about 2 hours 0
ސާއިފް ޝިޔާދު
އެމްވީލޯ ވެބްސައިޓުން ގާނޫނުއަސާސީ ފެންނަ ގޮތް.
about 2 hours 0
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނުއަސާސީ ބަދަލުކުރުމަށް ފާސްކުރި "ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު" އެޓާނީ ޖެނެރަލްގެ އޮފީހުން ބަލަހައްޓާ "އެމްވީލޯ" ވެބްސައިޓުގައި ގާނޫނުއަސާސީގެ ބައެއްގެ ގޮތުގައި ހިމެނި ކަމަށް ދައްކަނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް އެ އޮފީހުން މައުލޫމާތު ދީފި އެވެ.
"އެމްވީލޯ" ވެބްސައިޓަކީ އެޓާނީ ޖެނެރަލް އޮފީހުން ބަލަހައްޓަމުން އަންނަ ވެބްސައިޓެކެވެ. އެއީ ރާއްޖޭގައި އަމަލުކުރެވޭ އެންމެހައި ގާނޫނުތައް، އެ ގާނޫނުތަކަށް ގެނެވޭ އަދާހަމަ ބަދަލުތަކާއެކު އެއް ތަނަކުން ބަލައިލެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ޑޭޓާބޭސްއެކެވެ.
އަދަދު ނޫހާ މިއަދު ވާހަކަ ދެއްކި މަސްދަރަކުން ބުނި ގޮތުގައި އަށްވަނަ އިސްލާހުގައި ހިމެނޭ ބަދަލުތައް ހިމަނައި ގާނޫނުއަސާސީގެ މާއްދާތައް ކޮންސޮލިޑޭޓު ކުރުމަށް ފަހު އެ ވެބްސައިޓަށް އަޕްލޯޑުކޮށްފައި ހުއްޓާ ފެނިފައިވެ އެވެ. ނަމަވެސް، އޭޖީ އޮފީހުން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.
"އަށްވަނަ އިސްލާހު ގެނައުމުގެ ބިލު އެއްވެސް ވަރަކަށް ޝާއިއުކޮށްފައި ނުވާނެ އެ ވެބްސައިޓުގައި. މަތީގައި އިންނަ ސުރުހީގެ ދަށުން އަށްވަނަ އިސްލާހު ހިމަނާފައިވާ ކަމަށް ދައްކަނީ ފަސްވަނަ އިސްލާހަށް އިތުރު އިސްލާހެއް ގެނެސްފައިވާތީ ނަންބަރުތައް އޮޓޯއިން ތަރުތީބުވާތީ،" އޭޖީ އޮފީހުން މައުލޫމާތު ދިނެވެ.
އެ ވެބްސައިޓުގައި ގެނެސްފައިވާ އިސްލާހުތަކުގެ ސައިޑްބާ އިން ދައްކަނީ އަށް އިސްލާހު ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރޭގައި 2019 ވަނަ އަހަރުގެ ތެރޭގައި ގާނޫނުއަސާސީއަށް ފަސްވަނަ އިސްލާހު ގެނައުމުގެ ބިލަށް އެއްވަނަ އިސްލާހު ގެނައުމަށް 2020 ގައި ގެނައި އިސްލާހު ވެސް ހިމެނެ އެވެ. އަށް އިސްލާހު ގެނެސްފައިވާ ކަމަށް ދައްކަނީ އެ ދެ އިސްލާހު ވެސް ހިމަނައިގެން ކަމަށް އޭޖީ އޮފީހުން ބުނެ އެވެ.
އޭޖީ އޮފީހުން މައުލޫމާތު ދިން ގޮތުގައި ސުރުހީގެ ދަށުން އަށްވަނަ އިސްލާހު ހިމެނި ކަމަށް ދައްކަނީ އިސްލާހުގެ ނަންބަރުތައް އޮޓޯއިން ތަރުތީބުވާތީ އެވެ. ކޮންމެ އިސްލާހެއް ވެބްސައިޓަށް އަޕްލޯޑުކުރަނީ ވަކިވަކިންނެވެ.
އެ ބިލަކީ ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރުން ހަ މަސްދުވަސް އުނިކުރަން ފާސްކޮށްފައިވާ ބިލެކެވެ. ގާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ބުނާ ގޮތުން މިފަދަ ބަދަލެއް ގެންނަން ނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ތާއިދު ލިބިގެން މެނުވީ އެ ބިލު ތަސްދީގެއް ނުކުރެވޭނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގުކުރުމާމެދު ރައްޔިތުން ދެކޭ ގޮތްް ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓު އޮތީ އަންނަ ހޮނިހިރު ދުވަހު އެވެ.
Comment