Advertisement

އީ-ޕެޓިޝަނުން ރައްޔިތުންގެ ބާރުވެރިކަން އިތުރުކުރުން

ރައްޔިތުންގެ މަޖިލީހުގެ އިދާރާ. -- ފޮޓޯ އަދަދު


އީ-ޕެޓިޝަނުން ރައްޔިތުންގެ ބާރުވެރިކަން އިތުރުކުރުން

ގައުމުގެ ކަންކަން ނިންމުމުގައި އާންމު ރައްޔިތުންގެ ބައިވެރިވުމަކީ ހަމައެކަނި ވޯޓުލުމެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ނިޒާމަކީ، އިންތިހާބުތަކުގެ މެދުތެރެއިން ވެސް، ގައުމީ ސިޔާސަތުތަކަށް ބަސް ބުނުމަށާއި، ކަންބޮޑުވާ މައްސަލަތަކަށް ހައްލު ހޯދުމަށް ރައްޔިތުންނަށް ލިބިފައި އޮތް ވަރުގަދަ ބާރެވެ.

ދައުލަތުގެ ތިން ބާރު މިހާރު އެއް ބާރަކަށްވެ، ހިންގުމުގެ ނިޒާމު ބޮއްސުންލައި، ހައްގުތައް ސޮއްސާލައި، މުދަލުގެ އަގު އުފުލި، ވައްކަމާއި ހިޔާނާތަކީ ވާޖިބެއްގެ ގޮތުގައި ވެރިންނަށް ގަބޫލު ކުރެވޭ ދަރަޖައަށް ކަންކަން ގޯސްވެ، އަދުލް އިންސާފު ވެއްޔާ މޮޑެވުމުން ރައްޔިތުންގެ އަޑު އިއްވަން ހުރި ހުރިހާ ގޮތެއް ހޯދަންޖެހެ އެވެ. ނޫނީ ވެރިން ޒިންމާދާރުކޮށް ޖަވާބުދަރީކުރުވުމުގެ ފުރުސަތާއި ދޮރުތައް ދާނީ ގެއްލެމުންނެވެ. އެއާއެކު ވަރުގަދަ ވާނީ އަނިޔާވެރިކަމާއި ދާނީ ހުދުމުހުތާރު ވެރިކަމެކެވެ.

މި ފާހަގަ ކުރި އެއްވެސް ކަމެއް މިހާރު އިހުސާސް އެބަ ކުރެވެ ހެއްޔެވެ؟ ކުރެވޭ ނަމަ އެ ކަންބޮޑުވުން ހިފައިންގެ ރައްޔިތުންގެ ދަރުބާރަށް ދިޔުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން ފަހިކޮށްދީފި އެވެ.

އީ-ޕެޓިޝަންގެ މި މަސައްކަތަކީ، އަންހެނުންނާއި، ޒުވާނުން އަދި މަދަނީ ޖަމްއިއްޔާތަކާ އެކު ކުރެވުނު މަޝްވަރާތަކަކަށް ފަހު، 2023 ވަނަ އަހަރު ޔޫއެންޑީޕީ އާއި ރައްޔިތުންގެ މަޖިލީހުން އެކުލަވައިލި ސިޔާސަތު ކަރުދާހެއްގެ މައްޗަށް ބިނާކޮށް ކުރިއަށްގެންގޮސްފައިވާ މަސައްކަތެކެވެ.

މިއީ ސީދާ ރައްޔިތުންގެ އަޑު، ގާނޫނު ހަދާ މަޖިލީހުގެ މޭޒުތަކާ ހަމައަށް ފޯރުކޮށްދޭ ރަސްމީ މަގެވެ.

