ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި، ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމަށް ވާދަކުރަން ޖެހޭ ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ އަށް ރަނގަޅު "ފައިޓެއް" ދެވޭނެ ކަމަށް ގައުމީ ފުޓްސަލް ޓީމުގެ އެސިސްޓަންޓް ކޯޗު، މުހައްމަދު ފުހެއިދު (ޓޯޑް) ބުނެފި އެވެ.
ޗައިނާ އިން ދިން ދައުވަތެއްގައި ރާއްޖޭން ވާދަކުރާ މި މުބާރާތަށް ގައުމީ ފުޓްސަލް ޓީމު މިއަދު ފުރާނެ އެވެ. އިއްޔެ މާލޭގައި ބޭއްވި އެންމެ ފަހުގެ ޓްރެއިނިން ސެޝަން އަށް ފަހު، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ޓޯޑް ބުނީ، މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބުނު ހިސާބުން، އޭނާ އާއި އެސިސްޓަންޓް ކޯޗު، އަހުމަދު ނިޔާޒް (ނިޔާ) ޓްރެއިނިން ކަންކަން ކުރިއަށްގެންދިޔައީ، ގައުމީ ފުޓްސަލް ޓީމުގެ ކޯޗު، ފާރޫކް ޒަަކީރޯވްގެ ޕްލޭނާ އެއްގޮތަށް ކަމަށެވެ.
"ދެ މީހުންނަަށް ހަވާލުކޮށްފައި އޮތީ. ދެން، އޭނަގެ (ގައުމީ ކޯޗު ޒަކީރޯވް) ޕްލޭންގެ ދަށުން ޓްރެއިނިންތައް މި ދަނީ، ދެން މިއަދު (އިއްޔެ) ފަހު ދުވަސް، މުޅި ސެޝަން ހުރިހާ ސެޝަނެއް އޭނަ ބޭނުންވާ ގޮތަށް އަހަރެމެން މި ކަންކަން ކުރީ،" ޓޯޑް ބުންޏެވެ.
މިއީ، މި އަހަރުގެ ޖެނުއަރީ މަހު ތައިލެންޑްގައި ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ހޯދި ފަހުން ގައުމީ ޓީމުން ކުޅޭނެ ފުރަތަމަ މުބާރާތެވެ.
ރާއްޖޭން ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދީ ސަރަހައްދުގެ ހަ ގައުމު ވެސް ބަލިކޮށްފަ އެވެ. ޓޯޑް ބުނީ، ޗައިނާ މުބާރާތުގައި ކުޅެން ޖެހޭ ޓީމުތައް ސާފްގައި ކުޅުނު ޓީމުތަކަށް ވުރެން ވަރުގަދަވާނެ ކަމަށެވެ.
"ދެން، ސައުތު ކޮރެއާ، ޗައިނާ، ދެން ހޮންގް ކޮންގް މި އޮތީ، ދެން، ޗައިނާއާ އަހަރެމެން އިންޓަނޭޝަނަލް ތިން މެޗެއް ވަރު، ޓްރެއިނިން ކޭމްޕްތެރޭގައި، ސާފް ތެރޭގައި ލިބުނު ހަމަ، ދެން، ފައިޓް ކޮށްލެވޭ ވަރުގެ ޓީމުތައް އެއީ، އަހަރެމެން އެންމެން ވެސް ގަބޫލުކުރަނީ އެ ގޮތަށް، ޕްލޭޔަރުން ވެސް، މެނޭޖްމަންޓް ވެސް، ރަނގަޅަށް ފައިޓްކޮށްލައިގެން ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ޓީމުތަކެއް ކަމަށް މި ބަލަނީ،" އޭއެފްސީ ފުޓްސަލް ލެވަލް ވަން ކޯޗިން ލައިސަންސާއި އޭއެފްސީ ފުޓްބޯޅައިގެ ސީ ލައިސަންސް ހާސިލްކޮށްފައިވާ ޓޯޑް ބުންޏެވެ.
ގައުމީ ފުޓްސަލް ޓީމުން ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން މާލޭގައި ޕްރެކްޓިސް ކުރިއިރު ވެސް އިންޑޯ އެއް ނުލިބެ އެވެ. އެކަމަކު، ތައިލެންޑަށް މުބާރާތަށް ދިއުމުގެ ކުރިން، 10 ވަރަކަށް ދުވަސް ޗައިނާގައި އިންޑޯއެއްގައި ޓްރެއިނިން ކުރިއަށްގެންދަން ފުރުސަތު ލިބި އޭގެ ތަފާތު ދެއްކި އެވެ. މި ފަހަރު، ޗައިނާ މުބާރާތަށް މާލޭގައި އިންޑޯއެއްގައި ޓްރެއިނިން ކުރިއަށްގެންދަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. މިހާރު އޮތްގޮތުން، މުބާރާތުގެ ކުރިން ގައުމީ ޓީމަށް އިންޑޯއެއްގައި ޓްރެއިނިން ކުރިއަށްގެންދަން ލިބޭނީ ޗައިނާ އަށް ދިއުމަށް ފަހު އެވެ. އެންމެ ގިނަ ވެގެން ލިބޭނީ ދެ ޓްރެއިނިން ސެޝަން އެވެ.
"އިންޑޯ ނެތުން އެއީ ކޮންމެ ގޮތެއް ވިޔަސް އުނދަގޫ ކަމެއް. އެކަމަކު، އެކަމުގައި ހިފައިގެން، އެކަމަކުން އަނެއްހެން، ކޮންމެ ކަމެއް ވެސް ޕޮޒިޓިވްކޮށް ވިސްނާލައިގެން، ދެން، މިހާރު އިންޑޯގައި ގިނައިން ކުޅެފައި ތިބި ކުޅުންތެރިންތަކެއް މި އުޅެނީ، އެހެންވީމަ، އެ އެއްޗަކީ އެއްވެސް އުޒުރަކަށް ނުދައްކައި، ނަތީޖާތަކެއް ނެރެލެވޭތޯ ނުކުންނަން މި އުޅެނީ،" ހުރި ގޮންޖެހުންތަކަށް ނުވިސްނައި، މަސައްކަތްކުރަން ޓީމުން އަޒުމުކަނޑައަޅާފައިވާ ކަމަށް އިޝާރާތްކޮށް ޓޯޑް ބުންޏެވެ.
ޗައިނާ އިންޓަނޭޝަނަލް މުބާާރާތުގައި، ރާއްޖޭން ފުރަތަމަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ކުޅޭނީ ދެކުނު ކޮރެއާއާ އެވެ. ދެ ވަނަ މެޗުގައި މި މަހު ހަތް ވަނަ ދުވަހު ހޮންގް ކޮންގްއާ އެވެ. އަދި، ފަހު މެޗުގައި މި މަހު ނުވަ ވަނަ ދުވަހު ޗައިނާއާ ބައްދަލުކުރާނެ އެވެ.












