about 2 hours 0
ސާއިފް ޝިޔާދު
ރައީސް މުއިއްޒު ދައުލަތުގެ ބާރުތައް އެމަނިކުފާނުގެ މުށުތެރެއަށް ލާފައިވާކަން ދައްކުވައި ދިނުމަށް އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ތަސްވީރެއް.
about 2 hours 0
ޑިމޮކްރަސީގެ ރޫހަކީ ބާރުތައް ވަކިވެފައި އޮތުން ކަމަށް ވިޔަސް، ރާއްޖޭން ފެންނަމުން ދަނީ ހުރިހާ ބާރެއް އެއް ފާލަކަށް ގެނެސް، ރައީސް މުހައްމަދު މުއިއްޒުގެ ސިޔާސީ އެޖެންޑާގެ ކުރިމަތީގައި ދައުލަތުގެ މުއައްސަސާތައް ކަކޫޖައްސުވާފައިވާ ހިތާމަވެރި މަންޒަރެކެވެ. "ފެހި ގާނޫނުއަސާސީ" އިން ކަށަވަރުކޮށްދިން މިނިވަން ފަނޑިޔާރުގެ އާއި، ފާރަވެރި މަޖިލިސް މިއަދު އޮތީ މުއިއްޒުގެ "މުށުތެރޭގައި" ނޭވާ ހާސްވާ ހިސާބުގަ އެވެ.
ވެރިކަން ކުރުމާއި، ގާނޫނު ހެދުމާއި، އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރު އެކެއްގެ އަތްމަތީގައި އޮތުމަކީ ގޯހެއް ކަމުގައި ދެކި ފެހި ގާނޫނުއަސާސީ ފަރުމާކުރީ އެ ތިން ބާރު ވަކިކޮށް، އެއް ބާރުން އަނެއް ބާރަށް ފާރަވެރިވެވޭނެ ގޮތްތައް އެކަށައެޅުމަށް ފަހު އެވެ.
އެކި ރިޔާސީ ދައުރުގައި ތިން ބާރު ވަކިވެފައި އޮތް މިންވަރަކީ ބަހުސް ކުރެވިދާނެ ކަމެކެވެ. ނަމަވެސް، މި ރިޔާސީ ދައުރުގައި ބާރުތައް ވަކިވެފައި އޮތް އޮތުން އެއްކޮށް ނިމުމަކަށް އައިސްފައިވާކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. މުހައްމަދު މުއިއްޒު މިހާރު އެ ހުންނެވީ ހުރިހާ ބާރެއް މުށުތެރެއަށް ލައްވައި ސުޕްރީމް ލީޑަރެއްގެ ގޮތުގަ އެވެ.
ރައްޔިތުންގެ ވޯޓުން އިންތިހާބުކުރި މަޖިލިސް މެންބަރުން އަނދަގޮނޑި ޖަހައި ކިޔަމަން ކުރުވައިފި އެވެ. އެ އަނދަގޮނޑި ނައްޓާލުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުނު ދުސްތޫރީ މައްސަލަ އާއެކު މުޅި ފަނޑިޔާރުގެ ފުށުން ޖެހުމުގެ މަރުހަލާތައް އަވަސް މިނުގައި ހިންގައިގަތެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ވެގެންދިޔައީ އެކަމުގެ މުއިއްޒުގެ އެންމެ ބޮޑު ވާގިވެރިޔާ އަށެވެ.
މުއިއްޒު ވިދާޅުވާ ގޮތުން އެއްވެސް ކަމެއްގައި އެމަނިކުފާނުގެ ބައިވެރިވުމެއް ނެތެވެ. ހުސް އިއްތިފާގެވެ. އިއްތިފާގަކުން މި ނިމުނު 2025 ވަނަ އަހަރު ވެގެން މިދިޔައީ ފަނޑިޔާރުގެ ފުނޑާލައި ތިން ބާރު މުށުތެރެއަށް ލައި ބާރުކޮށްލި އަހަރަކަށެވެ.
