Advertisement

އުރީދޫއިން ޕޭޕަލްއާއެކު މި ގެންނަނީ އިންގިލާބީ ބަދަލެއް

15 އޮކްޓޯބަރު 2025 - 16:52 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އުރީދޫއިން ޕޭޕަލްއާއެކު މި ގެންނަނީ އިންގިލާބީ ބަދަލެއް

15 އޮކްޓޯބަރު 2025 - 16:52 2

ޕޭޕަލްއަކީ މި ކުޑަކުޑަ ރާއްޖެއަށް ވެސް ވަރަށް ބޭނުންތެރި ހިދުމަތެކެވެ. އެ ހިދުމަތް ރާއްޖެއަށް ތައާރަފްކުރާނެ ދުވަހެއްގެ އިންތިޒާރުގައި އެތަކެއް ދިވެހިން ތިބޭތާ ޒަމާންތަކެއް ވެއްޖެ އެވެ.

ދިވެހީންގެ މި ޒަމާންވީ ހުވަފެން އަސްލަކަށް ވުމުގެ ކޮޅުމަތި ފެންނަށް ފަށައިފި އެވެ. އުރީދޫ ކުންފުނިން ޕޭޕަލްއާ އެކީ ސޮއިކުރީ ތާރީހީ ޕާޓްނާޝިޕުގެ ތެރެއިން، ޕޭޕަލް ހިދުމަތް ރާއްޖެއަށް ތައަރާފު ކުރަން އުޅޭ ކަމުގެ އުފާވެރި ހަބަރު މި ވަނީ ދިވެހިންނާ އަރާ ހަމަކޮށްފަ އެވެ.

މިއީ ބަވަނަވެފައި އޮތް ދުނިޔޭގައި ހުރި ބައިވަރު ފުރުސަތުތަކަށް ފެންބޮވައިގެންފައި ތިބި އެތަކެއް ދިވެހިންނަކާ އެކީ ފަށާ އިންގިލާބީ ދަތުރެއްގެ ފެށުމެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު، ހުސައިން ނިޔާޒް އަދަދު އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި ވިދާޅުވީ އެމް-ފައިސާ މެދުވެރިކޮށް ރާއްޖެއިން ބޭރުން ފައިސާ ފޮނުވޭނެ ގޮތެއް ނެތުމުން އުރީދޫ ގްރޫޕް މެދުވެރިކޮށް ރާއްޖެއަށް ޕޭޕަލް ގެނައުމަށް މަސައްކަތްކުރާތާ ތިން އަހަރުވެފައިވާ ކަމަށެވެ.

ނިޔާޒު ވިދާޅުވީ އެމްއެމްއޭއިން ހޯދަން ޖެހޭ ލައިސަންސް ހޯދައި ޕޭޕަލް ގެނައުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ހުރިހާ ކަންކަން ފުރިހަމަކޮށް އަންނަ އަހަރުގެ ކުރީކޮޅު އެ ހިދުމަތް ފަށަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަންނަ އަހަރު ތެރެއަށް އަޅުގަނޑުމެން މީތި މި ޓާގެޓްކުރަނީ. އިއްޔެގައި އަޅުގަނޑުމެންނަށް މި އެނައުންސްވެގެން ދިޔާމަ އަޅުގަނޑުމެން ކުރަން ޖެހޭ ބައިވަރު ކަންކަން ހުންނާނެ. އަޅުގަނޑުމެން ޖެހޭނެ އެމްއެމްއޭ އިން ލައިސަންސް ވެސް ނަގައިގެން ޕްރޮސެސްތައް ފެށިގެންދާނީ. ޕޭޕަލް ކޮޅުން ވެސް އަޅުގަނޑުމެން ކުރަން ޖެހޭ ބައިވަރު ކަންތައްތައް ހުންނާނެ،" އޭނާ ވިދާޅުވި އެވެ.

އުރީދޫ ގަތަރު ފިންޓެކް ކުންފުނިން ހަދާފައިވާ އެއްބަސްވުމުގެ ދަށުން އުރީދޫ އޮޕަރޭޓްކުރާ ހުރިހާ ގައުމުތަކަށް ޕޭޕަލް ބޭނުން ކުރުމަށް ފުރުސަތު ފަހިކުރަމުން އަންނައިރު، ޕޭޕަލް ރާއްޖެއަށް އަންނަނީ އެ މަސައްކަތުގެ ދަށުން ކަމަށް ނިޔާޒް ވިދާޅުވި އެވެ.

އުރީދޫ މޯލްޑިވްސް ސީއީއޯ ޚާލިދު. -- ފޮޓޯ: އަދަދު


އެމް-ފައިސާގެ ވޮލެޓެއް ގޮތަށް ޕޭޕަލް އަންނާނީ: ޑޮލަރުން ފެންނަން އިންނާނީ

އުރީދޫ އެޕްގެ ތެރޭގައި އެމް-ފައިސާ އިންނައިރު، ޕޭޕަލް އަންނާނީ އޭގެ ވޮލެޓެއް ގޮތަށެެވެ. ޕޭޕަލް ވޮލެޓުން ރާއްޖެއިން ބޭރަށް އަދި ބޭރުން ރާއްޖެއަށް ވެސް ޑޮލަރުން ފައިސާ ފޮނުވެ އެވެ.

އެމް-ފައިސާގެ ޕޭޕަލް ވޮލެޓަށް ފައިސާ ޖަމާވުމުން އެ ފައިސާ އެމް-ފައިސާގެ ޑޮލަރު ވޮލެޓަށް ފޮނުވޭނެ އެވެ. އެގޮތުން އެ ޑޮލަރު ވޮލެޓުން އަނެއްކާ ބީއެމްއެލް އާއި އެމްއައިބީ ފަދަ ބޭންކުތަކަށް ފޮނުވައިގެން "ކޭޝް އައުޓް" ކޮށް ނަގުދު ފައިސާ ވެސް ނެގޭނެ އެވެ.

ނިޔާޒް ވިދާޅުވީ އެމް-ފައިސާގެ ޑިޖިޓަލް ވޮލެޓު ބައިނަލްއަގުވާމީ ޑިޖިޓަލް ވޮލެޓަކާއި ގުޅިގެން ދިޔުމުން ވަރަށް ބޮޑަށް ކަންކަން ފަސޭހަވެގެންދާނެ ކަމަށާއި ޓްރާންސެކްޝަންސްތައް ވަރަށް ސްމޫތުވާނެ ކަމަށެވެ.

"ލާރި ގެންނަންޔާ ޖެހެނީ ކޮންމެވެސް އިންޓަނޭޝަނަލް ބޭންކެއްގައި އެކައުންޓެއް ހުޅުވައިގެން ލާރި ގެންނަން މި ޖެހެނީ. ގެންނައިރު އަނެއްކާ އޭގެ ތެރެއިން އޭގެއަށް ކޮމިޝަންތަކާ އެއްޗެހި ނެގިގެންދާއިރުގައި އަސްލު އެ ބޭނުންވާ ލާރިއެއް ނުލިބޭ،" ނިޔާޒް ވިދާޅުވި އެވެ.

"އެހެންވީމަ ޕޭޕަލް އިންޓަގްރޭޓު ވެގެންދާއިރުގައި އިންޓަނޭޝަނަލް ޕްލެޓްފޯމުތަކުގައި ވިއްކަންވީ ކޮންމެ އެއްޗެއް ވެސް. މިސާލަކަށް އެމޭޒަން ތަންތާގައި ވެސް ވިއްކަންވީ ޕޭޕަލްއިން ލާރި ލިބިގެންދާނެ ވަގުތުން އިންސްޓެންޓްލީ އެ ދިވެހި މީހާއަށް އެމް-ފައިސާ ވޮލެޓަށް ލާރި ލިބިގެންދާނެ."

