10 ފެބުރުވަރީ 2022 - 09:41 0
މަރިޔަމް އަރީން އީސާ
10 ފެބުރުވަރީ 2022 - 09:41 0
ފައިހާ ފަހީމް، 24 ކައިވެނި ކުރީ ލޯބިންނެވެ. އުފާވެރި ދިރިއުޅުމެއް ހޭދަކޮށް އާއިލާއެއް ބިނާކުރުމަށެވެ. ދަރިން ލިބި އެދަރީންނާ އެކު އުފާވެރި ހަޔާތެއް ވޭތުކުރުމުގެ ފޮނި ހުވަފެންތައް ދެކެމުންނެވެ. ފައިހާ ދިރިއުޅެމުން ދިޔައީ އުފަލުގަ އެވެ. ދެމަފިރިންގެ މެދުގައި މައްސަލައެއް ނުޖެހެ އެވެ. ނަމަވެސް ޒަވާޖީ ހަޔާތަށް ގިނަދުވަސް ވަމުން ދިޔަވަރަކަށް ޒަވާޖީ ހަޔާތުގެ ފޮނިމީރުކަން އޭނާއަށް ނުލިބޭކަމުގެ އިހުސާސް ދިޔައީކުރެވެމުންނެވެ. އެދެމަފިރީންގެ އުފާވެރި ހަޔާތަށް ހިޔަނި އަޅަމުން ދިޔައީ މާ ބޮޑު ކަމެކެވެ. އެކަމަށް އެދެމަފިރިންގެ އެއްވެސް ކޮންޓްރޯލެއް ނެތެވެ. އެއީ، ގުދުރަތުން ކުރިމަތި ކުރުވި އިމްތިހާނެކެވެ. އެއީ ދަރިމައިނުވުމުގެ މައްސަލަ އެވެ.
އިންފާޓިލިޓީ ނުވަތަ ދަރިމައިވުމުގައި މައްސަލަތައް ކުރިމަތިވެ އެކަން ތަހައްމަލު ކުރަން ޖެހުމަކީ ޒަވާޖީ ހަޔާތެއް ފަށާ ދެމަފިރިއަކަށް ދިމާވާނެ އެންމެ ބޮޑު އެއް ހިތާމަ އެވެ. ފައިހާއަށް ދިމާވީ މި މައްސަލަ އެވެ. ކަންދިމާވި ގޮތުން ފައިހާއަށް ކުރިމަތިވި މައްސަލައަކީ ކުޑައިރުއްސުރެ އޭނާގެ ކިބައިގައި ހުރި ކަމެއްގެ ސަބަބުން ކުރިމަތިވި މައްސަލައެކެވެ. އޯވޭރިއަން ޑާމޮއިޑް ސިސްޓްސް އޭނާގެ ރަހިމުގައި އަބަދުވެސް އުފެދެ އެވެ.
މިއީ ރަހިމުގައި އުފެދޭ ސިސްޓެކެވެ. މި ސިސްޓު އެހެން ސިސްޓުތަކާއި ތަފާތުވާ ސަބަބަކީ އޭގައި ކުޑަކުއްޖެއްގެ ކިބައިގައި ހުންނަ ބައެއް ސިފަތައް ހުރުން އެކަށީގެންވާތީއެވެ. މިސާލަކަށް ދަތް ނުވަތަ އިސްތަށި މި ސިސްޓުގައި ފަޅާފައި ހުރެދާނެއެވެ. ޑާމޮއިޑް ސިސްޓަކީ އޭގެ ޒާތުގައި ނުރައްކާތެރި އެއްޗެއް ނޫންކަމަށް ޑޮކްޓަރުން ބުނެ އެވެ. ނަމަވެސް މި ސިސްޓު މާއަވަހަށް ބޮޑުވަމުން ދާނަމަ އެ ނައްތާލަން ސާޖަރީ ކުރަން މަޖުބޫރު ވާނެ އެވެ. މިކަމަށްފަރުވާކުޑަކުރެވޭނަމަ އިތުރު މައްސަލަތަކާ ކުރިމަތިލާން ޖެހޭނެއެވެ.
ފައިހާ ކިޔައިދިން ގޮތުގައި އޭނާގެ ރަހިމުގައި އުފެދޭ ޑާމޮއިޑް ސިސްޓުތައް ނެގުމަށް މިހާތަނަށް އޭނާ އޯޕަން ސާޖަރީ އަކާއި ދެ އެންޑޯސްކޮޕިކް ސާޖަރީ ހަދާފައިވެ އެވެ. ކޮންމެ ފަހަރަކު ވެސް ސިސްޓު ނަގާއިރަށް އަލުން އެހެން ސިސްޓެއް އުފެދެ އެވެ. ރަހިމުގައި އުފެދޭ ޑާމޮއިޑް ސިސްޓު ހެދޭލެއް އަވަސްކަމުން އޭނާ އަށް ދަރިޔަކު ހޯދުމުގައި ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހުނެވެ. އެއް އޯވަރީ އޮޕަރޭޝަންކޮށްގެން ނަގަންވެސް ޖެހުނެވެ.
ދަރިން ނުލިބުމުގެ މައްސަލައަށް ބޭސްފަރުވާއަށް ބޭރު ގައުމަކަށް ގޮސް އުޅެނިކޮށް، ފައިހާއަށް ތައިރޮއިޑް ކެންސަރު ޖެހުނުކަން އެނގުން ވެގެން ދިޔައީ ރިހޭ ފައިމައްޗައް ފޮއިވެއްޓުން ކަހަލަ ކަމަކަށެވެ. އެހިސާބުން އެ ދެމަފިރިންނަށް ޖެހުނީ އުނދަގޫ ނިންމުމެއް ނިންމާށެވެ. ދަރިއަކު ހޯދުމަށް ދެމަފިރިން ދެކެމުން އައި ފޮނި ހުވަފެނުގައި ކުލަޖެހޭ ހިސާބަށް ދިޔުމުގެ ވަގުތު ކުޑަތަންވެފައި ވަނިކޮށް އެ އުންމީދުތައް މަޑުޖައްސާލަން މަޖުބޫރުވި އެވެ.
ތައިރޮއިޑް ކެންސަރަށް ފަރުވާ ކުރުމަށް ބޭނުންކުރާ ރޭޑިއޭޝަންގެ ސަބަބުން އޯވަރީއަށް އެކަމުގެ އަސަރު ކުރާނެ އެވެ. ނަމަވެސް ކެންސަރު ބައްޔަށް ފަރުވާ ނުކޮށް މާ ލަސްވެއްޖެ ނަމަ ފައިހާގެ ހަށިގަނޑުގައި ކެންސަރު ބަލި އިތުރަށް ފެތުރުމުގެ ފުރުސަތު ބޮޑުވާނެ އެވެ.
ދަރިއަކު ހޯދުމުގެ އުންމީދު މަޑުޖައްސާލުމަށް ފަހު ކެންސަރު ބައްޔަށް ފަރުވާ ހޯދަން މަސައްކަތް ކުރުމަށް އޭނާ އަށް މަޖުބޫރުވި އެވެ. މި މާޔޫސީ ހާލަތުގައި ވެސް ފައިހާގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައި ވަނީ ދެން ދަރިއަކު ލިބުމުގެ ފުރުސަތު އަނެއްކާވެސް ކުޑަވެގެންދާނެ ކަމެވެ.
ފައިހާގެ ވާހަކަ އަޑު އަހާލުމުން ދެލޮލުން ކަރުނަ އައެވެ. އެހާ އަސަރާއެކު އޭނާ ކިޔައިދިން ވާހަކަތައް ގަލަމުން ބަޔާންކުރަން އުނދަގުލެވެ. ފައިހާއެކޭ އެއްފަދައިން އިންފާޓިލިޓީގެ މައްސަލަ ތަހަންމަލު ކުރަމުންދާ މީހުން އަހަރުމެންގެ މުޖުތަމައުގައި ނުހަނު ގިނަ އެވެ. ކޮންމެ ދެމަފިރިއެއްގެ ވާހަކަވެސް އެހާމެ އަސަރުގަދަ އެވެ. ހިތާމަވެރި އެވެ. ފަރުވާއެއް ލިބޭނެ މަގެއް ނެތި ފަރުވާއަށް ސަލާންޖަހާ ކިތައް އާއިލާ މިގައުމުގައި ތިބިކަން އެނގެނީ ކާކަށް ހެއްޔެވެ؟
ފައިހާ ފާހަގަކުރި ގޮތުގައި އޭނާގެ އެންމެ ބޮޑު ހިތާމައަކީ މިކަމާ މެދު އަހަރުމެންގެ ތެރޭގައި އެކަށީގެންވާ ވަރަށް ހޭލުންތެރިކަން އުފެދިފައި ނެތްކަމެވެ. އޭނާ މިހާރު މަސައްކަތް ކުރަމުން ދަނީ ދަރިމައިވުމުގައި ދިމާވާ މައްސަލަތަކާ ގުޅިގެން އާންމުންނަށް މައުލޫމާތުފޯރުކޮށްދީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިލޭސާބަހަށް މަސައްކަތް ކުރާ އެންޖީއޯއެއް ކަމުގައިވާ ފާޓިލިޓީ ސަޕޯޓް ކްލިނިކްގެ ސެކެޓްރީގެ ގޮތުގަ އެވެ. މިކަން ތަހަންމަލު ކުރަމުންދާ އެހެންމީހުންނަށް އެހީތެރިވާ ދަރުމަވެރިއެއްގެ ގޮތުގަ އެވެ.
