Advertisement

ހަނިމާދޫ އެއާޕޯޓު: އުތުރު ހުޅުވި، ތިލަ އެވަނީ އިންގިލާބީ ތަރައްގީ

23 ޖަނަވަރީ 2023 - 01:16 2

ނިމާ ހަސަން

ނ

ހަނިމާދޫ އެއާޕޯޓު އޮންނާނޭ ގޮތުގެ 3ޑީ ކުރެހުމެއް. އެއާޕޯޓުގެ ޓާމިނަލް ޑިޒައިންކޮށްފައި ވަނީ މޫދު މަޑިއެއްގެ ބައްޓަމަށް


ހަނިމާދޫ އެއާޕޯޓު: އުތުރު ހުޅުވި، ތިލަ އެވަނީ އިންގިލާބީ ތަރައްގީ

23 ޖަނަވަރީ 2023 - 01:16 2

Advertisement

ހަނިމާދޫ އެއާޕޯޓު ހަގީގީ އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކޮށްލުމުގެ ބިޔަ މަޝްރޫއާއެކު އުތުރަށް އަންނާނެ ދިރުމާއި އިންގިލާބީ ބަދަލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިފަ ކުރެއްވީ މިގޮތަށެވެ؛ "މި އެއާޕޯޓު ވެގެން ދާނީ ބޮޑުތިލަދުންމައްޗާއި މި އުތުރުގެ ރައްޔިތުން ފަހުރުވެރިވާނެ ފަދަ ޒަމާނީ އެއާޕޯޓަކަށް. މި އެއާޕޯޓް ނިމުމާއެކު، ސީދާ ގޮތުންނާއި ނުސީދާ ގޮތުން މި ސަރަހައްދުގެ އިގުތިސޯދު ފެނުން ތޮޅިލައި އުދަވާން ފަށާނެ"

ބޮޑުތިލަދުންމައްޗަށް އެ ތިލަވާ މޫދުމަޑިއެއް ފަދަ ރީތި އެއާޕޯޓުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ބުދަ ދުވަހުގެ ރޭ ހަނިމާދޫގައި ބޭއްވި ކުލަގަދަ ހަފުލާގައި، އެ އެއާޕޯޓުން އަންނާނެ ބަދަލު ސިފަކުރެއްވީ މީގެ 60 އެތައް އަހަރެއް ކުރިން ބިންގާ ދަމާލި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގެނުވި ދިރިދިރި ހުރި މިސާލުތަކުންނެވެ.

Advertisement

ހަނިމާދޫ އެއާޕޯޓާއެކު ވެސް އެތައް ހާސް ވަޒީފާއަކާއި، ގެސްޓްހައުސްތަކާއި، ސިޓީ ހޮޓާތަކާއި، ރިސޯޓުތަކުގެ އެނދު ގުނަގުނަ ވެގެންދާނެ ކަމަށް ރައީސް ސޯލިހު ވަނީ ހިސާބު ޖައްސަވައިފަ އެވެ. އަދި އެހެން ވިޔަފާރިތަކާއި އިގުތިސޯދީ ހަރަކާތްތަކަށް ފަހިވެ، އިގުތިސޯދީ ހަބަކަށް ބޮޑުތިލަދުންމަތި ވާނެ އެވެ.

މިއީ އުތުރުގެ ރައްޔިތުންގެ އެތައް ޒަމާނެއްގެ އުއްމީދާއި ހުވަފެނެވެ. ނަމަވެސް މިހާތަނަށް އޮތީ ކުލަ ނުވާ ހުވަފެނެއްގެ ގޮތުގަ އެވެ. ހަނިމާދޫ އެއާޕޯޓުގައި، އިންޓަނޭޝަނަލް އެއާޕޯޓުގެ ނަންބޯޑު އެޅުވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގަ އެވެ. އެ މަނިކުފާނުގެ ވެރިކަމުގައި އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އެ ނަންބޯޑު ބެހެއްޓުން ފިޔަވައި ކުލަވި، އެހެން އެއްވެސް މަންޒަރެއް ނެތެވެ.

