about 2 hours 0
ސަލްޓަން ޕާކުގައި ހަދަމުންދާ ސްޓްރަކްޗާއެއް: ސަރުކާރުން މިހާރު ބުނަނީ އީދަށް ޕާކު ހުޅުވޭނެ ކަމަށް -- ފޮޓޯ: އަދަދު
about 2 hours 0
މަރާމާތު ކުރަން ކަމަށް ބުނެ މީގެ ހަ މަސްދުވަސް ކުރިން ބަންދުކުރި ސަލްޓަން ޕާކުގެ މަސައްކަތް ކުރިއަށް އޮތް އީދު ދުވަހަށް ނިންމާނެ ކަމަށް ބުނެ ޕާކު ހުޅުވާނެ އާ ތާރީހެއް ސަރުކާރުން ދީފި އެވެ.
އަދަދު ގެ ނޫސްވެރިން މިއަދު މެންދުރު ސަލްޓަން ޕާކަށް ގޮސް ބެލިއިރު ވެސް އެތަނުގައި އެއްވެސް މަސައްކަތެއް ކުރާތަނެއް ނުފެނެ އެވެ. އެކަމަކު، ޕާކުގެ މަރާމާތުގެ ބައެއް ކަންކަން ނިމުމާ ވަރަށް ގާތަށް ގޮސްފައިވާ ތަން ފެނުނެވެ.
ދައުލަތުގެ ޓީވީ ޗެނަލް ޕީއެސްއެމް އިން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއާ ހަވާލާދީ ބުނެފައި ވަނީ، ސަލްޓަން ޕާކުގެ އިތުރުން، ޖުމްހޫރީ މައިދާނާއި ތިން ރުއް ޕާކު ވެސް އީދު ދުވަހަށް ހުޅުވަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ސަލްޓަން ޕާކު ނިންމުމުގެ މަސައްކަތް ކުރަމުންދާއިރު އެ ޕާކަށް ބައެއް ތަކެތި އިތުރުކޮށްފައިވާކަން ފާހަގަ ކުރެވެ އެވެ. އެގޮތުން، ޕާކުގައި ހުންނަ ބޮޑު ސިޑިން، ލައިބްރަރީ ޓްރީ ހައުސްއާ ގުޅުވާލައި ބްރިޖެއް ހަދާފައި ހުރި ކަން ފާހަގަ ކުރެވެެ އެވެ.
އޭގެ އިތުރުން، ބޮޑު ކޮންކްރީޓް ސްޓްރަކްޗާއެއް ޕާކުގައި އެބަ ހަދަމުންދެ އެވެ. އެކަމަކު އެއީ ކޮން ތަނެއް ކަމެއް އެނގޭ ވަރަށް އަދި މަސައްކަތެއް ނުނިމެ އެވެ.
ސަލްޓަން ޕާކު ބަންދު ކުރުމުން މިހާރު މާލޭގައި ހުޅުވާފައި ހުންނަނީ ކުޑަކުދިންގެ ބަގީޗާ އާއި ލޮނުޒިޔާރަތްކޮޅު ޕާކެވެ. އޭގެ ތެރެއިން ކުޑަކުދިން ކުޅޭ ސާމާނު ހުންނަނީ ހަމައެކަނި ކުޑަކުދިންގެ ބަގީޗާގަ އެވެ. މި ހިނގާ ރޯދަ މަހުގެ މި ފާއިތުވެ ތިން ދުވަހު ކުޑަކުދިންގެ ބަގީޗާ އޮންނަނީ ވަރަށް ބޮޑަށް ފުރިފަ އެވެ.
ސަލްޓަން ޕާކު ބަންދު ކުރީ އޯގަސްޓް 20، 2025، ގަ އެވެ. އެއިރު އެތަން ބަލަހައްޓަމުން އަންނަ ކޮންސްޓްރަކްޝަން މިނިސްޓްރީ އިން ބުނީ ސަލްޓަން ޕާކު ބަންދު ކުރަނީ އެންމެ ތިން މަސްދުވަހަށް ކަމަށެވެ.
ސަލްޓަން ޕާކު ކުރިން ހިންގަމުން އައީ މާލޭ ސިޓީ ކައުންސިލުންނެވެ. އެކަމަކު، ފެބްރުއަރީ، 2025، ގައި ސަރުކާރުން އަމިއްލައަށް ސަލްޓަން ޕާކާ ހަވާލުވީ އެވެ. ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ޕާކު ނެގީ ކައުންސިލަށް އެތަން ނުބެލެހެއްޓޭ ކަމަށް ބުނެ އެވެ.
ސަލްޓަން ޕާކު ނުބަލަހައްޓާތީ އެތަނުގެ ވަރަށް ގިނަ ތަންތަން ހުރީ ހަލާކުވެފަ އެވެ. ކުޑަކުދިންގެ ސްލައިޑު ކައިރީ ކުރިން ހުރި ބޮޑު އުނދޯލި ނެތްތާ ވެސް މިހާރު އަހަރަކަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ. އަދި އުސްގެކޮޅު ކައިރީ ހުރި އުނދޯއްޔެއް ވެސް މިހާރު ނެތެވެ.
ޕާކުގައި ހުރި ފެންއަރުވާ ވަޑާން ނުޖައްސާތާ ވެސް ވަރަށް ގިނަ ދުވަސްތަކެއްވެއްޖެ އެވެ. ފެންއަރުވާވަޑާން މަތީގައި ހުންނަ ބޮޑު ސިޑިތަކަށް ވެސް ނޭރެ އެވެ.
ޕާކުގައި ހަނދުގެ ބައްޓަމަށް ދިއްލޭ ގޮތަށް ހަދާފައި ހުރި އުނދޯލިތަކުގެ ތެރެއިން ވެސް އުނދޯއްޔެއް ހުރީ ހަލާކުވެފަ އެވެ. އެކަމަކު އެންމެ ބޮޑަށް ހަލާކުވެފައި ކުޑަކުދިންނަށް އަރައިގެން މަޖާ ކުރެވޭ ގޮތަށް، ލިލީ މަގު ފަޅީގައި ހަދާފައި ހުރި ނެޓާއި އެ ސަރަހައްދުގައި ހުރި ތަކެއްޗެވެ.
ހަލާކުވި ގޮތަށް އެއްވެސް ގޮތަކަށް މަރާމާތު ނުކުރާ ކަމަށް ފާހަގަ ކުރެވެނީ ކުރިން ހައިވަރު މިސްކިތް ކުރިން ހުރި ތަނާ ދިމާލުގައި ހެދި ބޮޑު ސްލައިޑެވެ. ޕާކު އެއްކޮށް ބަދަލު ކުރުމަށްފަހު އޯގަސްޓު، 2017، ގައި ހުޅުވިތާ މާ ގިނަ ދުވަސްތަކެއްނުވެ އެތަން ބަންދު ކުރި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment