Advertisement

ކުޑަކުދިން ބެލުމަށް ބިދޭސީން ގެނެވޭ ގޮތަށް ވަޒީފާ އަދާކުރުމުގެ ގަވާއިދު ބަދަލުކޮށްފި

about 11 hours 0


ކުޑަކުދިން ބެލުމަށް ބިދޭސީން ގެނެވޭ ގޮތަށް ވަޒީފާ އަދާކުރުމުގެ ގަވާއިދު ބަދަލުކޮށްފި

about 11 hours 0

ބައެއް ވަޒީފާތައް ދިވެހިންނަށް ހާއްސަ ކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށް އޮތް ކުޑަކުދިން ބެލުމަށް ބިދޭސީން ނުގެނެވޭ ގޮތަށް ހިމަނައި ގެޒެޓު ކުރި ގަވާއިދަށް ބަދަލެއް ގެނެސް ބިދޭސީން ގެނެވޭ ގޮތް ހަދައިފި އެވެ.

ހޯމްލޭންޑް މިނިސްޓްރީން "ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ" އާ ގަވާއިދު ގެޒެޓުކުރީ ޑިސެމްބަރު 14، ގަ އެވެ. އެ ގަވާއިދުގައި ކޯޓާ އެއް ގޮތަކަށް ވެސް ދޫނުކުރެވޭނެ ވަޒީފާތަކެއް ކަނޑައަޅާފައިވެ އެވެ. އަދި ކޯޓާތައް ފޭސް އައުޓް ކުރާނެ ތާރީހެއް ކަނޑައަޅާފައި އޮތެވެ.

ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މިހާރު ހުރި ކޯޓާތައް ބާތިލުކޮށް، އެ ވަޒީފާތަކަށް ކޯޓާ ދޫކުރުން މަނާވާ ވަޒީފާތަކުގެ ތެރޭގައި ބޭބީ ސިޓާސް ނުވަތަ ކުޑަކުދިން ބަލައިދޭ މީހުން ހިމަނާފައި އޮތެވެ. ނަމަވެސް، ޑިސެމްބަރު 17، ގައި ގަވާއިދަށް ގެނައި ބަދަލާއެކު އެ ވަޒީފާ ވަނީ ގަވާއިދުގެ ޖަދުވަލު ދެއަކުން އުނިކޮށްފަ އެވެ.

ކުޑަކުދިން ބަލާނެ މީހުން މިހާރު ވެސް ނުލިބޭ ކަމުގެ ކަންބޮޑުވުން ބައެއް ބެލެނިވެރިން މި ގަވާއިދު ގެޒެޓުކުރުމުން ފާޅުކުރި އެވެ. އެހެން ކަންކަން ހުއްޓައި ބިދޭސީން އެފަދަ މަސައްކަތް ކުރުމަށް ނުގެނެވޭ ގޮތް ހެދުމަކީ ދަތިތަކެއް ކުރިމަތިވާނެ ކަމަކަށްވާތީ އެ ވަޒީފާ ހަމައެކަނި ދިވެހިންނަށް ހާއްސަ ނުކުރުމަށް ބައެއް ބެލެނިވެރިން އެދުނެވެ.

ކޯޓާ ދޫނުކުރާ ގޮތަށް ނިންމާފައި އޮތަސް، ވަޒީފާގެ ބާޒާރުން ދިވެހި މަސައްކަތްތެރިން ލިބެން ހުރި މިންވަރަށް ބަލައި، މަނާކޮށްފައިވާ ވަޒީފާތަކަށް ބަދަލު ގެނައުމުގެ އިހުތިޔާރު، ގަވާއިދުގެ ދަށުން މިނިސްޓްރީއަށް ލިބެ އެވެ.

ބައެއް ވަޒީފާތައް ދިވެހިންނަށް ހާއްސަ ކުރުމުގެ މަސައްކަތް މި ސަރުކާރުން ފެށީ، ދިވެހިންގެ ޝައުގު ހުރި ދާއިރާތައް ދިވެހިންނަށް ހާއްސަ ކުރަން ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދު ފުއްދުމަށެވެ. އެ ގޮތުން ޑިސެމްބަރު 24، 2023 ގައި ބޭއްވި ކެބިނެޓު ބައްދަލުވުމުގައި ސަރުކާރުން ވަނީ މި ސިޔާސަތު ތަންފީޒުކުރަން ނިންމާފަ އެވެ.

ދިވެހިންނަށް ހާއްސަކުރަން ނިންމި ވަޒީފާތަކުގެ ތެރޭގައި ހިމެނޭ ގިނަ ދާއިރާތަކަކީ މިހާރު ވެސް ގިނަ އަދަދަކަށް ބިދޭސީން ހަރަކާތްތެރިވާ ދާއިރާތަކެވެ. ވަކިން ހާއްސަކޮށް ޓޫރިޒަމް ދާއިރާގެ ވަޒީފާތަކާއި، ބިއުޓީޝަނުންނާއި، ކޮންސްޓްރަކްޝަން ވަޒީފާތަކުގެ ބޮޑު އިންސައްތައަކީ ބިދޭސީންނެވެ.