about 2 hours 0
ސާއިފް ޝިޔާދު
ވޯޓާސް ލިސްޓެއް މީހަކު ބަލަނީ.
about 2 hours 0
އެޕްރީލް ހަތަރެއްގައި އޮންނަ ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ މެދުގައި ހަމަ އެ ދުވަހު ނަގާ ފެންނަ ނުފެންނަ ވޯޓުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ދާއިމީ ލިސްޓު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފި އެވެ.
ރޭ ދަންވަރު ގެޒެޓުގައި އީސީން ވަނީ މި ލިސްޓު ޝާއިއުކޮށްފަ އެވެ. މި ލިސްޓު ސަރުކާރުގެ ގެޒެޓާއި އީސީގެ ވެބްސައިޓުން ބަލައިލެވޭނެ އެވެ.
މިފަހަރުގެ ވޯޓުގައި ރައްޔިތުންގެ އަތަށް ތިން ވޯޓު ކަރުދާސްކޮޅު ލިބޭނެ އެވެ. އެއީ ކައުންސިލް މެންބަރުން ހޮވުމުގެ ކަރުދާހާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިހާބު ކުރުމުގެ ކަރުދާހާއި، ފެންނަ ނުފެންނަ ވޯޓުގެ ކަރުދާސްކޮޅެވެ.
ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނުއަސާސީ ބަދަލުކުރުމަށެވެ. ސަރުކާރުން ވަކާލާތު ކުރަމުން އަންނަނީ ދެ ވޯޓު އެއް ދުވަހެއްގައި ބޭއްވުމަށެވެ. އެ ކަމާ ދެކޮޅަށް ވެސް މިހާރު އަންނަނީ ކެމްޕޭން ކުރަމުންނެވެ.
ރެފެރެންޑަމްގެ ވޯޓު ކަރުދާސްކޮޅު އޮންނާނެ ގޮތް
އެ ވޯޓަށް ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާތީ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އަދި ސިޔާސީ ވޯޓެއްގެ ތެރެއިން ގައުމީ މައްސަލައެއްގައި ގޮތް ނިންމުމަށް އެކަށީގެންވާ ވަގުތު ނުދީ ވޯޓު ނަގަން އުޅޭތީ ވެސް ކަންބޮޑުވުން އެބައޮތެވެ.
ހަމައެހެންމެ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓުލާން ހުރަސްތަކެއް ހުރުމުން އެކަމާ ގުޅިގެން ހަތަރު ޖަމިއްޔާއަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މި ދެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ 294،937 މީހުންނަށެވެ. އޭގެތެރެއިން 150،410 މީހުންނަކީ ފިރިހެނުން ކަމަށްވާއިރު، 144،527 މީހުންނަކީ އަންހެނުންނެވެ. އިންތިހާބުގައި ޖުމްލަ 621 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.
ކައުންސިލް އިންތިހާބުގައި ޖުމްލަ 225 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިހާބުކުރާނެ އެވެ.
Comment