ނަމަވެސް މި ސަރުކާރުން ހަނިމާދޫ އެއާޕޯޓު ތަރައްގީކުރަން ފެށި މަޝްރޫއަކީ ތާރީހުގައި ވެސް އުތުރުގައި ހިންގާ އެންމެ ބިޔަ، އަގުބޮޑު މަޝްރޫއެވެ. މުޅި އުތުރު ބަދަލުކޮށްލާނެ އިންގިލާބީ، ތާރީހީ ބަދަލެވެ.

އެއާޕޯޓުގެ މުހިންމު މައުލޫމާތު


ހަރަދު: 136.6 މިލިއަން ޑޮލަރު ރަންވޭ: 2.46 ކިލޯ މީޓަރު (2460 މީޓަރު) ޖާގަ: އަހަރަކު 1.3 މިލިއަން ފަސިންޖަރުން

އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުން ހިންގާ މި މަޝްރޫއު ވެގެންދާނީ އެއާބަސް އޭ320 އަދި ބޯއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރުގެ ރަންވޭ އަކާއި، މިލިއަނުން ޕަސެންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގަ ތަނަވަސް އެއާޕޯޓަކަށެވެ. ވިޔަފާރި އަށް ފަހިކަން ލިބޭ މަޝްރޫއަކަށެވެ.

މި ބިޔަ މަޝްރޫއުގެ އަމާޒަކީ، ރީޖަނަލް އެއާޕޯޓް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވި ގޮތުގައި، ދެ އަހަރު ދުވަހުން މުޅި އެއާޕޯޓު ނިންމުމެވެ. މި އަހަރުގެ ނިޔަލަށް ރަންވޭ ނިންމަން ޕްލޭންކުރެވިފައި ވާއިރު، އޭގެ ކުރިން ނިންމުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށް ވެސް ރިޒްވީ ވިދާޅުވި އެވެ.

އުއްމީދީ ވާހަކަތަކެއް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާ އިންވެސްޓްކޮށްގެން މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމުމުން އެއީ ހަމަ ބޭނުންތެރިކަމެއްތޯ ސުވާލު އުފައްދައި، ފާޑުކިއުން އަމާޒުވި ކަމަށެވެ. ނަމަވެސް ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ކުރުމަށް ސަރުކާރުން ރިސްކު ނަގަންޖެހޭ ސަބަބުތައް އޭނާ ވިދާޅުވި އެވެ. އުތުރުގެ އިގުތިސޯދާއި ދިރިއުޅުން މުޅީން އެހެން ހަރުފަތަކަށް ބަދަލުކޮށްލުމަށް މި މަޝްރޫއު މަގުފަހިކޮށްދޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

ހަނިމާދޫ އެއާޕޯޓު މިހާރު ހުރި ގޮތް. -- ފޮޓޯ: އަންޑްރްއާ ފެސްލާ


އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖޭޝަންކަރް ވިދާޅުވީ ހަނިމާދޫ އެއާޕޯޓުގެ ސަބަބުން ރާއްޖޭގެ އުތުރުގެ ރަށްތައް މުޅި ދުނިޔެއަށް ހުޅުވިގެންދާނެ ކަމަށެވެ. އަދި އިންޑިއާގެ އެތައް ބަޔަކަށް ރާއްޖޭގެ އުތުރުގެ ރީތި ރަށްތައް ބަލާލަން ވަރަށް ފަސޭހައިން އައުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ޖަޔަޝަންކަރު ވިދާޅުވި އެވެ.

ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ އެއް މަންޒިލަކީ މިހާރު ވެސް އިންޑިއާ އެވެ. އިންޑިއާއިން އަންނަ ޓޫރިސްޓުން އުތުރަށް ބަދަލުވެއްޖެ ނަމަ ރާއްޖެ އައުމަށް ކުރާ ދަތުރުން ގާތްގަނޑަކަށް 30 މިނެޓު ކުރުވެގެންދާނެ އެވެ. އޮޕަރޭޓްކުރާ އެއާލައިންތަކަށް ތެލުގެ ހަރަދު ވެސް ކުޑަވާނެ އެވެ. އަދި އެހެން ގައުމުތަކުން ވެސް ހަނިމާދޫ އެއާޕޯޓަށް ކުރާ ދަތުރުތައް، މާލެ އައުމަށް ވުރެ ކުރުވެގެންދާނެ އެވެ. މިއީ އުތުރަށް އޮތް ފަހި ފުރުސަތެކެވެ.

