Advertisement

ދެ އިންތިހާބު އެއްކޮށްލުމުން ހިނގަމުންދާ ދައުރެއްގެ މުއްދަތަށް ބަދަލު ގެނައުމުގެ މަގު ހުޅުވޭނެ: ޖިނާހު


ދެ އިންތިހާބު އެއްކޮށްލުމުން ހިނގަމުންދާ ދައުރެއްގެ މުއްދަތަށް ބަދަލު ގެނައުމުގެ މަގު ހުޅުވޭނެ: ޖިނާހު

އެޕްރީލް ހަތަރެއްގައި ނަގާ ފެންނަ ނުފެންނަ ވޯޓުގައި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ފާސްވެއްޖެނަމަ ހިނގަމުންދާ ދައުރެއްގެ މުއްދަތަށް އެ ދައުރުގެ ތެރޭގައި ބަދަލު ގެނައުމުގެ ފުރުސަތު ހުޅުވޭ ކަމަށް ކުރީގެ އެސިސްޓަންޓު ކޮމިޝަނާ އޮފް ޕޮލިސް އަދި ގާނޫނީ ވަކީލު މުހައްމަދު ޖިނާހު ވިދާޅުވެއްޖެ އެވެ.

މި ވޯޓަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް އަދަދު ނޫހުން ގެނެސްދޭ "ފެންނަ ނުފެންނަ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޖިނާހު ވަނީ މި ބަދަލަކީ ގާނޫނުއަސާސީގެ އޮނިގަނޑު ރޫޅާލުމަށް ގެނެވޭ ނުރައްކާތެރި ބަދަލެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

"އެ ބޭފުޅުން އެ ނިންމަވަނީ އެ ބޭފުޅުންގެ ދައުރު ކުރު ކުރަންވީއޭ. ފިކްސްޑް ޓާމުގައި ފަހެއް އޮތީ، އެކަމު ކުރުކޮށްލީ، ކުރުކޮށްލާފައި ގާނޫނުއަސާސީގައި ޑޭޓެއް ޖަހާފައި އެވަރުގެ މެޖޯރިޓީއެއް އޮތީމައި ފާސްކޮށްލީ،" މި ބަދަލުން ނުކުންނަ ނަތީޖާ ކިޔައިދެމުން ޖިނާހު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބު ކުރާއިރު މަޖިލީހުގެ ދައުރަކީ ފަސް އަހަރު ކަމަށް ކަނޑައަޅާފައި އޮތް ނަމަވެސް އަމިއްލައަށް އެ މަޖިލީހުގެ މެންބަރުންނަށް ދައުރު މި ބަދަލާއެކު ކަނޑައެޅުނީ ކަމަށް ޖިނާހު ވިދާޅުވި އެވެ.

މިފަހަރު މަޖިލީހުގެ އުމުރުން ހަ މަސްދުވަސް އުނިކުރި ނަމަވެސް ދެން އަންނަ މަޖިލީހަކަށް އެ މުއްދަތުން ދެ އަހަރު ވެސް އުނިކުރެވިދާނެ ކަމަށް ޖިނާހު ވިދާޅުވި އެވެ. އެ ބަދަލު ރިޔާސީ ދައުރަށް ގެނައުމުގެ ފުރުސަތު ވެސް ހުޅުވޭނެ ކަމަށް ޖިނާހު ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ ވެސް އައިސް އޭނާގެ ދައުރު، ޓާމް ކަނޑައަޅަންވީ. ތިމަންނަގެ ދައުރަކީ މިސާލަކަށް ހަތަރެކޭ. އަނެކަކު ބުނެދާނެ ތިމަންނަގެ ދައުރަކީ ހަޔެކޭ. ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ބޭނުންވޭ ވެރިކަމުގެ ދައުރު ބަދަލުކުރަން، ފެންނަ ނުފެންނަ ވޯޓަށް މިހާރު މި އައްސަވާ ގޮތަށް، މަޖިލީހުގެ މެޖޯރިޓީއެއް އޮވެއްޖިއްޔާ އެހެން ބަޔަކު ނާހަންވީ ސަބަބެއް އޮންނާނެތޯ" އެފަދަ ސަބަބެއް ނޯންނާނެ ކަމަށް ވިދާޅުވަމުން ޖިނާހު ތަފްސީލުކޮށްދެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އުމުރު ބަޔާންކޮށްފައިވަނީ ގާނޫނުއަސާސީގެ 79 ވަނަ މާއްދާގަ އެވެ. އެ މާއްދާގައި ބުނަނީ މަޖިލީހުގެ އުމުރަކީ މަޖިލިސް އިންތިހާބު ކުރުމަށް ފަހު ފުރަތަމަ ޖަލްސާ ކުރާ ތާރީހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށެވެ. ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލުގައި ވަނީ ހިނގަމުންމިދާ ވިހިވަނަ މަޖިލީހުގެ އުމުރު ކުރު ކުރަން ނިންމާފަ އެވެ.

"އެއީކީ ގާނޫނީ ނިޒާމު ދަންނަ ކަމެއް ނޫން. ރިޔާސީ ނިޒާމެއްގައި އެންމެ ބޮޑު ބާރުވެރިކަމެއް ސިޔާސީ އިންސްޓިޓިއުޝަނަކަށް ދީފައި މި އޮންނަނީ ރައްޔިތުންގެ މަޖިލީހަށް،" ޖިނާހު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ބޭނުންވަނީ ރައީސް މުހައްމަދު މުއިއްޒު އެވެ. އެއީ މުއިއްޒުގެ މެނިފެސްޓޯގައި އަދި ވައުދު ފޮތުގައި ހިމެނޭ ކަމެއް ނޫނެވެ. މި ވާހަކަތައް މުއިއްޒު ދައްކަވަން ފެއްޓެވީ ވެރިކަމަށް ވަޑައިގަތުމަށް ފަހު އެވެ.

އެކަމަށް މަގުފަހި ކުރުމަށް ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީން ވަނީ ބިލެއް ފާސްކޮށްފަ އެވެ. ފެންނަ ނުފެންނަ ވޯޓު ނަގަނީ އެ ބިލު ތަސްދީގު ކުރުމަށް ރައްޔިތުން ދެކޭ ގޮތް ދެނެގަތުމަށެވެ.

މި ވޯޓުގައި ސަރުކާރުން ކެމްޕޭން ކުރަމުން އަންނަނީ ދެ އިިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށެވެ. އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ކުރީގެ ފަނޑިޔާރުންނާއި، ރައްޔިތުންގެ މަޖިލީހާއި ހާއްސަ މަޖިލީހުގެ މެންބަރުން ގެންދަނީ އެ ކަމާ ދެކޮޅަށް ވަކާލާތު ކުރައްވަމުންނެވެ.