about 2 hours 0
މުހައްމަދު ޝަހްޒާން
އެކްޓިން ޕޮލިސް ކޮމިޝަނަރުކަމުގެ މަގާމުގައި މި ވަގުތު ހުންނެވި ފަރުހާދު ފިކުރީ -- ފޮޓޯ: ފުލުހުން
about 2 hours 0
ހުސްވެފައިވާ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް، ފަރުހާދު ފިކުރީ އައްޔަނުކުރަން ފެންނަ ކަމަށް އެ ބޯޑުން ހޯމް މިނިސްޓަރު އިހުސާންއަށް މިއަދު ލަފާ ދީފި އެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ފަރުހާދު އައްޔަން ކުރަން ފެންނަ ކަމަށް ޕޮލިސް ބޯޑުން ލަފާ ދިން އިރު، އެ މަގާމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުالله ޝަރީފް އައްޔަނުކުރަން ޕޮލިސް ބޯޑުން އިއްޔެ ނިންމިކަން އެނގިފައިވެ އެވެ. ނަމަވެސް ފަހުން ނިންމުން ބަދަލު ކުރީ އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ފަރުހާދު ފިކުރީ އައްޔަނުކުރަން ޕޮލިސް ބޯޑުން މިނިސްޓަރު އިހުސާންއަށް ލަފާ ދިނީ މިއަދު ހެނދުނު އެވެ. ފަރުހާދު ފިކުރީއަކީ މި ވަގުތު އެކްޓިން ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ވެސް ހުންނެވި ބޭފުޅާ އެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުސަތުގައި، އެ މަގާމަށް ކުރިމަތިލެއްވީ ފަރުހާދުގެ އިތުރުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު މުހައްމަދު (ޓޫފޯ) އަދި އަބްދުﷲ ޝަރީފް އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ތިން ބޭފުޅުންނާ ވެސް އިންޓަވިއު ކުރުމަށްފަހު، ޕޮލިސް ބޯޑުން ވަނީ ޕޮލިސް ކޮމިޝަނަރުކަމަށް އެ ތިން ބޭފުޅުން ވެސް ޝަރުތު ހަމަވާ ކަމަށް ނިންމައިފަ އެވެ.
ފުލުހުންގެ ގާނޫނުގެ 52 ވަނަ މާއްދާގެ ނ. ގައި ބަޔާން ކޮށްފައިވާ ގޮތުން ޕޮލިސް ކޮމިޝަނަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތު ހަމަވޭތޯ އާއި އެ މީހަކު ކޮމިޝަނަރުކަމަށް އައްޔަނުކުރަން ނުފެންނަ އެއްވެސް ސަބަބެއް އޮތް ކަމަށްވާނަމަ، އެކަމުގެ ރިޕޯޓެއް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން އާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ޕޮލިސް ބޯޑަށް ހުށަހަޅަން ޖެހެ އެވެ.
ކޮމިޝަނަރުކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން، އެ މަގާމަށް ގެންނަން އެންމެ ލާއިގު މީހެއްގެ ނަން މިނިސްޓަރަށް ފޮނުވަން ޖެހޭނީ އެންއައިސީ އާއި ޕީއެސްސީން ތައްޔާރުކޮށް ފޮނުވާ ރިޕޯޓުތަކަށް ރިއާޔަތް ކުރުމަށްފަހު އެވެ.
އަބްދުالله ޝަރީފް އާއި ފަރުހާދުގެ ޝަރުތު ހަމަވާ ކަމަށް ޕޮލިސް ބޯޑުން ނިންމިއިރު، އެ ދެ މީހުންގެ ވެސް މައްސަލަތަކެއް ހުރިކަމަށް ނޭޝަނަލް އިންޓްގްރިޓީ ކޮމިޝަނުން ޕޮލިސް ބޯޑަށް އަންގާފައިވާކަން މި ނޫހަށް މައުލޫމާތު ދިން މަސްދަރުތަކުން ބުންޏެވެ.
ޕޮލިސް ކޮމިޝަނަރުކަމުގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރުމުގެ މަރުހަލާ ކުރިއަށް ދަނިކޮށް މާޗު 20، 2025 ގައި ޕީއެސްސީގެ ވެރިޔަކަށް ހުންނެވި، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު އެ މަގާމުން ވަކިކޮށް، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، ހުސެއިން ރަޝީދު އެ މަގާމަށް ވަނީ އައްޔަނުކޮށްފަ އެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ފަރުހާދު އައްޔަނުކުރަން ފެންނަ ކަމަށް ޕޮލިސް ބޯޑުން، ހޯމް މިނިސްޓަރަށް ރިކޮމެންޑުކޮށްފައިވާއިރު، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ސީރިއަސް ޖިނާއީ މައްސަލަތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި، ރޭޕް ކޭސްއެއްގައި ހިމެނޭ އޭނާގެ ދަރިފުޅު ސަލާމަތް ކުރަން ހެކި ނައްތާލިކަމުގެ ތުހުމަތު ހިމެނެ އެވެ. އަދި މިދިޔަ އަހަރު އޭނާގެ ދަރިފުޅު ހައްޔަރު ކުރުމުން އޭނާ ބަންދުން ދޫކޮށްލަން ނުފޫޒު ފޯރުވިކަމުގެ ތުހުމަތު ވެސް ފަރުހާދަށް ކުރެވެ އެވެ.