ޕެޓިޝަނަކީ ކޮބާ؟

ޕެޓިޝަނަކީ ރައްޔިތުންގެ މެދުގައި އޮތް ހިޔާލެއް، ކަންބޮޑުވުމެއް ނުވަތަ އިސްލާހެއް، ވަކި އަދަދެއްގެ މީހުންގެ ސޮޔާއެކު ރަސްމީކޮށް މަޖިލީހަށް ހުށަހެޅުމެވެ. މިއީ ދައުލަތުގެ ސަމާލުކަމަށް ކަމެއް ގެނައުމަށް އޮތް އެންމެ ހާމަކަން ބޮޑު ވަސީލަތެވެ. އަދި އެންމެ ފަސޭހަ މަގެވެ.

މީގެ ކުރިން ވެސް ކަރުދާސް ޕެޓިޝަން ސީދާ މަޖިލީހުގެ އިދާރާއަށް ހުށަހެޅެ އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓު މެދުވެރިކޮށް އީ-ޕެޓިޝަން ހުށަހެޅޭ ގޮތް މިހާރު ވަނީ ތައާރަފުކޮށްފަ އެވެ. އީ ޕެޓިޝަން ހުށަހަޅަން ޖެހެނީ އީފާސް މެދުވެރިކޮށް ރައްޔިތުންގެ ރުހުން ހޯދައިގެންނެވެ.

ޝަރުތު ފުރިހަމަވޭތޯ ކަށަވަރުކުރުން މުހިއްމު

ޕެޓިޝަން މަޖިލީހަށް ބަލައި ގަންނާނީ މަޖިލީހުގެ ގަވާއިދު 257 ގެ އެކެއްގައި ބަޔާކޮށްފައިވާ ޝަރުތުތައް ހަމަވާނަމަ އެވެ. ތިރީގައި މި ވަނީ މި މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފަސޭހައިން ދޭހަކޮށް ދިނުމަށް ހުލާސާއެކެވެ. ޕެޓިޝަން ހުށަހެޅުމުގެ ކުރިން މި މާއްދާ ރަނގަޅަށް ކިޔާށެވެ.

  • ދިވެހި ބަހުގެ އަދަބީ މިންގަނޑުތަކާ އެއްގޮތަށް، ރިވެތި އިބާރާތުން މަޖިލީހަށް މުހާތަބުކޮށްފައި އޮތުން
  • މަޖިލީހުން ނުވަތަ ސަރުކާރުން އެދެނީ ކޮން ފިޔަވަޅެއްކަން ސާފުކޮށް އެނގެން އޮތުން
  • ޕެޓިޝަނާއެކު އިތުރު ސިޓީއެއް ނުވަތަ ބަޔާނެއް ހިމަނައިގެން ނުވުން
  • ޕެޓިޝަން ހުށަހަޅާ ފަރާތާއެކު މަދުވެގެން 500 މީހުން ސޮއިކޮށްފައި އޮތުން. (500 ސޮއި ހަމަވި ނަމަވެސް، ކަނޑައެޅިފައިވާ ވަކި އަދަދަކަށް 'ތްރެޝްހޯލްޑް' ހަމަނުވާނަމަ މަޖިލިސް މެންބަރަކު ސްޕޮންސަ ކުރުން.)
  • ސޮއިކުރާ މީހުންގެ ނަމާއި، އެޑްރެސް، ފޯނު ނަންބަރު އަދި ސޮއި ހިމެނުން. ކަރުދާސް ޕެޓިޝަނެއްނަމަ ކޮންމެ ސަފުހާއެއްގައި ހުށަހަޅާ ފަރާތުން ސޮއިކުރުން
  • ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ފިޔަވައި އެހެން މީހެއްގެ ޒާތީ މައުލޫމާތެއް އާންމެއް ނުކުރުން
  • ކޯޓެއްގައި ހިނގަމުންދާ މައްސަލަތަކާއި، ކޯޓު އަމުރަކުން ސިއްރުކޮށްފައިވާ މައުލޫމާތު ނުހިމެނުން
  • މީހުންގެ ވަޒީފާއާ ގުޅޭ ކަންކަން، ޝަރަފާއި އިއްޒަތް ދިނުން ނުވަތަ އަތުލުން، އަދި ވިޔަފާރީގެ ސިއްރުތައް ހިމަނާފައި ނުވުން
  • ޤާނޫނުއަސާސީއާ ހިލާފު ކަންކަމާއި، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަންކަން ނުހިމެނުން
  • އެއްވެސް އުފެއްދުމެއް ނުވަތަ ހިދުމަތެއް އިޝްތިހާރު ކުރުމުގެ މަގުސަދެއް ނެތުން
  • ޖިންސަށް، ނަސްލަށް ނުވަތަ ސިއްހީ ހާލަތަށް ބަލައި ތަފާތުކޮށްފައި ނުވުން.