ސުޕްރީމް ކޯޓަށް ގުޑުވާލުމުގެ މަސައްކަތް ސަރުކާރުން ފެށީ ސިޔާސީ ޕާޓީއަކުން ވަކިކޮށްފި ނަމަ ނުވަތަ ކެނޑިއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ބަޔާންކޮށް ގާނޫނުއަސާސީއަށް ގެނައި ބަދަލުތައް ބާތިލްކުރަން ހުށަހެޅި ހިސާބުންނެވެ.
ނޮވެމްބަރު 2024، ގައި އެ ކޯޓަށް ވެއްދި މައްސަލަ ރިސެސްއަށް ފަހު އެ ކޯޓުގައި ތާވަލުކުރީ ފެބްރުއަރީ 17، 2025 ގެ ހެނދުނު 11:00 އަށެވެ. ބަންޑާރަ ނައިބުގެ އޮފީހުން ވަކާލާތުކުރީ އެ މައްސަލަ އެންމެ މަތީ ކޯޓަށް ނުބެލޭނެ ކަމަށެވެ.
ނަމަވެސް އެ ކޯޓުގެ ބެންޗުން ނިންމީ އެއީ ބެލުމުގެ އިހުތިސާސް އޮތް މައްސަލައެއް ކަމަށެވެ. އެއާއެކު ރައީސް އޮފީހުގައި ބައެއް ވަޒީރުންގެ ބައްދަލުވުމެއް ވެސް ކުރިއަށްދިޔަ އެވެ. ދެން ފެނިގެންދިޔައީ ފެބްރުއަރީ 23، ގައި އެ ކޯޓުގެ ދެ ފަނޑިޔާރުން ވަކިކޮށް ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލު ކުރަން ޕީއެންސީނެ މަޖިލީހަށް ބިލެއް ވެއްދި ތަނެވެ. މަޖިލީހުގެ ކައުންސިލާ ޖެނެރަލްގެ ލަފަޔާ ހިލާފަށް އަވަސް އަރުވާލައިގެން އެ ބިލު ފާސްކުރި އެވެ. ނަމަވެސް މުއިއްޒު އެބިލު ތަސްދީގެއް ނުކުރައްވަ އެވެ. އަނބުރާ ފޮނުވާލެއްވީ އެވެ.
ކޯޓުން މައްސަލަ ބަލައި ނިމެންދެން މެންބަރަކު މަގާމުން ވަކިކުރުމުގެ އެއްވެސް އިޖުރާއަތެއް ނުހިންގުމަށް ދައުލަތުގެ ހުރިހާ އިދާރާތަކެއްގެ މައްޗަށް އަމުރުކޮށްދެއްވުމަށް ވަގުތީ އަމުރެއް ހޯދުމަށް އެދުމުން އޭގެ އަޑުއެހުމެއް ފެބްރުއަރީ 26، އަށް ތާވަލުކުރި އެވެ.
އެ ދުވަސް ވެގެންދިޔައީ ރާއްޖޭގެ ދުސްތޫރީ ހަޔާތުގައި ކަޅު އަނދިރި ދުވަހަކަށެވެ. އެ އަޑުއެހުން ފަށަން ކުޑަ ވަގުތުކޮޅަކަށްވެފައި އޮއްވައި، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ޖުޑީޝަލް ސާވިސް ކޮމިޝަނުން ސަސްޕެންޑު ކުރި އެވެ. އެއީ ފަނޑިޔާރު ހުސްނުއްސުއޫދު އާއި މަހާޒް އަލީ ޒާހިރާއި ޑރ. އައިޝަތު އަޒްމިރަލްދާ ޒާހިރެވެ.
