Advertisement

މި މަޝްރޫއު ކޮބާ؟: ސޮއިކުރިތާ ދެ އަހަރު ވަނީ، ނަތީޖާއެއް ނެތް!

އޭދަފުށީގައި ހައުސިން ޔުނިޓު އެޅުމަށް ޗައިނާގެ ކުންފުންޏަކާއެކު ދެ ފަހަރު ސޮއި ކުރި.


މި މަޝްރޫއު ކޮބާ؟: ސޮއިކުރިތާ ދެ އަހަރު ވަނީ، ނަތީޖާއެއް ނެތް!

ބޯހިޔާވަހިކަމުގެ ތާށިކަމުގައި މުޅި ރާއްޖެ އޮތްއިރު، ބ. އޭދަފުށީގެ ރައްޔިތުންނަށް ލިބުނީ އާދައިގެ އުއްމީދެއް ނޫނެވެ. ރަށުގެ މަލަމަތި ބަދަލުކޮށްލާނެ ފަދަ ޒަމާނީ ޓަވަރުތަކާއި، އެތައް ސަތޭކަ ފުލެޓެއްގެ ވައުދަކީ އެ ރަށުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އުފުލައިދޭނެ ކަމަށް ބެލެވުނު ބިޔަ މަޝްރޫއެކެވެ.

އެ މަޝްރޫއުއާއެކު ރާއްޖޭގައި އެންމެ ގިނައިން ހައުސިން ޔުނިޓު އަޅާނެ އެއް ރަށަކަށް ވެސް އޭދަފުށު ހެދުމަށް ރިޔާސީ އިންތިހާބުގެ ފޯރިގަދަ ކެމްޕޭނުގެ ތެރޭގައި އޭރު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަތެވެ.

ނަމަވެސް، އެމަނިކުފާނުގެ ވެރިކަމަށް ދެ އަަހަރު ފުރިގެން ގޮސް، އަދި ވައުދުވި މަޝްރޫއުގައި ސޮއިކުރިތާ ދެ އަހަރު ވުމަށް ގާތްވެފައި ވާއިރު ވެސް އޭދަފުށީގެ ރައްޔިތުންނަށް ފެންނަން އޮތީ ހަމައެކަނި ސޮއިކުރި އެމްއޯޔޫތަކާއި ރަސްމިއްޔާތުތަކުގެ ފޮޓޯތަކެވެ.

މި މަޝްރޫއުގެ ތާރީހަށް ބަލާއިރު މޭ 2024 ގައި ޗައިނާގެ ސިނޯހައިޑްރޯ ކުންފުންޏާއެކު ފުރަތަމަ އެމްއޯޔޫއެއްގައި ސޮއިކުރިއެވެ. އޭގެ ފަހުން ހަ މަސް ފާއިތުވެ، ނޮވެމްބަރު 2024 ގައި އަނެއްކާވެސް އެ މަޝްރޫއުގެ އެގްރީމަންޓުގައި ސޮއިކޮށްފިއެވެ. ސުވާލަކީ، ހަމަ އެއް މަޝްރޫއެއްގައި ތަކުރާރުކޮށް ސޮއިކުރަމުންދާއިރު، ބިމުގެ ފެންވަރު ބެލުމުގެ މަސައްކަތެއް ނުވަތަ އަމަލީ ގޮތުން "އެންމެ ގާބުރިއެއް" ވެސް ބޭއްވޭވަރު ނުވަނީ ކީއްވެގެންތޯއެވެ؟

މި މަޝްރޫއުގެ ދަށުން 15 ބުރީގެ 12 ޓަވަރު އިމާރާތް ކުރަން ނިންމާފައިވެ އެވެ. އޭގެތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ 336 ފުލެޓާއި ދެ ކޮޓަރީގެ 672 ފުލެޓެވެ. ނަމަވެސް އެ މަޝްރޫއުގައި ސޮއިކުރި އިރު ވެސް ފައިސާ ހަމަޖައްސާފައެއް ނެތެވެ.

"މިއީ ކުރަން އުޅޭ ކަންކަމެއް ނޫން. ސަރުކާރުން ބޭނުން ވަނީ ހުވަފެން ދައްކައިގެން ވޯޓު ހޯދަން،" އޭދަފުށީ ޕީއެންސީގެ މެންބަރަކު، އޭނާގެ މަގާމުގެ ހައިސިއްޔަތުން ނަން ނުޖެހުމަށް ޝަރުތުކޮށް ބުންޏެވެ.

