Advertisement

މަޖިލީހުގެ ވަކި ޕަސެންޓަކީ 30 އަހަރުން ދަށުގެ މީހުންނަށް ހަދަން ގާނޫނުއަސާސީ އިސްލާހު ކުރަނީ

ރައްޔިތުންގެ މަޖިލިސް: މަޖިލިސް މެންބަރުންގެ ވަކި އަދަދެއް ޒުވާނުންގެ ގޮތުގައި ކަނޑައަޅަން ދިރާސާތަކެއް ކުރަމުންދާ ކަމަށް މުއިއްޒު މިއަދު ވިދާޅުވި -- ފޮޓޯ: މަޖިލިސް


މަޖިލީހުގެ ވަކި ޕަސެންޓަކީ 30 އަހަރުން ދަށުގެ މީހުންނަށް ހަދަން ގާނޫނުއަސާސީ އިސްލާހު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ވަކި ޕަސެންޓޭޖަކީ އުމުރުން 30 އަހަރުން ދަށުގެ ޒުވާނުންނަށް ހަދަން ގާނޫނު އިސްލާހު ކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވާ އިތުރުވުން ހުއްޓުވުމަށް ގެންނަން އިސްލާހާއެކު މަޖިލިސް މެންބަރުންގެ ވަކި އިންސައްތައަކީ 30 އަހަރުން ދަށުގެ ޒުވާނުންނަށް ހެދުމަށް ދިރާސާތަކެއް ކުރަމުންދާ ކަމަށެވެ.

"މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވާ އިތުރުވުން ހުއްޓުވުމަށް ގެނެވޭ އިސްލާހު ގެނެވޭއިރުގައި އަޅުގަނޑުމެން ހުށަހަޅަން ގަސްތުކުރަން ދިރާސާކުރެވެމުންދާ ދެ ކަމެއް އެބަ އޮތް. އެއް ކަމަކީ ވަކި އިންސައްތައެއް އެއީ 30 އަހަރުން ދަށުގެ ޒުވާނުންކަމުގައި ކަނޑައެޅުން މަޖިލިސް މެންބަރުންގެ އަދަދުގެ ތެރޭގައި ވަކި އިންސައްތައެއް،" މުއިއްޒު ވިދާޅުވި އެވެ.

މެންބަރުންގެ އަދަދު އިތުރުވާ އިތުރުވުމާ ގުޅިގެން ހުށަހަޅާ އިސްލާހާއެކު މަޖިލިސް މެންބަރުންގެ ތެރެއިން ވަކި އިންސައްތައަކީ އަންހެނުން ކަމަށް ކަނޑައެޅުމަށް ވެސް ހުށަހަޅާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަދި ހަމަ އެފަދައިން ވަކި އިންސައްތައެއް އެއީ އަންހެނުން ކަމުގައި ކަނޑައެޅުން. މިހާރު އެގޮތަކަށްވެސް ނޯވޭ. ކައުންސިލްގެ ކޮމްޕޮޒިޝަންގައި އޮވޭ އަންހެނުންގެ ވަކި އަދަދެއް ކަނޑައެޅިފައި. އެހެންނަމަވެސް އެމްޕީސްގެ ނޯންނާނެ އެގޮތަކަށް،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މަޖިލިސް މެންބަރުންގެ އަދަދު އިތުރުވާ އިތުރުވުމާ ގުޅޭ އިސްލާހު ގުޅިފައި އޮތީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ނަގާ ރެފެރެންޑަމް ވޯޓާ ކަމަށެވެ. ނަމަވެސް އަދަދު އިތުރުވުމާ ގުޅޭ އިސްލާހު ރެފެރެންޑަމްއާ ގުޅޭ ގޮތެއް މުއިއްޒު ވިދާޅެއް ނުވެ އެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މި އިތުރުވާ އިތުރުވުމަށް އިސްލާހެއް ގެންނަން ބޭނުން. މިކަންވެސް ކުރެވޭނީ ގާނޫނުއަސާސީއަށް އިސްލާހެއް ގެނެސްގެން. އެކަމަކު މިކަން ކުރުމުގައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ބެހޭ ގޮތުން ރައްޔިތުން ނިންމަވާ ގޮތެއް، އެއީ އެއް ދުވަހެއްގައި ބާއްވަން ފެނިވަޑައިގަންނަވާތޯ، ނޫންތޯ ރައްޔިތުން ނިންމަވާ ގޮތެއްގެ މައްޗަށް ބިނާކުރެވި އެކަމުގެ އިސްލާހު ގެނައުމުގެ މަސައްކަތް ކުރިއަށް ގެންދާނަން،" މުއިއްޒު ވިދާޅުވި އެވެ.

އޭގެ އިތުރުން، ރިޔާސީ އިންތިހާބު އެއްބުރުން ކުރިއަށް ގެންދެވޭނެ ގޮތަށް ޕްރިފަރެންޝަލް ވޯޓެއް ނެގުމާ ގުޅޭ ގޮތުން ދިރާސާތައް ކުރިއަށް ގެންދާކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އެ އިސްލާހު ގެނައުން ވެސް އަދި ނޮވެމްބަރު 17، ގެ ބަދަލުގައި ނޮވެމްބަރު 11، ގައި އައު ރިޔާސީ ދައުރު ފެށުމާ ގުޅޭ އިސްލާހު ވެސް ގުޅިފައި އޮތީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ނަގާ ރެފެރެންޑަމް ވޯޓާ ކަމަށެވެ.

ނަމަވެސް މި ހުރިހާ އިސްލާހުތަކެއް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ނަގާ ރެފެރެންޑަމް ވޯޓާ ގުޅެނީ ކިހިނެއް ކަމެއް މުއިއްޒު ވިދާޅެއް ނުވެ އެވެ.

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ވޯޓު ނަގަނީ އަންނަ އެޕްރީލް 4، ގަ އެވެ. ހަމަ އެ ދުވަހު ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ވެސް ކުރިއަށް ގެންދަން އޮތީ ނިންމައިފަ އެވެ.