ޕެޓިޝަންގެ ބާވަތްތަކާއި ބޭނުންވާ ސޮއި

މަޖިލީހަށް ހުށަހެޅޭ ޕެޓިޝަންތައް ބެހިގެންވަނީ ތިން ދަރަޖައަކަށެވެ. އެއީ؛

  • އާންމު ޕެޓިޝަން: ޕެޓިޝަނެއްގައި ދިވެހީންގެ އާބާދީގެ 0.2 ޕަސެންޓު ސޮއި ހަމަވާ ޕެޓިޝަން.
  • ހާއްސަ ޕެޓިޝަން: އެ ޕެޓިޝަނެއްގައި ދިވެހީންގެ އާބާދީގެ 0.5 ޕަސެންޓު ސޮއި ހަމަވާ ޕެޓިޝަން
  • ސްޕޮންސާޑް ޕެޓިޝަން: 500 މީހުންގެ ސޮއި ހަމަވެފައި ވީނަމަވެސް، ޢާންމު ޕެޓިޝަނަކަށް ބޭނުންވާ އަދަދަށް ސޮއި ލިބިފައިނުވާ ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ސްޕޮންސައާއެކު ހުށަހަޅާ ޕެޓިޝަން.

މި އުސޫލުތަކަށް ބަލާއިރު މަޖިލީހުގައި ޕެޓިޝަނެއް ކުރިއަށް ގެންދެވޭނެ ގޮތަކަށް އޮތީ 500 މީހުންގެ ސޮއި ހޯދައި އެ ޕެޓިޝަން ހުށަހަޅަން މެންބަރަކު ހޯދުމެވެ. ނަމަވެސް އެންމެ މަދުވެގެން އާބާދީގެ 0.2 ޕަސެންޓު މީހުންގެ ސޮއި ހޯދައިފި ނަމަ އެ މައްސަލައެއް މަޖިލީހުގައި ކުރިއަށް ގެންދާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރު


މަރުޙަލާތަކާއި ވަގުތު؛ ޖަވާބު ލިބޭނީ ކިހިނެއް؟

ސްޕޮންސާޑް ނުވަތަ އާންމު ޕެޓިޝަނެއް ނަމަ އެ ޕެޓިޝަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް، ކަމާގުޅޭ ވުޒާރާއަކަށް ފޮނުވައިގެން ޖަވާބު ހޯދައި، ކޮމިޓީން އެ ޕެޓިޝަނާމެދު ނިންމާގޮތް ޕެޓިޝަން ހުށަހެޅި ފަރާތަށް ހިއްސާކުރާނެ އެވެ.

ހާއްސަ ޕެޓިޝަނެއް ނަމަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ އިތުރުން މަޖިލީހުގެ ތަޅުމުގައި ބަހުސްކުރުމަށް އެ ޕެޓިޝަން މަޖިލީހަށް ފޮނުވައި، އެންމެ އަވަހަށް ބާއްވާ 3 ޖަލްސާގެ ތެރެއިން ޖަލްސާއެއްގައި އެޖެންޑާކޮށް، ބަހުސްކުރާނެއެވެ.