ނޮވެމްބަރު 2024 ގައި ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބު ވިދާޅުވަނީ މި މަޝްރޫއަށް ބޭނުންވާ ފައިސާ 2025 ގައި ހަމަޖެހޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. ނަމަވެސް އެއަށް ފަހު ގާތްގަނޑަކަށް ދޮޅު އަހަރު ވެގެން ދިޔައިރު ފައިސާ ހަމަނުޖެހި އަދި މަޝްރޫއު ނުފެށި އޮތުމަކީ ސަރުކާރުގެ ބިޔަ މަޝްރޫއުތައް ރޭވުމުގައި ހުރި ނާގާބިލުކަން ހާމަވާ ކަމެކެވެ. އަދި މިއީ ފައިސާ ނެތި، ހަމައެކަނި ކަރުދާހުގައި ސޮއިކޮށްގެން ރައްޔިތުންނަށް ދައްކާ ހުވަފެންތަކެއްކަން އެނގެ އެވެ.

މި މަޝްރޫއުގެ މަސައްކަތް މިދިޔަ އަހަރު ފަށާނެ ކަމަށް މިދިޔަ އަހަރުގެ އޯގަސްޓު މަހު ރައީސް މުހައްމަދު މުއިއްޒު އޭދަފުށްޓަށް ވަޑައިގެން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސޮއިކޮށްފައި ވާނެ މި ރަށުގައި 1000 ހައުސިން ޔުނިޓުގެ މަޝްރޫއުއެއް، އެކަމަށްޓަކައި ހަމަ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން ގޮސްފައިވޭ، އަޅުގަނޑު އިރާދަކުރެއްވިއްޔާ ތިޔަ ބޭފުޅުންނަށް މިރޭ ދޭން ބޭނުންވާ އެންމެ މުހިންމު މެސެޖަކީ އަދި ޔަގީންކަމަކީ މި މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރު ތެރޭގައި ފަށައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ސޮއިކުރި ގޮތަށް މި ދައުރު ތެރޭގައި ތިޔަ ބޭފުޅުންނަށް އަޅުގަނޑުމެން ފޯރުކޮށްދޭނަމޭ ނިންމާފައި،" މުއިއްޒު އޮގަސްޓު 2025 ގައި ވިދާޅުވި އެވެ.

"އެހެންވީމާ 1000 ހައުސިން ޔުނިޓުގެ މަޝްރޫއު އަޅުގަނޑުމެން މި އަހަރު ތެރޭގައި ފަށާނަން، ފަށާއިރުގައި އަޅުގަނޑުމެން އެކި ބައިބަޔަށް، ބެޗުބެޗަށް ނޫނިއްޔާ ފޭސްތަކަށް ބަހާލަން ވެސް ޖެހިދާނެ، އެހެންނަމަވެސް އެ 1000 ހައުސިން ޔުނިޓުގެ މަޝްރޫއު މި އަހަރު ތެރޭގައި އަޅުގަނޑުމެން ފަށާނަން."

ބައެއް ރަށްރަށުގައި މަޝްރޫއުތައް ނުފެށި ލަސްވަމުމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް ސަރުކާރުން ބަހަނާއަކަށް ހެދީ ބައެއް ރަށްރަށުން ބިން ހަވާލުނުކުރުމުގެ ވާހަކަ އެވެ. ނަމަވެސް އޭދަފުށީގައި ޓަވަރުތައް އަޅަން ލޭންޑު ޔޫސް ޕްލޭންގައި ހިމަނައި ބިން ވެސް ވަނީ ކަނޑައަޅައިފައި ކަމަށް އޭދަފުށީ ކައުންސިލްގެ ރައީސް، މުހައްމަދު ފާތިހު ވިދާޅުވެފައިވެ އެވެ.

މިފަދަ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ވާހަކަ ދައްކަނީ އިންތިހާބުތަކާ ދިމާކޮށެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް 2.7 ބިލިއަން ރުފިޔާގެ މަޝްރޫއު ބަހައިލިއިރު އޭގެތެރޭގައި އޭދަފުށީގައި 75 ހައުސިން ޔުނިޓު އެޅުން ހިމެނެ އެވެ. އެހެންވެ، މުއިއްޒުގެ ޓަވަރުތަކުގެ ހުވަފެން ބިލާހަކަށް ވީ ކަމަށް އެ ރަށުގެ ބައެއް މީހުން ގަބޫލު ކުރެ އެވެ.

"75 ހައުސިން ޔުނިޓުގެ މަސައްކަތުގެ އަމަލީ މަސައްކަތް ވެސް އަދި ނުފަށާ،" އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މިއަދު އޭދަފުށީ ބިމުން ޓަވަރުތަކުގެ ބަދަލުގައި، ފެންނަނީ ވައުދުތަކުގެ ހިޔަންޏެވެ.