29 މޭ 2025 - 07:52 9
ހަސަން މުހައްމަދު
އާޓްވޯކް: އިސްމާއިލް އިމްދާދް / އަދަދު
29 މޭ 2025 - 07:52 9
މީގެ ތިން އަހަރު ކުރިން 2022 ވަނަ އަހަރު، އެކި ގޮތްގޮތަށް އާންމުން ހައްލައިގެން ސްކޭމަރުން ވަނީ 23 މިލިއަން ރުފިޔާ ހޯދައިފަ އެވެ. އެއާ ޖެހިގެން އައި އަހަރު ސްކޭމަރުން ވަނީ 20 މިލިއަން ރުފިޔާ ހޯދައިފަ އެވެ. މިދިޔަ އަހަރުގެ ޖުލައި މަހާ ހަމައަށް 13 މިލިއަން ރުފިޔާ އޮތީ ގެއްލިފަ އެވެ.
ސްކޭމްތަކުގައި ގިނަ ފަހަރު ޖެހެނީ އާންމުން ނަމަވެސް ގައުމުތަކުގެ ސަރުކާރުތަކުން ވެސް ސްކޭމްތަކުގައި ޖެހޭ މިންވަރު މަދެއް ނޫނެވެ. އޭގެ ތެރޭގައި ދިވެހި ސަރުކާރު ވެސް ހިމެނެ އެވެ. ދިވެހި ސަރުކާރުން ސްކޭމްތަކުގައި ޖެހިގެން ދައުލަތަށް އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުމެއް ވަނީ ވެފަ އެވެ.
ސަރުކާރުން ޖެހުނު ސްކޭމްތަކުގެ ތެރޭގައި، 2010 ވަނަ އަހަރު ޖެހުނު ފްލޯޓިން ސިޓީ ސްކޭމް އާއި 2020 ވަނަ އަހަރު ސަރުކާރުން ޖެހުނު ވެންޓިލޭޓަރު ސްކޭމާއި 2024 ވަނަ އަހަރު ޖެހުނު ތިނަދޫ އެއާޕޯޓު ސްކޭމް ހިމެނެ އެވެ.
ދިވެހި ސަރުކާރު ސްކޭމް ކުރަން، ކޮންމެ ސަރުކާރެއްގައި ވެސް ސްކޭމަރުން މަސައްކަތް ކުރެ އެވެ. ސްކޭމްތަކުގައި ނުޖެހި ރައްކާތެރިވެވިފައި ވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި، ސ. ގަން އެއާޕޯޓު ހޯދަން ސްކޭމަރުންތަކެއް އުޅުން ހާދިސާ ހިމެނެ އެވެ.
މައުމޫނުގެ ސަރުކާރުން އެ ސްކޭމުގައި ނުޖެހި ސަލަމާތްވީ ޑިއު ޑިލިޖެންސް ހެދުމުން ނުވަތަ ބަލަންޖެހޭ މިންވަރަށް ކަންކަން ބެލުމުންނެވެ. ގަން ހޯދަން އުޅުނު މީހުންގެ މައުލޫމާތު ސަރުކާރުން ބެލުމުގެ އިތުރުން އދ. އަށް ފޮނުވައިގެން ވެސް ފޭކު ކުންފުނީގެ މައުލޫމާތު މައުމޫނުގެ ސަރުކާރުން ހޯދި އެވެ.
މި ލިޔުމުގައި މި ބަލައިލަނީ، ދިވެހި ސަރުކާރުން ޖެހުނު ބޮޑެތި ސްކޭމްތަކާއި ސްކޭމްތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ މައްޗަށެވެ. ސްކޭމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކަށް މި ބަލައިލަނީ، ސްކޭމަކުން ސަލާމަތްވާން ރައީސް މައުމޫން 1980 ވަނަ އަހަރު ބޭނުން ކުރެއްވި ފިޔަވަޅުތަކުގެ މައްޗަށެވެ.
ފްލޯޓިން ސިޓީ ސްކޭމަކީ 2010 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ޖެހުނު ސްކޭމެކެވެ. ފްލޯޓިން ސިޓީގެ މައްސަލަ މިހާތަނަށް ވެސް ނުނިމޭއިރު، އެ ބުނާ ސިޓީއެއް އަދިވެސް ނުފެނެ އެވެ.
ފްލޯޓިން ސިޓީއެއް ނުވަތަ ކަނޑުމަތީގައި ސިޓީއެއް ރާއްޖޭގައި ބިނާ ކުރަނީ ކަމަށް ބުނަނީ ނެދަލޭންޑްސްގެ ޑަޗް ޑޮޗްލޭންޑް ކުންފުނިންނެވެ. އެ ކުންފުނިން އެންމެ ފުރަތަމަ ރާއްޖެ އައީ ފްލޯޓިން ސިޓީއެއް ހަދައިދޭނެ ކަމަށް ބުނެގެނެއް ވެސް ނޫނެވެ. އެންމެ ފުރަތަމަ ޑަޗް ޑޮކްލޭންޑްސް އިން ހުށަހެޅީ ފްލޯޓިން ކޮންވެންޝަން ސެންޓަރަކާއި ފްލޯޓިން ގޮލްފް ކޯހެއް އެޅުމަށެވެ.