ސަރުކާރުގެ އުއްމީދަކީ ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ނިމުމުން މެދު އިރުމައްޗާއި، ދެކުނު އޭޝިއާ އާއި، ދެކުނު އިރުމަތީ އޭޝިއާގެ އިތުރުން އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫއަށް އޮޕަރޭޓް ކުރަން ފެށުމެވެ. އަދި އެ އެއާޕޯޓާއެކު އުތުރުގެ ރައްޔިތުން ރާއްޖޭން ބޭރަށް ދިއުމަށް މާލެ އައުން ނިމުމަކަށް އަންނާނެ އެވެ. ސީދާ ހަނިމާދޫން އެހެން ގައުމުތަކާއި ބައްރުތަކަށް ދަތުރުކުރެވޭނެ އެވެ. މިހާރު މި ފުރުސަތު އޮތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ފިޔަވައި މަދު ފަހަރެއްގައި ގަން އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް


އެހެންވެ، މި މަޝްރޫއު އަކީ "ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް" ކަމަށް ހަނިމާދޫ ކައުންސިލުގެ ރައީސް އަބްދުއްސައްތާރު ހަސަން ގަބޫލުކުރައްވަ އެވެ.

"އެއާޕޯޓު މަޝްރޫއާއެކު ރައްޔިތުންގެ ގިނަ ދަތިތަކަކަށް ހައްލު ލިބިގެންދާނެ. ރާއްޖެއިން ބޭރަށް ދަތުރުކުރުމާއި އެކި ދާއިރާތަކުން ވިޔަފާރިއަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ. މިއީ އުތުރުގެ ވިޔަފާރިއަށް ހުޅުވިގެންދާނެ ދޮރެއް،" އޭނާ ވިދާޅުވި އެވެ.

އެއާޕޯޓް ކާމިޔާބު ގުޅެނީ ޓޫރިޒަމާ

ހަނިމާދޫ އެއާޕޯޓުގެ ބިންގާ ދަމާލިއިރު، ސަރުކާރުގެ ވިސްނުމާއި ރޭވުންތައް ހުއްޓިފައި ހުރީ ހަމައެކަނި ހަނިމާދޫއާ ހަމައެއްގައެއް ނޫނެވެ. ސަރުކާރުގެ ބޮޑު ޕްލޭނަކީ އުތުރުގައި 8000 ޓޫރިސްޓު އެނދު އުފެއްދުމެވެ. އެކަމަށްޓަކައި މިހާރު ހިންގާ ރިސޯޓުތަކުގެ މުއްދަތު އިތުރު ކުރުމާއި އާ ރަށްތައް ހުޅުވާލުމާއި ހުއްޓިފައި ހުރި ރަށްތައް ފެށުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށައިފަ އެވެ. މިހާރުވެސް އަލަށް ތިން ރަށެއް ބީލަމަށް ވަނީ ހުޅުވާލައިފަ އެވެ.

"މި އެއާޕޯޓު ކާމިޔާބުވެ، ހަރަދު ދެކޮޅު ޖެއްސޭ ތަނަކަށް ހެދޭނީ އުތުރުގައި ޓޫރިޒަމް ފައްކާ ވެގެން،" ރިޒްވީ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އުތުރުގެ ޓޫރިސްޓް އެނދުގެ 50 ޕަސެންޓަކީ ރިސޯޓަށް ހެދުމެވެ. ބާކީ 50 ޕަސެންޓަކީ ލޯކަލް ޓޫރިޒަމާއި ލިވަބޯޑާއި އެހެން ގޮތްގޮތުން އުފެދޭ އެނދަށް ހެދުމެވެ.

މިހާރު ވެސް އިތުރުގައި ރިސޯޓުތައް އެބަ ހުއްޓެވެ. ހއ. އަތޮޅުގައި ރިސޯޓެއް އަދި ހދ. އަތޮޅުގައި ރިސޯޓެއް އޮތްއިރު ށ. އަތޮޅުގައި ދެ ރިސޯޓު ހިންގަމުން އަންނައިރު، އެ ތިން އަތޮޅުގައި ސާޅީހަކަށް ގެސްޓްހައުސް ރެޖިސްޓްރީކޮށްފައިވާކަން ޓޫރިޒަމް މިނިސްޓްރީގެ މައުލޫމާތުން ދައްކަ އެވެ. ނަމަވެސް އެތަންތަނަށް ލިބެންވާ ދިރުން ލަސްވަނީ ދަތުރުގެ ދިގުކަމާއި، އުތުރަށް ސީދާ އިންޓަނޭޝަނަލް ފްލައިޓް ނެތުމެވެ.

