Advertisement

ޕީއެންސީ އިން ވޯޓު އޮޅުވާލަން މަސައްކަތް ކުރާކަމުގެ ތުހުމަތު

about 2 hours 0


ޕީއެންސީ އިން ވޯޓު އޮޅުވާލަން މަސައްކަތް ކުރާކަމުގެ ތުހުމަތު

about 2 hours 0

ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓުންނަށް ވޯޓު ދޭން ބޭނުން ނުވާ ނަމަ ރަސްގެއެއް ޖެހުމަށް އެ ޕާޓީގެ ކެންޑިޑޭޓުން މައުލޫމާތު ދެމުންދާ ކަމަށް ވަރަށް ގިނަ ބަޔަކު ބުނަން ފަށައިފި އެވެ.

އަންނަ ހޮނިހިރު ދުވަހު ތިން ވޯޓެއް އޮންނާނެ އެވެ. އެއީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލަން ފެނޭތޯ ނަގާ ވޯޓެވެ.

އެއްވެސް ވޯޓު ކަަރުދާހުގައި ރަސްގެއެއް ޖަހައިފި ނަމަ ވޯޓު ބާތިލްވާނެ އެވެ. އެމީހުން ވޯޓު ދޭން މީހެއްގެ ނަމާ ދިމާލުގައި ޖަހަންޖެހޭނީ ރަނގަޅު ފާހަގައެކެވެ. ކެންޑިޑޭޓަކަށް ވޯޓު ދޭން ބޭނުން ނުވާ ނަމަ އެމީހެއްގެ ނަމާ ދިމާލުގައި ފާހަގަ ނުޖަހާނީ އެވެ.

އެކަމަކު، ޕީއެންސީ އިން ކުރިއަށްގެންދާ ދޮރުން ދޮރަށް ހަރަކާތްތަކުގައި އެ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ނުކުރާ މީހަކާ ދިމާވެއްޖެ ނަމަ، އޭނާގެ ނަމާ ދިމާލުގައި ރަސްގެއެއް ޖަހަން ޕާޓީއިން ބުނަމުންދާ ކަމަށް މި ނޫހާ ވާހަކަ ދެއްކި މަސްދަރުތަކުން ބުންޏެވެ.

"އުމުރުން ދުވަސްވީ ވަރަށް ގިނަ މީހުން ކައިރީގައި ވެސް އެގޮތަށް ބުނި. ވަރަށް ބޮޑެތި އޮޅުންތައް މީގެ ސަބަބުން އެބަ ނުކުމޭ. ވަރަށް ގިނަ ބަޔަކު އެބަ އުޅޭ ވޯޓުލާންޖެހޭ ގޮތް ނޭނގިގެން،" ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް މި ނޫހާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އޭގެ އިތުރުން ޕީއެންސީގެ ބައެއް އެކްޓިވިސްޓުން ދަނީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކުލަތައް ބޭނުންކޮށްގެން، ބައެއް ފޮޓޯތައް ހަދަމުންނެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކުރެވެނީ އެމްޑީޕީގެ ކުލަ ބޭނުންކޮށްގެން ވޯޓު ކަރުދާހެއް ފެންނަ ގޮތަށް ހަދައިގެން ދައުރު ކުރާ ފޮޓޯ އެވެ.

ވޯޓުލާންވީ ގޮތް އޮޅުވާލަން ޕީއެންސީގެ ބައެއް ކެންޑިޑޭޓުން އިރުޝާދު ދެމުން އަންނަ ކަމަށް ކުރާ ތުހުމަތުތައް އެ ޕާޓީ އިން ދޮގު ކުރި އެވެ. ޕީއެންސީގެ ތަރުޖަމާނު މުހައްމަދު ޝަކީލު ވިދާޅުވީ އެ ޕާޓީގެ އެއްވެސް ކެންޑިޑޭޓަކު ގާނޫނާއި ގަވާއިދާ ހިލާފު އަމަލެއް ނުކުރާނެ ކަމަށެވެ.

"ޕީއެންސީއަކީ ގާނޫނާއި ގަވާއިދާ އުސޫލުތަކާ ހިލާފަށް އެއްވެސް ކަމެއް ކުރާނެ ޕާޓީއެއް ނޫން. ކެމްޕެއިނުގައި އެއްވެސް ބަޔަކަށް ހުރަސްއަޅާނެ ޕާޓީއެއްވެސް ނޫން. އަދި ހަމައެއާއެއްކޮށް އެއްވެސް ބައެއްގެ ކެމްޕެއިނުގެ ހައްގަކަށް އުނިކަމެއް ގެންނާނެ ޕާޓީއެއްވެސް ނޫން ޕީއެންސީއަކީ،" ޝަކީލު ވިދާޅުވި އެވެ.