ކޮންވެންޝަން ސެންޓަރާއި ގޮލްފް ކޯސް އަޅަން ސޮއި ކުރީ މާޗް 4، 2010، ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ކުންފުނި ލައްވައި ފްލޯޓިން ގެތަކެއް އެޅުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ސަރުކާރުން އެ ދުވަހު ބުންޏެވެ.
އެ އެއްބަސްވުމުގެ މާ ބޮޑު ތަފުސީލުތަކެއް ނުލިބި ދުވަސްތަކެއް ހޭދަވި ފަހުން ދެން އިވުނު ވާހަކައަކީ ޑަޗް ޑޮކްލޭންޑްސް އިން ފްލޯޓިން ވިލާތަކެއް އަޅަން ނިންމި ވާހަކަ އެވެ. އަދި ފެބްރުއަރީ، 2011، ގައި ޑަޗް ޑޮކްލޭންޑްސް އަށް ފަސް ފަޅު ދިނެވެ. ފަޅުތައް ދީފައި ވަނީ ޑަޗް ޑޮކްލޭންޑްސް އާއި ދިވެހި ސަރުކާރާ ގުޅިގެން ހެދި ޖޮއިން ވެންޗާ ކުންފުންޏަކަށެވެ.
ފަޅުތައް ދޫކުރުމަށް ހެދި އެއްވަސްވުމުގެ ދަށުން، ފަޅުތަކުގައި ލަގްޒަރީ ވިލާތަކެއް އަޅަން ނިންމާފައިވާ ކަމަށް އަޑު ފެތުރުނެވެ. ވިލާތައް ހަދަނީ ބޭރު މީހުންނަށް އެ ތަންތަން ފްރީ ހޯލްޑު އުސޫލުން މިލްކު ކުރެވޭ ގޮތަށް ކަމަށް ވެސް ވާހަކަ ދެކެވުނެވެ. އަދި ބޭރު މީހުންނަށް ވިލާ މިލްކު ކުރެވޭ ގޮތަށް ވިއްކާ ނަމަ، ދިވެހިންނަށް ވެސް ގެތަކެއް އަޅައިދޭނެ ކަމަށް ޑަޗް ޑޮކްލޭންޑްސް އިން ބުންޏެވެ.
ޑަޗް ޑޮކްލޭންޑްސްއާއެކު ހެދި ފުރަތަމަ އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު:
ފްލޯޓިން ވިލާތަކުގެ ވާހަކަ މަޑުޖެހިފައި އޮއްވައި މެއި، 2019، ގައި އަނެއްކާ ވެސް ސަރުކާރުން ޑަޗް ޑޮކްލޭންޑްސްއާއެކު އެއްބަސްވުމެއް ހެދި އެވެ. އެ އެއްބަސްވުމަކީ ރާއްޖޭގައި ފްލޯޓިން ސިޓީއެއް ހަދަން އެއްބަސްވި އެއްބަސްވުމެއް ކަމަށް ސަރުކާރުން ބުންޏެވެ. އެ އެއްބަސްވުމުގެ ދަށުން ޕްރޮޖެކްޓު ލޯންޗު ކުރީ މެއި، 2021، ގަ އެވެ. އެ ޕްރޮޖެކްޓުގެ ދަށުން 5000 ގެ އަޅާނެ ކަމަށް އެއިރު ވާހަކަ ދެކެވުނެވެ.
ފްލޯޓިން ސިޓީ އަޅަން ޑަޗް ޑޮކްލޭންޑްސްއަށް ދިނީ އާރަށް ކައިރީ އޮތް 200 ހެކްޓަރުގެ ފަޅެކެވެ. އެއިރު އެ ކުންފުނިން ބުނީ ޖެނުއަރީ، 2023، ގައި ޕްރޮޖެކްޓުގެ މަސައްކަތް ފަށައި، ގާތްގަނޑަކަށް ފަސް އަހަރުގެ ތެރޭގައި ޕްރޮޖެކްޓު އެއްކޮށް ނިންމައިލެވޭނެ ކަމަށެވެ.
