Advertisement

އެކްސްރޭގެ ހިދުމަތް ޑަބްލިއުއެޗްއޯގެ މިންގަނޑަށް ފެތޭތަ؟

11 އޭޕްރީލް 2023 - 10:31 2

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް


އެކްސްރޭގެ ހިދުމަތް ޑަބްލިއުއެޗްއޯގެ މިންގަނޑަށް ފެތޭތަ؟

11 އޭޕްރީލް 2023 - 10:31 2

ރަހުމަތްތެރިޔަކު ސައިކަލުން ވެއްޓިގެން އޭނާ ގޮވައިގެން ބާރުލައިފައި ހޮސްޕިޓަލަށް ދިޔައިމެވެ. ކުރިން ކޮނޑުހުޅުގެ އޮޕަރޭޝަނެއް ކޮށްފައިވާ މީހެއް ކަމުންނާއި އެއް އަރިއަށް ސައިކަލުން ވެއްޓުމުން، ކޮންމެ ގޮތެއް ހަދާފައިވެސް ޑޮކްޓަރަށް ދައްކަން ދާން ޖެހޭނޭ ކިޔައިގެން، ހައްލާލައިގެން ގޮވައިގެން ގޮސް ޑޮކްޓަރު ކޮޓަރިއަށް ވަނީމެވެ.

އެކްސް-ރޭ އެއް ނެގުމަށް ދިން އިރުޝާދުގެ ދަށުން އެކްސް-ރޭ ކޮޓަރިއަށް ދިޔައިމެވެ. ނަމްބަރު ޖެހުނީމައި ރަހުމަތްތެރިޔާއާއިއެކު އަހަރެންވަނީ އެކްސް-ރޭ ކޮޓަރިޔަށެވެ. އެކްސް-ރޭ ކޮޓަރީގައި އެހީތެރިންނަށް މަޑު ނުކުރެވޭނެ ކަން އެންގުމުން، ނިކުމެ ބޭރު ގޮނޑި ބަރީގައި އިށީނީމެވެ.

ފަސް ވަރަކަށް މިނިޓް ފަހުން އެކްސްރޭ ހިފައިގެން ނިކުތުމުން، ރަހުމަތްތެރިޔާ ގޮވައިގެން ޑޮކްޓަރު ކޮޓަރިއަށް ދާން ހިނގައިގަތީމެވެ. އެވަގުތު ރަހުމަތްތެރިޔާ ވަރަށް ހައިރާން ވެފައި، އޭނާގެ އުނަގަނޑުގައި އެކްސް-ރޭ ނަގާ މީހާ، އޭނާގެ އުނަގަނޑުގައި އެއްޗެއް އެޅުވި ވަހަކަ ބުންޏެވެ. އުނަގަނޑުގެ އެކްސް-ރޭ އެއް ނަގާކަށް ޑޮކްޓަރު ނުބުނޭ ނޫންހޭ އަހަރެން އޭނާ ގާތު ބުނީމެވެ. ރޭޑިއޭޝަން ޕްރޮޓެކްޝަން ކަމުގައި އެޅުވި އެއްޗެކޭ، އެކްސްރޭ ނަގާ މީހާ ބުނިކަމަށް ރަހުމަތްތެރިޔާ ބުންޏެވެ. ކޮނޑު ހުޅު އޮޕަރޭޝަން ކުރަން އެތައްބައިވަރު އެކްސްރޭ އެއް ނެގި އިރު އެފަދަ އެއްޗެއް ނާޅުވާ ކަން ރަހުމަތްތެރިޔާ ފާހަގަ ކުރިއެވެ.

މިއީ ވަރަށް ތަފާތު ކަމެއް ކަަމަށް އަހަންނަށްވެސް ފާހަގަ ކުރެވިއްޖެ އެވެ. އެއީ ދުވަހަކު ވެސް އެކްސްރޭ ނަގާއިރު އެބުނާ ފަދަ އެއްޗެއް އަޅުވާފައި ނުވާތީ އެވެ. އެއީ އޮންނަ އެއްޗެއް ކަމެއްވެސް ނޭނގޭތީ އެވެ. އެހެންނަމަވެސް 2019 ވަނަ އަހަރު ހޮސްޕިޓަލްތަކުގެ ރޭޑިއޭޝަން ސްޓާފުންނަށް ރޭޑިއޭޝާން ލިބޭ މިންވަރު ބެލުމަށް ބެޖެއް ތައާރަފްކުރިކަން ހަނދާން އެބަހުއްޓެވެ. އެކަމަކު ބަލި މީހުނަށް އެފަދަ އެއްޗެއް އޮންނަ ކަމެއް ނޭނގެ އެވެ.

މިއީ ކިހިނެއް ވާ ކަމެއްކަން ބެލުމަށް އަހަރެން އަވަސްވެގަތީމެވެ. ރޭޑިއޭޝަން ޕްރޮޓެކްޝަނުގެ ގޮތުގައި ލޮލުގަ އަޅާ އައިނު، ކަރުގަ އަޅާ ތައިރޮއިޑް ޝީލްޑް އަދި އުނަގަނޑުގައި އަޅާ ލެޑް އޭޕްރަން ވެސް ހުރެ އެވެ. މީގެ އިތުރުން ކުރިމަތި ފަރާތަށް ރޭޑިއޭޝަން ވަންނުން މަދު ކޮށްދިނުމަށް ހާއްސަ ގޮނާޑް ޝީލްޑެއް ވެސް އޮންނަ ކަމަށް ވެ އެވެ. މުސްކުޅިންނާއި ކުޑަކުދިންނަށް މި ޝީލްޑް ދިނުން އެއީ އަދި ވަރަށް މުހިންމު ކަމެއް ކަމަށް އެކި ސިއްހީ ވެބްސައިޓް ތަކުގައި ލިޔެފައި ވެ އެވެ. އަދި އެކި އެކްސް-ރޭ ނަގާއިރު ބޭނުން ކުރެވޭނީ އެކި ޝީލްޑް ކަމަށް ލިޔެފައި ހުއްޓެވެ.

އަދިވެސް އިތުރަށް މަޢުލޫމާތު ހޯދުމަށް ރޯޑިއޯގަރަފީ ކިޔަވަމުންދާ ދަރިވަރަކާއި ސުވާލު ކޮށްލީމެވެ. އޭނާ ބުނި ގޮތުން:

1. މޭ، ކޮނޑު، ކަރު އަދި ބޮލުގެ އެކްސް-ރޭ ނަގާއިރު އުނަގަނޑު ގެ ޝީލްޑިންގް ދޭން ޖެހޭ.

2. ބުރިކަށްޓާއި އުނަގަނޑު ގެ އެކްސް-ރޭ ނަގާއިރު ކަރުގެ ތައިރޮއިޑް ޝީލްޑިން ދޭން ޖެހޭ.

3. އަދި ހަތަރެސް ފައިގެ އެކްސް-ރޭ ނަގާއިރު ކަރު އަދި އުނަގަނޑުގެ ޝީލްޑިންގެ ދޭން ޖެހޭ.

ގިނަ ގައުމު ތަކުގައި ޝީލްޑިން ދިނުން ގާނޫނުން ލާޒިމްކޮށް، ޝީލްޑިން ނުދީފި ނަމަ ރޭޑިއޯގަރަފަރަށް އަދަބު ދެވިގެންދާ ކަމަށް އޭނާ ބުންޏެވެ. އަދި މިކަހަލަ ޝީލްޑިންގް ޑެންޓަލް އެކްސްރޭ ފަދަ ލޯ ޑޯޒް އެކްސް-ރޭ އަދި ސީޓީ ސްކޭން ފަދަ ހައި ޑޯޒް އެކްސްރޭގައި ވެސް ބޭނުން ކުރަން އަންގާފައިވާކަން ވެސް ފާހަގަކުރި އެވެ.

