Advertisement

ސިމެންތި ލިބޭ ކަމަށް ބުނެ ހަނގުރާމައިގެ ހާލަތުގައި ވެސް އެސްޓީއޯއިން އާންމުންނަށް އޮޅުވާލަނީ

about 2 hours 0

ސްޓެލްކޯގެ ސީއީއޯ ޝިމާދް އިބްރާހިމް: ހަނގުރާމައިގެ މި ހާލަތުގައި ނެތް މުދަލެއް ހުރިކަމަށް ދައްކާ ސަބަބެއް ނޭނގޭ -- ފޮޓޯ: އަދަދު ފައިލް


ސިމެންތި ލިބޭ ކަމަށް ބުނެ ހަނގުރާމައިގެ ހާލަތުގައި ވެސް އެސްޓީއޯއިން އާންމުންނަށް އޮޅުވާލަނީ

about 2 hours 0

ދައުލަތުގެ ކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބަރާބަރަށް ސިމެންތި ގަންނަން ލިބޭނެ ކަމަށް ބޮޑު އާންމުންނަށް އޮޅުވާލަން މަސައްކަތް ކޮށްފި އެވެ.

އެސްޓީއޯއަކީ ރާއްޖެއަށް ސިމެންތި ގެންނަ ބޮޑު ތިން ކުންފުނީގެ ތެރެއިން އެއް ކުންފުންޏެވެ. ނަމަވެސް މިވަގުތު އެ ކުންފުނީގެ ސްޓޮކު މަދުވުމުގެ ސަބަބުން ސިމެންތި ވިއްކަނީ ހަމައެކަނި ބޮޑެތި ވިޔަފާރިތަކަށެވެ.

އެސްޓީއޯއިން ސިމެންތި ގަންނަން ނުލިބޭ ކަމަށް ބުނެ މި ނޫހުން ހަބަރެއް ޝާއިއު ކުރުމުން އެ ކުންފުނީގެ ތަރުޖަމާނު މި ނޫހަށް ގުޅައި ވިދާޅުވީ، އެ ކުންފުނިން ބަރާރަށް ސިމެންތި ލިބޭނެ ކަމަށެވެ.

"ނޫނޭ. އަޅުގަނޑުމެން ލިބެމުންދާ ވަރަކަށް [ސިމެންތި] ފޯރުކޮށްދެމުން މިދަނީ،" އެސްޓީއޯގެ މީޑިއާ އޮފިޝަލް ޝިފްލާ އިބްރާހިމް ވިދާޅުވި އެވެ.

ޝިފްލާގެ ފޯން ކޯލަށްފަހު މި ނޫހުން އެސްޓީއޯގެ ހޮޓްލައިނަށް ގުޅުމުން ބުނީ ސިމެންތި ގަންނަން ނުލިބޭ ކަމަށެވެ. އަދި ސިމެންތި ލިބޭނީ ގާތްގަނޑަށް ފަސްދުވަސް ފަހުން ކަމަށް ވެސް ހޮޓްލައިނުން ވާހަކަ ދެއްކި އޮފިޝަލް ބުންޏެވެ.

"ސިމެންތި ލިބޭނީ ފަސް ވަރަކަށް ދުވްސް ފަހުން. މިވަގުތު ހުސްވެފައި ހުރީ،" އެސްޓީއޯ ކޯލް ސެންޓަރަށް ގުޅުމުން ބުންޏެވެ.

މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން މުދާ އުފުލަން ވަރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ނެތް މުދަލެއް ހުރިކަމަށް ދައްކަން އެސްޓީއޯއިން މަސައްކަތް ކުރަނީ ކީއްވެގެން ކަމެއް ނޭނގެ އެވެ.

މިވަގުތު އާންމުކޮށް ސިމެންތި ގަންނަން ލިބެނީ ވިލާ ކުންފުނިން އެކަންޏެވެ. ވިލާ އާއި އެސްޓީއޯގެ އިތުރުން ރާއްޖެއަށް ދެން ސިމެންތި ގެންނަ އެޕޯލޯއަކު ސިމެންތީގެ ސްޓޮކެއް ނެތެވެ. ވިލާއިން މާލޭގައި ހުޅުވާފައި ހުންނަ ފިހާރައިން މިއަދު ސިމެންތި ވިއްކަނީ 313 ރުފިޔާއަށެވެ. އަދި ތިލަފުށިން ސިމެންތި ބަސްތާއެއް ވިއްކަނީ 302 ރުފިޔާއަށެވެ. އެއީ 215 ޕަސެންޓާއި 235 ޕަސެންޓުގެ އިތުރުވުމެކެވެ.

ސިމެންތީގެ އިތުރުން ދަގަނޑުގެ ތާށިކަން ވެސް ވަރަށް ބޮޑުވެފައިވާ ކަމަށް މި ނޫހާ ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ބުންޏެވެ. ވިޔަފާރިވެރިން ބުނަނީ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ބޭނުންވާ ހުރިހާ މުދަލެއްގެ އަގު ވެސް ގާތްގަނޑަކަށް 30 ޕަސެންޓު ބޮޑުވެއްޖެ ކަމަށެވެ.

ފަތުރުވެރިކަން ނެގުމަށްފަހު ކޮންސްޓްރަކްޝަން އިންޑަސްޓްރީ އާއި މަސްވެރިކަމަކީ ރާއްޖޭގެ އިގްތިސާދަށް އެންމެ ބޮޑު ހިއްސާއެއްދޭ ދެ އިންޑަސްޓްރީ އެވެ. ކޮންސްޓްރަކްޝަން އިންޑަސްޓްރީއަކީ ރާއްޖޭގެ ޖީޑީޕީގެ 5.5 ޕަސެންޓެވެ.

ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ބޭނުންކުރާ ތަކެތީގެ އަގުބޮޑުވިއިރު، ތެލާއި ކާބޯތަކެއްޗާއި ދަތުރުފަތުރާއި ނާލު ވެސް ވަނީ އަގުބޮޑުވެފަ އެވެ. ދަތުރުފަތުރާއި ނާލުން އަގުބޮޑުވީ ސަރުކާރުން ތެލުގެ އަގު ބޮޑުވުމުންނެވެ.