ފްލޯޓިން ސިޓީގެ މޮކަޕް ގެތަކެއް އަޅަން ޑަޗް ޑޮކްލޭންޑްސް އިން ހަވާލު ކުރީ ބައިސަން މޯލްޑިވްސް އާ އެވެ. ބައިސަން އިން ވަނީ ފްލޯޓިން ސިޓީގެ މޮކަޕް ގެތަކެއް ހަދައިފަ އެވެ. ބައިސަންއާ އެ ޕްރޮޖެކްޓު ހަވާލު ކުރީ ފެބްރުއަރީ، 2022، ގަ އެވެ. އޭގެ ފަހުން ޖޫން، 2022، ގައި ފްލޯޓިން ސިޓީ މަޝްރޫއު އިންޓަގްރޭޓެޑް ޓުއަރިޒަމް މޮޑެލަށް ބަދަލު ކުރަން އިތުރު އެއްބަސްވުމެއްގައި ސޮއި ކުރި އެވެ.
ފްލޯޓިން ސިޓީގެ މޮކަޕް ޔުނިޓެއް:
އެ ކަންކަމުގެ ތެރެއިން، މާލޭ ސިޓީ ކައުންސިލުން ވެސް އެ ޕްރޮޖެކްޓު ތެރެއަށް ވަދެ، ޑަޗް ޑޮކްލޭންޑްސްއާއެކު މާޗް، 2022، ގައި އެއްބަސްވުމެއް ހެދި އެވެ. އެ އެއްބަސްވުމުގެ މަގްސަދަކީ، މާލޭ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުން ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.
އެ ހުރިހާ ކަމެއް ހިނގި އިރު، މަސައްކަތުގެ އަމަލީ އެއްވެސް މަސައްކަތް ނުކޮށް، ޑަޗް ޑޮކްލޭންޑްސް އިން ދިޔައީ އެމީހުންނަށް ކުރިން ދީފައި ހުރި ފަޅުތައް މަޑުމަޑުން ވިއްކަމުންނެވެ. އެ ކުންފުންޏަށް ދީފައި އޮތް ފަޅުތަކުގެ ތެރެއިން ދެ ފަޅެއް ވިއްކައިގެން 16.8 މިލިއަން ޑޮލަރު އެ ކުންފުނިން ވަނީ ހޯދައިފަ އެވެ.
ޑަޗް ޑޮކްލޭންޑްސްގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން އެ ކުންފުނި އުފެއްދީ 2005 ވަނަ އަހަރެވެ. ކުންފުނީގެ ވެބްސައިޓުގައި ބުނެފައި ވަނީ އެ ކުންފުންޏަކީ ފްލޯޓިން ސިޓީ ހެދުމަށް މުޅި ދުނިޔޭގައި ވެސް އެއް ވަނަ ގައުމު ކަމަށެވެ. އެކަމަކު ކުންފުނީގެ ޕޯޓިފޯލިއޯގައި ކޮށްފައިވާ އެއްވެސް މަސައްކަތެއް ނުދެއްކުނެވެ.
ކުންފުނީގެ ޕޯޓިފޯލިއާގައި ހިމަނާފައި ވަނީ މޯލްޑިވްސް ފްލޯޓިން ސިޓީ އާއި ނޫރާ ފްލޯޓިން ސިޓީ އެވެ. ނޫރާއަކީ ކޮން ޕްރޮޖެކްޓެއް ކަމެއް ނޭނގެ އެވެ. ޕޯޓިފޯލިއޯގައި ހިމަނާފައި އޮތް ނަމަވެސް ފްލޯޓިން ސިޓީގެ އެއްވެސް މަސައްކަތެއް މިއަދާ ހަމައަށް ވެސް ފެންނާކަށް ނެތެވެ. މަސައްކަތެއް ފެންނަން ނެތަސް، ފަޅުގައި އަޅާނެ ކަމަށް ބުނާ ވިލާތައް ވިއްކަން މިހާރު އެ ކުންފުނިން ހުރީ ސޭލެއް އަޅުވައިފަ އެވެ.
މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ރާއްޖެއިން ފުރަތަމަ ފެނުނީ މާޗް، 2020، ގަ އެވެ. އެއާއެކު މުޅި ދިވެހިރާއްޖެ ކުއްލި ހާލަތަކަށް ވެއްޓުނެވެ. އެއާއެކު ހަމަ އެ މަހު، ސިއްހީ އެމަޖެންސީ ހާލަތެއް ސަރުކާރުން އިއުލާނު ކުރި އެވެ.
ފުރަތަމަ ކޮވިޑް ކޭސް ރާއްޖެއިން ފެނުމާއެކު އެ ބަލި ވަރަށް ހަލުވިކަމާއެކު ފެތުރެން ފެށި އެވެ. މާޗް މަސް ނިމުނުއިރު، ކޮވިޑް ޖެހިފައި ހުރި 17 މީހަކު ރާއްޖެއިން ފެނުނެވެ.
އެއާއެކު، ބަލި ފެތުރި، ހޮސްޕިޓަލްތަކަށް ބާރު ބޮޑުވެ، ހާލު ދެރަވާ މީހުންނަށް އިމަޖެންސީގައި ފަރުވާ ދެވޭނެ ގާބިލްކަން އިތުރު ކުރަން ސަރުކާރަށް މަޖުބޫރުވި އެވެ. ގާބިލްކަން އިތުރު ކުރަން، ކުރަންޖެހޭ އެއް ކަމަކީ ވެންޓިލޭޓަރު އިތުރު ކުރުމެވެ.
