Advertisement

މިފަހަރު ނުކުތީ ޕީޕީއެމްގެ ސިޔާސީ ކުރިމަގަށް ބޭނުންވާ ބަދަލަށް

3 އޭޕްރީލް 2021 - 09:39 0

ފަޒީނާ އަހުމަދު

ފަޒީނާ އަހުމަދު

އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ވަގުތީ ލީޑަރު އަބްދުއްރަހީމް "އަދަދު"އާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/އަދަދު


މިފަހަރު ނުކުތީ ޕީޕީއެމްގެ ސިޔާސީ ކުރިމަގަށް ބޭނުންވާ ބަދަލަށް

3 އޭޕްރީލް 2021 - 09:39 0

އިންތިހާބުތަކުގައި ވިދިވިދިގެން ޕީޕީއެމަށް ނާކާމިޔާބެވެ; އުފެދުނުތާ ކުރު މުއްދަތަކުން ސިޔާސީ މަސްރަހުގެ އިސް ސަފުގައި ހަމަޖެހިލި ޕާޓީ ވެރިކަމުގައި އޮވެ ފުރަތަމަ ގެއްލުނީ 2014ގެ ކައުންސިލް އިންތިހާބެވެ. އޭގެ ފަހުން ބޭއްވި ހަތަރު އިންތިހާބުން ވެސް މޮޅެއް ނުވެވުނެވެ.

މި ނާކާމިޔާބީ, ޕީޕީއެމް ވަށާލާފައި އޮތް އިރު ޕާޓީގެ ލީޑަރު ކުރީގެ ރައީސް އަބްދުالله ޔާމީން ޖަލަށް ލުމަކީ އެ ޕާޓީ އިތުރަށް ހީނަރުވި ސަބަބެކެވެ. ޕާޓީގެ ލީޑަޝިޕާއި އާއްމު މެމްބަރުން ތިބީ މި ހާލަތުން އަރައިގަތުމުގެ އުއްމީދެއްގަ އެވެ.

ޕީޕީއެމުން ބޭއްވި މުޒާހަރާއެއްގައި އެ ޕާޓީގެ މެމްބަރުންތަކެއް: ޕީޕީއެމްގެ ސިޔާސީ ކުރިމަގަށް ކައުންސިލް އިންތިހާބު މުހިއްމު ކަމަށް އެ ޕާޓީން ގަބޫލުކުރޭ. --ފޮޓޯ/ޕީޕީއެމް


ގާތްގަނޑަކަށް 40,000 މެމްބަރުން ތިބި ޕީޕީއެމަށް މިހާރު ބޭނުން ވަނީ ސިޔާސީ ބާރުވެރިކަން އަލުން ހޯދާނެ ފޯމިއުލާއެކެވެ.

ޕާޓީ ކިތަންމެ ބަލިކަށިވެފައި އޮތަސް ލީޑަޝިޕަށް ބަދަލު ގެނެސްގެން ނުވަތަ އިސްލާހީ އެޖެންޑާއަކުން ހަރުދަނާކުރުމުގެ ވިސްނުމެއް ޕާޓީ ތެރެއަކުން ނުފެނެ އެވެ. އެހެންކަމުން ދެން އޮތީ މި އިންތިހާބުގެ ޖާދުލުން ޕާޓީ އަނެއްކާވެސް ވަރުގަދަ ކުރެވޭތޯ ބެލުމެވެ.

ޑީއާރުޕީ ބައިބައިވެ, 2011 ގައި އުފެއްދި ޕީޕީއެމަށް ސިޔާސީ މަސްރަހުގައި ބޮޑު ކުރިއެރުމެއް ހޯދުނީ ވާދަވެރި އެމްޑީޕީގެ މައްޗަށް ކުރި ހޯދުނު އިންތިހާބުތަކުންނެވެ. ޑީއާރުޕީގައި ޕީޕީއެމްގެ ލީޑަޝިޕް އޮވެ 2009 ގެ މަޖިލިސް އަދި 2011ގެ ކައުންސިލް އިންތިހާބު ކާމިޔާބުކުރި އެވެ. މި ބާރުވެރިކަމާ އެކު ޕީޕީއެމް އުފެއްދިތާ 2013 އަށް ދެ އަހަރު ފުރުނުއިރު ވެރިކަމުގައި އޮތީ އެ ޕާޓީ އެވެ.

ޖެހިގެން އައި ކައުންސިލް އިންތިހާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބު ބޮޑު އަޣުލަބިއްޔަތެއް ހޯދި އެވެ. އެހާމެ ކުރު މުއްދަތެއްގައި ބައިލައްކަ މެމްބަރުން ހަމަވެ އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް ވި ރެކޯޑު ވެސް ހޯދި އެވެ.

އެކަމަކު ޕާޓީގެ ވެރިކަން މިސްރާބުކުރި ގޮތުން 2014ގެ ކައުންސިލް އިންތިހާބު ގެއްލި, ސަޕޯޓަރުން މާޔޫސްވި އެވެ. އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ދިނީ އެ މެސެޖެވެ. މަޖިލީހުގެ 85 ގޮނޑީގެ ތެރެއިން ޕީޕީއެމާއި ޕީއެންސީއަށް ކާމިޔާބުވީ އަށް ގޮނޑި އެވެ. އެމްޑީޕީން 65 ގޮނޑި ނެގި އެވެ.

އިންތިހާބުތަކުގެ ނާކާމިޔާބީ: މައިގަނޑު ދެ ސަބަބެއް!

އިންތިހާބުތަކުގައި ޕީޕީއެމަށް އެހާ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވީ ކީއްވެގެން ހެއްޔެވެ؟

އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ލީޑަރު އަބްދުއްރަހީމް އަބްދުالله (އަދުރޭ) "އަދަދު"އަށް ދެއްވި ޚާއްސަ އިންޓަވިއުގައި ވިދާޅުވީ 2014 އިން ފެށިގެން އިންތިހާބުތައް ގެއްލުނީ އޭނާއަށް ގަބޫލުކުރެއްވޭ ގޮތުގައި މައިގަނޑު ދެ ސަބަބަކާ ހެދި ކަމަށެވެ.

އެއް ކަމަކަށް ދިމާވީ, ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގެ ތެރޭގައި ހިނގައިދިޔަ ކަމަށް ތުހުމަތުކުރި އަދި އިލްޒާމް އެޅުވި ބައެއް ކަންކަމާ ގުޅިގެން ސަރުކާރަށް ބައެއް މީހުން ނަފްރަތު ކުރުމެވެ.

"އޭގެތެރޭގައި އެމްއެމްޕީއާރުސީގެ ހިޔާނާތް ހިމެނޭ. މި ހިޔާނާތާ ގުޅިގެން ސަރުކާރަށް އިނގިލި ދިއްކުރުންތައް އައުމާއި ސަރުކާރުގެ ބޮލުގައި އެޅުނު ވައްކަމާއި ކޮރަޕްޝަން ހިމެނޭ މި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމުގައި," އަދުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީޕީއެމް މި އުނދަގޫ ހާލަތުގައި އޮއްވައި އުފެދުނު ކޯޅުމާ އެކު ޕާޓީގެ ރައީސަކަށް ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމަކީ ވެސް ޕާޓީއަށް ހީނަރުކަން އައި ސަބަބެއް ކަމަށެވެ.

ޕީޕީއެމާ ދެކޮޅަށް މައުމޫން ހިމެނިވަޑައިގަންނަވާ ގޮތުން ހެއްދެވި ކޯލިޝަންގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ހިމެނެ އެވެ. ވެރިކަމުގައި މިހާރު ތިބީ ކުރީގެ ރައީސް އަބްދުالله ޔާމީން ބަލިކުރި މި ކޯލިޝަނެވެ.

މައުމޫން, ޕީޕީއެމުން ވަކިކުރީ އެ ޕާޓީގެ ވެރިކަން ހިންގާ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެން ފާޑު ވިދާޅުވާން ފެއްޓެވެމުންނެވެ.

"އެ މީހުންނަށް [އިދިކޮޅަށް] އެ ވަގުތު ލިބުނު އެންމެ މުހިއްމު ކާޑެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ މި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް. މީތި ފަޅާއެރީމަ އިދިކޮޅު ފަރާތްތަކުން ގަބޫލުކުރާ ގިނަ ވާހަކަ ރައްޔިތުންނަށް ގަބޫލުކުރެވޭ ގޮތްވީ," އަދުރޭ ވިދާޅުވި އެވެ.

