Advertisement

ބިދޭސީ މަސައްކަތްތެރިންގެ މައްޗަށް ތަންފީޒުކުރަން އުޅޭ ރޭސިސްޓު، ޒެނެފޯބިކް ސިޔާސަތު


ބިދޭސީ މަސައްކަތްތެރިންގެ މައްޗަށް ތަންފީޒުކުރަން އުޅޭ ރޭސިސްޓު، ޒެނެފޯބިކް ސިޔާސަތު

މީގެ 25 އަހަރު ކުރިން، 2000 ވަނަ އަހަރުން ފެށިގެން ކޮންމެ ޑިސެމްބަރު މަހެއްގެ 18 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ހިޖުރަވެރިން ނުވަތަ މައިގްރަންޓުންގެ ދުވަހެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ހިޖުރަވެރިންނާއި އެ މީހުން ދިރިއުޅޭ މުޖުތަމައުތަކަށް ކޮށްދޭ ހިދުމަތްތަކާއި ދިމާވާ ގޮންޖެހުންތަކާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމުގެ ދުވަހަކެވެ.

މިދިޔަ އަހަރުގެ އާބާދީ ދުވަހު ސްޓެޓިސްޓިކްސް ބިއުރޯއިން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދިވެހިންނާއި ބިދޭސީން ހިމެނޭހެން ރާއްޖޭގައި ދިރިއުޅޭ އާބާދީއަކީ 515،132 މީހުންނެވެ. އޭގެ ތެރެއިން 132،493 މީހުންނަކީ ރާއްޖެއަށް ހިޖުރަކޮށްގެން ތިބި ބިދޭސީންނެވެ. އެ އަދަދުތަކުން ބަލާނަމަ ރާއްޖޭގައި ދިރިއުޅޭ ކޮންމެ ހަތަރު މީހުންގެ ތެރެއިން އެކަކީ ބިދޭސީއެކެވެ. ބައެއް ޖަމިއްޔާތަކުން އަންދާޒާކުރާ ގޮތުގައި ބިދޭސީން އަދަދު ދެ ލައްކައަށްވުރެ އިތުރުވާނެ އެވެ.

"ބިދޭސީންގެ މައްސަލަ"އަކީ ދިވެހިންގެ ތެރެއިން ގިނަ ބަޔަކަށް ބޮޑު މައްސަލައެކެވެ. އެ މައްސަލަ އުފެއްދީ ވެސް ދިވެހިންނެވެ. ބިދޭސީންގެ އާބާދީގެ 98 ޕަސެންޓު މީހުންނަކީ ބިދޭސީ މަސައްކަތްތެރިންނެވެ. ސައްހަ ކޯޓާގައި ވިޔަސް ވަގު ކޯޓާގައި ވިޔަސް އެ މީހުން ރާއްޖޭގެ ބޯޑަރުން އެތެރެކުރުމުގައި ދިވެއްސެއްގެ ބައިވެރިވުން ނޯންނާނެ ގޮތަކީ ނެތް ގޮތެކެވެ.

ނަމަވެސް، މިއަދު އޮތް ސަރުކާރުގެ ސިޔާސަތަކީ ބިދޭސީންނާ މެދު އިހުމާލުވާ ދިވެހިންގެ ފަހަތުން ދިޔުމުގެ ބަދަލުގައި ސީދާ ބިދޭސީންގެ ފަހަތުން ދިޔުމެވެ. ކުށް ކުރުމުގެ ތުހުމަތުގައި ބިދޭސީން ހައްޔަރު ނުކުރެއެކޭ ނުދެންނެވޭނެ އެވެ. އެއީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ނިސްބަތުން ގުނާނަމަ ބައިކުޅަބައި އެވެ.

ބިދޭސީންނާ މެދު ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ދުވަހެއް ދުވަހަކަށް ހަރުކަށިކުރަމުން ގޮސް އެންމެފަހުން ރަށު ތެރޭގައި އުޅުން "ކުށަކަށް" ހެދުމާ ހަމައަށް ވާސިލުވެވިއްޖެ އެވެ. ގައުމިއްޔަތާއި، ގައުމީ ސަލާމަތާއި އިޖުތިމާއީ ފޭރާން ހިމާޔަތް ކުރުމުގެ ޕޮޕިއުލިސްޓު ރާޅުގައި ރާއްޖޭން ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފު ސިޔާސަތުތަކެއް ސަރުކާރުން މިވަނީ ޓެސްޓު ކުރަން ފަށާފަ އެވެ. މިއީ ނުރައްކަލުގެ ރަނގަބީލަކަށް ނުވާނެ ހަމަ އެއްގޮތެއް ވެސް ނެތެވެ.