ވެންޓިލޭޓަރު ގަތުމަށް ތިން ކުންފުންޏަކާއެކު ސަރުކާރުން ސޮއި ކުރި އެވެ. އޭގެ ތެރެއިން އެއް ކުންފުންޏަކީ ޑުބާއީގެ، އެގްޒެކުއިޓާސް ޖެނެރަލް ޓްރޭޑިން އެވެ. ޑުބާއީ ކުންފުންޏާ ހަވާލު ކުރީ 75 ވެންޓިލޭޓަރު ގަތުމަށެވެ. ވެންޓިލޭޓަރު ގަތުމަށް އެ ކުންފުންޏާ ހަވާލު ކުރީ އޭޕްރީލް 2، 2020، ގަ އެވެ.
ޑުބާއީ ކުންފުންޏަށް ދިނީ 65 އައިސީޔޫ ވެންޓިލޭޓަރާއި 10 ޕޯޓަބަލް ވެންޓިލޭޓަރު ގަތުމަށެވެ. ހަވާލު ކުރީ ޖަރުމަނުގެ ބްރޭންޑެއް ކަމަށްވާ ޑްރޭގާ (Dräger) ބްރޭންޑުގެ ވެންޓިލޭޓަރު ފޯރުކޮށްދޭށެވެ. އައިސީޔޫ ވެންޓިލޭޓަރުތަކަށް ޑުބާއީ ކުންފުނިން ކޯޓު ކުރި އަގަކީ ކޮންމެ ވެންޓިލޭޓަރަކަށް 501،150 ރުފިޔާ އެވެ. ޕޯޓަބަލް ވެންޓިލޭޓަރަކަށް 192،750 ރުފިޔާ ކޯޓު ކުރި އެވެ.
ވެންޓިލޭޓަރު ގަތުމުގެ މަސައްކަތުގައި އުޅުނީ ހެލްތު މިނިސްޓްރީ އިންނެވެ. ޑުބާއީ ކުންފުންޏަށް މަސައްކަތް ހަވާލު ކުރީ 34 މިލިއަން ރުފިޔާއަށެވެ. އޭގެ ތެރެއިން 30.9 މިލިއަން ރުފިޔާ އެޑްވާންސްގެ ގޮތުގައި ދޫކުރި އެވެ. ވެންޓިލޭޓަރު ގަތުމަށް އެއްބަސްވެ، ފައިސާ ދޫކުރީ ވެސް އެގްރިމެންޓެއް ނުހަދަ އެވެ.
އެއިރުގެ ހެލްތު މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށްފައި:
ޑުބާއީ ކުންފުންޏާ މަސައްކަތް ހަވާލު ކުރި އިރު، ހެލްތު މިނިސްޓްރީ އިން ބެލީ އެންމެ ކަމަކަށެވެ. އެއީ އެ ކުންފުނިން ފޮނުވާފައި އޮތް ކުންފުނީގެ ޕްރޮފައިލަކަށެވެ. އެ ޕްރޮފައިލުގައި، ކުންފުންޏަކީ މެޑިކަލް ސާމާނު ފޯރުކޮށްދިނުމަށް އިންތިހާ ގާބިލު ބައެއް ކަމަށް ބުނެފައި އޮތެވެ. އޭގެ އިތުރުން، ކުންފުނީގެ އަޑި ހޯދަން އެއްވެސް މަސައްކަތެއް ނުކުރެ އެވެ.
ޑުބާއީ ކުންފުނީގެ މަކަރާއި ހީލަތް ފާޅުވާން ފެށީ އެމަޖެންސީގައި ގެންނަން މަސައްކަތް ކުރި ވެންޓިލޭޓަރުތައް ރާއްޖެ ނުފޮނުވުމުންނެވެ. އެޑްވާންސް ޕޭމަންޓު ދައްކާތާ 29 ދުވަހުގެ ތެރޭގައި ވެންޓިލޭޓަރުތައް ފޯރުކޮށްދޭންޖެހެ އެވެ. އެކަމަކު، އުޅެއުޅެ ވެސް ފޮނުވީ އެންމެ 15 ވެންޓިލޭޓަރެވެ. ބާކީ 60 ވެންޓިލޭޓަރު މިހާތަނަށް ވެސް ނުލިބެ އެވެ.