ފަރުހާދަކީ އޮކްޓޫބަރު 20، 2021 އިން ފެށިގެން ފުލުހުންގެ ވަޒީފާއިން ވަކި ކުރަން ނިންމައި، އޮކްޓޫބަރު 10، 2021 ގައި ނޯޓިސް ވެސް ފޮނުވި ބޭފުޅެކެވެ. އޭނާގެ އިތުރުން ހަ އޮފިސަރަކު ފުލުހުންގެ ހިދުމަތުން ވަކިކުރަން ޕޮލިސް ބޯޑުން އޭރު ނިންމީ ފުލުހުންގެ އާ ގާނޫނުގެ ދަށުން ޕޮލިސް ބޯޑަށް މަތިކޮށްފައިވާ ޒިންމާގެ ދަށުންނެވެ.
ފުލުހުންގެ ހިދުމަތުން ފަރުހާދު ވަކިކުރަން ޕޮލިސް ބޯޑުން އޭރު ނިންމީ ވެސް އޭނާގެ މައްޗަށް ކުރެވޭ، ސީރިއަސް މައްސަލައެއްގެ ހެކި ނައްތާލަން މަސައްކަތް ކުރި މައްސަލައަށް ރިއާޔަތްކުރުމަށްފަހު އެވެ. ފަރުހާދު ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް އައްޔަނުކުރީ މި ސަރުކާރުންނެވެ.
އޭގެ ފަހުން، މިދިޔަ އަހަރު އޭނާގެ ދަރިފުޅު ހައްޔަރު ކުރުމުން އޭނާ ބަންދުން ދޫކޮށްލަން ނުފޫޒު ފޯރުވިކަމުގެ ތުހުމަތުގައި މަގާމުން ރިޓަޔާ ކުރައްވަން ވެސް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އޭނާއަށް އެންގެވި އެވެ.
މި ނޫހަށް ކަށަވަރުވެފައިވާ ގޮތުން މަގާމުން އިސްތިއުފާ ދެއްވައި، ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރައްވަން މުއިއްޒުގެ ފަރާތުން ފަރުހާދަށް އެންގެވީ ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް އެވެ. މިކަން ތަފާތު ތިން މަސްދަރަކުން މި ނޫހަށް ކަށަވަރުކޮށްދީފައި ވެ އެވެ. ނަމަވެސް، އެ މަގާމުން އެނާ ރިޓަޔާ ކުރައްވައިފައެއް ނުވެ އެވެ.
ޕޮލިސް ކޮމިޝަނަރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން، ރިޓަޔާ ކުރެއްވުމުންނެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ، ފެބްރުއަރީ 18، ގަ އެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއް ނުކުރައްވަ އެވެ. އޭނާ އަކީ މި ދައުރުގައި ރިޓަޔާ ކުރެއްވި ދެ ވަނަ ޕޮލިސް ކޮމިޝަނަރެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް މި ސަރުކާރުން އެންމެ ފުރަތަމަ އައްޔަން ކުރީ އަލީ ސުޖާއު އެވެ. އެކަމަކު، އޭޕްރީލް، 2025، ގައި އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ރިޓަޔާ ކުރައްވައިފަ އެވެ.
ޕޮލިސް ކޮމިޝަނަރުކަމުން ސުޖާއު އިސްތިއުފާ ދެއްވުމުން ވެސް، އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް ފަރުހާދު އައްޔަނުކުރި އެވެ. ނަމަވެސް، އެ ނިންމުމަށް ގަޑިއެއްހާއިރު ވެސް ނުވަނީސް، އެ ނިންމުން ބަދަލުކޮށް އެ މަސްއޫލިއްޔަތު ވަގުތީގޮތުން ހަވާލުކުރީ ފަހުން ކޮމިޝަނަރުކަމަށް އައްޔަނުކުރި ނަވީންއާ އެވެ.
ޕޮލިސް ކޮމިޝަނަރުކަމަށް ދެން ކުރިމަތިލެއްވި، އަހުމަދު މުހައްމަދު (ޓޫފޯ) ގެ ވެސް މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނުގައި އެބަ އޮތެވެ.
އެއީ 2016 ވަނަ އަހަރު ފުލުހުން ބޭނުންކުރަމުންދިޔަ ކަނޑު އުޅަނދުފަހަރުތަކެއްގެ މަރާމާތު ސްރީލަންކާގެ ނެގޮމްބޯގައި ހުންނަ ޑޮކަކުން ކުރުވައި އެ މަސައްކަތުގެ އަގުގެ ތެރެއިން ޓޫފޯ ރިޝްވަތު ނެންގެވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ. އޭރު ޓޫފޯ ހުންނެވީ ފުލުހުންގެ ހިދުމަތުގެ ބަޖެޓާއި ބެހޭ ޑިޕާޓުމެންޓުގެ އެންމެ އިސް އޮފިސަރުގެ މަގާމުގަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment