Advertisement

މަޖިލިސް "ޖަޕާނު މަހަކަށް" ވިޔަ ނުދީ ހިފެހެއްޓުން!

27 ޖުލައި 2023 - 12:12 1

ހުސެއިން ފިޔާޒް މޫސާ

ހުސެއިން ފިޔާޒް މޫސާ

ނަވާރަ ވަނަ މަޖިލީހުގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ މާލަމުގައި. މިހާރު ހިނގަމުންދާ މަޖިލީހުގެ 87 މެމްބަރުން ތިއްބަވާ. -- ފޮޓޯ: މަޖިލީހުގެ އިދާރާ


މަޖިލިސް "ޖަޕާނު މަހަކަށް" ވިޔަ ނުދީ ހިފެހެއްޓުން!

27 ޖުލައި 2023 - 12:12 1

ފެހި ގާނޫނު އަސާސީ އެކުލަވައިލި ހާއްސަ މަޖިލީހުގެ ބަހުސްގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅި ފޯމިއުލާ ވެފައި މިވަނީ "ޖަޕާނު މަހަކަށެވެ." ދާއިރާތަކާއި ގޮނޑިތައް އިތުރުވެ، މާލިއްޔަތަށް ބުރަބޮޑުކުރުވާ މި ފޯމިއުލާގެ ހަމަނުޖެހޭ ކަންކަމާއި ކަންބޮޑުވުން ކޮންމެ ފަހަރަކުވެސް ފާޅުކޮށްލެވެނީ އާ އިންތިހާބު ގާތްވާން ވުމުންނެވެ. ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވެފައި ވާއިރު އެ މަޖިލީހުގެ މެމްބަރުންގެ އަދަދު 92 އަށް އަރަ އެވެ. އެއީ މިހާރަށް ވުރެ ހަތަރު މެމްބަރުންގެ އިތުރު ވުމެކެވެ. މިކަމުގައި ސިޔާސީން އެއްބަސްވާ އެއް ކަމެއް އެބަ އޮތެވެ. އެއީ މެންބަރުންގެ އަދަދު ލިމިޓުކުރުމެވެ. އެކަމަކު އެ މުހިންމު ބަދަލު ފާސްކުރާނެ ގޮތެއް ހޯދިފައެއް ނުވަތަ ހޯދާފައެއް ނެތެވެ.

މަޖިލީހުގެ ތާރީހު

ފުރަތަމަ ގާނޫނު އަސާސީއާއެކު ގާނޫނު ހަދާ މަޖިލީސް އެކުލަވާލީ ރަދުންގެ ހަތް މެމްބަރުންނާއި، މާލޭގެ ކޮންމެ އަވަށަކުން މެންބަރަކާއި އޭރު އޮތް ރައްޔިތުންގެ މަޖިލީހުން އިންތިހާބުކުރާ 17 މެންބަރުން ހިމެނިގެން ޖުމުލަ 28 މެންބަރުންގެ މައްޗަށެވެ. އޭރު ރައްޔިތުންގެ މަޖިލީސް 42 މެމްބަރުންގެ މައްޗަށް އެކުލަވައިލީ މާލެއިން ހަތަރު މެންބަރުން، ބޮޑު ކޮންމެ އަތޮޅަކުން ހަތަރެއް އަދި ކުޑަ އަތޮޅަކުން ދެ މެންބަރުންގެ މައްޗަށެވެ.

"ދިވެހިރާއްޖޭގެ ގާނޫނީ ހަޔާތް" މި ފޮތާ ހަވާލާދީ، "ރައްޔިތުންގެ މަޖިލިސް 1932-2014" ފޮތުގައި ލިޔެފައިވަނީ ފުރަތަމަ އެކުލަވައިލި ރައްޔިތުންގެ މަޖިލީހުގައި ފުވައްމުލަކާއި އައްޑޫ މެންބަރުން ތަމްސީލުކުރިކަން އެނގެން ނެތް ކަމަށެވެ.

އެއަށްފަހު އެކުލަވާލި މަޖިލިސްތަކުގެ މެންބަރުންގެ އަދަދަށް ބަދަލުތައް އައިސްފައި ވެ އެވެ.