ރަށު ތެރޭގައި އުޅުން "ކުށަކަށް"

ރޭގަނޑު 12 ގެ ފަހުން އާންމު ތަންތަނުގައި އާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކުރަން ރައީސް މުހައްމަދު މުއިއްޒު ސަރުކާރުގެ އިދާރާތަކަށް އެންގެވީ އިއްޔެ އެވެ. ރެއިން ފެށިގެން ފުލުހުން ވަނީ މުއިއްޒުގެ ޒެނެފޯބިކް ރޭސިސްޓު އެންގެވުމާ އެއްގޮތަށް އަމަލުކުރަން ފަށާފަ އެވެ.

މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެގޮތަށް އަމަލުކުރަން އެންގެވީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ބައެއް މީހުން ރޭގަނޑު ދަންވަރުގެ ވަގުތުތަކުގައި އާއި ރަށު ތެރޭގެ އާންމު މަސްލަހަތު ގެއްލޭފަދަ ކަންކަން ކުރަމުން ދާތީ ކަމަށެވެ.

"ދަންވަރު 12:00 އިން ފެށިގެން ހެނދުނު 06:00 އާއި ހަމައަށް އާންމު ތަންތަނުގައާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކޮށް އަދި ފާހަގަވާ ކަންކަމާއި ގުޅިގެން ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅެއްވާ ނަމަ އެ ފިޔަވަޅު އެޅުމަށް މިރެއިން ފެށިގެން ދިވެހި ފުލުހުންނާއި ކަމާއިބެހޭ އެހެން އިދާރާތަކުން މަސައްކަތް ފަށަން ވާނީ ދަންނަވާފައި،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު މާލޭގައި ބޭއްވި އަވަށު ބައްދަލުވުންތަކުގައި ބައެއް މީހުން އެފަދަ ޝަކުވާތަކެއް ކުރި ނަމަވެސް އެ ވާހަކަތަކަށް ބާރު ލިބޭނެ ތަަފާސްހިސާބެއް އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެ އެވެ. އެ ވަގުތުތަކުގައި މަގުމަތީގައި އުޅޭ ބިދޭސީން އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް އުޅެމުންދާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ހަގީގަތުގައި އެފަދަ އަމަލުތައް ފެންނަނީ މަދު ބިދޭސީންތަކެއްގެ ފަރާތުންނެވެ. އެފަދަ ފަރާތްތަކާ ދެކޮޅަށް އިދާރާތަކުން މިހާރު ވެސް ފިޔަވަޅު އަޅަ އެވެ. އެހެން އުޅޭ މަދު ބައެއްގެ ސަބަބުން ހުރިހާ ބިދޭސީ މަސައްކަތްތެރިންނަށް އަދަބު ލިބޭ ގޮތަށް އޮވެގެން ނުވާނެ އެވެ. ދެހާސް ފަންސަވީސް ވަނަ އަހަރު މިފަދަ ސިޔާސަތެއް ގައުމަކުން ތަންފީޒު ކުރުމަކީ ޖޯކެކެވެ. ގައުމެއްގެ ގޮތުގައި ފަހަތަށް ދިޔުން ނޫން ކަމެއް ރަމްޒުކޮށް ނުދެ އެވެ.

""ހިޖުރަވެރި މަސައްކަތްތެރިންނަކީ ކުށްވެރިންނެއް ނޫން. އެއީ ދިވެހި އިގުތިސޯދު ހިންގާ މީހުން. އަޅުގަނޑުމެން އެ މީހުން ގެނެސް، އެ މީހުންގެ މަސައްކަތުން ފައިދާ ހޯދުމަށް ފަހު، ހުރިހާ އިލްޒާމެއް އެ މީހުންގެ ބޮލުގައި އަޅުވަނީތޯ؟ ހިޖުރަވެރިންނަކީ ކުށްވެރިން ކަމުގައި ހެދުމުގެ ބަދަލުގައި، އެ މީހުންނަށް ކަންކަން އޮޅުންފިލުވައިދީ މުޖުތަމަޢުގެ ތެރެއަށް ބައިވެރިކުރަން ޖެހޭ،" މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތު ކުރެއްވުމުގެ ދިގު ތާރީހެއް އޮތް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވި އެވެ.

