ރައީސް މުހައްމަދު މުއިއްޒު
ސިޔާސީ މައިދާނުގައި ލީޑަރެއްގެ އެންމެ ބޮޑު ސިފައަކީ ބަހާއި އަމަލު ދިމާވުމެވެ. ނަމަވެސް، ރައީސް މުހައްމަދު މުއިއްޒު މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދެއްކެވި ވާހަކަތަކާއި، ވެރިކަމަށް ވަޑައިގެންނެވި ފަހުން ފެންނަ ހަގީގަތްތަކާ ދެމެދު އޮތީ އުޑާއި ބިމުގެ ފަރަގެކެވެ.
ޕީއެންސީގެ މެންބަރުންގެ ތެރެއިން "މައްސަލަ ޖެހިގެން ގޭގައި ތިބި މީހުން" ނުކުމެ ސިޔާސީ މަސައްކަތުގައި ބައިވެރިވުމަށް ގޮވައިލެއްވި އިރު، އެ މަނިކުފާނުގެ އަމަލުތަކުން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ.
މުއިއްޒު ވެރިކަމަށް ގެނައުމުގެ މައިބަދައަކީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނެވެ. ނަމަވެސް ވެރިކަން ލިބިވަޑައިގަތުމާއެކު، ޕީޕީއެމްގެ ދައުރު ކަނޑުވާލައި، އެ ޕާޓީގެ އިސް ސަފު އެއްފަރާތްކޮށް، އަދި ޕާޓީ ވެސް އުވާލައި، ޕީއެންސީ "މުށުތެރެއަށް" ލެއްވީއެވެ. މިއީ ސިޔާސީ ގޮތުން އެކުގައި މަސައްކަތްކުރި މީހުންނަށް ދިން ދޯކާއެކެވެ.
މުއިއްޒުގެ ސިޔާސީ ހަޔާތަށް ބަލާއިރު ފެންނަ އޮތީ ގޮނޑި ބޮލަށް ލައްވައިގެން އުޅުއްވި ތަނެވެ. ސިޔާސީ މަސައްކަތްތައް އަދާލަތު ޕާޓީން ފެއްޓެވި މުއިއްޒު ކުރިޔަށް ދެމިގަތީ، 2012 ފެބްރުއަރީ ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފުލުހުންނާއި ސިފައިންގެ އެހީތެރިކަމާއެކު ބަދަލުކޮށް، އަލަށް އުފެދުނު މުހައްމަދު ވަހީދުގެ ސަރުކާރާއެކު އެވެ. އެ ސަރުކާރުގައި ހައުސިން މިނިސްޓަރަކަށް މުއިއްޒު ހުންނެވީ އަދާލަތުގެ ޖާގައެއްގެ ގޮތުގަ އެވެ.
ނަމަވެސް 2018 ވަނަ އަހަރު ޔާމީނަށް ވެރިކަން ލިބިވަޑައިގަތުމާއެކު ހައުސިން މިނިސްޓަރުކަން ދިފާއު ކުރެއްވުމަށް އަދާލަތު ޕާޓީން ވަކިވެ، އެމްޑީއޭއާ ގުޅިވަޑައިގަތެވެ. އަދި އެއަށް ފަހު އެ ދައުރުގެ ތެރޭގައި ޕީޕީއެމް އަށް ވެސް ބަދަލުވެވަޑައިގަތެވެ. ޕީޕީއެމްއިން ޕީއެންސީ އަށް ބަދަލުވީ ރިޔާސީ ޓިކެޓުގެ އެދުމުގަ އެވެ.
މުއިއްޒަށް ވެރިކަމަށް ވަޑައިގެންނެވުނީ ރައްޔިތުންގެ މަޖިލީހު ރައީސް އަބްދުއްރަހީމްގެ ހިކުމަތާއި ހުޝިޔާރުކަމުން ކަމަށް ޝައްކެއް ނެތެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވެސް ކޮނޑާއިކޮނޑި ޖެހިގެން ހުންނެވި ނަމަވެސް، މި ސަރުކާރުގައި އަބްދުއްރަހީމަށް ވަރުގަދަކޮށް ހުންނެވުނީ ދުވަސްކޮޅަކަށެވެ. މުޅި ޕާޓީގެ ކޮންޓްރޯލް މަޑުމަޑު ނެންގެވުމަށް ފަހު އަބްދުއްރަހީމް އެކަހެރި ކުރެއްވި އެވެ.