މުޅި ރާއްޖޭގައި އަތްފުނަ އަޅައިގެންވެސް މިފަދަ މީހުންނަށް މަގެއް ހޯދާދޭން ނުކުމެ ތިބިބަޔަކަށް ފެނުނީ މިޖަމިއްޔާ އެވެ. ފައިހާގެ އުއްމީދަކީ އޭނާފަދައިން ދަރިމައިވުމުގެ މައްސަލަތައް ދިމާވެފައިވާ އާއިލާތަކުން މިޖަމިއްޔާގެ އެހީތެރިން ހޯދުމެވެ. މިފަދަ އެންމެން ގުޅިގެން މިބައްޔަށް ގައުމުގެ ސަމާލުކަން ހޯދުމެވެ. މިފަދަ ބަލިމީހުންނަށް އެހީތެރިވާނެ ސްކީމްތައް ތައާރަފްކުރުމަށް ބާރުއެޅުމެވެ.
1990، 2000 އަދި 2006 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގައި ހަދާފައިވާ ބޯހިމެނުމާއި އެހެނިހެން ސާވޭތަކުން ހާމަވާ ގޮތުގައި ރާއްޖޭގެ އާބާދީ އިތުރުވާ ރޭޓް ވަނީ ވަރަށް ބޮޑުތަން ދަށަށް ގޮސްފަ އެވެ. މިގޮތުން 1990 ވަނަ އަހަރު މާލޭ ސަރަހައްދުގެ އާބާދީ އިތުރުވާ ރޭޓަކީ 6.40 އެކެވެ. 2000 ވަނަ އަހަރު މި އަދަދު ވަނީ 2.84 އަކަށް ވެއްޓިފަ އެވެ. އަދި 2006 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މާލޭ ސަރަހައްދުގެ އާބާދީގެ އިތުރުވާ ރޭޓަކީ 2.15 އެކެވެ.
އަތޮޅުތެރޭގެ އާބާދީ އިތުރުވާ ރޭޓާއި މާލޭ ސަރަހައްދުގެ އާބާދީ އިތުރުވާ ރޭޓް ކޮންމެވެސް ވަރަކަށް ތަފާތުކަންވެސް ތަފާސް ހިސާބުތަކުން ހާމަވެފައިވެ އެވެ. މިގޮތުން އަތޮޅުތެރޭ ރަށްރަށުގެ 1990 ވަނަ އަހަރުގެ އާބާދީ އިތުރުވާ ރޭޓްއަކީ 7.40 އެކެވެ. 2000 ވަނަ އަހަރު އާބާދީ އިތުރުވާ ރޭޓްއަކީ 3.37 އަދި 2006 ވަނަ އަހަރުގެ ރޭޓްއަކީ 2.60 އެކެވެ.
ޖުމްލަގޮތެއްގައި މި ސާވޭތަކުގެ ނަތީޖާއިން ދައްކުވައިދެނީ ރާއްޖޭގައ އާބާދީ އިތުރުވާ ރޭޓް ދަށަށް ގޮސްފައިވާކަމެވެ.