އަޑުއެހުން ވެސް ކެންސަލް ވެސް ސުޕްރީމް ކޯޓު ހުއްޓުމަކަށް އައީ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ އޭސީސީގެ ތަހުގީގަކަށް ރިއާޔަތް ކުރުމަށް ފަހު އެވެ. މިއަދާ ހަމައަށް ވެސް އެއީ ކޮން ތަހުގީގެއް ކަމެއް ނޭނގެ އެވެ.
އެ މައްސަލައިގައި ޣައިރު ގާނޫނީ ތަހުގީގެއް ހިންގަމުން ދަނިކޮށް މާޗު 4، ގައި ގާނޫނީ ދާއިރާއަށް އަގުނުކުރެވޭ ފަދަ ހިދުމަތްތަކެއް ކޮށްދެއްވާފައި ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވި އެވެ. ސުއޫދުގެ މަގާމަށް މާޗު 19، ގައި ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި ހުސައިން ޝަހީދު ޕްރޮމޯޓުވި އެވެ. އަދި މަތީ ކޯޓުގެ ފަރާތުން ޖޭއެސްސީއަށް ވެސް އޭނާ ވަނެވެ.
ސުުއޫދު ވަނީ ރައީސްގެ އިތުރުން ބަންޑާރަނައިބު އަހުމަދު އުޝާމް ވެސް ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މިކަމަށް ފަހިކޮށްދެމުން ދަނީ ޖޭއެސްސީގެ ރައީސް އާއި އޭސީސީގެ ރައީސް ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.
ޖޭއެސްސީން ހިންގި ޣައިރު ގާނޫނީ ތަހުގީގަކަށް ފަހު ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ނުދީ ރައްޔިތުންގެ މަޖިލީހުގައި ތިބި "އަޅުވެތި ސޯބުތައް" ވޯޓު ދީގެން ދެ ފަނޑިޔާރުން ވަކިކުރީ މެއި 14، 2025 ގަ އެވެ. އދ. އާއި ބޭރުގެ އެކި ޖަމިއްޔާ ޖަމާއަތްތަކުން އެކަން ސިފަކުރީ ޖުޑީޝަރީގެ މިނިވަންކަމަށް އަރައިގަތުން ގޮތުގަ އެވެ.
މެއި 8، 2025 ގައި ޖޭއެސްސީއަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާންގެ ރިޓަޔަމަންޓު ހުށަހެޅުއްވި އެވެ. ފަނޑިޔާރުގޭގެ ހަޔާތް މުއުތަސިމް ނިންމާލެއްވީ ޖުލައި 20، 2025 ގަ އެވެ. އެ މަގާމު ފުރުއްވުމަށް އެނބުރި ވަޑައިގެންނެވީ އޭގެ ފަސް އަހަރު ކުރިން ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުން ވަކިކުރި އަބްދުލްޣަނީ މުހައްމަދު އެވެ.
ކުރު ގޮތަކަށް މި ދަންނަވާލެވުނީ ސުޕްރީމް ކޯޓު ފުށުން ޖަހާލި ގޮތެވެ. މިވަގުތު ބެންޗުގައި ތިއްބެވި ހަތް ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރުންނަކީ ސީދާ މުއިއްޒު އައްޔަންކުރެއްވި ފަނޑިޔާރުންނެވެ.
ސުޕްރީމް ކޯޓަށް ފަހު މިހާރު މުއިއްޒު އާއި ޕީއެންސީގެ އަމާޒުހުރީ ދަށު ކޯޓުތައް ދޮވެލުމަށެވެ. ހައި ކޯޓާއި ކްރިމިނަލް ކޯޓު އަދި މެޖިސްޓްރޭޓު ކޯޓުތަކެވެ.