ގާނޫނުއަސާސީ އާއި ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފު އެންގެވުމެއް

އެއްވެސް މީހެއްގެ މެދުގައި ތަފާތު ކުރުމަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާ ހިލާފު ކަމެކެވެ. އެގޮތުން ގާނޫނުއަސާސީގެ 17 ވަނަ މާއްދާގެ ހ. ގައި ބަޔާންކޮށްފައި އޮންނަނީ، ގާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާން ކޮށްފައި ހުރި ހައްގުތައް ހުރިހާ އެންމެންނަށް ވެސް ހަމަހަމައަށް ލިބިގެންވާ ކަމަށެވެ.

އަދި، އެ ހައްގުތަކާއި މިނިވަންކަން ލިބުމުގައި އެމީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ޖިސްމާނީ އަދި ނަފްސާނީ ނުކުޅެދުންތެރިކަމަށް ބަލައިގެން ނުވާ ކަަށް އެ މާއްދާގައި ބަޔާން ކޮށްފައިވެ އެވެ.

ރާއްޖެއިން އިންޓަނޭޝަނަލް ކޮންވެންޝަން އޮން ދަ ޕްރޮޓެކްޝަން އޮން ދަ ރައިޓްސް އޮފް އޯލް މައިގްރަންޓް ވޯކާސް އެންޑް މެންބާސް އޮފް ދެއާ ފެމިލީސް (އައިސީއާރުއެމްޑަބްލިއު) ގައި އަދި ސޮއިނުކުރެ އެވެ. ނަމަވެސް ރާއްޖެއަކީ 2006 ވަނަ އަހަރުން ފެށިގެން އިންޓަނޭޝަނަލް ކޮންވެންޝަން އޮން ދަ ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރު) ގައި ސޮއިކޮށްފައިވާ ގައުމެކެވެ. ސޮއިކުރީ ދީނީ މިނިވަންކަމާ ގުޅޭ މާއްދާތަކަށް އަމަލުނުކުރުމުގެ ރިޒަވޭޝަނާއެކު އެވެ.

"ހިޖުރަވެރިންނާ ދެކޮޅަށް ކުރަމުންދާ ތުހުމަތުތަކުގައި އޮތީ ކޮން ހެއްކެއްތޯ؟ ދީނަކަށް، ނަސްލަކަށް ނުވަތަ ގައުމަކަށް ނިސްބަތްވާތީ ބަޔަކަށް 'ޖުމުލަ' ލޭބަލްތަކެއް އަޅުވައި، އެ ބަޔަކީ 'ކުށްވެރިން' ކަމުގައި ކަނޑައެއް ނޭޅޭނެ. ކޮންމެ މީހަކީ ގާނޫނުގެ ކުރިމަތީގައި ހަމަހަމަކަމާއެކު، އިންސާފުން އަދި އަދުލުވެރިކަމާއެކު އަމަލުކުރެވެންވާނެ މީހެއް،" މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަންގެ ޖެނެރަލް ސެކްރެޓަރީ ފާތިމަތު ޒިމްނާ ސުވާލުކުރެއްވި އެވެ.

ވަކި ގައުމަކަށް ނިސްބަތްވުމެއް، ވަކި ނަސްލަކަށް ނިސްބަތްވުމެއް ނުވަތަ ގާނޫނީ ހައިސިއްޔަތަށް ބެލުމެއް ނެތި، އެ ގައުމެއްގެ ސަރަހައްދެއްގައި އުޅޭ އެންމެހައި ފަރުދުންނަށް އެ މުއާހަަދާގައި ބަޔާންކުރާ އެހެނިހެން ހުރިހާ ހައްގުތައް ކަށަވަރުކޮށްދިނުމަކީ ސަރުކާރަކަށް ލާޒިމު ކަމެކެވެ. މުއިއްޒުގެ އެންގެވުމަކީ އެ މުއާހަދާގެ އާޓިކަލް 12 އާ ފުށުއަރާ އެންގެވުމެކެވެ.

އެއް ތަނުން އަނެއް ތަނަށް ދަތުރުފަތުރުކޮށް އުޅުމުގެ މިނިވަންކަން ދިވެއްސަކަށް ވިޔަސް ބިދޭސީއަކަށް ވެސް އޮންނަން ވާނެ އެވެ. ރާއްޖޭގެ ގާނޫނުއަސާސީގެ 41 ވަނަ މާއްދާގައި ވެސް އޮތީ އެ ހައްގު ލިޔެފަ އެވެ.

"ހިޖުރަވެރި މަސައްކަތްތެރިންނަށް އަމާޒުކޮށް ހިންގާ ކާފިއުތަކަކީ ތަފާތުކުރުން އެކުލެވޭ، ޣައިރު ގާނޫނީ، އަދި ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ރާއްޖެއިން ވެފައިވާ އިލްތިޒާމުތަކާ ހިލާފު ކަމެއް،" ކުރީގެ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވި އެވެ.

އެހެންކަމުން، ހުއްދަ ވޯކް ޕާމިޓެއް އޮންނަ ކޮންމެ މީހަކަށްމެ ކޮންމެ ގަޑިއެއްގައި ވެސް ބޭރުގައި އުޅެވެން ޖެހޭނެ އެވެ. ގޯސްކޮށް އުޅޭ މީހުންނާ ދެކޮޅަށް ފިޔަވަޅު އެޅެން ޖެހޭނެ އެވެ. އެކަމަކު ދަންވަރު ވަޒީފާ ނިންމާފައި ދާ މަސައްކަތްތެރިންނާއި، ޑިއުޓީ ބަހައިގެން ދަތި ހާލުގައި ނިދަން ޖެހޭތީ މަގުމަތީގައި އުޅޭ ބިދޭސީންނާއި، ބޯ ހަމަޖައްސާލުމަށް ދަންވަރު ބޭރުގައި ތިބޭ ބިދޭސީންނާއި، މުޅި ދުވަހު ބުރަ މަސައްކަތުގައި އުޅުމަށް ފަހު އެކުވެރިންނާ ދިމާކުރަން ބޭރުގައި ތިބޭ ބިދޭސީންނަށް ނިޒާމީ ގޮތެއްގައި ފުރައްސާރަ ކުރެވޭނެ ދޮރު މިއާއެކު ހުޅުވިގެންދާނެ އެވެ.

ފުރަތަމަ ބިދޭސީން، ދެން ދިވެހިން؟

އާންމު ގޮތެއްގައި ހުދުމުހުތާރު ވެރިކަންތަކުގެ ކުރީކޮޅު ހަރުކަށި ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒު ކުރަން ފަށަނީ އެ ގައުމުތަކެއްގައި ދިރިއުޅޭ މައިނޯރިޓީތަކަށެވެ. ބިދޭސީ މަސައްކަތްތެރިންނާއި ހިޖުރަވެރިންނަށެވެ. މުއިއްޒުގެ މި އެންގެވުމަކީ ވެސް އެ ދިމާލަށް ރާއްޖޭގެ ކަންކަން ދާ ކަމުގެ ސިގްނަލެއްގެ ގޮތުގައި ދެކޭ ފަރާތްތަކެއް ވެސް އެބަތިއްބެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި އެ ޕާޓީގެ ދެވަނަ ވެރިކަމުގައި ބިދޭސީންގެ ކަންކަން ބެލެހެއްޓި އިކޮނޮމިކް މިނިސްޓްރީ ހިންގެވި ފައްޔާޒު އިސްމާއީލް ވިދާޅުވި ގޮތުގައި މިއީ މީހުންގެ އަހުލާގު ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ފަހު ޓާގެޓަކަށް އޮތީ ދިވެހިންނެވެ.

"ސުލްހަ އާއި ހަމަޖެހުން ދެމެހެއްޓުމުގެ ނަމުގައި ހިންގާ މިފަދަ ކަންކަމުގެ އަސްލު މަގުސަދަކީ، އިދިކޮޅު އަޑުތައް މުޅިން ކަނޑުވާލައި، ރައްޔިތުންގެ ބާރު ނައްތާލުން. މިއަދު ބިދޭސީންނަށް ކުރިމަތިވާ މި ކަންކަން، މާދަމާ ދިވެހި ރައްޔިތުންނާވެސް ކުރިމަތިވާނެ،" ފައްޔާޒު ލިޔުއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މީކާއިލް ނަސީމް މުއިއްޒުގެ ރޭސިސްޓު އެންގެވުން ސިފަކުރެއްވީ ސަރުކާރުން ކުއްލި ހަރަކާތް އިއުލާން ކުރުމެއް ނެތި ޕޮލިސް ސްޓޭޓެއް ތަންފީޒު ކުރަން ފެށުމުގެ އެންގެވުމެއް ގޮތުގަ އެވެ. މިއީ ހުރިހާ ފަރުދުންގެ މަދަނީ ހައްގުތަކަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް މީކާއިލް ވިދާޅުވި އެވެ.