ހަނިމާދޫ އެއާޕޯޓު އަލަށް ތަރައްގީކޮށް ނިމޭއިރު އެތަނުގެ ޓާމިނަލް ރަށުތެރެއިން ދުރުން ފެންނާނެ ގޮތުގެ ކުރެހުމެއް.


ހަނިމާދޫ އެއާޕޯޓާއެކު ރިސޯޓާއި ގެސްޓްހައުސްތައް އިތުރުވެގެންދާނެ ކަމަށް ޑރ. މައުސޫމް އުއްމީދު ކުރައްވަ އެވެ. މާލީ ދަތިކަމުގެ ސަބަބުން ހުއްޓިފައި ހުރި ރަށްތަކަށް ވެސް ހަނިމާދޫ އެއާޕޯޓާއެކު ދިރުން ލިބޭނެ ކަމުގެ އުއްމީދު އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުއްޓިފައި ހުރި ރަށްތަކަށް ވުރެ ބޮޑަށް މި ބަލަނީ އާ ރިސޯޓުތައް ގެންދެވޭތޯ. އަދި ކޮމިނިއުނިޓީ ބޭސްޑް ތަންތަން ކުރިއަށް ގެންދެވޭތޯ،" އޭނާ ވިދާޅުވި އެވެ.

ހއ. އަތޮޅާއި ހދ. އަދި ށ. އަތޮޅުގެ ބައެއް ރަށްތަކުގެ ކައުންސިލްތަކުގައި ޓޫރިޒަމް ދާއިރާގައި އެތައް އަހަރެއްގެ ތަޖުރިބާ ހުރި ފަރާތްތައް ތިބުމާއެކު، އެއާޕޯޓުގެ ސަބަބުން ރަށްތަކަށް ޓޫރިޒަމް އަންނާނެކަން ޔަގީންކުރައްވާ ކަމަށް ޑރ. މައުސޫމް ވިދާޅުވި އެވެ. އަދި އުތުރުގެ ރަށްތަކަށް ކްރޫޒްތައް ގެނައުމަށް މަސައްކަތް ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ކްރޫޒް ޝެޑިއުލް ކުރުމުގެ މަސައްކަތް ދަނީ ކުރިއަށް. މި އަހަރުގެ ފަހުކޮޅު ނޫނީ މިއަހަރުގެ ތެރޭގައި އެ ސަރަހައްދަށް ކްރޫޒްތައް އަންނަން ފަށާނެ ކަމަށް މި ބަލަނީ،" އޭނާ ވިދާޅުވި އެވެ.

އެއާޕޯޓް ތަސައްވުރު ހަގީގަތަކަށް ވެގެން އަންނައިރު މުޅި ބޮޑުތިލަދުންމަތީގެ އިގުތިސޯދު ފެނުން ތޮޅިލާވަރު ކުރުވަން ހުރި މިފަދަ ކަންކަން އެއް އަމާޒެއްގައި ގެންދިއުން މުހިންމެވެ. ހަނިމާދޫ އެއާޕޯޓަކީ މުޅި އެ ސަރަހައްދުގެ އިގުތިސޯދާއި ރައްޔިތުންގެ ފާގަތިކަމާއި މުޅި ރާއްޖޭގެ އިގުތިސޯދަށް ވެސް ލިބޭނެ ދިރުމެކެވެ.

100.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


އަންނި

about 2 years ago

ހެހެހެ އިންޑިއާ މީހުން ތިލަދުންމަތި ފޭރިގަތީއެވެ، ބޮޑެތި ލޯނު ދީގެން ދަރުވާލާފައި މަޅީގައި ޖައްސަނީއެވެ.

ރޯނު އެދުރު

about 2 years ago

: 2.46 ކިލޯ މީޓަރު. ޙެހެހެ. ޗައިނާ ، އިއުރަޕް ލޯންގްރޭންޖް ފްލައިޓް ޖެއްސޭނެބާ؟