މިގޮތުން 1990 އަކާއި 2006 އަކާ ދެމެދު ރާއްޖޭގެ އާބާދީ އިތުރުވާ ރޭޓް ވަނީ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި ދަށަށްގޮސްފަ އެވެ. ނަމަވެސް ނެޝަނަލް ހެލްތް ޕްރޮޓްކްޝަން އޭޖެންސީން ނެރެފައިވާ ނެޝަނަލް ރިޕްރޮޑަކްޓިވް ހެލްތް ސާވޭ (2014-2018) ގައި ވާ ގޮތުގައި 2009 ވަނަ އަހަރު މި އަދަދު ކުޑަކޮށް މައްޗަށް ޖެހިލާފައިވެ އެވެ. އެ އަހަރުގެ އާބާދީ އިތުރުވާ ރޭޓަކީ 2.8 އެކެވެ.
ތަފާސް ހިސާބުތަކުން މިޖަހަމުންދާ ރަނގަބީލުގެ އަޑު ބިރުވެރިއެވެ. އަޅާނުލާ ދޫކޮށްލާވަރަށް ވުރެ ބޮޑެވެ.
ދަރިން ލިބުމުގައި މައްސަލަތައް ކުރިމަތިވެ ދަރިން ނުލިބުމަށް ކިޔާ ނަމަކީ އިންފާޓިލިޓީ އެވެ. އިންފާޓައިލް މީހެއްގެ ގޮތުގައި ޑޮކްޓަރުން ކަނޑައަޅަނީ ދަރިން ހޯދުމަށް މަސައްކަތް ކުރާތާ އެއް އަހަރުވުމުން ވެސް ކޮންމެވެސް ސަބަބަކާހުރެ ދަރިން ނުލިބުމުންނެވެ.
އިންފާޓިލިޓީގެ %30 ކޭސްތަކަކީ އަންހެން މީހާގެ ކިބައިގާ ހުންނަ މައްސަލައެއްގެ ސަބަބުން ދިމާވާ ކޭސްތަކެވެ. އަދި އަނެއް %30 ކޭސް ދިމާވަނީ ފިރެހެން މީހާގެ ކިބައިގައި ހުންނަ ކަންތައްތަކެއްގެ ސަބަބުންނެވެ. ބައެއްފަހަރާ ދެމީހުންގެ ކިބައިގާ ފާހަގަކުރެވޭ އެއްވެސް ކަމެއް ނެތިވެސް ދަރިން ނުލިބުމުގެ މައްސަލަ ކުރިމަތިވެދާނެކަމަށް ޑޮކްޓަރުން ބުނެ އެވެ. މިގޮތުން ދަރިން ނުލިބުމުގެ މައްސަލަތަކުގެ %25 ކޭސްތަކަގުގައި މި މައްސަލަ ކުރިމަތިވަނީ ދެމަފިރިންގެ ކިބައިގައި އެއްވެސް މައްސަލައެއް ހުރެގެން ނޫންކަމަށާއި މިކަން ކުރިމަތިވާ ސަބަބަކީ ކޮބައިކަން ޑޮކްޓަރުންނަށް ހޯދިފައެއް ނުވެ އެވެ.
މި ކަންކަމުގެ ސަބަބުން ފިރެހެން މީހާގެ ދަރި ފަނީގެ އަދަދު މަދުވެ ދަރިން ނުލިބުމަށް މަގުފަހި ކުރުވަ އެވެ.
1. އޯވިއުލޭޝަން އިންޑަކްޝަން
2. އައިޔޫއައި/އިންޓްރާ ޔޫޓެރައިން އިންސެމިނޭޝަން
3. އައިވީއެފް
4. ކްރިޕްޓޯޕްރެސާވޭޝަން
5. ސާޖަރީ
މީގެތެރެއިން އެންމެ އާންމުކޮށް މީހުން ބޭނުންކޮށް އުޅޭ ފަރުވާއަކީ އައިވީއެފް އެވެ. އަމްރިތާ ހޮސްޕިޓަލުގެ ރިޕްރޮޑަކްޓިވް ހެލްތު ޑިޕާޓްމަންޓުގެ ފައުންޑާ މެންބަރު ކަމުގައިވާ ޑރ. އަވްނީ ޕިއްލޭ ވިދާޅުވި ގޮތުގައި އައިވީއެފް އަކީ ވަރަށް ފަސޭހަ ނުވަތަ "ސިމްޕަލް ޕްރޮސީޖާ" އެކެވެ.