ވޯލްޑް ހެލްތް އޮގަނައިޒޭޝަން އިން 1975 ވަނަ އަހަރު ނެރެފައިވާ "މެނުއަލް އޮން ރޭޑިއޭޝަން ޕްރޮޓެކްޝަން އިން ހޮސްޕިޓަލްސް އެންޑް ޖެނެރަލް ޕްރެކްޓިސަސް" ގެ ހަމަތަކަށް ބަލާއިރު ރޭޑިއޮގްރަފަރުންނަށް ދޭންޖެހޭ ރައްކާތެރިކަމުގެ މިންގަނޑެއްގެ ގޮތުން ޑޮސިމީޓާރ ބޭނުން ކުރަން ރާއްޖޭގައި ފެށިފައި ވަނީ 2019 ވަނަ އަހެރެވެ. އޭގެ ކުރިން ވެސް ރޭޑިއޯގަރަފަރުންގެ ސަލާމަތަށް ބޭނުން ކުރާ ލެޑް ޝީލްޑިން ބޭނުން ކުރަމުން ގެންގޮސްފައިވެ އެވެ. އަދި އެކްސް-ރޭ، ސީޓީ ސްކޭން ފަދަ އަޔޮނައިޒިންގް ރޭޑިއޭޝަން ބޭނުންކުރާ ކޮޓަރިތަކުގެ މިންގަނޑެއް މިނިސްޓްރީ އިން ހަދައި އެކްސްރޭ ކޮޓަރިތައް މިންގަނޑަށް ފެއްތުމުގެ މަސައްކަތް ވެސް މިނިސްޓްރީއިން ފެށި އެވެ.

މިޒަމާނުގެ ޑިޖިޓަލް އެކްސްރޭ މެޝިންތަކުން ސެކަންޑަރީ ރޭޑިއޭޝަން ނޫނީ ސްކެޓަރ ރޭޑިއޭޝަން (ހަށިގަނޑާއި ހަމަޔަށް ނާންނަ، ނުވަތަ ހަށިގަނޑަށް ނުވަންނަ އެކްސް ރޭ)، އެކްސްރޭ ކޮޓަރި ތެރެއަށްދާވަރު މަދު ކޮށްދެ އެވެ. އެހެން ނަމަވެސް ޑަބްލިއުއެޗްއޯ ގެ މިންގަނޑުގައި ކުރިމަތިފަރާތުގެ ޝީލްޑީން ނުވަތަ ގޮނާޑަލް ޝީލްޑިން ބޭނުން ކުރަން އިރުޝާދު ދީފައިވެ އެވެ. އެއީ ރޭޑިއޭޝަން އަކީ ޖެނެޓިކް ހަޒާޑް އަކަށް ވާތީވެ އެވެ.

"އެކްސްރޭ އެކްސްޕޯސް ކުރާ ގުނަވަން އެކްސްޕޯސް ކޮށްފައި ބާކީ ޕޭޝަންޓް އެއްކޮށް ޝީލްޑް ކުރުމުގެ ސްޓޭންޑާރޑް އެއް ރާއްޖޭގައި ނީންނާނެ، މިހާރު މިނިސްޓްރީ އިން ޑަބްލިއު. އެޗް. އޯ އަދި އިންޓޭރނޭޝަނަލް އެޓޮމިކް އެނަރޖީ އެއްކޮށް ރާއްޖޭގެ ރޭޑިއޭޝަން ސްޓޭންޑާރޑްތައް އިތުރަށް ރިވިއުކުރަން ފަށައިފިން، ޕްރެގްނަންޓް ޕޭޝަންޓެއްގެ އެކްސްރޭ ނަގަން ޖެހޭ ހާލަތެއް މެދުވެރި ވެއްޖެނަމަ، ބަނޑު ޝީލްޑް ކޮށްފައި އެކްސްރޭ ނަގާނީ، އެއީ މަޖުބޫރު ކަމެއް، ދެން ހުންނާނީ ކެތް ލެބް ފަދަ ރޫމް ތަކުގައި މަސައްކަތް ކުރާ އެކްސްރޭ އޮޕަރޭޓަރ އަދި ކޮޓަރި ތެރޭ ތިބޭ މީހުން، އެމީހުން ތިބޭނީ ޝީލްޑިންގް ލައިގެން ތައިރޮއިޑް ވެސް ގާޑް ކޮށްގެން،" ރާއްޖޭގައި އެކަން ގޮތް ކިޔައިދެއްވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވި އެވެ.

އެކްސްރޭ ރޫމްގައި ޕޭޝަންޓް އަށް އެކަނި ނުހުރެވޭ ހާލަތެއްގައި ބަލީމީހާގެ އެހީ ތެރިޔާ އެތެރޭގައި މަޑުކުރާ ނަމަ، އެހީތެރިޔާ ހުންނަން ވާނީ ލެޑް އޭޕްރަން ލައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ހެލްތް ސާވިސް އެކްޓް ގެ ދަށުން މިނިސްޓްރީ އަށް ލިބިފައިވާ ބާރުގެ ދަށުން، އެކި ގަވާއިދުތައް ހަދައި ރޭޑިއޭޝަން ލީކްތައް ހުރިތޯ ބަލައި އެފަދަ ތަންތަނަށް ދޫކުރާ ހުއްދަ ނުދީ ވެސް ހިފަހަށްޓަމުން މި ދަނީ، ފާރުތަކުގައި ލައިފައި ލެޑް ލައިނިންގް ރަނގަޅުތޯ އަދި ބޯމިން ރަނގަޅުތޯ ބަލާފައި، ލީކް ވޭތޯބަލަން އަދި ސްޓާފުން ބޭނުން ކުރަން ލެޑް ގައުން ހުރިތޯ ވެސް ބަލައި ޗެކްކޮށްފައި ހުއްދަ ދެނީ، އަލްޓްރަ ސައުންޑް އަދި އެމް އާރް އައި އަކީ އެކްސްރޭ ނޫންވީމާއި ޝިލްޑިން ބޭނުމެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

އޭނާގެ ވާހަކަތަކުން އެނގުނު ގޮތުގައި މުސްކުޅިންނާއި ތުއްތު ކުދިންނަށް ޝީލްޑިން ދިނުން ލާޒިމުކޮށްފައި ނުވާކަން ވެސް ފާހަގަ ކުރެވެ އެވެ.

އެކްސްރޭ އަދި ސީޓީ ސްކޭން ކުރުމަކީ ރޭޑިއޭޝަން އަށް ބަލި މީހާ ހުށަހެޅޭ ކަމެއް ކަމުން ވަރަށް ގިނަ ބަލި މިހުން އަދި އާންމުން ވެސް މިފަދަ ހިދުމަތަށް ފަސްޖެހި ބިރުގަނެ އެވެ. އަދި ހޮސްޕިޓަލް ތަކުން މިފަދަ މައުލޫމާތު ވެސް ބަލި މީހާއަށް ދިނުން އެހާ ތަދެވެ. އެފަދަ ހިދުމަތް ދޭން ގިނަފަހަރު ތިބެނީ ވެސް ދިވެހި ނޭނގޭ ބިދޭސީ މީހުންނެވެ. އެހެންކަމުން އިނގިރޭސި ނޭނގޭ މީހަކު ރޭޑިއޭޝަން އާއި ބެހޭ ގޮތުން ސުވާލު ކުރުމުން ޖަވާބު ދޭނެ މީހެއް ވެސް ނުހުރެ އެވެ.

ރާއްޖޭގައި އެކްސްރޭ އަދި ސީޓީ ސްކޭންގެ ހިދުމަތް ދެމުން ދާތާ އެތަށް އަހަރެއް ވެފައި ވާއިރު، އަދި ޑަބްލިއުއެޗްއޯ އިން 1975 ގައި ނެރެފައިވާ މިންގަނޑެއްގައި ގޮނާޑް ޕޮރޮޓެކްޝަން ދިނުމަށް ލިޔެފައިވާ އިރުވެސް ބަލި މީހާއަށް އެލިބޭ ކުޑަ ނަމަވެސް އެކްސްޕޯސް ކުޑަކުރުމަށް ބަލި މީހާގެ ރޭޑިއޭޝަން ޝީލްޑިން ނުދެނީ ކީއްވެބާ އެވެ؟