Advertisement

އަރާ ކޮންމެ ރަށަކުން ފެންނަނީ ސަރުކާރުން މަޝްރޫއުތައް ހުއްޓުވާފައިވާ މަންޒަރު: ސޯލިހު

18 އޭޕްރީލް 2024 - 12:45 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު : އެމަނިކުފާނު ވިދާޅުވީ އަރާ ކޮންމެ ރަށަކުން ފެންނަނީ މަޝްރޫއުތައް ހުއްޓިފައިވާ މަންޒަރު ކަމަށް - ފޮޓޯ: އެމްޑީޕީ


އަރާ ކޮންމެ ރަށަކުން ފެންނަނީ ސަރުކާރުން މަޝްރޫއުތައް ހުއްޓުވާފައިވާ މަންޒަރު: ސޯލިހު

18 އޭޕްރީލް 2024 - 12:45 1

އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިސް ކެމްޕޭނަށް ވަޑައިގަންނަވާ ކޮންމެ ރަށަކުންވެސް ފެންނަނީ މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހުއްޓުވާފައިވާ މަންޒަރު ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މަޖިލިސް ކެމްޕޭނުގައި ހދ. ހަނިމާދޫ ދާއިރާގައި ކުރިއަށްދިޔަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން، އިދިކޮޅު އެމްޑީޕީގެ އެޑްވައިޒަރުގެ ގޮތުގައި ހުންނެވި ސޯލިހު ވިދާޅުވީ މަޝްރޫއުތައް ހުއްޓުވާފައި އޮތް އޮތުމަކީ ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

"ރައްޔިތުން ކަންބޮޑުވެފައި އޮތް އަނެއްކަމަކީ ފެށިފައި ހުރި ޕްރޮޖެކްޓުތައް ހުއްޓުމަކަށް ގެނެސްފަ އޮތް އޮތުން، އަރާ ކޮންމެ ރަށަކުން ފެންނަނީ އެ މަންޒަރު، އެކަންތައްތައް އަވަހަށް ފަށުވަން އެބަޖެހޭ," އެމްޑީޕީގެ އެޑްވައިޒަރަކަށް ވެސް ހުންނެވި ސޯލިހު ވިދާޅުވި އެވެ.

މި ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ އެ މަޝްރޫއުތައް ނުފަށާނެ ކަމަށާއި މަޝްރޫއުތައް ހުއްޓުވާފައި ބާއްވާނެކަން ކަށަވަރު ކަމަށް ސޯލިހު ވިދާޅުވި އެވެ. އަދި، ސަރުކާރު ބަދަލުވިޔަސް ރައްޔިތުންގެ މަންފާއަށް ފަށާފައި ހުންނަ މަޝްރޫއުތައް ހުއްޓުވުން ގާނޫނުގެ ތެރެއިން ނިމުމަކަށް ގެންނަން ޖެހޭ ކަމަށާއި އެކަން ވާނީ އިދިކޮޅަށް މަޖިލިސް ލިބިގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ގައުމީ ތަރައްގީގެ އެފަދަ މަޝްރޫތައް ކުރިއަށް ގެންދިއުމުގައި އުސޫލުތަކެއް ކަނޑައެޅި އެއާ އެއްގޮތަށް ސަރުކާރު ބަދަލުވި ނަމަވެސް [މަޝްރޫއުތައް] ކުރިއަށް ދާން ޖެހޭނެ ކަމުގެ ކަށަވަރުކަން ގާނޫނީ ގޮތުން އަޅުގަނޑުމެން ކަނޑައަޅަދޭނަން" ސޯލިހު ވިދާޅުވި އެވެ.

މަޖިލިސް ކެމްޕޭނުގައި އިދިކޮޅުން ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔާ އެއް ސަބަބަކީ ރަށްތަކުގެ މަޝްރޫއުތައް ހުއްޓުވުމެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ސަރުކާރުގެ އިސްވެރިން އެކަން ދޮގުކުރެ އެވެ.

ސަރުކާރުން އެކަން ދޮގުކުރި ނަމަވެސް ގިނަ ރަށްތަކަކުން މަޝްރޫއުތައް ހުއްޓިފައިވާ ކަމުގެ ޝަކުވާތައް ކޮށްފައިވެ އެވެ. އެކި ރަށްރަށުގައި މަޝްރޫތައް ހުއްޓުމާ ގުޅިގެން ވޭތުވެދިޔަ ހަތަރު މަސްދުވަހުގެ ތެރޭ މުޒާހަރާވެސް ކޮށްފައިވެ އެވެ.