Advertisement

ހުޅުމާލޭގައި އިމާރާތްކުރާ 1،100 ޖާގައިގެ ޕާކިން ބިލްޑިންގެ ބިންގާ އަޅައިފި

ޕާކިން ބިލްޑިންގެ ބިންގާއެޅުމަށް ބޭއްވި ރަސްމިއްޔާތު: މި ޕާކިން ބިލްޑިން އިމާރާތްކޮށް ނިންމުމަށް ހަމަޖެހިފައިވަނީ ދެ އަހަރު ދުވަސް ތެރޭގައި -- ފޮޓޯ: ރައީސް އޮފީސް


ހުޅުމާލޭގައި އިމާރާތްކުރާ 1،100 ޖާގައިގެ ޕާކިން ބިލްޑިންގެ ބިންގާ އަޅައިފި

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ބެޗް ކޮންސްޓްރަކްޝަން އިން އިމާރާތްކުރާ 13 ފަންގިފިލާގެ 1،100 ޖާގައިގެ މަލްޓި ސްޓޯރީ ޕާކިން ބިލްޑިންގެ ބިންގާ މިއަދު އަޅައިފި އެވެ.

800 އަށްވުރެ ގިނަ ހަތަރު ފުރޮޅުލީ ވެހިކަލާއި 500 އަށްވުރެ ގިނަ ސައިކަލު ޕާކްކުރުމުގެ ޖާގައިގެ ހިމެނޭ އެ ޕާކިން ބިލްޑިން ތަރައްގީކުރަން ހަމަޖެހިފައިވަނީ އުޅަނދުތައް އަރައި ފޭބުމަށް ރޭމްޕާއި ވެހިކަލް އެލިވޭޓަރުތަކާވެސް އެކުގަ އެވެ.

ޕާކިން ބިލްޑިންގައި ކޮމާޝަލް ސްޕޭސްގެ ގޮތުގައި ވެހިކަލްތަކަށް ބޭނުންވާ އެކި ހިދުމަތްތައް ދޭ ތަންތަނާއި ކުޅިވަރު ކުޅެވޭނެ ތަންތަނާއި އިލެކްޓްރިކް ވެހިކަލްތައް ޗާޖު ކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖެހިފަ އެވެ.

މި ޕާކިން ބިލްޑިން އިމާރާތްކޮށް ނިންމުމަށް ހަމަޖެހިފައިވަނީ ދެ އަހަރު ދުވަސް ތެރޭގަ އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އަމިއްލަ ހަ ކުންފުންޏަކާ ހަވާލުކޮށްގެން އިތުރު ހަ ޕާކިން ބިލްޑިން އެޅުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

އަމީން ވިދާޅުވީ ހުޅުމާލެ ފޭސް 1 ގައި ތިން ޕާކިން ބިލްޑިން އަދި ފޭސް 2 ގައި ހަތަރު ޕާކިން ބިލްޑިން އެޅުމަށް ހަމަޖެހިފައިވާކަން ފާހަގަކުރައްވާ އަމީން ވިދާޅުވީ ޕާކިން ބިލްޑިން އަޅާ ނިމުމުން ވެހިކަލް ރަޖިސްޓްރީ ކުރުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ލިބޭނެ ކަމަށެވެ.

ސަރުކާރުން ގާއިމުކުރާ ޕާކިން ބިލްޑިންތަކުގައި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް 2،600 ޖާގަ އަދި ދެ ފުރޮޅުލީ އުޅަނދުތަކަށް 1،000 ޖާގަ ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.