ޑުބާއީ ކުންފުންޏަށް ވެންޓިލޭޓަރު ގަތުމަށް ހަވާލު ކުރުމުގެ ކުރިން، އެއަށްވުރެ ހެޔޮ އަގުގައި ވެންޓިލޭޓަރު ފޯރުކޮށްދެވިދާނެ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުންޏެވެ. ގާތްގަނޑަކަށް 95،000 ރުފިޔާއަށް ވެންޓިލޭޓަރެއް ގެނެވިދާނެ ކަމަށް އޭޑީކޭއިން އޮތީ ބުނެފަ އެވެ. އޭޑީކޭއިން އެ މައުލޫމާތު ހެލްތު މިނިސްޓްރީއަށް ދިނީ، މިނިސްޓްރީ އިން އިސްވެ މައުލޫމާތު ހޯދަން އުޅުމުންނެވެ.
އެ މައްސަލައިގައި ވާހަކަ ދައްކަވަމުން އެއިރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެފައި ވަނީ ވެންޓިލޭޓަރު ގަތުމަށް ހަވާލުކޮށްފައި ވަނީ "ހެޔޮ ނިޔަތުގައި" ކަމަށެވެ. ހެޔޮ ނިޔަތުގައި ކުރި ކަމެއް ނަމަވެސް ޔަގީންވާ އެއް ކަމަކީ، ވެންޓިލޭޓަރު ގަތުމަށް ހަވާލުކޮށްފައި ވަނީ ސްކޭމް ކުންފުންޏަކާ ކަމެވެ.
ގދ. ތިނަދޫގައި އެއާޕޯޓެއް އަޅަން ސަރުކާރުން ތައިލެންޑުގެ ކުންފުންޏަކާ ހަވާލު ކުރީ ފެބްރުއަރީ 20، 2024، ގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވެފައި އޮއްވަ އެވެ. ކޮންޓްރެކްޓު ހަވާލު ކުރީ ތައިލެންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީއާ އެވެ.
މަސައްކަތް ހަވާލު ކުރިއިރު ވެސް ޕޭން ޕެސިފިކް ކޮމްޕެނީއަކީ ސްކޭމް ހިންގަން މަޝްހޫރު ކުންފުންޏެއްކަން އޮތީ ހާމަވެފަ އެވެ. އެއީ، މީގެ ކުރިން ވެސް ރާއްޖޭގެ ނަން ބޭނުންކޮށްގެން ފައިދާތަކެއް ހޯދަން އުޅެފައިވާ ކުންފުންޏެކެވެ. ޕޭން ޕެސިފިކްއަކީ އަމަލީ ގޮތުން ވިޔަފާރިއެއް ކޮށްފައިވާ ބަޔެއް ވެސް ނޫނެވެ.
މީގެ ކުރިން މެރިކަލްޗާގެ ޕްރޮޖެކްޓުތަކެއް ހިންގަން ޕޭން ޕެސިފިކަށް ބައެއް ރަށްތައް ކުއްޔަށް ދީފައިވާކަން ކުރީގެ ހަބަރުތައް ބެލުމުން އެނގެ އެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. ޕޭން ޕެސިފިކާ ގުޅުން ހުރި ކުންފުނިތަކަކުން އެ ރަށްތަކުގެ އީއައިއޭ ހެދި ކަމަށްވެ އެވެ.
އެއިން ރަށަކަށް 27 މިލިއަން ރުފިޔާ ޕޭން ޕެސިފިކުން ހޭދަ ކުރާނެ ކަމަށް އީއައިއޭއެއްގައި ބުނެފައި އޮތެވެ. ނަމަވެސް އެފަދަ އެއްވެސް ހަރަދެއް އެއިން ރަށަކަށް ކޮށްފައެއް ނުވެ އެވެ.
ތިނަދޫ އެއާޕޯޓު އެޅުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު:
މޯލްޑިވްސް އެސެޓް މެނޭޖްމަންޓް ކޯޕަރޭޝަނުގެ ނަމުގައި ވެސް ޕޭން ޕެސިފިކުގެ ވެރިން ކުންފުންޏެއް ހެދި އެވެ. އެކަމަކު، ހަމައެކަނި ނަން ބޯޑެއް ޖަހައިލުން ފިޔަވައި ކުންފުނިން ރާއްޖޭގައި ކުރި މަސައްކަތެއް ނެތެވެ. ނަމަވެސް އެތައް މިލިއަން ޑޮލަރެއްގެ މަޝްރޫއު މުޅި ދުނިޔޭގައި ހިންގާ ކަމަށް އެ ކުންފުނިން އިސްތިހާރުކޮށްފައި ހުއްޓެވެ.
ތިނަދޫގައި އެއާޕޯޓު އަޅަން އެއްބަސްވުމެއްގައި ސޮއި ކުރިފަހުން، އެ ޕްރޮޖެކްޓުގެ އެއްވެސް ހަބަރެއް ނުއިވި އޮވެފައި، 438 ދުވަސް ފަހުން، ރައީސް މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ، ތިނަދޫގައި އެއާޕޯޓު އެޅުމުގެ ވިސްނުން ވެސް ދޫކޮށްލާފައިވާ ކަމަށެވެ.
"ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓެއް ގޮތުގައި ތަރައްގީ ކުރުމާ އެކީގައި، ކާޑެއްދޫ އާއި ތިނަދޫއާ ގުޅާލާ ބްރިޖެއް އެޅުމުގެ މަޝްރޫއެއް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހި، މިހާރު އެކަމާ ގުޅޭ އެގްރީމަންޓުގައި ސޮއިކުރުމާ ހަމައަށް ދާ ވާހަކަ،" މެއި 3، ގައި ރައީސް ވިދާޅުވި އެވެ.
ޖޫން، 1979، ގައި އެއިރުގެ ރައީސް މައުމޫން އައްޑޫއަށް ވަޑައިގެން، އަ އަތޮޅުގެ ރައްޔިތުންނާ ބައްދަލުކޮށް ދެއްކި އެންމެ މުހިންމު ވާހަކައަކީ، ތައިލެންޑުގެ ކުންފުންޏެއް ކަމަށްވާ އޮރިއެންޓް އެކްސްޕްރެޒް އެއާވޭޒްއާ ހަވާލުކޮށްގެން ސ. ގަން އެއާޕޯޓު ތަރައްގީ ކުރުމުގެ ވާހަކަ އެވެ.
ގަމުގައި އިނގިރޭސިން ހިންގި އެއާޕޯޓުގެ ސަބަބުން، އެއާޕޯޓެއް އޮތުމުން އަންނާނެ ތަރައްގީ އާއި އެއާޕޯޓުގެ މުހިންމުކަން އައްޑޫ އަތޮޅުގެ ރައްޔިތުންނަށް ވިސްނި، ސަރުކާރުގައި އެދެމުންދިޔައީ ބަޔަކާ ހަވާލުކޮށްގެން ނަމަވެސް ގަން ރަނގަޅަށް ހިންގައިދިނުމަށެވެ.
އިނގިރޭސިން ފޭބި ފަހުން ގަން އޮތީ އިތުރު ބަޔަކާ ހަވާލުނުކޮށެވެ. ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި އިތުރު ބަޔަކާ ގަން ހަވާލު ކުރަން އުޅުނެވެ. އެއިރު ސޯވިއެޓް ޔޫނިއަނުން އޮތީ ގަމަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އެކަމަކު އެ މަސައްކަތް ކުރިއަކަށް ނުގެންދެ އެވެ.
އޭގެ ފަހުން ވެސް ގަމަށް ޝައުގުވެރިކަން ފާޅުކޮށް ވަރަށް ގިނަ ބަޔަކު ސަރުކާރާ ވާހަކަ ދައްކަމުންދިޔަ އެވެ. ސަރުކާރުން ވެސް ދިޔައީ ގަން ހަވާލު ކުރެވޭނެ ބަޔަކު ހޯދަމުންނެވެ. އޮރިއެންޓް އެކްސްޕްރެސްއަކީ އޭގެ ތެރެއިން އެއް ކުންފުންޏެވެ. އޮރިއެންޓުން ހުށަހެޅީ އެ ކުންފުންޏަށް 50 އަހަރަށް ގަން ދޭ މަތިން ބަދަލުގައި އިންވެސްޓުމަންޓުތަކެއް ކުރުމަށެވެ.
އޮރިއެންޓްސް އެކްސްޕްރެޒްގެ ހުށަހެޅުން
އެވަރުގެ ބޮޑު ހުށަހެޅުމެއް އައުމުން މައުމޫނަށް ހަނދާންވީ، ބޭރުގެ ބައެއް ކުންފުނިތަކުން މީގެ ކުރިން ރާއްޖޭގައި ހިންގައި، ފޭލިވެފައި ހުރި މަޝްރޫއުތަކެވެ. އެވަރުގެ ބޮޑު ހުށަހެޅުމަކަށް ސަރުކާރުން އިޖާބަދޭއިރު، އެ ކުންފުނީގެ ބެކްގްރައުންޑާއި ގާބިލްކަން ކަށަވަރު ކުރަންޖެހޭނެ ކަމަށް މައުމޫނަށް ވިސްނިވަޑައިގަތެވެ.
"އަޅުގަނޑު ގަސްދުކުރީ ގަމުގެ މައްސަލަ ނިންމާއިރު ވެސް އެ މަސައްކަތް ކުރަން އަންނަ ބަޔަކާ ދޭތެރޭގައި ފުދޭވަރަކަށް ފުރަތަމަ މައުލޫމާތު ހޯދަން. އެމީހުންނަކީ ކޮންބައެއްކަމާއި، އެމީހުންގެ އިގްތިސާދީ ފެންވަރަކީ ކޮބައިކަމާއި އެފަދަ ބޮޑެތި މަސައްކަތްތަކެއް ހިންގޭވަރުގެ ބައެއްތޯ ބެލުން. އެފަދަ މަސައްކަތްތަކެއް ހިންގުމުގެ އިގްތިސާދީ ފެންވަރު އެ ކުންފުނީގައި ހުރިތޯ ބެލުން. ހަމައެފަދައިން، އެފަދަ މަސައްކަތްތަކެއް ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ބައެއްތޯ ބެލުން،" އޭގެ ފަހުން މާޗް 9، ގައި އަލުން އައްޑޫއަށް ވަޑައިގެން މައުމޫން ވިދާޅުވި އެވެ.