އާންމު ޕެޓިޝަނެއް ނަމަ ރަސްމީ ބަންދު ނޫން 2 ދުވަހުގެ ތެރޭގައި ކޮމިޓީން އެ ޕެޓިޝަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް، ރަސްމީ ބަންދު ދުވަސްތައް ހިމެނޭހެން ގިނަވެގެން 21 ދުވަހުގެ ތެރޭގައި ސަރުކާރުން ދެކޭގޮތް މަޖިލީހަށް ފޮނުވުމުން، ކޮމިޓީން ސަރުކާރުގެ ޖަވާބު ދިރާސާކުރުމަށްފަހު ޕެޓިޝަން ހުށަހެޅި ފަރާތާ ކޮމިޓީގެ ނިންމުން ހިއްސާކުރަންވޭނެ އެވެ.

ހާއްސަ ޕެޓިޝަން ރަސްމީ ބަންދުނޫން 2 ދުވަހުގެ ތެރޭގައި ކޮމިޓީން އެ ޕެޓިޝަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް، ރަސްމީ ބަންދު ދުވަސްތައް ހިމެނޭހެން ގިނަވެގެން 30 ދުވަހުގެ ތެރޭގައި ސަރުކާރުން ދެކޭގޮތް އަދި ހައްލު ގެނައުމަށް ސަރުކާރުން އަޅާނެ ފިޔަވަޅުތައް މަޖިލީހަށް އަންގާނެއެވެ. އަދި، ކޮމިޓީން ސަރުކާރުގެ ޖަވާބު ދިރާސާކުރުމަށްފަހު ޕެޓިޝަން ހުށަހެޅި ފަރާތާ ކޮމިޓީގެ ނިންމުން ޙިއްޞާކުރާނެއެވެ.

ސްޕޮންސަރޑް ޕެޓިޝަންއަށް ޖަވާބު ދިނުމަށް ވަކި މުއްދަތެއް ނެތް ބަޔާންކޮށްފައި ނެތެވެ.

އީ-ޕެޓިޝަންގެ މުހިންމު ސުވާލާއި ޖަވާބު

  • އެހެން އޮންލައިން ސައިޓްތަކުގެ ސޮއި ބަލައިގަނޭތަ؟ ނޫން، ބަލައިގަންނާނީ ހަމައެކަނި ރަސްމީ "އީ-ޕެޓިޝަން ޕޯޓަލް" މެދުވެރިކޮށް ކުރާ ސޮއި އެކަންޏެވެ.
  • ސޮއި ހޯދަން ކިހާ މުއްދަތެއް ލިބޭތަ؟ އީ-ޕެޓިޝަނަކަށް ސޮއި ހޯދަން 6 ހަފުތާ ލިބެއެވެ.
  • މައުލޫމާތު ހާމަވާނެތަ؟ ޕެޓިޝަނާއެކު އާންމުކުރާނީ ހަމައެކަނި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެހެވެ. ސޮއިކުރާ އެހެން މީހުންގެ މައުލޫމާތު މަޖިލީހުން ރައްކާތެރިކުރާނެއެވެ.
  • ކަރުދާހާއި އޮންލައިން ސޮއި އެއްކޮށްލެވިދާނެތަ؟ ނޫން، މި ދެބައި ބަލައިގަންނާނީ ވަކި ދެ ޕެޓިޝަނެއްގެ ގޮތުގައެވެ.

ޕެޓިޝަނަކީ ރައްޔިތުންގެ އިހުސާސްތަކާއި، ގައުމަށް ބޭނުންވާ ބަދަލުތައް ގާނޫނު ހަދާ މަޖިލީހާ ހަމައަށް ފޯރުކޮށްދޭ ރަސްމީ ބްރިޖެވެ. ޓެކްނޮލޮޖީގެ އެހީގައި، މިއަދު ކޮންމެ ދިވެހި ރައްޔިތަކަށްވެސް ގޭގައި އިނދެގެން ގައުމީ މަސައްކަތުގައި ބައިވެރިވެވިދާނެއެވެ. ވެރިންނަށް ރައްޔިތުންގެ ބާރު ދައްކަން މިއީ ރަނގަޅު ފުރުސަތެކެވެ. ބޭނުން ހިފާށެވެ.