މިއަދު އެ މަނިކުފާނު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި "ބައިންދާފައެވެ". ސަރުކާރުގެ ސިޔާސަތުތަކާއި ނިންމުންތަކުގައި އެމަނިކުފާނުގެ ނުފޫޒު ކަނޑުވާލައި، ފިޔަކޮށާލާފައިވާކަން ސާފެވެ. ޕީއެންސީގެ ރައީސްގެ ގޮތުގައި ހުންނެވިޔަސް، ބާރެއް ނެތެވެ. ޕާޓީގެ ހަރަކާތްތަކުން ނުފެނެ އެވެ.
މި ލޯކަލް ކައުންސިލްގެ އިންތިހާބުގެ ކެމްޕޭން ފެށުނު ހިސާބުން ފެށިގެން މިއަދާހަމައަށް ފެންނަނީ ރައީސްގެ ދެމަފިރިކަނބަލުންގެ ކެމްޕޭނުގައި އިސްކޮށް އުޅުއްވާ ތަނެވެ. މެންދުރު ފަހު މުއިއްޒު ދޮރުން ދޮރަށް ހިންގެވުމަށް ފަހު، ރޭގަނޑު ސާޖިދާ މުހައްމަދު އުޅުއްވަނީ ކެމްޕޭނު ޖަގަހަތައް ހުޅުއްވުމުގަ އެވެ.
މި ހަގީގަތްތައް މިހެން ހުރިއިރު، "މައްސަލަ ޖެހިފައި ތިބި މީހުންނަށް" ދައުވަތު ދެއްވުމަކީ ހަމައެކަނި ސިޔާސީ އޮޅުވައިލުމެކެވެ. އިހުލާސްތެރިކަމެއް ހުރި ނަމަ، އެންމެ ފުރަތަމަ އިންސާފުވެރިވާން ޖެހޭނީ އަމިއްލަ ޕާޓީއަށާއި، ވެރިކަމަށް ގެނައި މީހުންނަށެވެ. އެ މީހުންނަށް ދިން ދެރަ ފެންނަން އޮތްއިރު، އަލަށް ގުޅޭނެ ބަޔަކަށް އޮތީ ކޮން އިތުބާރެއް ހެއްޔެވެ؟
ރައީސްގެ ބަހާއި އަމަލު ދިމާނުވާހާ ހިނދަކު، މިފަދަ ގޮވައިލުންތަކަކީ ހަމައެކަނި "ސިޔާސީ ސްޓަންޓް" ތަކެއްގެ ގޮތުގައި ތާރީހު ހެކިވާނެއެވެ.
އިހުތިރާމާއެކު
ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މެންބަރެއް
ސިޔާސަތާ މެދު ފާޑެއް ކިޔަން އޮތީ ހެއްޔެވެ؟ ކަމެއް އިސްލާހުކުރަން މުއައްސަސާއެއްގެ ސަމާލުކަމަށް ގެންނަން ބޭނުންވަނީ ހެއްޔެވެ؟ ޝަކުވާއެއް ބޮޑުވެ އާއްމުންނާ ހިއްސާކުރަން ބޭނުންވީ ހެއްޔެވެ؟ އެހެން ކަމެއްގައި ވިޔަސް ހިޔާލެއް ހިއްސާކުރަން ބޭނުން ހެއްޔެވެ؟ ކިޔުންތެރިންގެ ހިޔާލާއި ފިކުރު މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމަށް "އަދަދު"ން ތަނަވަސްކޮށްދީފައި ވަނީ "ސިޓީބިިޓީ" އެވެ. ހިޔާލުތައް ލިޔުމަށް ތިރިކޮށްލުމަށް ފަހު، "އަދަދު"ގެ އެޑިޓަރަށް އެޑްރެސްކޮށް [email protected] އަށް އީމެއިލްކޮށްލާށެވެ.
Comment