އެގޮތުން، ކުންފުނީގެ ބައެއް މައުލޫމާތު ސާފުކޮށްދޭން ސަރުކާރުން ދިޔައީ ސިޓީ އާއި ޓެލެގްރާމް ފޮނުވަމުންނެވެ. އޭގެ ތެރޭގައި ކުންފުނި ފެށި ތާރީހާއި މުވައްޒަފުންގެ އަދަދާއި ކުންފުނީގެ އިގްތިސާދީ ފެންވަރާއި ކުންފުނީގައި ހުރި ފައިސާގެ އަދަދު އަދި ކުންފުނީގެ ތަޖުރިބާ ހޯދަން ސަރުކާރުން އެދުނެވެ.
"މިގޮތަށް އެދުމުން އެމީހުން އެމައްސަލަތައް ދިޔައީ ވަރަށް ބޮޑަށް ލަސްކުރަމުން. މިކޮޅުން ފޮނުވާ ސިޓީއަށް ޖަވާބެއް ނާދޭ. މެސެޖް ފޮނުވީމާ ވެސް ވަރަށް އަވަހަށް ބޭނުންވާ މައުލޫމާތު ފޮނުވާނެ ކަމަށް ބުނެފައި، އެބުނާ މައުލޫމާތެއް ނުލިބޭ،" މައުމޫން ވިދާޅުވި އެވެ.
ސަރުކާރުން ފޮނުވި ސިޓީތަކަށް ޖަވާބު ދޭން އޮރިއެންޓް އެކްސްޕްރެސް އިން ފަސްޖެހުމުން، ކުންފުނީގެ މައުލޫމާތު ހޯދަން މައުމޫން ހޯދީ އެހެން އުކުޅެކެވެ. އެއީ އދ. އަށް އެ މަސައްކަތް ހަވާލު ކުރުމެވެ. އޮރިއެންޓް އެކްސްޕްރެސްގެ މައުލޫމާތު ހޯދަން މައުމޫން ހަވާލު ކުރީ އދ. ގެ އޮފީހެއް ކަމަށްވާ ޔުނައިޓެޑް ނޭޝަންސް ސެންޓާ އޮން ޓްރާންސްނޭޝަނަލް ކޯޕަރޭޝަން (ޔޫއެންސީޓީސީ) އާ އެވެ.
ޔޫއެންސީޓީސީގެ މައިގަނޑު މަގްސަދަކީ ވެސް ބައިނަލްއަގްވާމީ އެފަދަ މަޝްރޫއުތައް ހަވާލު ކުރާއިރު ތަރައްގީވަމުން އަންނަ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. ދިވެހި ސަރުކާރުން އެ މަސައްކަތް ހަވާލު ކުރި ހިސާބުން ފެށިގެން އެކަން ކުރިއަށްގެންގޮސް، ނިކަން ފުރިހަމަ ރިޕޯޓެއް މައުމޫނަށް ފޯރުކޮށްދިނެވެ.
"އެމީހުންނާ ބެހޭ މައުލޫމާތު ސާފުކުރިއިރު، އެކުންފުނީގައި މުޅިއެކު ތިބި ކަމަށް ވަނީ އެންމެ ދެ މުވައްޒަފުން. އެއީ މިތަނަށް އެ އައި މިސްޓާ ޕާސް ކިޔާ މީހާ އާއި އޭނާ ގެންގުޅޭ ސެކްރެޓަރީއަކާ. އެއީ އެ އޮގަނައިޒޭޝަނުގެ ފެންވަރު ހުރިވަރު. މުޅިއެކު ތިބީ ދެމީހުން. އެމީހުންގެ ބޭންކް އެކައުންޓަކީ ކިހާވަރެއްތޯ ބެލިއިރު އޮތީ މުޅިއެކު ތިންހާސް ޑޮލަރު،" ޔޫއެންސީޓީސީގެ ރިޕޯޓާ ހަވާލާދީ މައުމޫން ވިދާޅުވި އެވެ.
މައުމޫން 1980 ވަނަ އަހަރު:
ކުންފުނީގެ އަޑިއަށް އިތުރަށް ފީނައިލި އިރު، ކުންފުނީގެ އޮފީހެއް ވެސް ގާއިމްކޮށްފައި ނެތެވެ. ކުންފުނި ރަޖިސްޓްރީކޮށްފައި ވަނީ އެހެން ކުންފުންޏެއް ހިންގާ އޮފީހުގަ އެވެ. މައުމޫން ވިދާޅުވި ގޮތުގައި، ދިވެހި ސަރުކާރަށް ހުށަހެޅި ޕްރޮޕޯސަލް ލިޔެފައި އޮތް ގަނޑަށް ވުރެ ވެސް ކުންފުނީގެ އަގު ދަށެވެ.
