Advertisement

ފަހި ދިރިއުޅުން ފްލެޓުތަކުގެ ކުލި ކުޑަކޮށް ގްރޭސް ޕީރިއަޑް އެއް އަހަރަށް ދިގު ދަންމާލަން ގޮވާލައި މުޒާހަރާކޮށްފި

ހުޅުމާލޭގައި ހުންނަ ފަހި ދިރިއުޅުން ފްލެޓުތައް -- ފޮޓޯ: އަދަދު


ފަހި ދިރިއުޅުން ފްލެޓުތަކުގެ ކުލި ކުޑަކޮށް ގްރޭސް ޕީރިއަޑް އެއް އަހަރަށް ދިގު ދަންމާލަން ގޮވާލައި މުޒާހަރާކޮށްފި

ފަހި ދިރިއުޅުން ފްލެޓުތަކުގެ ކުލި ކުޑަކޮށްދީ، ކުލި ދައްކަން ފަށަންޖެހޭ ތާރީހު އެއް އަހަރު ދުވަހުގެ މުއްދަތަކަށް ފަސްކޮށްދިނުމަށް ގޮވާލައި ފްލެޓު ލިބުނު މީހުން މުޒާހަރާކޮށްފި އެވެ.

މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރި ފަހި ދިރިއުޅުން ފްލެޓުތަކުގެ ކުލީގެ ގޮތުގައި އެ ސަރުކާރުން ކަނޑައަޅާފައި އޮތީ މެއިންޓެނެންސް ފީ އާއެކު، ދެ ކޮޓަރީގެ އެޕާޓުމެންޓަކަށް 6000ރ. އަދި ތިން ކޮޓަރީގެ އެޕާޓުމެންޓަކަށް 8000ރ. އެވެ.

ނަމަވެސް، މި ސަރުކާރުން ވަނީ ކުއްޔަށް ބަދަލު ގެނެސް، މެއިންޓެނެންސް ފީ އާއެކު، ދެ ކޮޓަރީގެ އެޕާޓުމެންޓަކަށް 7000ރ. އަދި ތިން ކޮޓަރީގެ އެޕާޓުމެންޓަކަށް 10،000ރ. ދައްކަން ޖެހޭ ގޮތަށް ހަދައިފަ އެވެ.

ހުޅުމާލޭގައި މިރޭ މުޒާހަރާކުރި ރައްޔިތުން ގޮވާލާފައި ވަނީ ހިޔާ ފްލެޓުތަކުގެ ކުއްޔަށް ބަދަލު ގެނެސްދިން ގޮތަށް، ފަހި ދިރިއުޅުން ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް ކުއްޔަށް ލުޔެއް ހޯދައިދިނުމަށް ގޮވާލައި އަޑު އުފުލައިފަ އެވެ.

އޭގެ އިތުރުން މިހާރު ކުލި ދައްކަން ނުޖެހޭ މުއްދަތު (ގްރޭސް ޕީރިއަޑް) އެއް އަހަރު ދުވަހަށް އިތުރު ކޮށްދިނުމަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.

އަދި، ބޯހިޔާވަހިކަމުގެ އެހެން ސްކީމްތަކުގެ ދަށުން ފްލެޓު ލިބިފައި ތިބި މީހުންނާއެކު ހަދާފައިވާ އެއްބަސްވުންތަކާ އެއްގޮތަށް ފަހި ދިރިއުޅުން ފްލެޓުތަކުގެ އެއްބަސްވުންތައް ވެސް ގަނެވިއްކުމުގެ އެއްބަސްވުމަކަށް ބަދަލުކޮށްދިނުމަށް ގޮވާލައި މުޒާހަރާގެ ބައިވެރިން މިރޭ އަޑު އުފުލި އެވެ.

ފަހި ދިރިއުޅުން ފްލެޓުތަކުގެ ވެރިންނަށް އެ ތަންތަން ސަރުކާރުން ހަވާލު ކުރަނީ 25 އަހަރުދުވަސް ވަންދެން އެފްޑީސީއަށް ކުލި ދެއްކުމުން މިލްކުވާ ގޮތަށެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ މެނޭޖިިން ޑިރެކްޓަރު، ހަމްދާން ޝަކީލުގެ އިސްތިއުފާއަށް ވެސް މުޒާހަރާގެ ބައިވެރިން މިރޭ ގޮވާލައިފައިވެ އެވެ.

ފަހި ދިރިއުޅުން ފްލެޓުތަކުގެ ވެރިން މުޒާހަރާއާށް ނުކުމެފައި މި ވަނީ، ލޯކަލް ކައުންސިލް އިންތިހާބަށް ހަތަރު ދުވަހަށްވެފައި ވަނިކޮށް ހިޔާ ފްލެޓުތަކުގެ ކުލި ކުރިއަށް އޮތް ދެ އަހަރު ދުވަހު ދައްކަން ނުޖެހޭ ގޮތް ހަދާފައި ވަނިކޮށެވެ.

އާންމު އިންތިހާބަށް ހަތަރު ދުވަސް އޮއްވައި ސަރުކާރުން މިފަދަ ބޮޑު ލުޔެއް ހިޔާ ފްލެޓުތަކަށް ދިނުމުން އާންމުން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އެޗްޑީސީން މިކަން ކޮށްފައި ވަނީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމުގައިވާ، ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް ހަރަދު ކުރި ފައިސާގެ ބަދަލުގެ ގޮތުގައި ދޭން ބުނި ދެ ލައްކަ ރުފިޔާގެ ބާކީ ދައްކަން ނުޖެހޭ ގޮތަށް ހެދުމަށް ކަމަށް ބުނެ އެވެ.

ހިޔާ ފްލެޓުތަކުގެ ފިނިޝިން ޑިސްކައުންޓުގެ ގޮތުގައި ނުލިބިވާ އަދަދު ކުލިން މާފުކޮށްދޭއިރު، ކުލީގެ ގޮތުގައި ދައްކަން ޖެހި ނުދައްކައިވާ ފައިސާއެއް ހުރި ނަމަ، އެ އަދަދު ޑިސްކައުންޓުން އުނިކުރެ އެވެ. އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭ ނަމަ، ޑިސްކައުންޓަށްވާ ބައި އުނިކުރަނީ މަހަކު 5،300ރ. (އަންނަ މަހުން ފެށިގެން ހިޔާ ފްލެޓެއްގެ ކުލި) ރޭޓުންނެވެ.

އެޗްޑީސީން ޖަހާފައިވާ ހިސާބުތަކުގައި ވަނީ ފިނިޝިން ޑިސްކައުންޓުގެ ގޮތުގައި ނުދެވިވާ އަދަދަކި 135،714.35ރ. ކަމަށެވެ. މިހެން ކަމުން ގަވާއިދުން ކުލި ދައްކަމުން އަންނަ މީހުން ކުރިއަށް އޮތް 25 މަސް (ދެ އަހަރާއި އެއް މަސް) ވަންދެން ކުލި ދައްކާކަކަށް ނުޖެހެ އެވެ. ނަމަވެސް މެއިންޓެނަންސް ފީގެ ގޮތުގައި ކޮންމެ މަހަކު 1،000ރ. ދައްކަން ޖެހެ އެވެ.

ސަރުކާރު އަދި އެޗްޑީސީގެ ބައެއް މަސްދަރުތަކުން "އަދަދު" ނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި، ރައީސް މުހައްމަދު މުއިއްޒު މި ބަދަލު ގެންނަން ނިންމެވި ނަމަވެސް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބައެއް އިސްވެރިން ފުރަތަމަ ތިއްބެވީ މިކަމާ ދެކޮޅަށެވެ.

"އެއީ ކުންފުންޏަށް ވާނެ މާލީ ގެއްލުން ބޮޑުކަމުން. މިހާރު މިދާވަރަށް ކުންފުނި ގޯސްވެގެން ދާނަމަ އަންނަ އަހަރު ކުންފުނި ހިންގުމަށް އިންތިހާއަށް ދަތިވާނެ،" އަދަދު ނޫހާ ވާހަކަ ދެއްކި އެކަކު ބުންޏެވެ.

މިއީ ސީދާ ރައީސްގެ ނިންމެވުމަކަށް ވާތީ، ކުންފުންޏަށް ގެއްލުން ވިޔަސް އެކަން އެގޮތަށް ކުރިއަށް ގެންދަން މަޖުބޫރުވެފައިވާ ކަމަށް މަސްދަރުތަކުން ބުނެއެވެ.

"ކުންފުންޏަށް ގެއްލުން ވިޔަސް އެކަން ކުރިއަށް ގެންދަން ނިންމީ ރައީސްގެ ނިންމެވުމަކަށް ވާތީ،" ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި އެވެ.

މި ނިންމުން އެންމެ ފަހު ވަގުތު ނިންމަން ޖެހުނު ސަބަބާ ބެހޭގޮތުން މައުލޫމާތު ދިން ފަރާތުން ބުނީ، މީގެ ފަހަތުގައި އޮތީ ކުރިއަށް އޮތް އިންތިހާބީ މަސްލަހަތުތަކެއް ކަމަށެވެ.

"ހުޅުމާލޭގެ ބައެއް ދާއިރާތައް ސަރުކާރު ހިންގާ ޕީއެންސީއަށް ކާމިޔާބު ކުރުން އުނދަގޫވާނެ ކަމަށް ބެލެވުން. އަދި ފެންނަ ނުފެންނަ ވޯޓު ކާމިޔާބު ކުރުމަށް އޮތް ގޮންޖެހުން،" މައުލޫމާތު ދިން އެކަކު ބުންޏެވެ.

މި ބަދަލާއެކު ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ގިނަ ބަޔަކަށް ވަގުތީ ލުޔެއް ލިބުނު ނަމަވެސް، ދައުލަތުގެ ކުންފުންޏެއްގެ މާލީ ހަމަޖެހުމަށް ދިގު މުއްދަތުގައި މީގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ވެސް އެޗްޑީސީގެ ބައެއް އޮފިޝަލުން އަދަދު ނޫހަށް މީގެކުރިން ވިދާޅުވި އެވެ.