ކޯޓުތަކުގެ ގާނޫނުގެ ދަށުން ހައި ކޯޓު އެކުލަވާލެވިފައިވަނީ 11 ފަނޑިޔާރުންގެ މައްޗަށެވެ. އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭގެ ތެރެއިން ފަސް ފަނޑިޔާރަކާ ގުޅޭ ތަފާތު އެކި މައްސަލަތަކެއް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. އެ މައްސަލަ ބަލަމުން އަންނަނިކޮށް ބެންޗުގައި އިންނެވި އެންމެ ތަޖުރިބާކާރު ފަނޑިޔާރު މުހައްމަދު ނިޔާޒު ވަނީ ރިޓަޔާ ކުރައްވާފަ އެވެ.
ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ އެކްޓިވިސްޓު މުހައްމަދު ޝަހީދުއަށް ހައި ކޯޓުގެ ފަނޑިޔާރުކަން ދޭން ވެސް ޖޭއެސްސީން ނިންމި އެވެ. އޭރު ވެސް އޭނާގެ ނަން ޕީޕީއެމްގެ ދަފްތަރުގައި އޮތެވެ. ޖުލައި މަހާ ހަމައަށް އޭނާ ހުރީ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގަ އެވެ. ޝަހީދަކީ ޕީޕީއެމް އަދި ޕީއެންސީގެ އެކި ހަރަކާތްތަކުގައި ބައިވެރިވެ، ޕޯޑިއަމްތަކުގައި ވާހަކަ ދައްކައި، ޕާޓީގެ ކަންކަމުގައި ވަރަށް ގިނައިން އުޅުނު މީހެކެވެ. ޕީއެންސީގެ ދަފުތަރުގައި މިހާރު ވެސް އޭނާގެ ނަން އެބަ އޮތެވެ.
ނަމަވެސް، ފާޑުކިޔުން އަމާޒުވުމުން އަމިއްލައަށް ނަން އަނބުރާ ގެންދިޔައީ އެވެ.
މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓު ހޯއްދެވުމަށް ޕްރައިމަރީގައި ވާދަކުރައްވައި ނާކާމިޔާބުވި ދެ ބޭފުޅަކު ގާޒީންގެ ގޮތުގައި ވެސް ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން ކްރިމިނަލް ކޯޓަށް މިފަހުން އައްޔަނުކުރި އަހްމަދު ޝާފިއުއަކީ ޕީއެންސީގެ ތ. ގުރައިދޫ ދާއިރާގެ ޕްރައިމަރީގައި ވާދަކުރެއްވި ބޭފުޅެކެވެ.
ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ކުރިން އެ ޕާޓީއަށް މެންބަރުން ވެއްދުމަށް ވެސް ޝާފިއު މަސައްކަތް ކުރެއްވި އެވެ. އަދި އޭރު އެ ޕާޓީއަށް ސޮއިކުރި ގިނަ އަދަދެއްގެ މެންބަރުންގެ ފޯމުތައް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ ހަވާލުކުރީ ވެސް އޭނާ އެވެ.
ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓަކަށް ހަމަޖެއްސެވި މުހައްމަދު ނިޝާތު ޕީއެންސީގެ ޕްރައިމަރީގައި ގެމަނަފުށީ ދާއިރާއަށް ވާދަކުރެއްވި އެވެ. ނަމަވެސް ކާމިޔާބެއް ނުވެ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި ދަށު ކޯޓުތަކަށް ބޮޑެތި ބަދަލުތަކެއް އަންނަ އަހަރު ގެންނާނެ އެވެ. ސަރުކާރު ޕާޓީގެ އެކްޓިވިސްޓުން ކޯޓުތަކަށް އައްޔަނުކުރަމުންދާތީ އާންމުންގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ.