ޕީޕީއެމްއަކީ ރައީސް މައުމޫންއޭ އޭރު އަޅުގަނޑުމެން ކިޔައި އުޅުނީ. އަނެއްކާ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކު ވެސް ނުކުމެގެން ދިޔައީ. މިއީ 2017ގެ ލޯކަލް ކައުންސިލްގެ އިންތިހާބު ގެއްލެން ދިމާވި އެންމެ ބޮޑު ސަބަބުތައް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެ ސަބަބުތަކާ އެކުގައި ރިޔާސީ އިންތިހާބަށް އަޅުގަނޑުމެން ދިޔައީ.

އޭނާ ވިދާޅުވި ގޮތުގައި ކައުންސިލް އިންތިހާބު ގެއްލުމުގެ އަސަރު ރިޔާސީ އިންތިހާބުގައި ޕީޕިއެމަށް ކުރި އެވެ. އެއީ އެ އިންތިހާބު ނުލިބުމަކީ ރައްޔިތުންގެ ތާއީދު ޕީޕީއެމްގެ ސަރުކާރަށް ގެއްލެމުންދިޔަ ކަން ސާފުވާން އޮތް ކަމެއް ކަމަށް ވިދާޅުވި އެވެ.

އަދުރޭ އަދިވެސް ގަބޫލުކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބު ކުރެއްވި ރިޔާސި އިންތިހާބުގައި ނަތީޖާ އޮޅުވާލާފައިވާ ކަމަށެވެ. ނޫން ނަމަ, ރައީސް ޔާމީނަށް އިންތިހާބު ކާމިޔާބުވާނެ ކަން އެމަނިކުފާނު ބޮޑު ކޯލިޝަނަކާ ވާދަކުރައްވައި އެކަނި ހޯއްދެވި ވޯޓުން ފެންނަން އޮތް ކަމަށް ވިދާޅުވި އެވެ.

އަދުރޭގެ މި ދެ ސަބަބުގެ އިތުރުން އެހެން ސަބަބުތަކެއް ޕީޕީއެމް/ޕީއެންސީގެ އިސް ބައެއް ބޭފުޅުން ދައްކަވަ އެވެ. އޭގެތެރޭގައި, ޕާޓީ ބައިބައިކޮށްގެން ހިންގަން ފެށުމާއި އަރިސް މެމްބަރުން ފިޔަވައި އެހެން ބޭފުޅުންގެ ބަސް ޕާޓީގެ ތެރޭގައި ގަބޫލުނުކުރުން ހިމެނެ އެވެ.

ޕީޕީއެމްގެ ސިޔާސީ ކުރިމަގާ ގުޅޭ އިންތިހާބެއް

ޕީޕީއެމް މިހާރު އޮތް ހާލަތާ އެކު ވެސް މި މަހުގެ 10 ގައި އޮންނަ ލޯކަލް ކައުންސިލް އިންތިހާބަކީ, އެ ޕާޓީގެ ސިޔާސީ ހަޔާތުގައި އަނެއްކާވެސް އަންނާނެ އެންމެ ވަރުގަދަ އެއް ޓެސްޓެވެ. މި އިންތިހާބު ގުޅިފައި އޮތީ ޕާޓީގެ ސިޔާސީ ކުރިމަގާ އެވެ.

މިކަން އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ލީޑަރު, އަދުރޭ ގަބޫލުކުރައްވަ އެެވެ.

އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަދުރޭ "އަދަދު"އާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/އަދަދު


އޭނާ ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ކޯލިޝަން, ކުރިއަށް އޮތް 2023ގެ ރިޔާސީ އިންތިހާބަށް ބައްޓަންވާނެ ގޮތެއް ކަނޑައަޅަން މި އިންތިހާބު މުހިއްމު ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދައުރުގެ މެދު ތެރޭގައި މި އޮންނަ ކައުންސިލް އިންތިހާބަކީ އެއީ ކުރިއަށް އޮންނަ ރިޔާސީ އިންތިހާބަށް އަސަރުކުރާނެ އިންތިހާބެއް, މިހާތަނަށް ކުރެވުނު ތަޖުރިބާއަށް ބަލާއިރު," އަދުރޭ ވިދާޅުވި އެވެ.

އިދިކޮޅުގެ ސިޔާސީ ހަޔާތުގެ އާ ފެށުމެއްގެ ގޮތުގައި މި އިންތިހާބު ކާމިޔާބުކުރަން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ ތައްޔާރުވެފަ އެވެ. ސިޓީ ކައުންސިލްތަކާ އެކު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ކެންޑިޑޭޓުން ނެރުނެވެ.

އެމްޑީޕީން މި އިންތިހާބުގައި ކެންޑިޑޭޓުން ވާދަކުރާއިރު ޕީޕީއެމުން ގޮނޑިއަށް ވާދަކުރެ އެވެ.

އަދުރޭ ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވައިފި ނަމަ ތަފާތު ބޮޑު ނަތީޖާއަކުން ޕީޕީއެމް ކާމިޔާބު ކުރާނެ ކަމަށެވެ. އެކަމަކު, ކެމްޕޭނަށް ހަމަހަމަ ފުރުސަތު ދިނުމުގައި ކުރިމަތި ކުރުވި ހުރަސްތަކާއި އިންތިހާބު ބާއްވާނެ މިނިވަން މާހައުލެއް ނެތުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ކުރިމަތިލާފައިވާ ނިސްބަތުން ގިނަ ގޮނޑިތައް, މިފަހަރު ނަގާނީ ޕީޕީއެމުން. ރާއްޖޭގެ 18 އަތޮޅު ކައުންސިލްގެ 70 ޕަސެންޓު ކާމިޔާބުކުރަން އަމާޒު ހިފާފައި މިހުރީ. ސިޓީ ކައުންސިލްތަކުން ވެސް މި ބަލަނީ 50 ޕަސެންޓް ކާމިޔާބު ވާނެ ކަމަށް," އަދުރޭ ވިދާޅުވި އެވެ.

ޕީޕީއެމަށް މި ފަހަރު އެންމެ ބޮޑު ޔަގީން ކަމެއް އޮތީ މާލޭގެ މޭޔަރުގެ ގޮނޑިއަށެވެ. ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކުގައި އުޅުއްވި ހައުސިން މިނިސްޓަރު ޑރ. މުހައްދު މުއިއްޒު, މާލޭގެ މޭޔަރަކަށް ވާދަކުރެއްވުމަކީ އެމްޑީޕީއަށް ބޮޑު ގޮންޖެހުމެއް ކަމަށް އަދުރޭ ވިދާޅުވި އެެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް މާލޭގެ މަގުތަކުގައި ބެނާ ދަމާފައި: މި އިންތިހާބު ކާމިޔާބުކުރާނީ ޕީޕީއެމުން ކަމަށް އަދުރޭ ވިދާޅުވި. --ފޮޓޯ: ހުސެއިން ވަހީދު/އަދަދު


ހަތް އަހަރު ހައުސިން މިނިސްޓަރުގެ މަގާމު ފުރުއްވި މުއިއްޒުއާ އެމްޑީޕީން ވާދަކުރައްވަނީ އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ގާނޫނީ ވަކީލް އަނަސް އަބްދުއްސައްތާރެވެ.

"އަޅުގަނޑު 100 ޕަސެންޓް ޔަގީންކަމާ އެކު މި ދަންނަވަނީ. މާލޭ ސިޓީގެ މޭޔަރުކަން ނަގާނީ ޕީޕީއެމުން. މިކަން ވެގެން ދާނީ ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނަ ވަރަށް ބޮޑު ބަދަލަކަށް," އަދުރޭ ވިދާޅުވި އެެވެ.

"މަލްޓި ޕާޓީ ޑިމޮކްރަސީ ރާއްޖެ އައީއްސުރެން މާލޭގެ މެޖޯރިޓީއަކީ އެމްޑީޕީގެ އެއްޗެއް. މިފަހަރު އެ ބަދަލުވާނެ. އަޅުގަނޑުމެންނަށް ޔަގީންކަމާ އެކު ދަންނަވަން ކެރޭ. މާލޭ ސިޓީގެ މޭޔަރުކަމުގެ ގޮނޑިއަށް 51,000 މީހުން އެބަ ވޯޓުލާ. ތަފާތު ބޮޑުކޮށް މުއިއްޒު ނަންގަވާނެ."

