Advertisement

މަޖިލީހުގެ މެންބަރުންގެ އަދަދު ވަކިވަރެއްގައި ހިފަހައްޓާނަން: ސޯލިހު

17 އޭޕްރީލް 2024 - 22:38 1

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ކެލާ ދާއިރާ އަށް ވާދަކުރާ އެމްޑީޕީގެ ކެންޑީޑޭޓު ގާލިބަށް ތާއިދު ހޯދަން ކެލާގައި މިރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އެމްޑީޕީ


މަޖިލީހުގެ މެންބަރުންގެ އަދަދު ވަކިވަރެއްގައި ހިފަހައްޓާނަން: ސޯލިހު

17 އޭޕްރީލް 2024 - 22:38 1

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީން ފުރަތަމަ ކުރާނެ އެއް ކަމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަަދަދު ވަކިވަރެއްގައި ހިފެހެއްޓުން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހަައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

މަޖިލީހަށް މެންބަރުން ހޮވަން އާދީއްތަ ދުވަހު ބާއްވާ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ކެލާ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އަހުމަދު ގާލިބަށް ކެމްޕެއިން ކުރަން ކެލާގައި ބޭއްވި ޖަލްސާގައި ސޯލިހު ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އިތުރުވަމުން ދިއުމަކީ ދައުލަތަށް ބުރައަކަށް ވެފައިވާ ކަމަށެވެ.

"ކޮންމެ ފަސް އަހަރަކުން އެއް ފަހަރު މަޖިލީހުގެ މެމްބަރުން އިތުރުވާ ގޮތަށް އޮތުމަކީ ދައުލަތަށް އޮތް ބޮޑު ބުރައަކަށް ވާތަން އެބަ ފެނޭ. އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް އޮތް ދައުރުގައި އެންމެ ފުރަތަމަ ކުރާނެ އެއް ކަމަކީ މަޖިލީހުގެ މެމްބަރުންގެ އަދަދު ކަނޑައެޅުން، ވަކިވަރެއްގައި ހިފެހެއްޓުން،" ސޯލިހު ވިދާޅުވި އެވެ.

މަޖިލީހުގެ މެންބަރުންގެ އަދަދު ވަކިވަރެއްގައި ހިފެހެއްޓުމަށް އެމްޑީޕީން މަސައްކަތްކުރާނެ ގޮތުގެ ތަފްސީލު ކުރިއަށް އޮތް ތަނުގައި ހާމަކުރަމުން ގެންދާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

މަޖިލިސް އެކުލަވާލާ ގޮތަށް ބަދަލު ގެންނަން ދަ ޑިމޮކްރެެޓްސް އިން ވެސް ކުރިން ސިޔާސަތެއް ކަނޑައަޅައި އާންމުކުރި އެވެ. އެ ސިޔާސަތުގައިވާ ގޮތުން މަޖިލީހުގައި ތިއްބަވާނީ 76 މެންބަރުންނެވެ. އެއީ އަތޮޅުތަކުންނާއި މާލެއިން އިންތިހާބު ކުރާ 55 ގޮނޑި، ރާއްޖެ ހަތަރު ސަރަހައްދަކަށް ބަހާލައި (އުތުރު, ހުޅަނގު, މެދު އަދި ދެކުނު) އަންހެނުންނަށް ހާއްސަ 8 ގޮނޑި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރުމަށް 2 ގޮނޑި އަދި ޕާޓީތަކަށް ވޯޓު ލިބޭ ނިސްބަތުން ލިބޭ ގޮތަށް 11 ގޮނޑި އެވެ.

މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގައި 85 މެންބަރުން ތިއްބެވިއިރު، އަންނަ މަޖިލީހުގައި ތިއްބަވާނީ 93 މެންބަރުން ކަމަށެވެ.