ކޯޓުތައް ހަންމަތަކުރަން ހުރިހާ ކަމެއް ކުރަމުން ދަނީ މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ޖޭއެސްސީ މެދުވެރިކޮށެވެ. މުއިއްޒުގެ ފަރާތުން އެ ކޮމިޝަނުގެ މެންބަރަކަށް އެކައުންޓަންޓެއް ކަމަށްވާ ޔަޒްމީދު މުހައްމަދު އައްޔަނުކުރީ ފެބްރުއަރީ 23، ގަ އެވެ. އޭނާއަކީ ޕީއެންސީގެ ޓިކެޓުގައި އުފަން ރަށް ކަމަށްވާ ގއ. ވިލިނގިލީ ދާއިރާއަށް ވާދަކުރި ކެންޑިޑޭޓެވެ. މުއިއްޒުގެ އެޖެންޑާ ތަންފީޒު ކުރުމުގައި އިސްކޮށް ހުންނެވީ ޔަޒްމީދު އެވެ.
ޖޭއެސްސީގައި ތިބެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި މަޖިލީހުން ކަނޑައަޅާ މަޖިލީހުގެ މެންބަރަކާއި މަޖިލީހުން ކަނޑައަޅާ އާންމު މީހަކާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓު ފަނޑިޔާރަކާއި ދަށު ކޯޓު ފަނޑިޔާރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ވަކީލުން ތަމްސީލްކުރަން މެންބަރެކެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރަކާއި ބަންޑާރަ ނައިބު ވެސް އިންނަވަ އެވެ.
އެ ކޮމްޕޮޒިޝަނަށް ބަލާއިރު މަޖިލިސް ރައީސް އަބްދުއްރަހީމް، މެންބަރު ހުސްނީ މުބާރިކު، ޔަޒްމީދު، ބަންޑާރަ ނައިބު އަހުމަދު އުޝާމަކީ މުއިއްޒުއަށް ވަފާތެރި، ސިޔާސީ ގުޅުން އޮތް މުއިއްޒުގެ ހާދިމުންނެވެ.
ސުޕްރީމް ކޯޓުގެ ފަރާތުން އިންނަވާ ފަނޑިޔާރު އެ ކޯޓަށް އައްޔަނުކުރެއްވީ މުއިއްޒު އެވެ. ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް އައްޔަނުކުރުމުގެ ބާރު ވެސް ނަންގަވައި އެ މަގާމަށް މުހައްމަދު މުޖުތާޒު ވެސް އައްޔަންކުރެއްވީ މުއިއްޒު އެވެ. އާންމުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ އިދުރީސް ފައުޒީއަކީ މުއިއްޒުގެ އެއްބަނޑު ކޮއްކޯފުޅު ލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާގެ ކުރީގެ ފިރިކަލުންނެވެ. ގާނޫނީ ވަކީލުން ތަމްސީލުކުރާ އަލީ އަބްދުއްލަތީފްއާ މެދު ވަކީލުންގެ ނުރުހުން އެބައޮތެވެ.
"މަތިން އަންގައިގެން" ކަމަށް ބުނެ ރާއްޖޭގެ ކޯޓުތަކުގައި ހިނގަމުންދާ ބައެއް މައްސަލަތަކަށް ޔަޒްމީދު އާއި އަލީ އަބްދުއްލަތީފް ނުފޫޒު ފޯރުވާކަން ވަނީ އެނގިފަ އެވެ.
އިތުބާރު ހިފޭ މަސްދަރުތަކުން އަދަދު އަށް މައުލޫމާތު ދިން ގޮތުގައި ޖޭއެސްސީގެ މި ދެ މެންބަރުން އަންނަނީ ބައެއް ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކަށް ނުފޫޒު ފޯރުވުމަށް ފަނޑިޔާރުންނަށް ގުޅައި، ވަކި ގޮތަކަށް އަމަލުކުރުމަށް އެދެމުންނެވެ.