"ބިރު ދެއްކުމާއި އުސޫލެއް ނެތް ބަލައި ފާސްކުރުންތަކުގެ ޒަރީއިން، ބިދޭސީ މަސައްކަތްތެރިންގެ މައްޗަށް ނުރަސްމީ ކާފިއުއެއް މަޖުބޫރުކުރުމަކީ ބިދޭސީންނަށް ނަފްރަތުކުރުން ނޫން ދެވަނަ ކަމެއް ނޫން. މިއީ އިންސާނީ ހައްގުތަކާއި މަސައްކަތްތެރިންގެ ހައްގުތަކަށް އަރައިގަތުން. އެ މީހުންގެ އަމިއްލަ މިނިވަންކަމުގެ ދިފާއުގައި މިއަދު އަޅުގަނޑުމެން ތެދުނުވެއްޖެނަމަ، މާދަމާ އަޅުގަނޑުމެންގެ އަމިއްލަ މިނިވަންކަން ވެސް ފޭރިގަންނާނެ،" ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު ލިޔުއްވި އެވެ.

ބިދޭސީއަކަސް ދިވެއްސަކަސް ގާނޫނާ އެއްގޮތަށް ދިރިއުޅޭ ކޮންމެ މީހަކަށް އޮންނަން ޖެހޭނީ އެއް ހަމައެކެވެ. ބިދޭސީ މަސައްކަތްތެރިންނަށް ޓާގެޓުކުރާ ސްޓޮޕް އެންޑް ސާޗު ސިޔާސަތަކީ ކުރިއަށް އޮތް ތަނުގައި ދިވެހިންނަށް ވެސް ތަންފީޒު ކުރާނެ ސިޔާސަތެކެވެ.

------

ޓީޗަރުން، ޑޮކްޓަރުން، ނަރުހުން، ލެކްޗަރާއިން، ކޭޝިއަރުން، ސެކިއުރިޓީ ގާޑުން، އެކައުންޓަންޓުން، ކުދިން ބަލާ މީހުން، އުމުރުން ދުވަސްވީ މީހުން ބަލާ މީހުން، ބޯކޮށާ މީހުން، ފަހާ މީހުން، ކުނި އުކާ މީހުން، ޑެލިވަރީ ކުރާ މީހުން، ބިއުޓީޝަނުން، ހެއާ ސްޓައިލިސްޓުން، ސޭލްސް އެސިސްޓެންޓުން، ޓެކްނީޝަނުން، ލޭބަރާއިން، ސެކިއުރިޓީ ގާޑުން، ޝެފުން، ވެއިޓަރުން، ޕައިލެޓުން، ކޮންސްޓްރަކްޝަން މަސައްކަތްތެރިން، އިންޖިނިއަރުން، ކޮންސަލްޓަންޓުން، ރިސޯޓުތަކާއި އެހެނިހެން ހުރިހާ ދާއިރާއެއްގައި ވަޒީފާ އަދާކުރާ ބިދޭސީ މަސައްކަތްތެރިންނަކީ ދިވެހި އިގުތިސޯދުގެ ހަކަތަ އެވެ. އެ މީހުންނާ ނުލައި ދިވެހި އިގުތިސޯދީ އިންޖީނު ކުރިއަކަށް ނުކަނޑާނެ އެވެ. މި ގައުމު ބިނާކުރުމުގައި އެ މީހުންގެ ހިއްސާ ކުޑައެއް ނޫނެވެ.

އަނބިންނާއި ދަރިންނާއި އެތައް ހާސް މޭލު ދުރަކަށް ހިޖުރަކޮށްގެން އެ މީހުން އެވަމުންދާ ގުރުބާނީއަކީ މަތިވެރި ގުރުބާނީ އެކެވެ. މަދު ބަޔަކު ކުރާ ކަމަކުން އެންމެނަށް އަދަބު ދިނުމަކީ އިންސާފުވެރި ގޮތެއް ނޫނެވެ. މިއީ ރޭސިސްޓު ޒެނެފޯބިކް ވެރިޔަކު އެއްވެސް ވިސްނުމެއް ނެތި ތަންފީޒުކުރަން ފަށާ ރޭސިސްޓު ޒެނެފޯބިކް ސިޔާސަތެކެވެ.