ޕޭޕަލްއަކީ ޑޮލަރު ޓްރާންސެކްޝަންތައް ހިންގާ ވޮލެޓަކަށްވާތީ އޭގެއިން ވެސް ވީހާ ވެސް ގިނަ ޓްރާންސެކްޝަންސްތައް ހިންގަން ބޭނުންވާނެ ކަމަށާއި ޓްރާންސެކްޝަންތައް ހެދުމުގައި މާބޮޑު ލިމިޓޭޝަންތަކެއް ނުހުންނާނެ ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އާއި ސީސީއޯ ނިޔާޒު އަދި އެސިސްޓެންޓު މެނޭޖާ ޕީއާރު ޝިއުނާ. -- ފޮޓޯ: އަދަދު


ޕޭޕަލްއާއެކު ކްރިއޭޓިވް އިކޮނޮމީއަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް

ރާއްޖޭގެ ބައެއް އުފެއްދުންތައް ވިއްކުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ލާރި ފޮނުވޭނެ އިންތިޒާމު ހަމަޖެހިފައި ނެތުން ކަމަށް ނިޔާޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ އުފެއްދުންތައް ހަމައެކަނި ރާއްޖެއަށް އެކަނި ވިއްކަން ޖެހުމަކީ ލިމިޓޭޝަނެއް ކަމަށެވެ.

ނަމަވެސް ނިޔާޒް ވިދާޅުވީ ޕޭޕަލް އައުމާއެކު ރާއްޖޭގެ އެކި އުފެއްދުންތައް ބޭރުގެ ޕްލެޓްފޯމުތަކުގައި ވިއްކާލެވޭނެ ކަމަށާއި އުފެއްދުންތައް ބޭރުގެ މާކެޓަށް ނުވިއްކެނީ ފައިސާ ލިބޭނެ އެއްވެސް އިންތިޒާމެއް މިހާތަނަށް ހަމަޖެހިފައި ނެތުމުން ކަމަށެވެ.

"ޕޭޕަލް އައީމަ އެކި ޕްލެޓްފޯމުތަކުގައި. އިންޓަނޭޝަނަލް އެކި ޕްލެޓްފޯމްތަކުގައި ވެސް ވިއްކާލެވޭނެ. އަދި ދިވެހި ޕްލެޓްފޯމްތަކުގައި ވެސް ޕޭޕަލްއިން ލާރި ކަލެކްޓް ކުރެވޭ ގޮތަށް ވިއްކާލެވޭނެ." އޭނާ ވިދާޅުވި އެވެ.

އޭގެ މާނައަކީ ސިންގަޕޫރުގައި ހުންނަ މީހަކު، އެމެރިކާގައި ހުންނަ މީހަކު ވެސް އޭތި އޯޑަރު ކޮށްލީމަ އެމޭޒަން މެދުވެރިކޮށް އޯޑާކޮށްލީމަ ޕޭޕަލްއިން ވަގުތުން ލާރި އަންނާނެ. ލާރި ނާންނާތީ ނުވިކިގެން މިއުޅެނީ. އެހެންވީމަ މިއީ ދިވެހިރާއްޖޭގެ ކްރިއޭޓިވް އިކޮނޮމީއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް،"

ޕޭޕަލްއަކީ މުޅި ދިވެހިރާއްޖެ ދުނިޔެއަށް ހުޅުވިގެންދާ ދޮރެއްކަން ފާހަގަކުރައްވާ ނިޔާޒް ވިދާޅުވީ އުރީދޫއިން މޯބައިލް ނެޓްވޯކްގެ ހިދުމަތް ރާއްޖެއަށް ދޭން ފެށުމާއެކު މުޅި ދުނިޔެއަށް ހުޅުވިގެން ދިޔަ ކަމަށެވެ. އެގޮތުން ފައިސާގެ މުއާމަލާތް ކުރަން މުޅި ދުނިޔެއަށް އުރީދޫއިން ހުޅުވައިދޭން މަސައްކަތް ކުރާކަން އޭނާ ފާހަގަކުރެއްވި އެވެ.