އެގޮތުން، ކ. މާފުށީ ކޯޓުގައި ހިނގި މުއްދަތުގެ މަޖިލީހަކާއި، ފެމިލީ ކޯޓުގައި މި އަހަރު ހިނގި މައްސަލައަކާއި، ގއ. ވިލިނގިލީ މެޖިސްޓްރޭޓު ކޯޓުގައި ހިނގަމުންދާ މައްސަލައަކާ ގުޅޭ ގޮތުން ފަނޑިޔާރުންނަށް ގުޅައި "މަތިން އަންގައިގެން" ކަމަށް ބުނެ ވަކި ގޮތަކަށް އަމަލުކުރަން އެދިފައިވާ ކަމަށް އަދަދު ނޫހާ މައުލޫމާތު ހިއްސާކުރި މަސްދަރުތަކުން ވަނީ މައުލޫމާތު ދީފަ އެވެ.
"އެއްވެސް މަގާމެއްގެ ސަބަބުން ލިބޭ ޕޮޒިޝަނަކަށް ޖޭއެސްސީގެ މެންބަރުކަން ވެގެން ނުވާނެ، ތިއްބަވަން ޖެހޭނީ ޖުޑިޝަލް ދާއިރާގެ ބޭފުޅުން، ރިޓަޔަޑް ޖަޖުން މިސާލަކަށް، މިހާރު އޮތް ބިލަށް ބަދަލެއް ގެނެސްގެން ދެވެން އޮވެއްޖެއްޔާ އެއީ އަޅުގަނޑު ވެސް އެދޭ ގޮތް،" އެއީ ވެރިކަމަށް ވަޑައިގަތުމުގެ ކުރިން މުއިއްޒު ޖޭއެސްސީ ތަސައްވުރު ކުރެއްވި ގޮތެވެ.
ނަމަވެސް، ވެރިކަމަށް ދެ އަހަރު ފުރި ތިންވަނަ އަހަރެއް ގުނަމުން އަންނައިރު ހަގީގީ މާނައިގައި ފަނޑިޔާރުގެ މިނިވަން ކުރުމަށް ކުރަން ޖެހޭ އެންމެ މުހިންމު މަސައްކަތް ކުރުމަށް މުއިއްޒު ބޭނުނުވާކަން ވަރަށް ސާފެވެ. ކުރީ ސަރުކާރުތަކުން އަމަލުކުރެއްވި ކަމަށް މުއިއްޒު ވިދާޅުވި ގޮތަށް އެ ގެންދަވަނީ ހަމަ އަމަލުކުރައްވަމުންނެވެ. ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުމުގެ ވާހަކަ އޮތީ ޕާކުކޮށްފަ އެވެ. އެއީ އިންތިހާބަށް ދައްކާނެ ވާހަކައެކެވެ.
------
މި 2025 ވަނަ އަހަރަކީ މިފަހުން ރާއްޖޭގެ ޖުޑީޝަރީއަށް އެންމެ ބޮޑު ހަމަލާތައް އަމާޒުވި އަހަރެވެ. ހުރިހާ ހަމަލާއެއް ވެސް ފޮނުވާލީ އެގްޒެކެޓިވް ބާރުންނެވެ. ވެރިކަން ހިންގުމުގެ ބާރުންނެވެ. މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ މަޖިލީހާއި ޖޭއެސްސީއަކީ އެ ހަމަލާތައް ފޮނުވާލުމަށް ބޭނުންކުރި ހަތިޔާރެވެ.
މި ހަމަލާތަކުގެ އަސަރު ޒަމާންތަކެއް ވަންދެން މުޅި ގައުމަށް ކުރާނެ އެވެ. އަދުލު އިންސާފަކީ ގަނެ ވިއްކާ އެއްޗެއް ކަމަށް ބުނާ އަޑުތައް ގަދަވެއްޖެ އެވެ. ކޯޓުތަކަށް މަޑުމަޑުން ރައްޔިތުން ކުރަމުން އައި އިތުބާރު އެއްކޮށް ގެއްލިއްޖެ އެވެ. މިއީ އިއްތިފާގެއް ނޫނެވެ. މިއީ ދައުލަތުގެ ތިން ބާރު މުއިއްޒުގެ އަތަށް މަހާލި ގޮތެވެ.
Comment