"ގިނަ މީހުންނަށް ހީވެފައި އޮންނަ ކަހަލަ މިއީ ބޮޑު އޮޕަރޭޝަނެކޭ. ހަގީގަތުގައި މިހެން މިދިމާވަނީ ރާއްޖެއިން މިޕްރޮސީޖާ ހެދެން ނެތީމަ. އަސްލު އައިވީއެފް ޓްރީޓްމެންޓަކީ އެހާ ބޮޑު ކަމެއް ކުރާ ސާޖަރީއެއް ނޫން. މިހާ ކުޑަކުޑަ ޓްރީޓްމްންޓަކަށް ރާއްޖޭގެ ރައްޔިތުން އެތައް ފައިސާއެއް ހަރަދުކޮށް ބޭރު ގައުމުތަކަށް ދާންޖެހޭތީ ކަންބޮޑުވަން،" ޑރ. އަވްނީ ވިދާޅުވި އެވެ.
އިންފާޓިލިޓީގެ މައްސަލަތަކަށް ބޭސްފަރުވާ ކުރަމުންދާ މީހުންގެވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ މިއީ އެވެ.
"އަތްފޯރާ ފަށަށްވުރެ މާ މަތީގަ މިކަމުގެ ހަރަދުތައް މި ހުންނަނީ. ބޭރު ގައުމަކަށް ގޮސް އެތައް ދުވަހެއް އުޅެންޖެހޭ. އާސަންދާއިންވެސް އެއްވެސް އެހީތެރިކަމެއް ނުލިބޭ،" ނޫހުގައި ނަން ނުޖެހުމަށް އެދި ވާހަކަދެއްކި މީހަކު ބުންޏެވެ.
ރާއްޖޭގައި ދަރިން ނުލިބޭ މީހުން ގިނަވެ އެކަމަށް އެތައް ހަރަދުތަކެއް ކުރަންޖެހޭ ކަމުގެ ކަންބޮޑުވުމާއި ނުތަނަވަސްކަން ގިނަ ބައްއްގެ އޮވެ އެވެ. މި ފަރުވާއަށް ބޮޑު ހަރަދެއް ކުރަން ޖެހޭއިރު މިއީ އާސަންދައިން ކަވަރުކުރެވޭ ހަރަދެއް ނޫނެވެ. އަދި މި ފަރުވާއާ ގުޅޭ ގޮތުން ސަރުކާރުގެ ވަކި ސިޔާސަތެއް ވެސް ނެތްއިރު, އެކަމުގެ ފަރުވާ ރާއްޖޭން ލިބޭނެ ގޮތެއް ވެސް ނެތެވެ.
މި ބަލީގައި 186 މިލިއަނަށް ވުރެ ގިނަ މީހުން އުޅެމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. މި ބަލީގެ ސަބަބުން މާލީ ގޮތުން ގެއްލުންވެ އެވެ. ނަފްސާނީ ގޮތުން ބަލިކަށިވެފަ އެވެ. ނިކަމެތިކަމުގެ އިހުސާސްކުރެވެ އެވެ.
ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް މިބަލި ތަހައްމަލްކުރާ މީހުން އެބަ ތިއްބެވެ. އެތައް ބައެއްގެ ދިރިއުޅުން މިކަމުގެ ސަބަބުން ރޫޅިގެން ގޮސްފައިވެ އެވެ. މިކަމުގެ ހޭލުންތެރިކަމެއް އެފަދަ މީހުންގެ ނުހުރެ އެވެ. ނަތީޖާއެއްގެ ގޮތުން އެތައްބަޔަކަށް މިއީ ދައްކަން ލަދު ވާހަކައަކަށްވެ އެވެ. ޑޮކްޓަރަށް ދައްކަން ޖެހިލުންވެ އެވެ. މިހާލުގައި ދަރިއަކު ނުލިބި ހިތްދަތިކަމުގައި އުމުރު ހޭދަކޮށް ނިމިގޮސްފައިވާ ކިތައްކިތައް މީހުން ވޭބާވަ އެވެ؟ އަދިވެސް މިބަލީގެ ގިނަ މީހުން ތިބީ މިހާލުގަ އެވެ. އަޅާލާނެ މީހަކުނެތިފަ އެވެ. އެހީތެރިވާނެ ހާއްސަ ސްކީމެއް ނެތިފަ އެވެ. ހަޔާތެއް ދަރިއެއްގެ އުއްމީދުގައި އެތައް ބަޔަކު ވޭތުކުރަމުން މިދާ ހިތްދަތި ދުވަސްތަކަށް ނިމުމެއް އަންނާނީ ކޮންދުވަހަކުން ބާވަ އެވެ؟
Comment