އުރީދޫ މޯލްޑީވްސް މައި އޮފީސް އިމާރާތް


ރާއްޖޭގައި ބޭނުންކުރާ ހުރިހާ ނަންބަރަކަށް ޕޭޕަލް ހިދުމަތް ލިބޭނެ

އެމް-ފައިސާގެ ހިދުމަތް ރާއްޖޭގައި ބޭނުންކުރާ ހުރިހާ ނަންބަރަކަށް ލިބެ އެވެ. އެގޮތުން ޕޭޕަލް ހިދުމަތް ވެސް ހޯދުމަށް ކުރަން ޖެހޭނެ ކަމަކީ އުރީދޫ އެޕް އެޅުމަށްފަހު އެމް-ފައިސާ އެކައުންޓެއް ހުޅުވުމެވެ. އެގޮތުން ދިރާގު ކަސްޓަމަރުންނަށް ވެސް އެ ހިދުމަތް އެމް-ފައިސާ މެދުވެރިކޮށް ބޭނުން ކުރުމުގެ ފުރުސަތު އެބައޮތެވެ.

ނިޔާޒް ވިދާޅުވީ އުރީދޫ އިން މަސައްކަތް ކުރަމުންދަނީ ވިހާ ވެސް ގިނަ އިންޓަނޭޝަނަލް ވޮލެޓްތައް ރާއްޖެއަށް ތައާރަފް ކުރުމަށް ކަމަށެވެ. އެގޮތުން ވަރަށް ގިނަ މަޝްވަރާތައް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ބައިވަރު އިންޓަނޭޝަނަލް ވޮލެޓްތަކާ އެކީގައި މަޝްވަރާ ކުރެވެމުން ދަނީ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާގައި އެމް-ފައިސާ އަޅުގަނޑުމެންގެ ފިންޓެކް ތެރެއިން ވަރަށް ބައިވަރު ހިދުމަތްތައް ފެނިގެންދާނެ،" އެނާ ވިދާޅުވި އެވެ.

ޕޭޕަލް ހިދުމަތް ރާއްޖެއަށް ތައާރަފް ކުރުމުގެ މަސައްކަތް އުރީދޫއިން ކުރަނީ ބައިނަލްއަގުވާމީ ގޮތުން ފުރިހަމަކުރަން ޖެހޭ ހުރިހާ މިންގަނޑެއް ފުރިހަމަ ކުރުމަށްފަހު ކަމަށާއި ހުރިހާ ކަމެއް ކުރިއަށް އޮތް ތަނުގައި ޑިޖިޓަލް ވެގެންދާތަން ފެންނާނެ ކަމަށް ނިޔާޒް ވިދާޅުވި އެވެ.

---

ޕޭޕަލް ތައާރަފު ކުރުމުން ދިވެހިންނަށް އޮތީ ބޭރުގެ ބާޒާރުގައި ދިވެހިންގެ އުފެއްދުންތައް ވިއްކުމުގެ އުފާވެރިކާމާއި ނަފާވެރިކަން އެކަންޏެއް ނޫނެވެ. ގޭގައި ތިބެގެން މަސައްކަތް ކުރާ މީހުންނާއި އޮންލައިންކޮށް މަސައްކަތްކޮށްގެން އާމްދަނީއެއް ހޯދަން ބޭނުންވެފައި ތިބި ފްރީލާންސަރުންނަށް ވެސް މި ލިބުނީ ފުރުސަތުގެ މައްޗަށް ފުރުސަތެވެ.

ދެން އެއްޗެއް ވިއްކާފައި، ނޫނީ މަސައްކަތެއް ކޮށްފައި، އެ ފައިސާ މި ރާއްޖެއަށް ގެންނާނެ ގޮތެއް ނެތި، ގޮތް ހުސްވެފައި ތިބޭކަށް ނުޖެހޭނެ އެވެ. އުރީދޫ-ޕޭޕަލް އެމް-ފައިސާ ވޮލެޓުން އެ ވަންނާނީ ސީދާ ޖީބަށެވެ.