28 މޭ 2024 - 12:03 1
މުހައްމަދު އުޝާމް
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އިންތިހާބު ކުރި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް - ފޮޓޯ: މިރާން ނާޝިމް / އަދަދު
28 މޭ 2024 - 12:03 1
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް، ފޮނަދޫ ދާއިރާގެ މެންބަރު އަދި ވެރިކަންކުރާ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އިންތިހާބުކޮށްފި އެވެ.
ވިހިވަނަ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އަބްދުއްރަހީމާ ހަވާލުކުރަން ފާސްކުރީ 93 މެންބަރުންގެ ތެރެއިން 71 މެންބަރުންގެ ވޯޓުންނެވެ. އަބްދުއްރަހީމާ ވާދަކުރެއްވި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލަށް ލިބުނީ 14 ވޯޓެވެ. ބާތިލް ހަތް ވޯޓެވެ.
އާ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ސަރުކާރު ހިންގާ ޕީއެންސީއަށެވެ. އެމަނިކުފާނަށް 71 ވޯޓު ލިބިވަޑައިގެންނެވިއުރ ޕީއެންސީއަށް ނިސްބަތްވާ 75 މެންބަރުން ތިއްބަވަ އެވެ. ސަރުކާރަށް ތާއިދުކުރާ މެންބަރުންނާ އެކު އެ އަދަދު 79 އަށް އަރަ އެވެ.
މަޖިލީހުގެ އިސް މަގާމުތަކަށް އަންނާނެ މެންބަރުން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕަށް ހުށަހެޅުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ރައީސް ހުށަހެޅުއްވި ގޮތަށް މަގާމުތަކަށް މެންބަރުން އިންތިހާބު ކުރަން އެ ގްރޫޕުން އިއްޔެ ނިންމާފައިވެ އެވެ.
މަޖިލީހުގެ ނައިބު ރައީސް ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އިންތިހާބު ކުރުމަށް ޕީއެންސީން ނިންމާފައިވެ އެވެ. 17 އަދި 18 ވަނަ މަޖިލީހުގައި ވެސް ދިއްގަރު ދާއިރާ ތަމްސީލް ކުރެއްވި ނާޒިމް ވަނީ 18 ވަނަ މަޖިލީހުގައި މަޖިލީހުގެ ނައިބު ރައީސް ކަން ކުރައްވައިފަ އެވެ.
އަބްދުއްރަހީމް ސިޔާސީ ހަޔާތް ފެއްޓެވީ ޑީއާރުޕީންނެވެ. ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ވެރިކަމުގައި އެމަނިކުފާނުގެ ޕާޓީއެއް ގޮތުގައި 2005 ވަނަ އަހަރު، ޑީއާރުޕީ އުފެއްދިވިއިރު އެ ޕާޓީއާ ގުޅިވަޑައިގެންނެވި އެވެ. ދެން ޔާމީނާ އެކު އެމަނިކުފާނުގެ ޕާޓީ، ޕީޕަލްސް އެލަޔަންސްގައި އުޅުއްވި އެވެ.
އަބްދުއްރަހީމަކީ 17 ވަނަ އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ފޮނަދޫ ދާއިރާ ތަމްސީލްކުރެއްވި މެންބަރެވެ. 17 ވަނަ މަޖިލީހަށް އަބްދުއްރަހީމް އިންތިހާބުވީ ޕީއޭގެ ޓިކެޓުގަ އެވެ. 2011 ވަނަ އަހަރު، ޕީޕީއެމް އުފެއްދެވުމުން އެ ޕާޓީއާ ގުޅިވަޑައިގަތެވެ. 18 ވަނަ މަޖިލީހަށް އަބްދުއްރަހީމް އިންތިހާބުވީ ޕީޕީއެމްގެ ޓިކެޓުގަ އެވެ.
ނަވާރަ ވަނަ މަޖިލީހުގެ އިންތިހާބުގައި އަބްދުއްރަހީމް ނާކާމިޔާބުވި ފަހުން އޭނާ އުޅުއްވީ ޕީއެންސީ/ޕީޕީއެމްގެ ސިޔާސީ ހަރަކާތްތައް ވަރުގަދަ ކުރުމަށެވެ. އޭރު އެ އިއްތިހާދުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމުން، އިއްތިހާދުގެ އެކްޓިން ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ އަބްދުއްރަހީމެވެ. އޭނާ އޭރު ހުންނެވީ ޕީއެންސީގެ ރައީސްގެ މަގާމުގަ އެވެ.
ރިޔާސީ އިންތިހާބު ބޯމަތިވުމުން އިއްތިހާދުގެ ފަރާތުން ކެންޑިޑޭޓެއް ނެރެގެން އިންތިހާބު ކާމިޔާބު ކުރުމުގެ ވިސްނުން އިސްކުރެއްވި އެއް ލީޑަރަކީ ވެސް އެމަނިކުފާނެވެ. އަބްދުއްރަހީމަކީ މި ސަރުކާރުގެ އެންމެ ނުފޫޒުގަދަ އެކަކެވެ. ރައީސް މުއިއްޒުގެ އެންމެ އަރިސް ސިޔާސީ ބޭފުޅެއްގެ ގޮތުގައި ހުންނެވީ އެމަނިކުފާނެވެ. ހިޔާލުތަފާތުވުންތަކުގެ ތެރެއިން އިއްތިހާދު ރޫޅުނަ ނުދީ ހިފެހެއްޓުމުގައި އަބްދުއްރަހީމްގެ ދައުރު ބޮޑެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment