Advertisement

އިންޑިއާ އެގުރިމެންޓްތަކުގެ ގޮތުން، އެ ހާމަކުރެވޭނީ މަޖިލީހަށް: ސަރުކާރު


އިންޑިއާ އެގުރިމެންޓްތަކުގެ ގޮތުން، އެ ހާމަކުރެވޭނީ މަޖިލީހަށް: ސަރުކާރު

އިންޑިއާއާއެކު މިދިޔަ ސަރުކާރުން ގާއިމުކުރި އެއްބަސްވުންތަކުގެ ގޮތުން، މުޅި އެއްބަސްވުން ހާމަކުރޭވޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާއާއެކު އެކުލަވާލި އެއްބަސްވުންތަކުގެ ތެރެއިން އަސްކަރީ ބައެއް އެއްބަސްވުންތަކާ ގުޅޭ ގޮތުން އޭރުގެ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ހާއްސަކޮށް އުތުރުތިލަފަޅު އެއްބަސްވުމާއި ހައިޑްރޯގްރަފީ އެއްބަސްވުމަށެވެ.

މި އެއްބަސްވުންތަކުގައި ދިވެހި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތަށް އަސަރު ކުރާ މައުލޫމާތެއް ހިމެނޭ ނަމަ ރައްޔިތުންނަށް ހާމަކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. މި ސަރުކާރުގެ ފުރަތަމަ ޕްރެސް ކޮންފެރެންސްގައި، ސަރުކާރުގެ ސިޔާސަތު ތަފުސީލުކޮށްދިނީ ވެސް އެ ގޮތަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު" ނޫހުން އެ ސުވާލު ކުރުމުން، ހީނާ ވިދާޅުވީ ސަރުކާރުން ޕީއެންސީ/ޕީޕީއެމްގެ ކަންބޮޑުވުން އަބަދުވެސް އޮތް ކަމަކީ ރައްޔިތުންގެ މަޖިލީހަށް އެ އެއްބަސްވުންތައް ހިއްސާ ނުކުރުމާއި މަޖިލީހުގެ ރުހުން ނުހޯދާ އެއްބަސްވުންތައް ހަދަމުން ދިޔުން ކަމަށެވެ.

"އަޅުގަނޑުމެން ވެސް ދައްކަމުން ދިޔައީ އެ އެއްބަސްވުންތައް ކީއްވެގެންތޯ ހާމަނުކުރަނީ، ކަމާ ގުޅޭ ކޮމިޓީތަކަށް، މަޖިލީހުގެ ރުހުން ނުހޯދާ އެގުރިމެންޓުތައް ހަދަމުން ދަނީ ކީއްވެގެންތޯ،" އޭނާ ވިދާޅުވި އެވެ.

ހީނާ ވިދާޅުވީ ދެ ގައުމެއްގެ ސަރުކާރުތަކުގެ މެދުގައި އެ ގޮތަށް ހެދިފައި ހުންނަ އެއްބަސްވުންތަކަކީ ވަކި ކަހަލަ ނިޒާމެއްގެ ތެރެއިން ހެދިފައި ހުންނަ އެއްބަސްވުންތަކަކަށް ވުމުން މުޅި އެއްބަސްވުން އާންމުކޮށް ހާމަކުރެވޭކަށް ނޯންނާނެ ކަމަށެވެ.

"މިފަދަ އެގުރިމަންޓްތަކަކީ ރައްޔިތުންގެ މަޖިލީހަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ވަކި ހާއްސަ ކޮމިޓީއަކަށް ހާމަކުރެވޭނެ އެއްޗެހި،" ހީނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ފުރަތަމަ ސަރުކާރުގައި ވެސް އިންޑިއާއާއެކު ގުޅުންތައް ގޯސްވި އެވެ. އެ ސަރުކާރުގައި ގާތް ގުޅުމެއް ބާއްވަމުން ދިޔައީ، ޖިއޯޕޮލިޓިކްސްގައި އިންޑިއާއާ ވާދަވެރި ޗައިނާއާ އެވެ.

ކުރީގެ ރައީސް ސޯލިހުގެ ވެރިކަމުގައި އަނެއްކާ ވެސް އިންޑިއާއާއެކު ގުޅުން ބަދަހިކުރި އެވެ. އިންޑިއާއާއެކު އެ ސަރުކާރުން ހެދި އެއްބަސްވުންތަކުގެ ސަބަބުން ދިވެހި ދައުލަތުގެ ސިޔާދަތުގެ ތެރެއިން އިންޑިއާއިން ވަންނަން ފުރުސަތު ދިނީ ކަމަށް ބުނެ އިދިކޮޅުން ވަރަށް ފާޑުކިޔެވެ.

ޕީއެންސީ/ޕީޕީއެމުން އޭރު "އިންޑިއާ އައުޓް" ކެމްޕެއިނެއް ވެސް ހިންގި އެވެ.