ފުރަތަމަ ޖުމްހޫރިއްޔާގައި "ރައްޔިތުންގެ ގެ" އެކުލެވިގެން ވަނީ 47 މެންބަރުންގެ މައްޗަށެވެ. އެއީ މާލޭގެ ހަތަރު އަވަށުން، ކޮންމެ އަވަށަކުން ދެ މެންބަރުންނާއި ތިލަދުންމަތިން ހަތަރު މެންބަރުންނާއި ހުވަދު އަތޮޅުން ހަތަރު މެންބަރުންނާއި ދެން އޮތް 14 އަތޮޅުން ކުރެ ކޮންމެ އަތޮޅަކުން ދެ މެންބަރުންނާއި ފުވައްމުލަކު ދެ މެންބަރުންގެ މައްޗަށެވެ. އަދި ވިޔަފާރިވެރިން އިންތިހާބުކުރާ މެންބަރެކެވެ.

ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީންގެ ވެރިކަމަށް ފަހު، އުފެދުނު ރަސްކަމުގައި 1954 ގައި އުފެއްދި ރައްޔިތުންގެ މަޖިލީސް އެކުލަވާލީ ރަދުންގެ ހަ މެމްބަރުން، މާލޭގެ އަށް މެންބަރުން، ތިލަދުންމަތީ ހަތަރު މެންބަރުން، ހުވަދޫ ހަތަރު މެންބަރުން، ދެން ބާކީ އޮތް 14 އަތޮޅުގެ ތެރެއިން ކޮންމެ އަތޮޅަކުން ދެ މެމްބަރުނާއި ފުވައްމުލަކު އަދި ވިޔަފާރިވެރިން އިންތިހާބުކުރާ ދެ މެންބަރުންގެ މައްޗަށެވެ. އެއީ ޖުމުލަ 54 މެންބަރުންނެވެ.

މަޖިލީހުގެ މެންބަރުންގެ އަދަދަށް މައިގަނޑު ބަދަލެއް 1964 ވަނަ އަހަރު އައެވެ. އެ އަހަރު މަޖިލިސް އެކުލަވާލީ ރަދުންގެ މެންބަރުންގެ އަދަދު އަށަކަށް އިތުރުކޮށް، ވިޔަފާރިވެރިންގެ ފަރާތުން އިންތިހާބުކުރާ މެންބަރުން ނުހިމަނަ އެވެ. އެ މަޖިލިސް އެކުލަވާލީ ރަދުންގެ އަށް މެންބަރުން، މާލެއިން އަށް މެންބަރުން އަދި ކޮންމެ އަތޮޅަކުން ދެ މެމްބަރުންނާއެކު ޖުމުލަ 56 މެންބަރުންގެ މައްޗަށެވެ.

ރާއްޖެ އަލުން ޖުމްހޫރިއްޔަތަކަށް ބަދަލުވެ 1968 ގައި އެކުލަވާލި ގާނޫނު އަސާސީގެ ދަށުން އުފެއްދި މަޖިލީހުގައި ތިއްބެވީ 54 މެންބަރުންނެވެ. އެއީ ރައީސްގެ އަށް މެންބަރުންނާއި މާލެއިން އަށް މެންބަރުން، ކޮންމެ އަތޮޅަކުން އިންތިހާބުކުރާ ދެ މެންބަރުންގެ މައްޗަށެވެ.

ރައީސް މައުމޫނުގެ ވެރިކަމުގައި ފުރަތަމަ އިންތިހާބު ކުރި މަޖިލީހުގައި 54 މެންބަރުންގެ ބަދަލުގައި ތިއްބެވީ 48 މެންބަރުންނެވެ. އެއީ ރައީސްގެ އަށް މެންބަރުންނާއި މާލެއިން ދެ މެންބަރުން އަދި އޭރު އޮތް ކޮންމެ އަތޮޅަކުން ދެ މެންބަރުންނެވެ. މައުމޫނު ދައުރުގައި މަޖިލީހުގެ މެންބަރުންގެ އަދަދު 50 އަށް ބަދަލުވީ އަރި އަތޮޅު ދެ ބައި ކުރުމުންނެވެ. އެއަށް ފަހު މަޖިލީހުގެ މެންބަރުންގެ އަދަދަށް ބަދަލު އައީ އާ ގާނޫނު އަސާސީއާއެކު 2009 އިންތިހާބުކުރި މަޖިލީހުންނެވެ. އިންތިހާބީ ދާއިރާތަކަށް މާލެ އާއި އަތޮޅުތައް ބަހާލައިގެން ޖުމުލަ 77 މެމްބަރުން އެ މަޖިލީހުގައި ތިއްބެވިއިރު، 2014 ގައި އެކުލަވާލި މަޖިލީހުގެ މެންބަރުންގެ އަދަދު 85 އަށް ބަދަލުވެ، އަދި އެންމެ ފަހުން 2019 ގައި ބޭއްވި އިންތިހާބަށް މެންބަރުންގެ އަދަދު 87 އަށް އިތުރުވި އެވެ. އަންނަ އަހަރު އިންތިހާބުކުރާ މަޖިލީހުގައި ތިއްބަވާނީ 92 މެންބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ.


މަޖިލީސް ކުޑަކުރުމުގެ ބަހުސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރު ވިޔަ ނުދިނުމަށްޓަކައި ގާނޫނު އަސާސީއަށް އެންމެ ފަހުން އިސްލާހެއް ހުށަހެޅުއްވީ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމު އިބްރާހިމް އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ހުށަހެޅުމަށް މަޖިލީހުގައި ބަހުސް ކުރި ނަމަވެސް އެ ބަދަލު ގެންނަން ފާހެއް ނުވެ އެވެ.

އުވިގެން ދިޔަ މަޖިލީސްތަކުގައި ވެސް މި ބަހުސް ކޮށްފައި ވެ އެވެ. އޭރު އެ ހުށަހެޅުންތައް މަޖިލީހަށް ހުށަހެޅުއްވި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު "އަދަދު" ނޫހަށް ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ އަދަދު މިހާރަށް ވުރެ ކުޑަކުރަން ތިން ފަހަރު ހުށަހެޅުއްވި ނަމަވެސް މެންބަރުން އެކަން ކުރަން ބޭނުންނުވި ކަމަށެވެ.

"މިހާރު މި އޮތް އުސޫލުން މެމްބަރުން އިތުރުވުމަކީ މާލީ ގޮތުން ވެސް ރައްޔިތުންނަށް އުފުލަން ދަތި، އަދި އެންމެ ރަނގަޅު އުސޫލަކަށް ނުވާތީ އަޅުގަނޑު ހުށަހަޅަމުން ދިޔައީ. ނަމަވެސް އޭރު އެ އިސްލާހުތައް ފާހެއް ނުވި. އަޅުގަނޑު އުފާކުރަނީ މިހާރު ހުރިހާ މެންބަރުންނަށް އެކަން ވިސްނި، ގަބޫލުކުރެވި، މެންބަރުންގެ އަދަދު އިތުރު ނުވާނެ ގޮތަކަށް މަޖިލީސް އެކުލަވާލުން،" އާމިރު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ހުށަހެޅުއްވީ 87 މެންބަރުންނަށް ވުރެ އިތުރު ނުކުރުމަށެވެ. އެ ބަހުސްގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމު ހުށަހެޅުއްވީ އިންތިހާބީ ދާއިރާއެއްގެ އާބާދީ 5000 އިން 10،000 އަށް ބޮޑު ކުރުމަށެވެ.

"އިގުތިސޯދީ ހާލަތު މިހާރު ވެސް ތަންދޭ ކަމެއް ނޫން ހަގީގަތުގައި އަޅުގަނޑުމެން ސިޔާސީ މަގާމުތައް ވެސް އަދި ރައްޔިތުން އިންތިހާބުކުރި ނަމަވެސް އިންތިހާބުކުރާ މަގާމުތަކުގެ މި އަދަދުގެ މުސާރަ އާއި އިނާޔަތްތައް މިގޮތުގައި ކުރިއަށް ގެންދިޔުމަކީ އެއީ ދެމެހެއްޓެނިވި ގޮތެއް ކަމަށް އަޅުގަނޑު ނުދެކެން،" އޭނާ ވިދާޅުވި އެވެ.

މީކާއިލް ގަބޫލުކުރައްވާ ގޮތުގައި އިންތިހާބީ ދާއިރާގެ އާބާދީ ބޮޑުވެއްޖެ ނަމަ، ވޯޓު ގަތުމާއި ވިއްކުމުގެ ވިޔަފާރި ވެސް ހުއްޓުވި، އެ މައްސަލަ ވެސް ހައްލުވާނެ އެވެ.

އެންމެ ފަހުން ދަ ޑިމޮކްރެޓްސްއިން ވެސް ވަނީ މަޖިލިސް އެކުލަވާލާ ގޮތަށް ބަދަލު ގެންނަން ސިޔާސަތެއް ކަނޑައަޅައި އާންމުކޮށްފަ އެވެ. އެ ސިޔާސަތުގައިވާ ގޮތުން މަޖިލީހުގައި ތިއްބަވާނީ 76 މެންބަރުންނެވެ. އެއީ އަތޮޅުތަކުންނާއި މާލެއިން އިންތިހާބު ކުރާ 55 ގޮނޑި، ރާއްޖެ ހަތަރު ސަރަހައްދަކަށް ބަހާލައި (އުތުރު, ހުޅަނގު, މެދު އަދި ދެކުނު) އަންހެނުންނަށް ހާއްސަ 8 ގޮނޑި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރުމަށް 2 ގޮނޑި އަދި ޕާޓީތަކަށް ވޯޓު ލިބޭ ނިސްބަތުން ލިބޭ ގޮތަށް 11 ގޮނޑި އެވެ.

ރާއްޖެއަކީ އާބާދީގެ ނިސްބަތުން އެންމެ ގިނަ މެމްބަރުން މަޖިލީހުގައި ތަމްސީލުކުރާ އެއް ގައުމެވެ. އަވަށްޓެރި ސްރީލަންކާގެ އާބާދީ 21 މިލިއަންގައި އުޅޭއިރު، ގާނޫނު އަދާ މަޖިލީހުގައި ތިއްބެވީ 225 މެންބަރުންނެވެ. އެއްބިލިއަނަށް ވުރެ ބޮޑު އާބާދީއެއް އޮތް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި ތިއްބެވީ 543 މެންބަރުންނެވެ. އެއީ ނިސްބަތުން 2.23 މިލިއަން މީހުންނަށް ގޮނޑިއެކެވެ. ނަމަވެސް ދުނިޔޭގެ އެންމެ އާބާދީ ކުޑަ ގައުމުތަކުގެ ތެރޭގައި ހިމެނޭ މި ރާއްޖޭގައި ކޮންމެ 4،300 މީހަކަށް މެންބަރަކު އެބަ ހުއްޓެވެ.

މަޖިލީހުގެ މެންބަރުން އިތުރުވުމުގެ މާލީ ބުރައަށް ބަލާއިރު، އިތުރުވާ ކޮންމެ މެންބަރެއްގެ މުސާރައާއި އިނާޔަތްތަކަށް އެކަނި އަހަރަކު ގާތްގަނޑަކަށް އެއް މިލިއަން ރުފިޔާ ބަޖެޓުން ހަރަދުވެ އެވެ. އެއީ ފަސް އަހަރުގެ ދައުރަކަށް މިހާރު ތިބި 85 މެންބަރުންނަށް ބަލާނަމަ 425 މިލިއަން ރުފިޔާ އެވެ. އެއީ އަދި މަޖިލީހުގެ އިދާރީ މުވައްޒަފުންގެ މުސާރައާއި، ހިންގުމުގެ ހަރަދު ނުލަ އެވެ.

އާ ގާނޫނު އަސާސީގެ ދަށުން އެކުލަވާލި ފުރަތަމަ މަޖިލީހުގައި 77 މެމްބަރުން ތިއްބެވިއިރު، 2014 އެކުލަވާލި މަޖިލީހުގެ މެންބަރުންގެ އަދަދު 85 އިތުރުވެ، ފަސް އަހަރުގެ ދައުރަކަށް ގާތްގަނޑަކަށް 40 މިލިއަން ރުފިޔާގެ އިތުރަށް ހަރަދު ކުރަންޖެހުނެވެ. އަންނަ އަހަރު ބާއްވާ މަޖިލީހުގެ އިންތިހާބުގެ މެންބަރުންގެ އަދަދު 92 އަށް ބަދަލުވާއިރު، އެއީ 15 އަހަރު ދުވަހުގެ ތެރޭގައި 15 މެންބަރުންގެ އިތުރުވުމެވެ.

މިއީ ރާއްޖެ ފަދަ ގައުމަކަށް އެއްވެސް ހަމައަކުން ދެކޮޅު ޖެހޭ ކަމެއް ކަމަށް ނުފެނެ އެވެ. މި ބަހުސް އިލްމީ ފެންވަރެއްގައި ކޮށް، މެންބަރުންގެ އަދަދު އިތުރު ނުވާނެ އިސްލާހެއް ގާނޫނު އަސާސީއަށް ގެނެސް އެ ބަދަލާއެކު 20 ވަނަ މަޖިލިސް އިންތިހާބުކުރުން މުހިންމެވެ.