Advertisement

ވޯޓު ދޭ ގޮތް އެނގޭނެ ކަމަށާއި ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ނުދޭނަމަ ވަޒީފާއިން ވަކިކުރާނެކަމުގެ ބިރު ދައްކަނީ

މުހައްމަދު މުއިއްޒު: ސަރުކާރުގެ ކުންފުނިތަކަށް މުވައްޒަފުން ނަގަނީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ނޫން ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ނޫސް


ވޯޓު ދޭ ގޮތް އެނގޭނެ ކަމަށާއި ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ނުދޭނަމަ ވަޒީފާއިން ވަކިކުރާނެކަމުގެ ބިރު ދައްކަނީ

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓު (ރެފެރެންޑަމް) ގައި ރައްޔިތުން ވޯޓު ދޭ ގޮތް އެނގޭނެ ކަމަށާއި ސަރުކާރުން ބުނާ ގޮތަށް ވޯޓު ނުދޭ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަމުގެ ބިރު ދައްކަން ފަށައިފި އެވެ.

އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިންތިހާބާ ދިމާކޮށް ސަރުކާރުގެ އެކި ކުންފުނިތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ނަގަމުންދާއިރު، ވަކި ގޮތަކަށް ވޯޓު ނުދޭނަމަ ވަޒީފާ އިން ވަކިކުރާނެ ކަމުގެ ބިރު ދަނީ ދައްކަމުންނެވެ.

އޭގެއިތުރުން ސަރުކާރު ކުންފުނިތަކުގެ ވަޒީފާއަށް ކުރިން ނަގާފައި ތިބި މުވައްޒަފުން ވެސް ސަރުކާރުން ބުނާ ގޮތަށް ވޯޓު ނުދޭނަމަ، ވަޒިފާއިން ވަކިކުރާނެކަމުގެ ބިރު ދަނީ ދައްކަމުންނެވެ.

"ވަޒީފާގެ ޔަގީންކަން ދީ ވަޒީފާގެ ބަޔާނެއް އެބަދޭ. އަދި ވަކި ގޮތަކަށް ވޯޓު ނާޅައިފިނަމަ ވަޒީފާއިން ވަކިކުރާނެކަމުގެ ބިރު އެބަދައްކާ،" ރަށަކުން މި ނޫހަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.

އިންތިހާބުގައި ވޯޓުގެ ސިއްރުކަން ނުގެއްލޭނެކަމުގެ ޔަގީންކަން އީސީއިން އޮތީ ދީފަ އެވެ.

އިންތިހާބާ ދިމާކޮށް މުވައްޒަފުން އެންމެ ގިނައިން އިތުރުކުރަމުންދަނީ ކަސްޓަމްސް އާއި އާރުޑީސީ އާއި އެމްޓީސީސީގެ އިތުރުން މިނިސްޓްރީތައް އަދި އެމްއޭސީލް އިންނެވެ.

ނަމަވެސް، މުހައްމަދު މުއިއްޒު ވިދާޅުވަމުން ގެންދަވަނީ މި ސަރުކާރަކީ އިންތިހާބާ ގުޅުވައިގެން "ކަޑަޖަހާ" ނުވަތަ ވަޒީފާ ބަހާނެ ބައެއް ނޫން ކަމަށެވެ.

މި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް މުއިއްޒު ވިދާޅުވީ، ވަޒީފާ ދެނީ އިންތިހާބަށް ނުފޫޒު ފޯރުވަން ނޫން ކަމަށާއި، އެއީ ހަވާލުކޮށްފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާ ސްޕޭސް ހުރި ވަޒީފާތަކެއް ކަމަށެވެ.

ނަމަވެސް، އިންތިހާބާ ދިމާކޮށް މިގޮތަށް ގިނަ އަދަދެއްގެ ބަޔަކަށް ވަޒީފާ ދެމުންދާތީ، މިއީ ސީދާ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ އަމަލެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުންނާއި އާންމުންނާއި އިދިކޮޅުން ދަނީ ސިފަކުރަމުންނެވެ.

މީގެ ކުރިން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ވެސް ގިނަ އަދަދެއްގެ މީހުންނަށް ސަރުކާރާއި ސަރުކާރު ކުންފުނިތަކުން ވަޒީފާ ދިނެވެ.