"ގޮންޖެހުން ބޮޑު, ވަގަށް ނެގިޔަ ނުދޭނަން"

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތުގެ ބަހަނާ ދައްކައި އިދިކޮޅަށް މި އިންތިހާބުގައި ކެމްޕޭން ކުރަން ހުރި ހުރިހާ ހުރަސްތަކެއް ސަރުކާރުން ކުރިމަތިކޮށްފައިވާ ކަމަށް އަދުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ދަތިތަކާ އެކު މިއީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭ ފަދަ ހާލަތެއް ނޫން ކަން ވެސް އޮތީ ފެންނާށެވެ. އިދިކޮޅު ކޯލިޝަނަށް ކެމްޕޭން ކެމްޕޭން ކުރަން ހަމަހަމަ ފުރުސަތު ނެތް ކަމުގެ ޝަކުވާ ވޯޓުލުމާ ހަމައަށް ދިޔައިރު ވެސް ހައްލުކޮށް ނުދިން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކަށް ނުލިބޭ އެއްވެސް ފުރުސަތެއް ކެމްޕޭން ކުރާކަށް. އަތޮޅުތަކަކަށް ދަތުރެއް ނުކުރެވޭ. ރަށްރަށުގައ ތިބި އަޅުގަނޑުމެންގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ މަސައްކަތްކޮށްދޭނެ ޖާގައެއް ވެސް ނުލިބޭ. އޭގެ ބަދަލުގައި ސަރުކާރަށް އެ ފުރުސަތު އެބައޮތް," އޭނާ ވިދާޅުވި އެވެ.

ޕީޕީއެމުން ބޭއްވި މުޒާހަރާއެއް ހުއްޓުވަން ފުލުހުން އެ ޕާޓީގެ އޮފީސް ދޮރު ބަންދުކޮށްގެން. --ފޮޓޯ/ޕީޕީއެމް


ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ކައުންސިލްތަކުގެ މެޖޯރިޓީ ނަގަން ކުރާ ކެމްޕޭންގައި ރަށްރަށަށް ދަނީ ޕްރޮޖެކްޓްތައް ފަށަން ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުމުގެ ނަމުގައި ކަމަށް ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކެމްޕޭންގައި އެކި ރަށްރަށުގައި އުޅުއްވާ އިރު ވަޒީރުންގެ ދަތުރުތަކުގެ ފަހަތުގައި ވެސް އޮތީ ތާއީދު ހޯދުމެވެ.

އެކަމަކު ޕީޕީއެމްގެ ޓިކެޓުގައި އައްޑޫ ސިޓީއަށް ވާދަކުރައްވާ މޭޔަރު އަބްދުއްލަތީފަށް މިދިޔަ ހަފުތާގައި ވެސް ޖެހިވަޑައިގަތީ މާލެއިން ވަޑައިގެން ކަރަންޓީންގެ މުއްދަތު ފުރިހަމަކުރަން ކަމަށާއިި އެމްޑީޕީއަށް ލިބޭ ހާއްސަ ހުއްދަ އެ ޕާޓީގެ ކެންޑިޑޭޓުންނަށް ނޯންނަ ކަމަށް ވިދާޅުވި އެވެ.

ރައްޔިތުންނަށް ވެސް ފެންނަން ހުރި މި ސަބަބުތަކާ އެކު އިންތިހާބުގެ ވޯޓު އެކަން ދައްކާނެ ކަމަށް އަދުރޭ ޔަގީން ކުރައްވަ އެވެ.

"މި އިންތިހާބު ވަގަށް ނެގޭ ވަރަށް ވުރެން ބޮޑަށް ރައްޔިތުން ހޭލާ ތިބެގެން މި އިންތިހާބުގައި ވޯޓު ދޭނެ ޕީޕީއެމަށް," އޭނާ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވި ގޮތުގައި ޕާޓީގެ ލީޑަރު ރައީސް އަބްދުالله ޔާމީން މިނިވަންކޮށް ހުންނެވި ނަމަ, އިންތިހާބު 80 ޕަސެންޓު ގޮނޑިތައް ޕީޕީއެމަށް ލިބޭނެ އެވެ. އެއީ, މި ގައުމުގައި އެއް ބޭފުޅަކަށް އެންމެ ބޮޑު ތާއީދު އޮތް ލީޑަރަކީ ޔާމީނަށް ވާތީ ކަމަށް އަދުރޭ ވިދާޅުވި އެވެ.

މި އިންތިޚާބު ކާމިޔާބުވުމަކީ ޕީޕީއެމްގެ ބޮޑު މަންޒަރުގެ ފެށުމެވެ. ޔާމީން މިނިވަންކޮށް, 2023 ކާމިޔާބުކުރަން ޕާޓީގެ އަލުން އަތުރާލުމާ ގުޅިފައި އޮތީ އިންތިހާބުގެ ނަތީޖާއާ އެވެ.