދާ ކޭމްޕެއްގެ ތެރެއިން، ފަލަސްތީނުން ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި 3-0 އިން މޮޅުވެއްޖެ އެވެ.
މީގެ ތިން ދުވަސް ކުރިން ކުޅުނު ފުރަތަމަ މެޗުގައި ފަލަސްތީނުން ވަނީ 6-0 އިން ރާއްޖެ ބަލިކޮށްފަ އެވެ. މިއީ، ފަލަސްތީނުން އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކުރިން ރާއްޖޭގައި ކޭމްޕްކުރާ ދެ ވަނަ ފަހަރެވެ. މިދިޔަ އަހަރު ވެސް ފަލަސްތީނުން ރާއްޖޭގައި ކޭމްޕްކުރިއިރު، ފުރަތަމަ މެޗުން 5-0 އިން މޮޅުވެ، ދެ ވަނަ މެޗުން ކުރިހޯދީ 3-0 އިންނެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުުޅުނު މެޗުގައި ފަލަސްތީނުން ވަނީ ފުރަތަމަ ހާފުގައި ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. އެ ގޮތުން، މެޗުގެ ހަ ވަނަ މިނިޓްގައި ފަލަސްތީނުން ލީޑުނެގީ އެ ޓީމުގެ ކެޕްޓަން، ޔަޒާން އަނާން ހަލީފާ ޖެހި ގޯލުންނެވެ. އޭނާ މި ލަނޑު ޖެހީ، ފަލަސްތީނުގެ ޒެއިން މުހައްމަދު ޖެހި ބޯޅަ ރާއްޖޭގެ ކީޕަރު، އަހުމަދު އަޝްހަމް އާތިފް އަތުގައި ޖެހިފައި ނުކުތް ރީބައުންސަކުންނެވެ.
އެއް ގޯލުގެ ލީޑެއްގައި ފުރަތަމަ ހާފުގެ ބޮޑުބައިގައި އޮތް ފަލަސްތީނުން ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ދެ ވަނަ ލަނޑެއް ޖަހައި ލީޑުފުޅާކުރި އެވެ. މިއީ، ފަލަސްތީނުގެ އަބްދުލް ރަހްމާން ވަލީދު ސަލާހު ނެގި ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ވަން ގޯލެކެވެ.
މި މެޗުގައި ރާއްޖޭގެ ކީޕަރު އަޝްހަމް ވަނީ ފަލަސްތީނުގެ ރަނގަޅު ހަމަލާތަކެއް ހުއްޓުވައިފަ އެވެ. އަދި، ދެ ވަނަ ހާފުގައި ރާއްޖޭގެ ނަހީކް އަހުމަދު ނިޔާޒް ފޮނުވާލި ހަމަލާއެއް ފަލަސްތީނުގެ ކީޕަރު، މުހައްމަަދު އަބްދުލް ކަރީމް ވަނީ މަތަކޮށްފަ އެެވެ،
ފަލަސްތީނުން ތިން ވަނަ ލަނޑު ޖެހީ މެޗުގެ 84 ވަނަ މިނިޓްގަ އެވެ. މިއީ، ކޯނަރަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅައެއް ކީޕަރު އަޝްހަމް އަތުން ޖައްސާލި ވަގުތު އޭރިއާތެރެއިން ހޯދުމަށް ފަހު، ފަލަސްތީނުގެ ކަރީމް ޔޫސުފް އަލް-ކަތީބް ޖެހި ގޯލެކެވެ. އޭގެ ފަހުން، ފަލަސްތީނުން އިތުރު ލަނޑެއް ޖެހޭތޯ ކުރިއަށް ޖެހިގެން ކުރި މަސައްކަތް ރާއްޖޭގެ ޑިފެންޑަރުން ވަނީ ހުއްޓުވައިފަ އެވެ.
ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމު، އޭއެފްސީ ކޮލިފައިން އަށް ތައްޔާރުވަނީ، އިބްރާހިމް ސައީދު (ކަކާ)ގެ ކޯޗުކަމުގަ އެެވެ. އަންނަ ބުރާސްފަތި ދުވަހު ތައިލެންޑަށް އޭއެފްސީ ކޮލިފައިންގައި ވާދަކުރަން ރާއްޖޭން ފުރާނެ އެވެ.
އޭއެފްސީ ކޮލިފައިންގައި ރާއްޖޭން ފުރަތަމަ ކުޅެން އޮތީ މި މަހު އަށް ވަނަ ދުވަހު ޗައިނީސް ޓައިޕޭއާ އެވެ. އޭގެ ތިން ދުވަސް ފަހުން، މި މަހު 11 ވަނަ ދުވަހު ހޮންގް ކޮންގްއާ ކުޅޭނެ އެވެ. ސާދަ ވަނަ ދުވަހު، ތައިލެންޑާ ކުޅުމަށް ފަހު، ކޮލިފައިން ފަހު މެޗުގައި ރާއްޖޭން އިރާގާ ބައްދަލުުކުރާނީ މި މަހުގެ 17 ވަނަ ދުވަހު އެވެ.
ކޮލިފައިންގައި ފަލަސްތީނުން ކުޅޭ މެޗުތައް އޮތީ މެލޭޝިއާގަ އެވެ. އެ ގްރޫޕްގައި ފަލަސްތީނާއި މެލޭޝިއާގެ އިތުރުން ދެން އޮތީ އިންޑިއާ، ސިންގަޕޫރު އަދި ގުއާމް އެވެ.