"ޔުނައިޓެޑް ނޭޝަންސްގެ ފަރާތުން އަޅުގަނޑުމެންނަށް އެންމެފަހުން ފޮނުވި ރިޕޯޓުގައި ބުނެފައިވަނީ އޮރިއަންޓް އެކްސްޕްރެސް އެއާވޭޒްގެ އަގު އެމީހުން އެ ހުށަހެޅުން ހުށަހަޅާފައިވާ ކަރުދާހަށްވުރެ ވެސް ކުޑައޭ. އެމީހުން އެހުށަހެޅުން އެހުށަހެޅި ކަރުދާހުގެ އަގު ވެސް އެމީހުންގެ އެކުންފުނީގެ އަގަށްވުރެ މާބޮޑޭ،" އެމަނިކުފާނު ވިދާޅުވި އެވެ.
އޭގެ ފަހުން ވެސް ސަރުކާރުން އޮރިއެންޓްސް އެކްސްޕްރެސްއާ މުއާމަލާތް ކުރި އެވެ. ފަސްބައި އެނގި ތިބެ ސަރުކާރުން މިފަހަރު އެދުނީ އަލުން ރާއްޖެއަށް އައިސްގެން ނަމަވެސް ކުންފުނީގެ މައުލޫމާތު ހާމަ ކުރުމަށެވެ. އެކަމަކު ކުންފުނިން ހުރީ އެހެން ވިސްނުމެކެވެ.
"އެހެންނަމަވެސް، އެމީހުންނަށް އެނގިއްޖެ، އަޅުގަނޑުމެންނަށް އެމީހުންނާބެހޭ މައުލޫމާތު ސާފުވެއްޖެކަން. އެހެންކަމުން، އެމީހުން އޭގެފަހަކުން ނާދެ. އެންމެފަހުން ވެސް ފޮނުވި ޓެލެކްސްގައި ބުނެފައި އޮންނަނީ ތިމަންނަމެންނަށް ގަން ދޭނެ ކަމުގެ ޔަގީންކަންދޭށޭ. އެކަމުގެ ލިޔުމެއް ދޭށޭ. އޭރުން ތިޔަބުނާ ހުރިހާ މައުލޫމާތުތަކެއް ގެނެސްދީފާނަމޭ. އަޅުގަނޑު ހިތުން ބުއްދިހުރި އެކަކުވެސް އެކަހަލަ ކަމެއް ކުރާކަށް ގަބޫލެއްނުވާނެ. ކިހިނެއްތޯ، ސަރުކާރުގެ ފަރާތުން ރަސްމީ ލިޔުމެއް ދޭނީ އެކަހަލަ ބަޔަކަށް،" މައުމޫން ވިދާޅުވި އެވެ.
~~
އޮރިއެންޓް އެކްސްޕްރެސްގެ ސްކޭމުގައި ނުޖެހި މައުމޫނުގެ ސަރުކާރުން ސަލާމަތްވީ ޑިއު ޑިލިޖެންސް ހެދުމުންނެވެ. ލަނޑެއް ނުލިބުނީ ކުންފުނީގެ މައުލޫމާތު ހޯދައި މައްސަލައިގެ ހަ ފަރާތް ބަލައި ތަހުގީގު ކުރުމުންނެވެ. ސްކޭމެއްގައި ޖެހިދާނެ ކަމަށް ބަލައިގެން ސަމާލުވެ ތިބުމުންނެވެ.
ފްލޯޓިން ސިޓީ ސްކޭމާއި ވެންޓިލޭޓަރު ސްކޭމާއި ތިނަދޫ އެއާޕޯޓު ސްކޭމުގައި ސަރުކާރުތަކުން ޖެހުނީ، ކޮންމެ ސަބަބަކާ ހުރެ ނަމަވެސް، ބަލަންވާ މިންވަރަށް ކަންކަން ނުބެލުމުންނެވެ. ސްކޭމުތަކުގައި ޖެހުނު ސަރުކާރުތަކުގެ ނިޔަތް ރަނގަޅު ކަމަށް ވެސް ވެދާނެ އެވެ. ނުވަތަ އެކަން ކުރީ ގޯސް ނިޔަތެއްގައި ކަމަށް ވެސް ވެދާނެ އެވެ.
ސްކޭމުތަކުގައި ޖެހުނު ސަރުކާރުތަކުގެ ނިޔަތް ނޭނގުނު ނަމަވެސް އެނގޭ ކަމަކީ، މަކަރާއި ހީލަތެއްގައި ޖެހުމުން އޭގެ ހުރިހާ ދެރައެއް ލިބެނީ ރައްޔިތުންނަށް ކަމެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment